Wathan Edhey Gothah – MDP » 4000 ރުފިޔާ ލިބޭނީ އަތް އުރާލައި ތިއްބަކާ ނޫނެވެ. އިންސާނުން ބިނާކުރުމުން ހާސްކަން އޭގެ ޒާތުގައި ފިލައިދާނެތެވެ.

April 18, 2008

4000 ރުފިޔާ ލިބޭނީ އަތް އުރާލައި ތިއްބަކާ ނޫނެވެ. އިންސާނުން ބިނާކުރުމުން ހާސްކަން އޭގެ ޒާތުގައި ފިލައިދާނެތެވެ.

މުޙައްމަދު ރަޝީދު (ރަސްތަ)
ހަލާލު މަސައްކަތެއް ކުރާ ކޮންމެ ދިވެހިރައްޔިތަކަށް، އުޖޫރައެއްގެ ގޮތުގައި މަދުވެގެން މަހަކު ހަތަރުހާސް ރުފިޔާ ލިބޭނެއެވެ. ހަމައެއާއި އެކު ހާސްކަން ކަނޑައިލުމަށް، މިވަގުތަށް ހުރި ކުދި ލޭންދޭނު ހަމަޖައްސައިދެވެއެވެ. މުޙައްމަދު ނަޝީދު އަންނި ކެމްޕެއިނުގައި ތަކުރާރުކޮށް ވިދާޅުވެއެވެ. މިކަންކަމީ، ތާހިރު ދިރިއުޅުމަކަށް ކޮންމެހެން ބޭނުންވާ ކަންކަން ކަމުގައި އަޅުގަނޑުވެސް ގަބޫލުކުރަމެވެ.

ގަބޫލުކުރެވެއެވެ. ހަލާލު މަސައްކަތެއް ކުރުމަށް ގާބިލު މީހުނަށް ވުރެ މަސައްކަތެއްގެ ތައުލީމާއި ތަމްރީން ލިބިފައިތިބި ޒުވާނުން މިގައުމުގައި މަދެވެ. ގައުމުގެ ތަޢުލީމީ ނިޒާމު ބިނާވެފައި އޮތީ އިންސާނުން ބިނާކުރެވޭ އުސޫލަކަށް ނޫނެވެ. ކިޔަވާނިމޭ ކުއްޖާ އަދާކުރާނެ ވަޒީފާއެއް ނެތެވެ. ކިޔަވައި ނިމޭ އިރު ކުރަން ދަސްވާ ކަމެއްނެތެވެ.

އަޅުގަނޑުގަނޑަށް ގަބޫލުކުރެވޭ ތަޢުލީމަކީ އިންސާނާ އެމީހާ އަމިއްލައަށް ހަލާލު މަސައްކަތެއް ކޮންގެން ދިރިއުޅެވޭނެ މަސައްކަތެއް ދަސްވުމެވެ. މީމުން މަސް، ވާވުން ވަޑި ކިއަން އެނގުމަކުން ކިޔެވުނީ ކަމަކު އަޅުގަނޑު ނުދެކެމެވެ. އެކަމަކު ދޮށްޓެއްގައި ކަންވާރެއްލައި އެކަންވާރުގައި ބުޅިއެއްލައި މަހެއް ބާނަން ދަސްވެފައިވާނަމަ އެއީ ތައުލީމަކާއި ހުނަރެއް ލިބިފައިވާ މީހެއްކަމު އަޅުގަނޑު ދެކެމެވެ. އުޔެއްޖަހާލުމަށް ފަހު ކޮށާމަށައިލާން ދަސްވެފައިވާ މީހަކީ ބިނާވެފައިހުރި އިންސާނެއްކަމު އަޅުގަނޑުދެކެމެވެ.

ކުޑަކުޑަ އެއްޗެއް ބުނެލާނަމެވެ. އަޅުގަނޑުގެ ރަށު މަދަރުސާގައި ގްރޭޑް ބާރައާއި ހަމައަށް ކިޔަވާ ދެއެވެ. މަދްރަސާއިން އަހަރަކު ސާޅިސް ކުދިންނަށްވުރެ ގިނައިން ކިޔަވާ ނިމެއެވެ. އެއިގެތެރެއިން އެއްވެސްކުއްޖަކަށް ލިބޭނެ ވަޒީފާއެއް ރަށަކު ނުއޮވެއެވެ. އެކިތަންތަނުން ވަޒީފާލިބޭ ކުދީންގެ ނިސްބަތް ތިރީސް ޕަސެންޓަށްވެސް ނާރައެވެ. އަތްއުރާލައިގެން ގޭގައި ތިބެން ޖެހުމުން އަތުންފައިގޯސްހެދޭ ހިސާބަށް ދާޒުވާނުންގެ ނިސްބަތް އުޅެނީ 50ން މަތީގައެވެ.

