Wathan Edhey Gothah – MDP » މި ގައުމަކު ދެނެއް ވެރިޔަކު ނުހުންނާނެ

August 27, 2008

މި ގައުމަކު ދެނެއް ވެރިޔަކު ނުހުންނާނެ

އަހުމަދު އައްސަދު

އަހުރެމެންގެ މައްޗަށް ވެރިކަން ކުރާ ހަމައެކަނި ފަރާތަކީ، ނޭގުމުގެ ތެރެއިން އަހަރެމެން އުފެއްދެވި ކަލާނގެއޭ. ދެންހަމަ މިނޫން އެއްވެސް ފަރާތަކަށް އަހަރެމެންގެ މައްޗަކަށް ވެރިކަމެއް ކުރާން ދޫކުރާކަށެއް މަށަކު ނެތީމޭ. މިތައްހާ ދުވަހު އަހުރެމެންނަށް އޮޅުވާލައި އަޅުވެތި ކުރި ދުވަސް، ދެނެއް އަލަކުން އަބުރާ ނުގެނެވޭނެއޭ. މިޔަކީ ގަދަބަހެއް ގޮންޖެހުމެއް ނޫނޭ. ވެރިޔަކީ ފަހެ ކާކުހޭ ވިސްނައި ފިކުރު ކުރީމަ އެގޭނެޔޭ. ވެރިޔަކު ކަމަށްވާނީ އެއްޗެއް ނުވަތަ މީހެއްގެ މައްޗަށް މިލްކުވެރިކަން ސާބިތުކޮށް، އެއެއްޗެއް ނޫނީ މީހެއްގެ ބޭނުމެއް ހިތުހުރިގޮތަކަށް ކުރުމުގެ ފުރިހަމަ އިޚްތިޔާރާއި މިނިވަންކަން ލިބިގެންވާ މީހާއޭ. މިހެންވެގެންނޭ ބުނެވެނީ މުއްސަދިކަމަކީވެސް މާތްކަލާނގެ ބަޔަކުގެ ބެލުމުގެ ދަށަށް ގެނެސްދެއްވާ ބޮޑުވެގެންވާ އަމާނާތެކޭ.

ކަން މިހެންއޮތް އިރު، އަހުރެމެންގެ އެންމެންގެ ހެވާއި ލާބައަށްޓަކައި ކުރާންޖެހޭ ކަންތައްތައް ކުރުމަށް ހަވާލުކުރެވޭ މީހަކަށް ނުވަތަ ފަރާތަކަށް ވެރިމީހާއޭ، ވެރިޔާއޭ ކިޔާނީ ކޮންފަދަ ގޮތަކުންހޭ. ސަރުކާރެއްގެ އިދާރީ ހިންގުން އަހަރެމެން މީހަކާއި ހަވާލުކުރީމާ، ބަނޑޭރިއޭ ރައީސޭ ކިޔަސް، އެއީޔަކީ ވެރިއެއްނޫނޭ. އަދި ކިއެއްތަ! އެއީ ވަޒީފާއެއް ހަވާލުކުރެވި އެކަމަށް އުޖޫރަދެވޭ މުވައްޒަފެކޭ. ވެރިޔަކު ނުވަތަ ވެރިންތަކެއް ވާނަމަ، އެމީހަކު ނުވަތަ ބަޔަކީ އަހަރެމެންނޭ.

މިހިގާ ދިޔަހާ ދުވަހަކު އަހަރެމެން ހީކުރަނީ މީހަކު ކަމަކަށް އިސްކޮށްފިނަމަ، އެއީ ވެރިމީހާކަމުގައޭ. އޭނާ ކުރާކަމެއް ވެއްޖިއްޔާ އެކުރަނީ އޭނާގެ ހުރި ހެޔޮކަމަކުން ދީލަތިކަމަކުންނޭ. މިއީ ހަމަބޮޑު ބުހުތާނެކޭ. އަހަރެމެން އެންމެންވެގެން މީހަކާއި ރުހިގެން އޭނާއާއި ކަމެއް އިސްވެ ހިންގަން ހަވާލުކުރީމާ، މިކުރާ ކަމަކީ އަހަރެމެންނަށް ހެވާއި ލާބަހުރި ގޮތްތައް ހޯދުމަށް މަސައްކަތް ކުރުމަން އެމީހަކާއި ވަޒީފާއެއް ހަވާލުކުރަނީއޭ.

