Wathan Edhey Gothah – MDP » އަތްފޯރާއަގުގައި ބޯހިޔާވަހިކަން

އަތްފޯރާއަގުގައި ބޯހިޔާވަހިކަން

ރައްޔިތުންގެ ޝަކުވާ
1- ސުނާމީއަށްފަހު 4 އަހަރު ފާއިތުވާން އުޅޭއިރުވެސް، ސުނާމީގައި ގެދޮރު ގެއްލުނު 8327 މީހުންގެ ތެރެއިން 5071 މީހުން އަދިވެސް ދިރިއުޅެމުންދަނީ ވަގުތީ ހިޔަލުގައި. ނަމަވެސް، މިތަންތަނަކީ ދިގު މުއްދަތަކަށް ދިރިއުޅުމަށް އެކަށީގެންވާ ގޮތަށް ބިނާ ކޮށްފައިވާ ތަންތަނެއް ނޫން.

2- އަތޮޅުތައް ތަރައްޤީ ކުރުމުގައި ސަރުކާރުން ގެންގުޅުނު، ފޭލިވެފައިވާ ބޯދާ ސިޔާސަތު ތަކުގެ ނަތީޖާއަކީ، މާލެ ތޮއްޖެހި، ގެދޮރުގެ ޖާގަ ދަތިވެ، ކުލިތައް އަތްނުފޯރާ ހިސާބަށް ބޮޑުވެގެން ދިއުން. މީގެ ސަބަބުން މާލޭގައި ދިރިއުޅޭ ކޮންމެ ފަސް އާއިލާއަކުން އެއް އާއިލާ ދިރިއުޅެމުން ގެންދަނީ، އެއް ކޮޓަރީގައި ކައްކާ ކައިބޮއި ނިދައިގެން.

3- މާލޭގެ ރަށްވެހިންގެ ގެދޮރުގެ ދަތިކަން ހައްލު ކުރުމުގެ ނަމުގައި، ސަރުކާރުން ހުޅުމާލޭގެ މެގަޕްރޮޖެކްޓް ހިންގުމަށް، 50 މިލިއަން ޔޫ. އެސް ޑޮލަރަށްވުރެ ގިނަ ފައިސާ އިސްރާފް ކޮށްފައިވޭ. މި މެގަޕްރޮޖެކްޓްގައި ހިއްކާފައިވާ ބިމުން، މާލޭގެ ރަށްވެހިންގެ ވަރަށް މަދު ބަޔަކަށް މެނުވީ، ގެދޮރު ލިބިދީފައި ނުވުން.

4- ހުޅުމާލެ ނުވަތަ ރާއްޖޭގެ އެހެން ރަށަކުން ވިއަސް، ގޯތި ލިބިފައިވާ މީހުންނަށް ލިބުނު ބިމުގައި، ގެދޮރު އިމާރާތް ކުރުމަށްޓަކައި، ފަސޭހައިން ފައިސާ ހޯދޭނެ ގޮތެއް ހޯދައިދީފައި ނެތުން.

5- ހައުސިންގ ޑެވަލޮޕްމަންޓް ފައިނޭންސް ކޯރޕަރޭސަން ލިމިޓެޑް (އެޗް. ޑީ. އެފް. ސީ) ގެ ނަމުގައި، ގެދޮރު އިމާރާތް ކުރަން ލޯނު ދޫކުރުމަށް ތަނެއް ގާއިމްވެފައި ވީނަމަވެސް، މިކަން ފުޅާ ދާއިރާއެއްގައި، ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް ބޭނުންވާ މާލީ އެހީތެރިކަމާއި އިންތިޒާމްތައް، ހަމަޖައްސާފައި ނުވުން. ނަތީޖާއަކީ، ގެދޮރު އެޅުމަށް ލުއި ލޯން ބޭނުންވެފައިވާ އެތައް އާއިލާ ތަކެއް ތިބިކަމުގައިވީ ނަމަވެސް، އެފުރުސަތު ލިބެން ނެތުން.

