Wathan Edhey Gothah – MDP » އިއްތިހާދުގެ ސަރުކާރަކުން ފުރަތަމަ ތިންމަސްދުވަހު އޮމާންކަމާއިއެކު ސަރުކާރު ހިންގެވުމަށް ބޭނުންވާނެ ފައިސާގެ އަދަދު ކެންޑިޑޭޓް ނަޝީދު ހާމަކުރައްވައިފި

October 27, 2008

އިއްތިހާދުގެ ސަރުކާރަކުން ފުރަތަމަ ތިންމަސްދުވަހު އޮމާންކަމާއިއެކު ސަރުކާރު ހިންގެވުމަށް ބޭނުންވާނެ ފައިސާގެ އަދަދު ކެންޑިޑޭޓް ނަޝީދު ހާމަކުރައްވައިފި

ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ ސަރުކާރެއްގެ ފުރަތަމަ ތިންމަސްދުވަހު އޮމާންކަމާއިއެކު ސަރުކާރު ހިންގެވުމަށް ބޭނުންވާނެ ކަމަށް ލަފާކުރާ ފައިސާގެ މިންވަރު ހާމަކުރައްވައިފިއެވެ. މިއަދަދު ހާމަކުރެއްވީ މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)އެވެ.

ނަޝީދު މިއަދު ވިދާޅުވި ގޮތުގައި މިއަދު މައުލޫމާތު ލިބެވެމުންދަނީ ބޭންކަތަކުން ފައިސާ ނުލިބޭކަމަށާއި ސަރުކާރުގެ މަޝްރޫއުތައް ހިންގާފައިވާ ކުންފުނިތަކަށް ލިބެންޖެހޭ ފައިސާތައް ނުލިބޭކަމަށެވެ. އަދި ސަރުކާރުގެ މުވައްޒަފުންނަށް މުސާރަދޭން ފައިސާ ހުރިކަންވެސް ސާފުނުވާކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު ހާމަކުރެއްވި އަދަދުތަކަކީ ގައުމުގެ އިގްތިސާދީ ހާލަތު އެންމެ ދަށުގައި ހުއްޓަސް އަލުން ރަގަޅު ފެންވަރަކަށް ގައުމު ގެންނަން ކޮންމެހެން ބޭނުންވާ އަދަދުތަކެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އަދި މިފައިސާ 20 ވަރަކަށް ދުވަހުގެ ތެރޭގައި ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން މިހާރު ލިބިވަޑައިގެންފައިވާކަމަށްވެސް ނަޝީދު މިއަދު ހާމަކުރެއްވިއެވެ.

ތިންމަސްދުވަހުގެ ތެރޭގައި ގައުމު ހިންގުމަށް ނަޝީދު ހާމަކުރެއްވި އަދަދަކީ 359 މިލިއަން ޑޮލަރެވެ. މީގެ ތެރޭގައި ހިމެނެނީ 3 މަސްދުވަހުގެ ތެރޭގައި ކާޑުގެ ބާވަތްތައް ގަތުމަށް 100 މިލިއަން ޑޮލަރު، ސަރުކާރު މުވައްޒަފުންގެ މުސާރަ ދިނުމަށް 975 މިލިއަން ރުފިޔާ، ސިއްހީ ދާއިރާ އަދި ތައުލީމީ ދާއިރާއަށް ޚަރަދުކުރުމަށް 940 މިލިއަން ރުފިޔާ، ބަދަރުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް 240 މިލިއަން ރުފިޔާ، ސަރުކާރުގެ ލޯނުތައް އަދާކުރުމަށް 204 މިލިއަން ރުފިޔާ، ސަރުކާރުގެ ކޮންޓްރެކްޓް މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް 500 މިލިއަން ރުފިޔާ، ކުނި ނައްތާލުމުގެ މަސައްކަތްތައް ފަދަ ކަންތައް ކުރުމަށް 100 މިލިއަން ރުފިޔާ، ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި އަމަން ބެލެހެއްޓުމަށް 375 މިލިއަން ރުފިޔާއެވެ.

މިފައިސާ ހޯއްދަވާނެ ގޮތްތަކެއް ކަމަށް ނަޝީދު ހާމަކުރެއްވީ ދައުލަތުގެ މުދަލުގެ ގޮތުގައި ހުރި ބައެއް ލޯންޗާއި ކާރު ފަދަ އަގު ބޮޑެތި މުދާ ވިއްކަވައިގެންނާއި ދައުލަތުގެ އެކައުންޓުތަކުގައި ނޫންގޮތަކަށް ހުރި ދައުލަތުގެ ފައިސާ އަނބުރާ ހޯއްދަވައިގެންނާއި ބޭރުގައުމުތަކުގައި ހުރި ސަރުކާރުގެ ބިން ބިމާއި ގޯތި ވިއްކަވައިގެން އަދި ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެއްވާނެ އެހީއިންނެވެ.

މީގެ އިތުރަށް ނަޝީދު މިއަދުވަނީ ރާއްޖޭގެ ހާލަތު ދަށްވި ނަމަވެސް އިއްތިހާދުގެ ސަރުކާރަކުން ނުކުރާނެ ބައެއްކަންތައް ފާހަގަކުރައްވާފައެވެ. މިގޮތުން ސްޓެލްކޯއިން މިހާރު ކަރަންޓުގެ ފީއަށް ނަގާ އަގު ބޮޑު ނުކުރާނެ ކަމަށާއި ، ދިވެހި ރުފިޔާގެ އަގު މިހާރު ހުރި ވަރަށްވުރެ ތިރިއަށް އަގު ދަށްނުކުރާނެކަމަށާއި، ތަކެތީގެ އަގު މައްޗަށް ނުގެންދާނެކަމަށް، މަސްގަންނަ އަގު ދަށް ނުކުރާނެކަމަށާއި ސަރުކާރުގެ މުވައްޒަފުންގެ މުސާރައަށްވާ ފައިސާ ވަކި އެކައުންޓްތަކެއްގައި ގެންގުޅުއްވާނެކަމަށް ނަޝީދު މިއަދު ވިދާޅުވިއެވެ.

ނަޝީދު މިއަދު ވިދާޅުވީ މިއަދުގެ މިއަންދާޒާތަކާއި މެދު ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ އެއްވެސް ފަރާތެއްގެ މެދުގައި ހިޔާލުތަފާތުވުމެއް ނެތްކަމުގައެވެ.


Photos by M I Maniku

1 Comment

  1. އެންޑީޕީގެ ރިޔާސީކެޑިޑޭޓް ގ.ކެނެރީގޭ މުހަންމަދު ނަސީދު(އަންނި)އަޅުގަޑުމެންނަށް ތިޔަގެނެސްދެއްވި ފަރުދީ މިނިވަންކަން ހިތުގެއަޑިން ބަލައިގަންނަނީ އުފަލުން ފުރޭޙާ ގިނަގުނަ މިންވަރަށެވެ.އަޅުގަނޑު އެދެނީ މަނިކުފާނުގެ ހެޔޮވިސްނުން ފުޅު ހެޔޮގޮތުގައި އަޅުގަނޑުމެން ހިއްސާކޮށް ފުރިހަމަ ބުންވަރާ ފަންވަރުގައި ކުރިއަށް ގައުމު ގެންދަވާނެކަމުގައެވެ.

    Comment by Amyn/thimarafushi — October 29, 2008 @ 5:16 pm