Wathan Edhey Gothah – MDP » ފީއަލީގައި ފަދައިން ރަށްރަށުގެ ބަނދަރުތައް ހަދަނީ އެރަށްރަށުގެ ބޭނުންތަކާ ގުޅުވައިގެނެއް ނޫން – އަންނި

April 25, 2008

ފީއަލީގައި ފަދައިން ރަށްރަށުގެ ބަނދަރުތައް ހަދަނީ އެރަށްރަށުގެ ބޭނުންތަކާ ގުޅުވައިގެނެއް ނޫން – އަންނި

(ތިރީގައި މިވަނީ ކެޕިޓަލް ރޭޑިޔޯ މެދުވެރިކޮށް ފ ފީއަލީން އެމްޑީޕީ ތަމްހީދީ އިންތިޚާބުގެ ކެންޑިޑޭޓު، މުހަންމަދު ނަޝީދު (އަންނި) ދެއްވާފައިވާ އިންޓަވިއުއެކެވެ.)

އަހްމަދު ނަސީރު: ޕްރޮގްރާމް ލައިވްކޮށް އަޑުއައްސަވާ ހުރިހާ ބޭފުޅުންނަށް މަރުހަބާ އާދެ ފީއަލީގެ މިހިތްގައިމު ރަށުގަ މިހިތްގައިމު މާހައުލުގަ އަޅުގަޑުމެން މިތިބީ. ކުރިއަށް އޮތް ޕްރޮގްރާމް ބަދަލުކޮށްލައިގެން ނަމަވެސް އަޅުގަޑަށް ލަފާކުރެވޭގޮތުން ތިޔަބޭފުޅުންނަށް ވަރަށް މުހިންމު މައުލޫމާތުކޮޅެއް މިޕްރޮގްރާމުން ލިބިވަޑައިގަންނަވާނެ. އާދެ ޕްރޮގްރާމް ފެށުމުގެގޮތުން އަޅުގަޑު ކެންޑިޑޭޓު އަރިހުން އެދެނީ މިރޭގެ ސުރުހީއާ ބެހޭގޮތުން ކުޑައިކޮށް އަލިއަޅުވާލަދެއްވުން.