6- ބިންވެރި ކުރުމަށް ބޭނުންވާ މީހުންނަށް މާލީގޮތުން އެކަން ކުރެވޭނެ ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައި ނެތުމާއި، ބިމަކީ އަގުހުރި “މުދަލަކަށް” ހަދާ، އޭގެ ނަފާ ގިނަ އާންމު ރައްޔިތުންނަށް ލިބުމުގެ ފުރުސަތު ބަންދުކޮށްފައި އޮތުން. އަދި ލިބޭ އާމްދަނީ ރައްކާކޮށްގެން މައިންބަފައިންގެ ގޯތީގައި ކޮޓަރިއެއްހަދައިގެން ދިރިއުޅެ، ދަރިން ލިބޭފަހުން ގޯއްޗެއް ލިބޭއިރު ދަރިންނަށް ކިޔަވައިދީފަ ގެދޮރު އިމާރަތްކުރާނެ ފައިސާއެއް އަތްމަތީގައި ބާކީ ނުކުރެވުން.

7- އަތޮޅުތައް ތަރައްގީ ކުރުމުގައި، ސަރުކާރުގެ ސިޔާސަތުތައް ގެންގުޅެފައިވާ ދޯހަޅި ގޮތުން، އަތޮޅުތަކުގެ ރައްޔިތުންނަށް އިމާރާތް ކުރުމަށް ބޭނުންވާ ސާމާނު، މާލެއިން ލިބޭ އަގަށްވުރެ ބޮޑު އަގުގައި ގަންނަށް ޖެހުން.

8- ވިޔަފާރީގެ އުސޫލުން ގެދޮރު އިމާރާތްކޮށް ވިޔަފާރިކުރާ ފަރާތްތަކަށް، ފުޅާ ދާއިރާއެއްގައި އެކަން ކުރުމަށް މަގުފަހިވާނެ ފަދަ، އެކަށީގެންވާ ޤާނޫނީ އޮނިގަޑެއް ނެތުން. ވުމާއިއެކު ރާއްޖޭގައި ވާދަވެރި ގެދޮރުގެ ބާޒާރެއް، ތަރައްގީވެފައި ނުވުމުގެ ސަބަބުން، ގެދޮރު އިމާރާތް ކުރުމުގައި އަމިއްލަޔަށް ހައްލު ހޯދަން ގިނަމީހުންނަށް ޖެހިފައިވުން.

9- މާލެއާއި އެހެނިހެން ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަޙައްދު ތަކުގައި، މީހުންނަށް އުނދަގޫވެ ސިއްޙަތަށް ގެއްލުންވާ ފަދަ މަސައްކަތްކުރާ ތަންތަން ހުރުން.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތު

1- އިންސާނުން ދިރިއުޅެން އެކަށީގެންވާ ފެންވަރުގެ ބޯހިޔާވެހިކަން ދިވެހި ކޮންމެ އާއިލާއަކަށް ވެސް ތަނަވަސް ކޮށްދޭނެ.

-2ތަރައްޤީއަށް ޖާގަ އޮތް ރަށްތަކަށް، ދިމާވާނެ ގެދޮރުގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން، ގެދޮރު އެޅުމަށް ބޭނުންވާ ތަކެތި، އެސަރަހައްދަކުން ލިބެން ހުންނާނެ އިންތިޒާމް ރާވާނެ. މިގޮތުން ގެދޮރު އެޅުމަށް ކުޑަ އިންޓެރެސްޓެއްގައި ލޯނު ދޫކުރުމާއި، ފުލެޓްއެޅުމާއި، އަދި ގެދޮރުގެ ވިޔަފާރިއަށް (ރިއަލްއެސްޓޭޓް ބިޒިނަސް) ބޮޑު ފުރުސަތެއް ހުޅުވާލާނެ.

އެމްޑީޕީގެ ސަރުކާރުން ކުރު މުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް

1- ސުނާމީގައި ގެދޮރު ގެއްލުނު ހުރިހާ އާއިލާ ތަކަށް، އެއް އަހަރު ދުވަހުގެ ތެރޭގައި ދާއިމީ ގެދޮރު ފޯރުކޮށްދޭނަން.

2- ރައްޔިތުންނަށް ލުއިފަސޭހަވާނޭ ގޮތަށް ގެދޮރު ގެ ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކަށް، އެކަން ކުރުމަށް މަގުފަހިވާ ފަދަ އިތުބާރު ހުރި ޤާނޫނީ އޮނިގަނޑެއް ހަދާނަން.

