Wathan Edhey Gothah – MDP » ދިރިއުޅުމުގެ އަގުތިރިކުރުން

ދިރިއުޅުމުގެ އަގުތިރިކުރުން

ރައްޔިތުންގެ ޝަކުވާ
.1- ސަރުކާރުން، އިޤްތިސާދީ އަދި އިޖްތިމާޢީ ފައިދާއެއްނުވާ، އެހެނަސް ސިޔާސީ ބޭނުންތަކަށް ކުރާބޭކާރު އިސްރާފުގެ ސަބަބުން މުދަލުގެ އަގުބޮޑުވެ ޢާއްމުރައްޔިތުން ދަރާ ދުވަހެއް ދުވަހަކަށް ބިކަޙާލުގަ ޖެހެމުންދިއުން.
2- އެއްވެސް ހަރުދަނާ ރޭވުމަކާއިނުލާ ކުއްލިގޮތެއްގައި، އެތަކެއް ރިސޯޓު އަލަށް އިމާރާތްކުރާން ހިފާލުމުން، ޢިމާރާތްކުރުމުގެ އަގު މައްޗަށްގޮސް ދިރިއުޅޭތަންތަނާއި ވިޔަފާރި ޢިމާރާތްތަކުގެ ކުލި ބޮޑުވެ ދިރިއުޅުމުގެ ޚަރަދުބޮޑުވަމުން ދިއުން.
3- ރައްޔިތުންގެ އަތުން ނުސީދާގޮތުން ނަގަމުންދާ ޓެކްސް އިތުރުވެ، ދިރިއުޅުމަށް ދައްކަންޖެހޭ ކުލި ވަނީ އިންތިހާޔަށް ބޮޑުވެފައި. ހުރިހާ މުދަލެއްގެއަގު ކެތްނުކުރެވޭ ވަރަށް ބޮޑުވެ، ދުނިޔޭގެ ބާޒާރުގައި މުދަލުގެ އަގުބޮޑުވެލާއިރަށް ނަގާ ނުސީދާ އިމްޕޯޓް ޓެކްސްގެ ސަބަބުން އަގު އިތުރަށް މައްޗަށްގޮސް އާންމު ޙާލަތު އިތުރަށް ދަށްވަމުން ދިއުން.
4- ޓުއަރިޒަމް އިންޑަސްޓްރީއަށް ކެތްނުވާވަރަށް ކުއްލިގޮތެއްގައި އެނދު އިތުރުކުރުމުން މުޅި ސިނާއަތަށް ލޮޅުން އަރައި ނުރައްކަލެއްގެ ތެރެއަށް ވެއްޓި ފަތުވެރިކަމުގެ ކުރިމަގާމެދު ކަންބޮޑުވުން އުފެދެމުން ދިއުން.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތު
1- ތަކެތީގެއަގު ކުއްލިއަކަށް ބޮޑުނުވާނެގޮތަށް ތަރައްޤީގެ ދުވެލި ބައްޓަންކޮށްދިނުމާއި އިގްތިސާދުގައި ދައުރުވާ ފައިސާއަކީ އިގްތިސާދީ ކުރިއެރުމާއި ގުޅުންހުރި މިންވަރެއްކަމުގައި ހެދުން
2- ބިމާއި އިމާރާތުގެ ކުލި އަތްފޯރާ ފަށުގައި ދެމެހެއްޓުމުގެ ގޮތުން އިމާރާތްކުރުމަށް ބޭނުންވާ ފައިސާ އެކަށީގެންވާ އަގެއްގައި ލިބޭނެ ގޮތްތައް ތަނަވަސް ކޮށްދިނުން
3- ސަރުކާރުގެ ޚަރަދަކީ ލިބޭ ހަގީގީ އާމްދަނީއެއްގެ މައްޗަށް ބިނާވެފައި އޮންނަ ޚަރަދެއްކަމަށް ބަލައި އުފެއްދުންތެރި ގޮތުގައި ކުރެވޭ ޚަރަދުތަކެއް ކަމުގައި ހަދާ، އިސްރާފުކުރުން ވަގުތުން ހުއްޓާލުން.