މުހަންމަދު ނަޝީދު (އަންނި): އައްސަލާމް އަލައިކުމް. ~ އަޅުގަޑުވެސް ފީއަލީ ރައްޔިތުންނަށް އަޅުގަޑުމެންގެ މިޕްރޮގްރާމް މިރޭ ކުރިއަށް މިދާގޮތާ ގުޅޭގޮތުން ދެތިން ވާހަކައެއް ދަންނަވާލާނަން. ވިއްސާރައިގެ ސަބަބުން އަޅުގަޑުމެންނަށް އާއްމުކޮށް އަޅުގަޑުމެން ކުރިއަށް ގެންދާ ބައްދަލުވުންތައް ކުރިއަށް ނުގެންދެވިފައި މިވަނީ. އެހެންވީމާ އަޅުގަޑުމެން މިވަގުތުކޮޅު ބޭނުން ކުރަމުން މިދަނީ ފީއަލީގައި އަޅުގަޑުމެން ތިބެގެން ރޭޑިއޯ ޕްރޮގްރާމެއްގެ ގޮތުގައި މިކަންކުރިއަށް ގެންދާގޮތަށް މިރޭ. އަޅުގަޑުމެންނާ އެކީގައި ހަގީގަތުގައި ބައިވެރިވެ އިންނެވި މެހެމާނަކީ ފީއަލީ ބަނދަރުގޮފީގެ ރައީސް އަލީ ޝަފީގު. އެއީ އެމްޑީޕީގެ ބަނދަރު ގޮފީގެ ރައީސް އަލީ ޝަފީގު. އަޅުގަޑުހިތުން އަލީ ޝަފީގާ އަދި ފީއަލީ ބަނދަރުގޮފީގެ މެންބަރުންނާ އެކީގައި އަޅުގަޑުމެން އިރުކޮޅެއް ހޭދަކޮށްލާ އިރުގައި މިހާރު ރާއްޖޭގައި ހެދެމުން މިދާ ބަނދަރުތަކާ ގުޅޭގޮތުން ކޮންމެވެސް ވަރަކަށް އަލިއަޅުވާލުމަކީ ނުވަތަ ކަންކަން ފާހަގަކޮށްލުމަކީ މުނާސިބް ކަމެއް ގޮތުގައި އަޅުގަޑު ދެކެން. އެގިވަޑައިގަންނަވާނެ ވަރަށް ޒަމާންވެއްޖެ އަޅުގަޑުމެން މި ބަނދަރު ހެދުމާ ގުޅޭގޮތުން އަޑުއުފުލާ ރާއްޖޭގެ ރަށްރަށުގެ ލަފާފުރުމުގެ މައްސަލަތަކުގެ ދަތިކަމުގެ ވާހަކަތައް ދައްކަމުން އަންނަތާ. އޭގެ އެން މެބޮޑު އެއް ހެއްކެއްމީ މިޕާޓީ އުފެދިގެން އައިއިރުގައި މިރަށުގައި ހެދުނު ފުރަތަމަ ގޮތްޕަށްވެސް ކީފައި މިއޮތީ ބަނދަރުގޮފި. އެހެންވީމާ ބަނދަރުގޮފި މިގޮތްޕަށް ކީފައިވެސް މިއޮތީ މިރަށްރަށުގައި ލަފާފުރުމުގެ ދަތިކަން ބޮޑުކަމުން އެކަމަށް ހައްލެއް ހޯދުމަށްޓަކައި މިހިންގޭ ޕްރޮގްރާމްތަކާ ކުރެވޭ އިހްތިޖާޖުތަކުގެ ތެރެއިން. އަޅުގަޑުމެން ބަނދަރާ ގުޅޭގޮތުން ދައްކަމުންގެންދިޔަ ވާހަކަތައް ދައްކަމުން ގެންދިޔައީތީވެ ސަރުކާރުން އިއުލާނުކުރީ އެއްފަހަރާ 164 ބަނދަރު ސަރުކާރުން ހައްދަވަން ގަސްތުކުރައްވާކަމަށް. އެބަނދަރުތައް ބަހާލެވުނީ ތިންބަޔަކަށް. އޭގެތެރޭގައި އެންމެ ފުރަތަމަ މިވަނީ 104 ބަނދަރެއް އެއީ ސުނާމީގައި ގެއްލުން ލިބިފައިވާ ބަނދަރުތައް މަރާމާތުކުރުން. މި މަރާމާރު މިގޮތަށް ކުރަންޖެހޭކަމަށް ސަރުކާރުން ފާހަގަކުރައްވާފައިވަނީ 104 ރަށެއް. އެއާ ވިދިގެން އެއާ ގުޅިގެން ދެން މިއަންނަނީ އެކްސަސް ޕްރޮގްރާމުގެ ބަނދަރުތަކެއް އޭގަ މިހިމެނެނީ 55 ބަނދަރެއް. މިހާތަނަށް ފުރަތަމަ ފޭހުގައި ކުރިއަށް ގެންދަން ސަރުކާރުން ނިންމަވާފައި މިވަނީ 44 ބަނދަރު. އެކްސެސް ޕްރޮގްރާމުގެ ބަނދަރެއްގެ ބޮޑުމިނަކީ 150 ފޫޓާ 200 ފޫޓު. މީ ފުރަތަމަ އެ ބޮޑުމިނުގައި ހުރި ބަނދަރު ދެންހުރީ 300 ފޫޓާ. 300 ފޫޓުގެ ބޭރު ފާރެއް ބޭރު ތޮއްޓެއްވެސް އެބަ މިބަނދަރުތަކުގައި ލެވޭ އަދި 8 ފޫޓު ފުންމިން މިބަނދަރުތަކުގައި މިހުންނަނީ. އެކްސަސް ޕްރޮގްރާމްގެ ބަނދަރާ ދެން އެއަށްފަހު މިއޮތީ ނެޝްނަލް ހާބަރ ޕްރޮގްރާމުގެ ބަނދަރު. އެ ނެޝްނަލް ހާބަރ ޕްރޮގްރާމުގެ ބަނދަރަކީ ތަންކޮޅެއް ބޮޑު ބަނދަރެއް އެއީ. 750 ފޫޓުގެ ދިގުމިން ހުންނަ ބަނދަރެއް އެހެންވީމާ ދެބާވަތުގެ ބަނދަރު މިވަގުތު ހެދެމުން މިދަނީ މި ދެބާވަތަކީ އެކްސަސް ޕްރޮގްރާމުގެ ބަނދަރާ ދެން ނެޝްނަލް ހާބަރ ޕްރޮގްރާމުގެ ބަނދަރުގެ ދަށުންހެދޭ ބަނދަރު. އަޅުގަޑުމެން މީގައި ފާހަގަކުރަން ބޭނުންވާ އެންމެ މުހިންމު މައިގަޑު ނުކުތާއަކީ ކަމެއް ރާއްޖޭގެ ރަށަކަށް ނުވަތަ އެއްވެސް ކަމެއް އެއްވެސްތާކު ކުރަންޏާ އެކަމެއް ކުރަންޖެހޭނީ އެކަމެއް ބޭނުންވާ ރައްޔިތެއްގެ އިހުސާސާ އެމީހުން އެދޭގޮތާ އެރައްޔިތު ބޭނުންވާގޮތާ އަދި އެކަމަކުން އެރަށަކަށް ކުރާނެ ފައިދާއާ ނުވަތަ ލިބިދާނެ ގެއްލުމާ މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށޭ. އެކްސަސް ޕްރޮގްރާމުގެދަށުން 44 ބަނދަރު ހަދަން ނިންމި އިރުގައި އެކަން ކުރަން ސަރުކާރުން ނިންމަވާފައި މިވަނީ ހަމަ އެއްތައްގަނޑަކަށް ހަދާ އެއްބާވަތެއްގެ އެއްވައްތަރެއްގެ ބަނދަރުތަކެއް 44 ރަށުގައި ގެންގޮސް ބިނާކުރަން. މިގޮތަށް މިކަންކުރާން ފެށުނީމާ އެންމެބޮޑަށް ފާހަގާވާ އެއްކަމަކީ އެ ބަނދަރުތައް މިހެދެނީ އެރަށްރަށުގެ ބޭނުންތަކާ ގުޅުވައިގެނެއް ނޫނޭ. 44 ބަނދަރު އެކްސެސް ޕްރޮގްރާމުގެ ދަށުން އެބަހެދޭ. އެހެންނަމަވެސް އެބަނދަރުތަކުގެ ފުރަތަމަ ކަމަކަށް ބައެއް ރަށްރަށުގައި މިހާރު އެބޭނުން ވަނީ މިދަންނަވާ އެކްސަސްއެއް ނުވަތަ އަރާފައިބާ ލަފާފުރުމުގެ ދަތިކަން ހައްލުކުރުމެއްނޫން. މި ބަނދަރެއްގެ ބޭނުމަކީ ހަމައެކަނި ބަނދަރެއްގެ އެންމެ ބޮޑު ބޭނުމަކީ ބަނދަރުކުރުން. އެއީ އޮޑިދޯނިފަހަރަށް އައިސް ސަލާމަތުގެ އައްސޭރިއެއްގައި އެމީހުންގެ މުދަލާ އެމީހުންގެ އޮޑިފަހަރު ސަލާމަތްކޮށްގެން ރަށުގައި ގެންގުޅެވޭނެގޮތެއްވުން. ބަނދަރެއްގެ އެންމެބޮޑު ބޭނުމަކީ އެބަނދަރެއްގައި އެރަށެއްގެ އޮޑިދޯނިފަހަރު އަޅާ އެ އޮޑިދޯނިފަހަރު އެބަނދަރުތެރޭގައި ގެންގުޅެވޭ ގޮތްވުން. ފީއަލީ ބަނދަރަށް މިހާރު ބައްލަވައިފިއްޔާ އެބަނދަރުގައި މިރަށުގައި މިހާރު މިހުރި އޮޑިފަހަރު ނުބެހެއްޓޭނެ. މިރަށުގައި އެއަށްވުރެ މާގިނަ އޮޑިފަހަރު. އެހެންވީމާ އެއޮޑިފަހަރެއް ނުތަކާނެ. ހުޅުދެލީ ބަނދަރަށް ބެއްލެވިޔަސްވެސް އަދި އަޅުގަޑުމެން އެކްސަސް ޕްރޮގްރާމުގެދަށުން މިދެކޭ ކިތަންމެ ބަނދަރެއް ވަރަށް ގާތުން އަޅުގަޑުމެން ދެކެއްޖައިމު. ދެކޭއިރުގައި މިހާރު ކަންވެފައި މިހުރި ގޮތަކީ ބޮޑެތި ދޯނިފަހަރު ރައްޔިތުން މިވަނީ ބުރަ މަސައްކަތުން ބަނދެފައި. އެހެންވީމާ އެދޯނިފަހަރު ބަނދަރުކުރެވޭނެ ބަނދަރެއް ރައްޔިތުން ބޭނުންވެގެން އެއުޅެނީ އެއްވެސް ހާލެއްގައި ހަމައެކަނި އަރާފައިބާ ފުރުމަކަށެއްނޫން ދެން އަޅުގަޑު މިކަމާ ގުޅޭގޮތުން އަޅުގަޑުމެންގެ ބަނދަރުގޮފީގެ ރައީސް އަލީ ޝަފީގަށް ހިނދުކޮޅެއް އަރުވާނަން އަލީ ޝަފީގު މިކަމާގުޅޭގޮތުން ފެނިވަޑައިގަންނަވާ އެއްޗެއް ހާމަކޮށްދިނުމަށްޓަކައި.