އެމްޑީޕީގެ ސަރުކާރުން ދިގު މުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް

1- ގެދޮރުގެ މައްސަލައިގެ މައިގަނޑު އެއްސަބަބަކީ، ސަރުކާރުގެ އެކިއެކި ސިޔާސަތުގެ ދަށުން، މާލެއަށް މީހުން ތޮއްޖެހުން ކަމުގައި އެމްޑީޕީ ޤަބޫލުކުރާ ހިނދު، މި މައްސަލައަށް ދާއިމީ ހައްލެއް ހޯދޭނީ، ސަރަހައްދު ތަކަކަށް ރާއްޖެ ތަރައްޤީ ކުރެވިގެން. ވީއިރު، އަތޮޅުތަކުގެ ރައްޔިތުން ޒަރޫރީ ކަންކަމަށް ބޭނުންވެގެން މާލެ އަންނަ ސަބަބުތައް ފިލައިދާނީ، އެ ސަރަހައްދުތަކުން ރަށްރަށުގެ ރައްޔިތުން ބޭނުންވާ އެއްމެހާ ޚިދުމަތްތަކާއި އިޤްތިސާދީ ފުރުސަތުތައް ލިބިގެން ކަމަށްވާއިރު، އެފުރުސަތު އެމްޑީޕީއިން ހޯދައި ދޭނަން.

2- އެންމެ ބޮޑަށް ގެދޮރުގެ ދަތިކަން އިޙުސާސް ކުރަން ޖެހިފައިވާ އާއިލާ ތަކަށް، ގެދޮރުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ މަޤުސަދުގައި، އެމް. ޑީ. ޕީ ގެ ސަރަހައްދީ ތަރައްޤީއާގުޅޭ ސިޔާސަތުގެ ދަށުން، މީހުންނަށް ގެދޮރު އެޅުމުގެ މަގު ފަހިކޮށް، އެކަން ޙާސިލްކުރާނަން.

3- ހުރިހާ ރަށަކަށް ފުރިހަމަ ލޭންޑް ޔޫސް ޕްލޭނަކާއި (ބިން ބޭނުންކުރުމުގެ ރޭވުން) ޑިވެލޮޕްމަންޓް ޕްލޭނެއް (ތަރައްގީ ގެ ރޭވުން) ތައްޔާރުކޮށް، އަމަލީ ގޮތުން އެއާއި ގުޅޭގޮތަށް ކަންތައްތައް ކުރާނަން.

4- އެޗް. ޑީ. އެފް. ސީ އަކީ ރައްޔިތުންނަށް އޭގެ އެންމެ ފައިދާވާނެ ގޮތަކަށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން، އަބަދުވެސް ލޯނު ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮންނަ ތަނަކަށް ހަދާނަން.

6 Comments »

  1. އެމް،ޑީޕީގެ ސަރުކާރެއްގައި ވެސް ޕާސްޕޯޓް ހަދަން މާލެ އަންނަން ޖެހޭނެ ތަ؟

    Comment by Abdulla Shareef — September 20, 2008 @ 1:16 pm

  2. ބަލަ މިހާރު ބޯހިޔާވަހިކަން މިހުންނަނީ އަތްފޯޜާފަށަކު ނޫންތަ؟ އަތް ދިއްކޮށްލީމާ އަތުޖެހޭނޫންތަ؟ އަންނީ ގެ ސްރުކާރުގައި ކުކުޅުހާލަށްވެސް އައިޑީ ކާޑު ހަދާދޭނަންތަ؟

    Comment by Abdulla — September 25, 2008 @ 1:24 pm

  3. ބުރުމާޔަށް އައިޑީ ކާޑު ހަދާދެންޏާ ކުކުޅުހާ ލަށް ހަދާ ނުދޭންވީ ސަބަބެއް އެބައޮތްތަ.

    Comment by Hussain — September 25, 2008 @ 1:50 pm

  4. އަހަރެމެން ރާއްޖެތެރެ މީހުންވެސް މާލޭގައި އުޅެންޖެހޭނީ ހަމަ ބޮޑު ކުލި ދައްކައިގެންތޯ……..

    Comment by nawaa — October 11, 2008 @ 2:49 pm

  5. ިައެމްޑީޕީގެ މިސިޔާސަތަށް ތާއީދު އެބައޮތް…

    Comment by axza — October 14, 2008 @ 11:50 pm

  6. ސިޔާސަތުތަކަށް ވަރަށް ތާއިދު ކުރާވާހަކަ ދަންނަވަން. އެކަމު މިއަށްވުރެ ތަފުސީލްކޮށް ބަޔާން ކުރުން މިވަގުތަށް މުހިއްމު ކަމަށް ފެނޭ…. ތިކުރާ ހިތްވަރަށް މަރުހަބާ …. ވޯޓް 4 2

    Comment by maanu — October 25, 2008 @ 2:58 pm