އެމްޑީޕީގެ ސަރުކާރުން ކުރުމުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1- ކާބޯ ތަކެތީގެ އިމްޕޯޓް ޓެކްސް އުވާލައި، ރައްޔިތުންގެ ދުވަހުފުރާގު ގެރެންޓީވާނެ ގޮތަށް ކާޑުގެ ބާވަތްތަކުގެ އިތުރުން ކާބޯ ތަކެތީގެ އަގު އަތްފޯރާ ފަށުގައި ހިފަހަށްޓައިދޭނަން.
2- ތެލުގެ ޑިއުޓީ އުވާލައި މަސްވެރިކަމާއި ދަތުރުފަތުރާއި އިޤްތިސާދީ ހަރަކާތްތަކަށް ނޭވާލާނެ ޖާގަ ހޯދައިދީ ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތީގެ އިމްޕޯޓު ޑިއުޓީ އުވާލާނަން.
3- ސަރުކާރުން ކުރެވޭ ޚަރަދަކީ ޒިއްމާދާރު ގޮތެއްގައި ކުރެވޭ ކަމެއްގެ ގޮތުގައި ހެދުމަށްޓަކައި މުސްތަގިއްލު ޕަބްލިކް އެކައުންޓްސް ކޮމިޓީއެއް އައްޔަނުކުރާނަން.
4- ހުޅުމާލޭގައި ބޭނުމެއްނުކޮށް ހުރި ވިޔަފާރި ބިންތަކަށް ގުދަންތައް ބަދަލުކުރުމުގެ ދޮރު ވަގުތުން ހުޅުވާލައި ވިޔަފާރިމުދާ ގުދަންކުރުމުގެ ކުލި ކުޑަކޮށް މުދަލާއި ދިރިއުޅުމުގެ އަގު ތިރިއަށް ޖައްސައިދޭނަން.
5- ރާއްޖޭގެ ހުރިހާ ކަންކޮޅު ތަކުގައި ކުދި އަދި މެދުމިނު ވިޔަފާރިވެރީންނަށް ވިޔަފާރި ކުރި އަރުވައި ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށްޓަކައި ބޭނުންވާ ފައިސާ ލިބޭނެ މަގު ކޮށައިދިނުމުގެ ގޮތުން ކަމާގުޅޭ އިންތިޒާމް ހަމަޖައްސާ ބޭންކްތަކާއި މާލީ ބާޒާރު ހުޅުވާލަ ދޭނަން.
6- ސަރުކާރުން ޚަރަދުކުރާނީ ނުވަތަ ތަރަށްޤީ ރާވާނީ، ސަރުކާރަށް ލިބޭ މިންވަރަކުން ، ޤައުމުގައި ހުރި ވަސީލަތްތަކަށް ކެތްވާ މިންވަރުން. ސިޔާސީ މަންފާގެ ބަދަލުގައި މުޅި ރައްޔިތަށް އެންމެ ފައިދާހުރި ގޮތަކަށް ބަލާ އެއްވެސް ދާއިރާއެއްގެ ސަބަބުން ކުއްލިއަކަށް މުދަލާއި ތަކެތީގެ އަގުބޮޑުނުވާ އުސޫލުގެމަތިން ރާވާ ހިންގާނަން.