އަލީޝަފީގު: އާދެ އަޅުގަޑަށް ފެންނަގޮތުގައި މިހާރު މިރަށުގެ މިހާރު ހެދިފައިމިވާ ބަނދަރަކީ އެއްވެސް ހާލެއްގައި މިރަށުގަ ފުރާދުއްވާ އުޅަނދުފަހަރު ތެރޭން ގާތްގަނޑަކަށް ބޮޑުދޯނީގެ ތިންދޯންޏަށް މެނުވީ އެޅުމަށްފަހު ދެން އެބަނދަރަކަށް ވަދެވޭނެ ދެން އިތުރުއެއްޗެއް ނޯންނާނެ. އެހެންވީމަ ހަގީގަތުގައި މިރަށުގެ ބަދަރަކީ މިރަށުގެ ރައްޔިތުންނަށް މިރަށުގެ ފުރާދުއްވާ އެއްޗިއްސަށް އެކަށީގެންވާ ބަނދަރެއް ނޫނޭ. ދެން އަޅުގަޑު ހިތަށްއަރާ މިރަށުގަ ހަމައެކަނި މިބަނދަރު ހަދާ ނިމުމުން ނިމުނީ ބާވައޭ. މިރަށަކީ ފުރާދުއްވާ އެއްޗެހި މިހާގިނަ ވެފައްޔާ ރާއްޖޭގެ އެންމެ ފަސްގަނޑު ތިރިރަށުގެ ތެރެއިން އެއްރަށް ފީއައްޔަކީ. ދެން އަނެއްކޮޅުން ކަނޑު އެރިފައޮތް ރަށެއް. ފީއަލީގައި ހަމަގައިމުވެސް އެއްފަރާތުގެ ތޮށި އެއްކޮށްނެތް. އެހެންވީމާ އަޅުގަޑުމެންނަށް މިކަމަށް ހައްލެއް ގެނެވިދާނެ ބާވައޭ އެއްވެސް ހާލަތެއްގަ އެއީ އަޅުގަޑު ހިތަށް އަރަމުންދާ އެއްޗެއް މިހާރު.

މުހަންމަދު ޒުހައިރު: ތިކަން ގުޅިފަ ތިއޮތީ ރަށުގެ ރައްޔިތުންގެ ބޭނުންތައް ބެއްލެވުމަށް އެހެންނޫންތޯ. އަޅުގަޑަށް މިދޭހަވަނީ ރަށުގެ ރައްޔިތުންގެ ބޭނުންތަކަށް އެއްވެސް ގޮތަކަށް ނުބައްލަވައޭ. މިތާގަ މި ރކ ކޮމިޓީގެ ބަހެއްނެތިތޯ ނޫނީވިއްޔާ ހަމަ ކޮންސްޓްރަކްޝަން މިނިސްޓްރީން ހަމަ އެބޭފުޅުން ބޭނުންފުޅު ގޮތަކަށް ބޭނުންކަމެއް ކުރައްވަނީތޯ؟

އަލީ ޝަފީގު: އަޅުގަޑަށް ފެންނަގޮތުގައި މިހާރު ރކ ކޮމިޓީންވެސް ދެފަހަރެއްގެ މަތިން އަދި އެއަށްވުރެ ގިނަ ފަހަރުމަތިންވެސް މިކަމާބެހޭ ފަރާތްތަކަށް ހިނގައްޖެ ގޮސް ބައްދަލުކޮށް ވާހަކަ ދެއްކިއްޖެ. ފަޅު ބަނދަރު ކުޑަކަމާ ބަނދަރު ބޮޑުކުރުމާ މިކަންތައްތަކާ ބެހޭގޮތުން ވާހަކަ ދެއްކިއްޖެ. އެހެންނަމަވެސް މިކަމަށް ހައްލެއް އަދި އަންނާކަށެއް އޮތްކަމަކަށެއް ނުފެނޭ އަޅުގަޑުމެންނަކަށެއް.