އެހެން އެއްޗެއް ބުނެލާނަމެވެ. ރ. އަތޮޅު އިންނަމާދޫގައި ކިޔަވައިދެނީ ގްރޭޑް 7 ކާއި ހަމައަށެވެ. ގިނަކުދީން އުމުރުން 14-16 އަހަރުން ފެށިގެން އޮޑިހަރުގެތަކަށް ގޮސް ވަޑިންނަށް އަތްގާތްކޮށްދީ ހަދައެވެ. އުމުރުން ސޯޅައަހަރުން ފެށިގެން ވަރަށް ގިނަ ކުދީން ވަޑާމުގައި އަމަލީގޮތުން ބައިވެރި ވެއެވެ. އެންމެ މަދުން މުސާރަ ލިބޭ ކުއްޖާއަށްވެސް މަހަކު 6000 ރުފިޔާ ލިބެއެވެ. އެވްރެޖްކޮށް ވަޑިއަކަށް މަހަކު ބާރަހާސް ރުފިޔާއަށްވުރެ ގިނައިން ލިބެއެވެ.

މިއޮތީވެސް ބުނެލަން ރަނގަޅުއެއްޗެކެވެ. އަވަށްޓެރި ބެންގަލޫރަށާއި ވެރިރަށް މާލެއަށް އިންފޯމެޝަން ޓެކްނޯލޮޖީ އައީ ދާދި އެކުއެކުގައެވެ. މޭޒުމަތީ ކޮމްޕިއުޓަރުތަކާއި ތަފާތު ސޮފްޓްވެއަރތައްވެސް ދެރަށަށްމެ އައީ ދާދި އެކުއެކުގައެވެ. ފާހަގަކޮށްލަން ބޭނުމީ “ބެންގަލޫރުގައި ހާހުން ދެހާހުން ކޮމްޕިއުޓަރ އިންޖިނޭރުން އުފައްދައި ހުޅަނގުގެ ގައުމުތަކަށް އެކްސްޕޯޓް ކުރަމުން ދާއިރު އަޅުގަނޑުމެންގެ ގައުމުގައި އިންފޯމޭޝަން ޓެކްނޮލޮޖީގެ ރޮގުން ކިތައް މީހުން ބިނާކުރެވިފައި ވޭތޯއެވެ؟ މަސައްކަތްތެރިން އުފެއްދުމަށް މަސައްކަތް ނުކުރެވޭ ތަނުގައި ގައުމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރިމަސައްކަތެއް ނެތެވެ. އެންމެ ކުޑަމިނުން ދަތްކޮށްޓާ އިލޮށިކޮޅުވެސް މިޖެހެނީ އެހެން ގައުމަކުން އެތެރެކުރާށެވެ.

އަޅުގަނޑުމެންގެ ގައުމުގައި އިންސާނުން ބިނާކުރުމަށް މަސައްކަތެއް ނުކުރެވެއެވެ. މިގައުމަށް ބޭނުންވާ 1000 ނަރުހުން ތަމްރީން ކުރާކަށް 30 އަހަރެއް ބޭނުމެއް ނުވެއެވެ. މިގައުމަށް ބޭނުންވާ 1000 އެކައުންޓެންޓުން ތަމްރީނުކުރާކަށް 30 އަހަރެއް ބޭނުމެއް ނުވެއެވެ. 30 އަހަރަކީ ދެމީހަކު ހިތައިވެ، ކާވެނިކޮށްގެން ދަރިއަކު ލިބި އެދަރިފުޅަށް ޕީ އެޗް ޑީ ފެންވަރަށް ކިޔަވައިދެވިދާނެ ދިގު މުއްދަތެކެވެ.