އާއެކޭ! ވިރާސަތެއްގައި ރަސްކަލަކު ރެނދަލި ކުރައްވާނަމަ، މިކަން އޮތީ ދިމާ އިދިފުށަށޭ. އެއިރުން ރަދުންނަކީ ވެރިމީހާއޭ، އެހަރެމެން ރައްޔިތުންނަކީ އޭނާގެ އަޅުންނޭ. އަހަރެމެން އެދޭގޮތަށް އޭނާ ތަބާވާން ޖެހުމުގެ ބަދަލުގައި، އެހަރެމެން ޖެހެނީ އޭނާއަށް ތަބާވާށޭ! ވެރިންނަށް ކިޔަމަން ގަންނަން ޖެހެނީ މިހާލަތުގައޭ، ވެރިމީހާ ކުރާކަމަކީ ރަގަޅަކަށް ވިޔަސް ނުބަޔަކަށް ވިޔަސް އަހަރެމެންނަށް އޮތީ ހަމަ ބޯލަބައި ކަކޫ މައްޗަށް ތިރިވެ ކިޔަމަން ގަތުމޭ.

އޮނަވިހި ސަތޭކަ ތެއްތިރީހުގައި މިރާއްޖޭގެ ގާނޫނު އަސާސެއް އެކުލަވާލެވި ވެރިންނަކީ ރައްޔަތުންނަށްވެ، ބަދަލުވި ކަމުގައި ލިޔެވި ދިޔައޭ. އެކަމަކު އެގޮތް މިގޮތަށް ފުރޮޅި ގޮސް 1953 ގައި އެންމެ ފަހުން ރައީސަކު ހޮވުނީމާވެސް، އިހު ކަންހިގިގޮތް ބަދަލުނުވިޔޭ. ދެން ރިޔާސީ ގޮޑިން އެކަކު ދަމާ ކޫއްތާއި ބާލާއި އެގޮނޑި ދުވަސްތަކަކު ހަނު ހުރެ ދެވަނަމީހާ އިސްވެ ތިންވަނަ މީހާ ތިންދިހަ ފުރިހަމަ ކުރިއިރުވެސް ‘ވެރިކަން’ މިބަހާއި މިބަހުގެ ބޭނުން ހިފި އެކަކަށްމެ، ހަމަކުޑަވެސް ބަދަލެއްނައޭ. ވާނީވެސް އެހެނޭ. އަހަރެމެން ރުހިގެން މީހަކުގެ މައްޗަށް އަހަރެމެންގެ ވެރިކަން ހަވާލު ކުރީމާ ވެރިމީހާ ހިތުހުރި ގޮތަކަށް ކަންތައް ކުރެވޭނެތާއޭ!

އެކާވީސް ވަނަ ގަރުނުގެ 8 ވަނައަހަރު މިދީބުގެ ގާނޫނު އަސާސީއަށް އައި އިސްލާހާއި އެކުގައި، ފައިތިލައިގެ މަށީގެ ދަށުގައި ވަޅުލެވި ގޮސް ފައިވާ އެތަކެއް ކަމަކާއި އެކުގައި :މިގައުމުގެ ވެރިކަން” މިއަދު އޮތީ ވަޅުލާން ޖެހިފައޭ. އަލަކުން ދެނެއް މިގައުމުގެ ވެރިކަމެއް މީހަކާއި ހަވާލު ނުކުރަމާ ހިގާށޭ. ވެރިންނަކީ އަހަރެމެންނީމުއޭ. ރައީސަކީ އަހުރެމެންގެ މުވައްޒަފެކޭ. މިކަން ރަގަޅަށް ވިސްނައިތިބެ ލާ ވޯޓެއްލަމާ ހިގާށޭ. (ނިމުނީ)

1 Comment

  1. ތިޔަ ފަތުގައި ބަޔާންވެދިޔަ އެންމެހައި ފިކުރާ އަހުރެން ރުހި ގަބޫލު ވެއްޖައިމޭ. ނަހަމަޔާއި ބޭއިންސާފުން ވެދިޔަހާތަނެއް ފާއިތުވެ ދިޔައީއޭ. ދެނެއް އަމުދަކުން އެޒާތުގެ ކަންކަން މިދީބުގައި ހިނގިޔަދޭކަށް މަށަކުވާ ނުރުހެމޭ. އަހުރެން ހިތުން ރުހުމުން އެދި ގަބޫލުކުރަނީ މިދީބު ރަނގަޅު މަގުން ހިނގުމަށް ފުރޮޅިގެން ދާންވީ ވަގުތު މިހާރު މި ކުޑަތަން ވިއްޔޭ. އަދި ކިއެއްތަ، ތިޔަ ފަތް ލިޔުނު މީހާ ތިޔަ ފަތް ލިޔުނުކަން އެއީ އެކަމުގެ ހެތްކެއްތާއޭ. އިހަކުވާ މަށެއް ތިޔަ ޒާތުގެ ފަތެއް މިދީބުގައި މީހަކު ލިޔެއުޅޭތީއެއް ނުދެކެމޭ. ތިޔަ ލިޔުނު މީހަކަށްވާ ސާބަހޭ.

    Comment by 123 — August 30, 2008 @ 4:19 pm