Wathan Edhey Gothah – MDP » ނިލަންދެ އަތޮޅަށާއި ކޮޅުމަޑުލަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ކެންޑިޑޭޓް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެ

August 25, 2008

ނިލަންދެ އަތޮޅަށާއި ކޮޅުމަޑުލަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށްފަހު ކެންޑިޑޭޓް ނަޝީދު މިއަދު މާލެ ވަޑައިގަންނަވާނެ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ނިލަންދެ އަތޮޅުގެ ދެބުރިއަށާއި ކޮޅުމަޑުލުގެ ރަށްތަކަށް ކުރެއްވި ކާމިޔާބު ދަތުރުފުޅަށް ފަހު ހޯމަ ދުވަހު މާލެ ވަޑައިގަންނަވާނެއެވެ.

އަނެއް ދިވެހިރާއްޖެ އަދި ރިޔާސީ ފަސްވަޢުދު ރައްޔިތުންނަށް ކިޔައިދެއްވުމަށްޓަކައި ނަޝީދު ކުރެއްވި މިޒިޔާރަތުގައި ފ އަތޮޅުގެ ފަސްރަށަށް ޒިޔާރަތްކުރެއްވިއެވެ. އަދި އެއަތޮޅު ބިލެއްދޫގައި އާއްމު ބައްދަލުވުމެއް ބޭއްވިއެވެ. މިބައްދަލުވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި ތަރައްގީއަކީ އިމާރާތްތައް ނޫންކަމަށާއި އެއީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާއާއި ދިރިއުޅުމުގެ އުފާވެރިކަންކަމުގައި ވިދާޅުވިއެވެ. އަދި ވޯޓު ކަރުދާސްކޮޅު ވިއްކާނުލުމަށް ގޮވާލެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ވޯޓު ކަރުދާސްކޮޅަށް ވެވޭ ޚިޔާނާތަކީ އިސްލާހަށް ކުރި ހުރިހާ މަސައްކަތެއް ނާކާމިޔާބު ކޮށްލާނެކަމެކެވެ. އަދި އެއީ ދަރިންނާއި ދަރިންގެ ދަރީންގެ މުސްތަގްބަލަށް ވެވޭ ޚިޔާނާތެއްކަމަށް ވިދާޅުވިއެވެ.
ފ އަތޮޅަށްފަހު ނަޝީދު ވަޑައިގަތީ ތ އަތޮޅަށެވެ. ތ އަތޮޅުގެ ނުވަ ރަށަކަށް ނަޝީދު ޒިޔާރަތްކުރެއްވި އެވެ. އެއީ ކަނޑޫދޫ، ވަންދޫ، އޮމަދޫ، ހިރިލަންދޫ، ކިނބިދޫ، ވޭމަންޑޫ، ތިމަރަފުށި، ގާދިއްފުށި އަދި ބުރުނީއެވެ. ނަޝީދުގެ ރިޔާސީ ފަސް ވަޢުދުގެ ތެރޭގައި ހިމެނޭ “މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުން” މި ވަޢުދުވެވަޑައިގަތީ ތ އަތޮޅު ތިމަރަފުށީގައެވެ. މިވަޢުދު ވެވަޑައިގަންނަވަމުން ނަޝީދު ވިދާޅުވީ މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރުމަށްފަހު އެވަބާގައި ޖެހިފައި ތިބި ގާތްގަނޑަކަށް 30 ހާސް ކުދިންނަށް އޯގާތެރިކަމާއި އެކު ފަރުވާދޭނެކަމަށެވެ. އަދި އަނބުރާ މުޖުތަމަޢަށް ނިކުތުމަށް އެހީވެދޭނެއެވެ. މިހާރު ރާއްޖޭގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ ރާއްޖޭގައި ފެތުރީ މިއަދުގެ ސަރުކާރުންކަމުގައި ރައްޔިތުން ޝަކުވާ ކުރާކަމުގައި ނަޝީދު ވިދާޅުވިއެވެ.

ތ އަތޮޅުގެ ރަށްތަކަށްފަހު ހޯމަ ދުވަހުގެ ރޭ ދ އަތޮޅު ކުޑަހުވަދޫގައި އާއްމު ބައްދަލުވުމެއް ބެއްވިއެވެ. މި ބައްދަލުވުމުގައި ނަޝީދު ދެއްކެވި ވާހަކަފުޅުގައި އަތްފޯރާ އަގުގާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ގޮތާއި ދިރިއުޅުމުގެ އަގުތިރިކޮށްދިނުމަށް ކޮށްދޭނެކަންތައް އަދި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރައްވާނެ ގޮތްތައް ކިޔައިދެއްވިއެވެ. މިދަތުރުފުޅުގައި މ އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވީނަމަވެސް މޫސުމް ގޯސްވުމުގެ ސަބަބުން އެއަތޮޅަށް ޒިޔާރަތްކުރުންވަނީ ފަސްކޮށްލެވިފައެވެ.

1 Comment

  1. އިގެރޭސިން ކޮމެންޓް ކުރޭވޭ ކަހަލަ ގޮތެއްވާނެބާ

    Comment by Anonymous — August 28, 2008 @ 12:35 pm