ކަންމަތީ ފިހާރައިގެ ދަރަނި ޚަލާސްކޮށްލަ ދިނުމުން ވަގުތީ ހާސްކަން ފިލާނެއެވެ. ކުރާ މަސައްކަތަކުން ދިރިއުޅެވޭނެ އުޖޫރައެއް ހަމަޖެހުނީމައި އިތުރަށް ދަރަނިވެރިއެއް ނުވާނެއެވެ. ތަޢުލީމީ ނިޒާމު އިންސާނުން ބިނާކުރުމަށް އަމާޒުކުރެވި، އަމަލުކުރަން ފެށުމުން އެންމެނަށް އާމްދަނީ ލިބޭނެއެވެ. އެއިރުން އެއިގެ ޒާތުގައި ހާސްކަން ފިލައި ހިނގައިދާނެތެވެ.

3 Comments

  1. ތަޢުލީމީ މަރުހަލާ ނިމެއިރު ކުރާނެ މަސައްކަތެއް ދަސްނުވާނަމަ، ކިޔެވުމުގެ ބޭނުމެއްނެތް. މި ގައުމުގައި ވަޒީފާ އަދާކުރުމަށް ދަސްކުރަން ބެނުންވާ ބޭރުގެ ބަސްތައްވެސް ސްކޫލްތަކުގައި ނުވަތަ ތަމްރީނީ މަރުކަޒުތަކުގައި ކިޔަވާދެވެން ޖެހޭނެކަމަށް ފެނޭ. އިންސާނުން ބިނާކުރަންޖެހޭ.

    Comment by އައިސް — April 20, 2008 @ 2:29 pm

  2. ނުކިޔަވާހުރި އަންނިއެއް މިގައުމުގެ ރައީސްއަކައް އަންނާކައް ބޭނުމެއްނޫ.

    Comment by Rocky — August 27, 2008 @ 8:58 pm

  3. ތިޔަ ދެކެވެނީ ތަޢުލީމުގެ ވާހަކަތާއެވެ. އިގޭބާ ތަޢުލީމަކީ ކޮބާކަން
    ތަޢުލީމަކީ ނުވަތަ ޢިލްމަކީ ކަމަކަށް ނުވަތަ ކަންތައްތަކަށް ހުޅުވާލެވޭ ދޮރެކެވެ. އެއީ ބަޔަކު ކޮށްފައިވާ މަސައްކަތް ތަކެއްގެ ވާހަކަ ފޮތެއްގައި ނުވަތަ ފޮތްތަކެއްގައި ލިޔެފައިވާ ލިޔުން ތަކަކަށް ކިޔާނަމެއް ވީމާ، ތަޢުލީމު ހަމައެކަނި ލިބުނަކަސް ނުފުދެއެވެ. ވަރަށް ގިނާން އިވޭ އަޑެއް މިވެނި މީހެއް ހުރީ ނުކިވައޭ ބުނާއަޑު އެހެންނަމަވެސް އޭނައަކީ މަސައްކަތެއް ނޫންނަމަ މަސައްކަތް ތަކެއް އިގި އެކަމަށް ޤާބިލް މީހެކެވެ. އަހަރެން ބުނަންމިއޮޅެނީ މިޒްމާނުގެ ތަޢުލީމީ މީހުން ވަރަށް ގަޔާނުވާ ވާހަކަތަކެވެ.
    ދިވެހިރާއްޖޭގައި ފުދޭވަރަކަށް އެކިއެކި ހުނަރު ލިބިފައިވާ މީހުން އެބަތިބި ނަމަވެސް މިއަދު ކާކުބާ އެމީހުން ހޯދާގެން އެއީ ދިވެހި މުޖުތަމަޢުއަށް މަންފާކުރާބަޔަކަށް ހެދީ ނެތް….
    ހައްތަހާވެސް އެފަދަ ފުރުސަތު ލިބިދީފައި އޮތީ ސާހީ ޚާންދާންތަކަށޭ ބުންނަސް ދޮގަކަށްނުވާނެ.
    ޤައުމެއް ތަރައްޤީ ކުރުމަކީ ހަމައެކަނި އެޤައުމުގެ މަލަމަތި ރީތިކުރުމެއްނޫން އެޤައުމުގެ އަހުލުވެރީންނަކީ ކުޅެދޭ ބަޔަކަށް ހަދާގެން އެޤައުމުގެ އަހުލުވެރީންގެ ކުޅަދާނަކަމުން ޤައުމުގެ މަލަ ރީވެގެން…………

    Comment by Auraabeen — August 29, 2008 @ 2:51 am