އަންނި: އަޅުގަޑުމެން މި ބަނދަރު ފަދަ ތަކެތި ރައްޔިތުންނަށް ހަދައިދިނުމަށް ނުވަތަ ރަށްރަށުގެ ތަރައްގީއަށް މިމަސައްކަތްތައް ކުރާއިރުގައި ވަރަށްބޮޑަށް އެބަ ބަލަންޖެހޭ ކޮންކަމެއްތޯ ކުރަން މިއުޅެނީ. ކޮން ބައެއްގެ ބޭނުމަކަށްތޯ. މިހާރު މިތަންތަނުގައި މިހެދޭ ކުދިކުދި އެކްސަސް ޕްރޮގްރާމުގެ ބަނދަރުތަކަކީ ހަގީގަތުގައި ރަށްރަށުގެ ރައްޔިތުން އެބުނާހެން އެއްވެސް ހާލެއްގައި އެރައްޔިތުންގެ ބޭނުމަކަށް ހުރި ތަންތަނެއްނޫން. މާލެއިން ވަޑައިގަންނަވާ ބޭބޭފުޅުން އަރާ ފައިބާ ވަޑައިގަންނަވަން ހެދިފައި ހުންނަ ތަންތަން އެއީ. ރީތިކަން މަތީގައި ސަލާމަތްކަން މަތީގައި ލޯންޗެއްއައިސް މަޑުކޮށްލާފައި އެލޯންޗުން މީހުން ފައިބާލެވޭނެގޮތަށް ހަދާލެވޭ ކުދިކުދި ތަންތަން. ދެން އެކްސަސް ޕްރޮގްރާމުގެ މާނައަކީވެސް އެއީ އެގިވަޑައިގަންނަވާނެ އެއީ އެކްސަސް ޕްރޮގްރާމަކީ އެފްރިކާ ބައްރު އެއަށް ކްލޯނިއަލް ޔޫރަޕްގެ ގައުމުތަކުން އެއަށް އިސްތިއުމާރީބާރު ފޯރުވާން ފެށިއިރުގައި އެބައްރުގެ ތެރެއަށް، އެރަށްރަށުގެ ތެރެއަށް ފޫއަޅުވާލުމަށްޓަކައި ދިޔުމަށްޓަކައި އެރަށްރަށުގައި ހިންގާންފެށުނު ޕްރޮގްރާމެއް އެއީ. އެއީކީއެއް އަނެއްހެން އޭގެ ބަނދަރަކުންނެއް އޭގެ ސަބަބުން ފުރާދުއްވާ އެއްޗިއްސަށް ރަގަޅެއް ލިބުން ނުވަތަ ކުރިއެރުމެއް ލިބުން ނުވަތަ ރަށަށް މުދާ ބޭލުމާ، މުދާ އެރުވުމާ، މިބާވަތުގެ ކަންކަމަށް އެހީތެރިވެދޭނެ ހިދުމަތެއް ނުވަތަ އެހީތެރިވެދޭނެ ބާވަތުގެ ބަނދަރެއްނޫން މިހެދެނީ. ހަމަ މިދަންނަވާހެން ވަރަށް ކުދިކުދި ތަންތަން އެތަންތަނަކީ މިވަގުތަށް މިރާއްޖޭގަ ވަރަށް ގިނަ ތަންތަނަށް ބޭނުންވާ ބާވަތުގެ ބަނދަރެއްނޫން މިރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މިހާރު މިއެކްސަސް ޕްރޮގްރާމުގެދަށުން މިހެދޭ ބަނދަރުތަކުގެ ބަދަލުގައި ރަށްރަށުގައި އެބަ ބޭނުންވޭ އެއަށްވުރެ ބޮޑެތި ބަނދަރު ހެދުމަށް މިހެން މިކަން ކުރެވޭތީވެ ބޭނުންނުވާ ބާވަތުގެ މަސައްކަތެއް ރާއްޖޭގެ ރަށްރަށުގައި ކުރެވެން ފެށުނީމާ އޭގެ ނަތީޖާ ވަރަށް ހިތި. ފުރަތަމަ ކަމަކަށް ރައްޔިތުންގެ ހިންހަމަ ނުޖެހުން އެތައް ގުނައަކަށް މަތިވެގެން މިދަނީ. ސަރުކާރުން ކަމެއް ކޮށްދެއްވާއިރުގައި ރައްޔިތުންގެ އެދުންތަކާ އެއްގޮތަށް ނުކުރީމާ ރައްޔިތުންގެ ރުހުމެއް އެކަމަކަށެއް ލިބިގެނެއްނުދޭ. އެހެންވީމާ ބަނދަރުހަދަން ނުވަތަ ބަނދަރު ހެދުމަށް ނިޔަތްގަތް މަގްސަދު ހާސިލެއްނުވޭ. ރައްޔިތުން ބޭނުން ބާވަތުގެ ކަމެއްނޫން މިރަށް ރަށުގައި ވަނީ. އަނެއްކަމަކީ ބަނދަރެއް މިގޮތަށް ހެދުނީމާ ބޭނުންނުވާ ސައިޒުގެ ބަނދަރެއް ހެދުނީމާ ދެން އެ ބޮޑުކުރުން އޮންނަނީ ވަރަށް ބޮޑު ދަތިކަމަކަށްވެފައި. މިހާރު މިހެދޭ ބަނދަރުތައް މިހެދެނީވެސް އެކަށީގެންވާ ވަރުގަދަކޮށް ހެދޭއިރުގައި އެބަނދަރު އެހެން ގޮތަކަށް ބަދަލުކޮށް އެހެންގޮތަކަށް ބޮޑުކޮށް ހެދުންވެސް މިއޮންނަނީ ވަރަށް ބޮޑު އުނދަގުލަކަށްވެފައި. އެވެސް ވެގެންދާނީ ވަރަށްބޮޑު ޚަރަދަކަށް. މިކުރެވެނީ އަޅުގަޑު ދަންނަވާނީ ހަމަ ވަރަށް ބޮޑު ބޭކާރު ޚަރަދެކޭ.