އެމްޑީޕީގެ ސަރުކާރުން ދިގުމުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް
1- ސަރުކާރުގެ އިހުމާލުން، ވެހުނު އިރު ފެން ނުނަގައި، ފަހަށް ރައްކާ ނުކުރުމުން، ދަރަނީގެ އަނދަވަޅަކަށް ވައްޓާލައިފައިވާ ދިވެހިރާއްޖޭގެ ދަރަނި އެއީ އެއްފަހަރާ އަދާ ނުކުރެވޭނެ ދަރަންޏަކަށްވާތީ، މިރާއްޖެ ދަރަނީން މިންޖު ކުރުން ދިގު މުއްދަތަކަށް ބަހާނެ އުސޫލެއް ރާވާ ހިންގާނަން.
2- ވިޔަފާރީގެ ފައިދާއާއި ބޭނުންކުރާތަކެތިން މެނުވީ ޓެކްސް ނުނަގާނެ އުސޫލެއް ޤާއިމް ކުރާނަން.
3- ޤުދުރަތީ ގޮތުން ރާއްޖެ މިއޮތީ ދުނިޔޭގެ އިރުމައްޗާއި ހުޅަނގަށް މުދާ އުފުލާ މަގުމަތީގައި ކަމުގައިވާތީ، ގުދުރަތީ މިހަދިޔާގެ ބޭނުން ހިފުމުގެ ގޮތުން ޓްރާންސް ޝިޕްމަންޓް ޕޯޓު ހެދުމަކީ ސިޔާސީ ހަތިޔާރެއްގެ ބަދަލުގައި، ހަޤީގަތެއް ކަމުގައި ހަދައި ރާއްޖެއަށް މުދާ އެތެރެކުރެވޭ އަގު ތިރިކޮށްދޭނަން.
4- ރާއްޖެއަކީ މާލީ ބާޒާރުގެ ސަރަހައްދީ ނާރެހެއް ކަމުގައި ހަދާނަން.

3 Comments »

  1. އަންނިގެ ވަޢުދުތައް ކިޔާލުމުން ސަރުކާރަކުން ދިވެހި ރައްޔިތަކަށް ބޭނުންވާނޭ ހުރިހާ ވަސީލަތް ތަކަކާ ފުރުސަތު ތަކެއް ހުޅުވާލެވިފައިވާތަން ފެނޭ، ދެން އޮތީ އަމިއްލަ ފަރުދުގެ ހިއްވަރު. މި ވޭތުވެދިޔަ ތަނުގައި ހޭބޯ ނާރާ ރެޔާއި ދުވާލު މަސައްކަތް ކޮށްގެންވެސް އެންމެ އަސާސީ ބޭނުންތައް ފުއްދޭނެ ފައިސާވެސް ނުލިބޭ، އެއްމިސާލަކީ އަހަރެންގެ ބައްޕަ، ސަރުކާރުގެ ޒިންމާދާރު މަޤާމެއްގައި ހުންނަތާ 6 އަހަރު ވީ އިރުވެސް ޑީއާރުޕީ އާ ނުގުޅިގެން ވަޒީފާގެ ކުރިއެރުމުން މަޙުރޫމު ކުރެވިފައި. މިނިސްޓަރުންނާއި މައުމޫނު ކައިރީ އުޅޭ މީހުންނަށް ލިބޭ ފައިދާ ތަކަކީ ގުނާ ޢަދަދު ނުކުރެވޭނޭ އެއްޗެއް.

    Comment by dhaan — October 1, 2008 @ 11:35 am

  2. ކޮމެންޓް ދޭތޯ ޗެކް ކޮއްލީ… ފުދޭވަރެއްވޭ!

    Comment by aneev — October 27, 2008 @ 8:56 am

  3. މުދަލުގެ އަގު ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް ދެކެން. ފިހާރަތަކުން ބޭނުންވި ދުވަހަކު ބޭނުންވި އަދަދަކަށް މުދާވިއްކުމަކީ ކޮންމެ ދުވަހަވުހެން އާންމުންނަށް ކުރިމަތިލާންޖެހޭ ކަމެއް. މާލެ ފިޔަވައި އެހެން ރަށްރަށުގައި ދިރިއުޅޭ މީހުންނަށް އިތުރު ޗޮއިސް އެއްނޯވޭ.

    Comment by Aminath — October 31, 2008 @ 6:29 pm