އަހްމަދު ނަސީރު: މިހާރު ބަނދަރުގެ ވާހަކަ މިރޭ ފީއަލީ ބައްދަލުވުމުގަ ދައްކާއިރުގައި މިއާ ދޭތެރޭގައި ވަރަށް ގިނަ ސުވާލުތައް އެބައުފެދޭ އަދި އުފެދޭނެވެސްމެ. އޭގެކުރިން އަޅުގަޑު ކެނޑިޑޭޓު އަރިހުން އަހާލާހިތްވޭ މިހާރު އަންނި ކެމްޕޭނުގައި ތިޔަ އަމާޒުކުރައްވަނީ ތާހިރު ދިރިއުޅުމަކަށް. މި ތާހިރު ދިރިއުޅުމަކަށްޓަކައ ދިވެހިން ވާސިލުވުމުގައި ބަނދަރު ހިމެނެނީ ކޮން ދަރަޖައަކަށްތޯ؟ މިހާރު މިސާލަކަށް އަޅުގަޑަށް ލަފާކުރެވޭ ގޮތުގައި ތާހިރު ދިރިއުޅުމެއްގެ ވަރަށް މުހިންމު ބައެއް ދަތުރުފަތުރު. ދަތުރު ފަތުރަށް މިއިން ކޮންމެ ރަށެއްގަވެސް މެންބަރުންނާ މުހާތަބު ކުރައްވާ ރައްޔިތުންނަށް މައުލޫމާތު ދެއްވާއިރުގައި އެބަވިދާޅުވަން ދަތުރުފަތުރުގެ ނިޒާމަކީ މި ތާހިރު ދިރިއުޅުމުގެ ވަރަށްބޮޑު ބައެކޭ އެހެންވީމަ މީގަ ބަނދަރު މިހިމެނޭ ލެވަލްއާ ތާހިރު ދިރިއުޅުމަކަށް ތިޔަ ވަކާލާތު ކުރައްވާ ޕްރޮގްރާމުގައި ދަތުރު ފަތުރުގެ ނިޒާމު…

އަންނި: އަޅުގަޑުމެން މިދެކެނީ ތާހިރު ދިރިއުޅުމަކަށް އަމާޒުކުރުމަކީ ތާހިރު ދިރިއުޅުމެއް އުޅުމަކީ ތިމާއަށް ތިމާއަށް ލިބޭ އާމްދަނީއެއްގައި ރިވެތި ގޮތުގައި އުފާފާގަތި އުޅުމެއް ހޯދޭނެގޮތެއްވުން. އެއީ އެބަ އެކަށީގެންވާ އާމްދަނީއެއް ލިބެންޖެހޭ ދަތިކަމަކާނުލާ ގެދޮރު އެބަ ހޯދެންޖެހޭ. ސިއްހީ ހިދުމަތް އެބަ ލިބެންޖެހޭ. ދަރިންނަށް ކިޔަވައިދޭން އެބަޖެހޭ. އަދި އެއްތަނުން އަނެއްތަނަށް ދަތުރު ފަތުރު ފަސޭހަކަމާއެކީގައި ކޮށް އެބަ ހެދެންޖެހޭ. ތާހިރު ދިރިއުޅުމެއް އަޅުގަޑު މިދަންނަވާ ވާހަކައަކީ އަޅުގަޑުމެން މިއުންމީދުކުރާ އަނެއް ދިވެހިރާއްޖެ އެއީ މިދިވެހިރާއްޖެއެއް ނޫން އެއީ އަޅުގަޑުމެން މިދެކެނީ މިރާއްޖެއަކީ މުއްސަނދި ތަނަވަސް ގައުމެކޭ މިގައުމަށް އަޅުގަޑުމެންނަށް އެބައޮތޭ މިނޫން ގޮތަކަށް ދިރިއުޅެވެން. މިނޫން ދިވެހިރާއްޖެއެއް އަޅުގަޑުމެންނަށް ހޯދިދާނެއޭ. އެކަމަށްޓަކައި އަޅުގަޑުމެން ބޭނުންވާ ވަސީލަތްތަކުގެ ތެރޭގައި ވަރަށް މުހިންމު ތަނެއް ބަނދަރަކީ. ބަނދަރަކީ އަޅުގަޑުމެން މިދެކެނީ މިސާލަކަށް ފީއަލީ މީހަކަށް. ފީއަލީ ރައްޔިތަކަށްވެސް އެމީހާ ބޭނުންވީމާ ފަސޭހަކަމާއެކީގައި ކައިރީގައި މިހުރި އަތޮޅުތެރޭގައާ އަދި ދ އަތޮޅުގައި ނިލަންދެއަތޮޅު ދެބުރީގައި އެރައްޔިތުންނަށް ފަސޭހަކަމާއެކީގައި އަގުހެޔޮކޮށް އެއްތަނުން އަނެއްތަނަށް ދަތުރު ކުރެވެންޖެހޭނެއޭ. ފީއަލީ މީހަކު ބިލެއްދޫއަށް ހެނދުނު ދާންވެއްޖައީވިއްޔާ ގޮސް އަދި މެންދުރު ކައްކަން ގެއަށް އާދެވެންޖެހޭނޭ. ފީއަލީ މީހަކު ނިލަންދޫއަށް ދާންވެއްޖައީވިއްޔާ ހަމަ އެހެންމެ ހެނދުނު ގޮއްސާ މެންދުރުވެސް އާދެވެންޖެހޭނޭ އަދި ހެނދުނު ގޮއްސާ ހަވީރުވެސް އާދެވެންޖެހޭނޭ. ފީއަލީ މީހަކު މީދޫއަށް ދާން ޖެހުނަސްވެސް އެދަތުރުވެސް ފަސޭހަކަމާއެކީގައި އެމީހަކަށް ކުރެވެންޖެހޭނޭ. ފީއަލީ މީހަކު ބިލެއްދޫއަށް ދާންޖެހުނަސް އަދި މިއަތޮޅުތެރޭގައި މިދެބުރީގައި މިވާ ކޮންމެ ރަށަކަށް ދާންޖެހުނަސް ދިހަ، ފަނަރަ ރުފިޔާ ދީގެން ފަސޭހަކަމާއެކީގައި އިތުބާރާއެކީގައި އެއްތަނުން އަނެއްތަނަށް ދަތުރުކުރެވެން ޖެހޭނޭ. މިދަތުރުތަކަށް ބޭނުންވާނެ ކޮންމެހެންވެސް ބަނދަރު އެހެންވީމާ މިހާރު މިހެދޭ ބަނދަރުތަކަކީ މިފަދަ ފެރީގެ ނިޒާމަކަށް ފުރިހަމައަށް ބޭނުންކުރެވޭނެ ބަނދަރުތަކެއްތޯ އެއީ ވަރަށް މުހިންމުކަމެއް. ބަނދަރެއް ހަދާއިރުގައި އެބަނދަރެއް މިހަދަނީ ވަކި ބޭނުންތަކަކަށް. އެއްކަމަކީ މަސްވެރި ބަނދަރު. އެއީ މަސްވެރިންނަށް ބޭނުންވާ ހިދުމަތްތައް އެބަނދަރަކުން ލިބޭގޮތަށް ތައްޔާރުކުރެވޭ ބަނދަރު އޭގައި އެންމެ އަސާސީ އެއްކަމަކީ އެބަނދަރެއްގައި މަސްވެރިންގެ އޮޑިފަހަރު އެޅޭގޮތްވުން. ހުރިހާ އޮޑިފަހަރެއް ބަނދަރުކުރެވޭގޮތްވުން. މިހާރު މިދިވާމެގެންއުޅޭ އެއްކަމަކީ މިހާރު މިހެދޭ ބަނދަރުތައް ކުޑަކަމުން އެރަށަކަށް ބޭނުންވާ ސައިޒުގެ ބަނދަރަކަށް އެބަނދަރު ނުވެދަނީ. ރަސްދޫގައި މިއަދު ހަމަ އަޅުގަޑުމެން މިޕްރޮގްރާމު މިތަނުގައި ފީއަލިން ގެންދާއިރުގައި އެންމެ ބޭފުޅުންވެސް އަޑުއައްސަވާފައިވާނީ ރަސްދޫގެ ރައްޔިތުން މިއުޅެނީ އެތަނުގައި ހެދޭ ބަނދަރުގެ ސައިޒާ ގުޅޭގޮތުން އެއްވެސް ވަރަކަށް ހިންހަމަ ނުޖެހިގެން އެކަމަށް އިހުތިޖާޖު ކުރުމުގަ. އެބަނދަރުގަ 750 ފޫޓުގެ ބަނދަރެއް ރަސްދޫގަ މިހެދެނީ. ރަސްދޫގެ ރައްޔިތުން މިބުނަނީ އެބަނދަރު އެމީހުން ބޭނުންވެޔޭ 1200 ފޫޓުގެ ބަނދަރަކަށް ބަދަލުކުރަން. ދެން މި 1200 ފޫޓް ބަނދަރަކަށް ފަހުން ބަދަލުކޮށްދެވޭނެއޭ ސަރުކާރުން ވިދާޅުވި ކަމުގައިވިޔަސްވެސް މި ބަނދަރުތައް މިހެދެނީ ފަހުން އެބަދަލު ގެނެވޭގޮތަކަށެއްނޫނޭ. ފަހުން އެކަންކުރުމަށް އަނެއްކާވެސް ވަރަށްބޮޑު ޚަރަދެއް ދާނެއޭ މިހާރު ހެދޭ ބަނދަރު ރޫޅާލައިގެން ނޫނިއްޔަކާއެއް މިބަނދަރުތައް ދެން ބޮޑުކުރެވޭނެގޮތެއް ނޯންނާނޭ. ބަނދަރު އަޅުގަޑުމެންނަށް ވަރަށް މުހިންމު މަސްވެރި ރަށްރަށަށް މަސްވެރި ބަނދަރު ވަރަށް މުހިންމު. ދަތުރު ފަތުރު ކުރުމުގެ ނިޒާމަށް އެންމެބޮޑަށް ބޭނުންވާ އެކައްޗަކީ ބަނދަރު. އެހެންވީމާ އެފަދަ ނިޒާމެއް ގާއިމު ކުރެވޭ އިރުގައި އެނިޒާމާ ރަހުމަތްތެރި އެނިޒާމާ އައިސް ލާމެހި ހިމުންވާ ބަނދަރެކޭ އުފެދެންޖެހޭނީ މިހާރު އަޅުގަޑުމެންނަށް މިހެދޭ ބަނދަރުތަކަކީ އެއްވެސް ހާލެއްގައި އެހެން ހެދޭ ބަނދަރުތަކެއްނޫން. އަޅުގަޑު މިކަމުގައި ހަމަ ވަރަށް ހައިރާންވޭ ހަމަ މިނިސްޓަރ މައުރޫފު ޖަމީލުފަދަ ބޭފުޅަކު މިކަހަލަ މަސައްކަތެއް ކުރައްވަމުން ގެންދަވާތީވެ. މި ހަމަހީވަނީ ފެކްޓަރީއަކުން އެއްތައްގަނޑަކަށް ހަދާފަހުރި ބަނދަރުތަކެއް ގެނެސް ރަށްރަށުގައި ބަހައްޓާލަނީ. އަޅުގަޑުމެން އެންމެނަށްވެސް އެގޭ ރާއްޖޭގެ ކޮންމެ ރަށަކީވެސް ތަފާތު ރަށެއްކަން. ކޮންމެ ރަށަކަށްވެސް ބޭނުންވާނީ އެރަށަކާ އެކަށީގެންވާ އެރަށަށްފުދޭ އެރަށުގެ ކަންތައްތައް ހައްލުކުރެވޭނެ ބަނދަރެއްކަން. އެހެންނަމަވެސް މިހާރު މިހެދޭ ބަނދަރަކީ ބަނދަރުތަކަކީ އެއްތައްގަނޑަކަށް އެއްކުލައެއްގައި އެއްސައިޒެއްގައި އެއްގޮތަކަށް ހެދޭ ބަނދަރުތަކެއް ހަމަ ކޮންމެ ފަހަރަކު ގެނެސް ކޮންމެ ރަށެއްގައި އޭގެ ބަނދަރެއް ބެހެއްޓެމުން މިދަނީ. ދެން ބައެއް ރަށްރަށުގައި ބަނދަރު ބަހައްޓާން އުޅުނީމާ ދިމާވާ ދަތިތަކުގެ ސަބަބުން ދެބައިކުޅަ އެއްބައި ހަދާފައި އެބަހުރޭ ކޮންޓެކްޓަރުން ގޮއްސަ މިހެންގޮސް އަޅުގަޑުމެންނަށް ބަނދަރު ހެދުމަށް މަދުވާ ބަޖެޓް ކުރެވިފައިވާ 728 މިލިއަން ރުފިޔާގެ ވަރަށް ބޮޑު ބައެއް މިހާރު މިދަނީ ބޭކާރުވަމުން.

މުހަންމަދު ޒުހައިރު: ފީއަލީގައި އަޅުގަޑުމެން ކުރިއަށް މިގެންދާ ޕްރޮގްރާމް ކުރިންވެސް ދެންނެވިހެން މިގެންދަނީ ހިޔާކުރެވިފައިހުރި މިތާގެ އިޖްތިމާއީ އޮފީހެއް ޖަމްއިއްޔާގެ އޮފީސްތެރޭގަ. މިކަން މިހެން ދިމާވީ އަޅުގަޑުމެން ފައްޓަން ހަމަޖެހިފައި އޮތް ގަޑީގައި ކެރިވެހެމުންދާތީ. ކެންޑިޑޭޓު މުހައްމަދު ނަޝީދު ސިފަކުރެއްވި ގޮތުގައި ރަހުމަތުގެ ވާރޭ ވެހެމުންދިޔަ ވަގުތަކަށްވާތީ އަޅުގަޑުމެން ގަޑިއަށް ފެއްޓުމަށްޓަކައި ދެން ފީއަލީގައި އަޅުގަޑުމެން މިގެންދަނީ އަޅުގަޑުމެންގެ އަޑު ދުރަށް ފޮނުވަމުން ތާޅަފިލި މެދުވެރިކޮށް ހަމައެއާއެކު ރެޑިއޯއިން އަޑުއައްސަވާ ބޭފުޅުންނަށްވެސް އަޅުގަޑު ދަންނަވަން ކުޑަބަދަލަކާއެކު ކުރިއަށް މިގެންދަނީ ބައެއް ސުވާލުތައް މުހަންމަދު ނަޝީދަށް ދަންނަވަމުން. ބަނދަރުތަކުގެ ސައިޒުގެ މައްސަލަތައް އެބައުޅޭ ބަނދަރުތައް އަޅުއްވާތަނުގެ މައްސަލަ އެބަހުރި، އެ ބޭނުންތެރި ގޮތަކަށް ނެތް އެއްތައްގަނޑަކަށް އެއްގޮތަކަށް މިހުރީ. މިކަންތައްތައް ކުރައްވަމުން މިގެންދަވާކަމަށް އަޅުގަޑަށް ހަމަ މިރަށުތެރޭންވެސް ތުހުމަތުވެއްޖެ. މީގައި މިހިމެނެނީ ފުރަތަމައިނުން ހޯދަންޖެހޭ ފައިސާ ހޯދުމާ އެކަމުގައި އެގުޅޭ ގާނޫނީވަކީލުންނާ ބޭންކުގެ ފަރާތްތަކާ މިފަރާތްތަކުގަ ހިންގޭ މުއާމަލާތަކަށްފަހު. ދެން މައިގަނޑު ޕްރޮޖްކްޓުގެ އެއޮންނަންވާ ވަރަށްވުރެ މާކުޑަ ގޮތަކަށް. އަވަސްކޮށްލާ އަވަސް އަރުވާލައިގެން ކުރިއަށް ގެންދަވަނީއޭ. މިކަންކަމުގައި އަޅުގަޑުމެން ހައްލެއް ހޯދުމަށް އެމްޑީޕީ ހިމެނޭ އިއްތިހާދަކުން ވިސްނަވާފަ އެބައޮތްތޯ؟

އަންނި: ތެދުފުޅެއް ބޮޑެތި ޕްރޮޖްކެޓްތައް ގެންދެވޭއިރުގައި އޭގައި އެބަހުރޭ ނުސާފު ކިލަނބު ކިތަންމެ ހިސާބެއް. އަޅުގަޑުމެން މިވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ދުވަހަކުވެސް ނުދެކޭ މިންވަރަށް ފަޅުކޮނުމުގެ ނުވަތަ ކަނޑު އަޑިން މޫދު އަޑިން ވެލި ނެގުމުގެ މަސައްކަތް ކުރަމުން މިގެންދަނީ. މިހާރު އަޅުގަޑުމެން މިރާއްޖޭގައި ދަތުރުކުރަމުން މިދާއިރުގައި އެންމެބޮޑަށް އަޅުގަޑުމެންނަށް އަޅައިގަންނަ އެކައްޗަކީ ރަށްރަށް ގިނަ ރަށްރަށް ކައިރީގައި ޖަހާފައިހުންނަ ވެލިފުނި. އެރަށްރަށުގެ ފަޅުތެރެއިން ނަގާފައި ހުންނަ ވެލިން ބަނދަރު ހެދުމުގެ މަސައްކަތާ، މިކަންކަން އަޅުގަޑުމެންނަށް ފާހަގަވެގެން މިދަނީ. ދާއިރުގައި އަޅުގަޑުމެންނަށް މިލަފާކުރެވުނީ މިހާގިނަ ބަދަރު އެއްފަހަރާ ހެދުމާ އަދި ހަމައެއާއެކީގައި 11 އެއާޕޯޓް އެޅުމުގެ ހިއްކުމުގެ ޕްރޮގްރާމަކާ މިހުރިހާ ފަޅުފުންކުރުމުގެ ނުވަތަ ޑްރެޖްކުރުމުގެ މަސައްކަތް ކުރިއަށްދާއިރުގައި އެމަސައްކަތުގެ ފައިދާ ނަފާ އެކިއެކި ބޭފުޅުންނަށް އެކިގޮތްގޮތަށް ފެންނާނެ، ފެނިވަޑައިގަންނަވާނެ. ތެދުފުޅެއްތީ ބައެއް ބޭފުޅުން މިމަސައްކަތުގެ ތެރޭގައި އެމަސައްކަތް ލިބިގަތުމަށްޓަކައި ތަފާތު ބާވަތް ބާވަތުގެ ކުންފުނިތައް އުފައްދާ އެބަ. ފަޅުފުންކުރުމުގެ މަސައްކަތުގެ ތެރެއަށް އެކި ކުންފުނިތަކުން ވެދެވަޑައިގަންނަވާ އެއީކީއެއް ގޯސްކަމެއްނޫން. އެހެންނަމަވެސް އަޅުގަޑުމެންނަށް ބަނދަރެއް ކޮންޓެކްޓަރަކާ ހަވާލުކުރާއިރުގައި އަޅުގަޑުގެ ނަޒަރުގައި އެކަންކުރަން ޖެހޭނީ ފުރަތަމައިނުން، އިހަށް ރަށުގެ ރައްޔިތުންނާ މަޝްވަރާކުރުން. ރަށުގެ ރކ ކޮމިޓީއާ މަޝްވަރާކުރުން. ރަށުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުން. އެފަރާތްތަކުން މިކަންތައްތަކާ ދެކެނީ ކޮންގޮތަކަށްތޯ އޮޅުންފިލުވާ ބަލާފައި ރަށަށް ބޭނުންވަނީ ކޮންބާވަތެއްގެ ބަނދަރެއްތޯ، ކިހިނެއްތޯ، އެކަން ކުރެވެންއޮތީ. ސަރުކާރުން މިއަހަރަށް ބަޖެޓުކޮށްފައިހުރި ފައިސާއިން އެކަން ނުވާކަމަށް ވަނީވިއްޔާ އޭގައި ބުއްދިވެރިގޮތަކަށް ވާނީ އެފައިސާ ރކ ކޮމިޓީ އެކައުންޓަށް ގެނެސްފައި ދެން އަންނަ އަހަރެއްގެ ބަޖެޓުގައި އިތުރަށް ހިމެނެންއޮތް ފައިސާއެއް ހިމަނާފައިވެސް ރކ ކޮމިޓީ މެދުވެރިކޮށްގެންނޫނިއްޔާ އެކަން އެއްގޮތަކަށްވެސް ނުކުރުން. އަޅުގަޑުމެން މަސައްކަތްކުރާނީ ބަނދަރެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުން މިވެނި ވަރަކަށް ރުފިޔާ ފާސްކުރީމާ އެރުފިޔާ ބަދަލުވެގެން އަންނާނީ ރަށުގެ ރކ ކޮމިޓީއަށް. ދެން ބަނދަރު ހެދުމަށް ކުރެހުންވެސް ހަދަންވީގޮތްވެސް އަދި ކޮންޓެކްޓަރުވެސް މިހުރިހާކަމެއް ނިންމާ މި ބަނދަރު ހެއްދުމުގެ ހުރިހާ މަސައްކަތެއްވެސް ކުރަމުންދާނީ ރަށުގެ ރަށު ކައުންސިލުން ނުވަތަ ރކ ކޮމިޓީން އެއީ މާލޭގައި ތިބެގެން މިކަންކުރާކަމަށް ވަނީވިއްޔާ އޭގެ ޚަރަދު އެތައް ގުނަޔަކުން ބޮޑުވެގެންދޭ އަދި އަނެއްކާ މިކުރެވޭ ކަންތައް ވަރަށް ބޮޑަށް ބޭކާރުވެގެން އެބަދޭ.

އަހްމަދު ނަސީރު: އާދެ މިޕްރޮގްރާމް އަޅުގަޑުމެން ފީއަލިން ފޮނުވަމުންދާއިރުގައި އެބަ އަޅުގަޑުމެންނަށްލިބޭ ފޯނު މެދުވެރިކޮށް ކައިރި ރަށްރަށުންނާ އަދި ދުރު ރަށްރަށުން އެކިއެކި ބޭފުޅުންގެ ސުވާލުތައް އެބައާދޭ. އެހެންވީމަ ސުވާލުތައް އައިވަރަކުން އަޅުގަޑުމެން އެސުވާލުތައް ކެންޑިޑޭޓަށް ހުށަހަޅަމުން ކެންޑިޑޭޓުގެ ޖަވާބަށް އެދެމުންދާނަން. އާދެ އެއް ސުވާލު މިހާރު މިއޮތީ ބަނދަރަކީ ސަރުކާރުން ހަދައިދޭންޖެހޭ ތަނެއްތޯ ނުވަތަ ރައްޔިތުން ޚަރަދުކޮށްގެން ހަދަންޖެހޭ ތަނެއްތޯ؟ މިހެން މިދެންނެވީ ބައެއް ފަހަރު ރައްޔިތުންވެސް ބަނދަރު ހަދަން ހަރަދުކުރަން ޖެހޭތީ އަންނި މިއާބެހޭގޮތުން ކީކޭތޯ ޖަވާބަކީ؟

އަންނި: އަޅުގަޑުމެން ހަމަ ދެންމެ އިއްޔެގަ މިއައީ ރިނބުދޫއިން. ރިނބުދޫގައި ބަނދަރު ހެދުމުގެ މަސައްކަތް ކުރަމުން ގެންދަނީ އެރަށުގެ ރައްޔިތުން އެމީހުންގެ ފައިސާގަ. ބަނދަރަކީ އެއްވެސް ހާލެއްގައި ރަށެއްގެ ރައްޔިތުންނަށް ކުރެވޭނެކަމެއްނޫން. އަދި އަމިއްލަ ފަރުދަކަށްވެސް ކުރެވޭނެކަމެއްނޫން ބަނދަރެއް ހެދުމަކީ ސަރުކަރުން ކޮށްދެއްވަންޖެހޭނެ ކަމެއް. ބަނދަރެއް ހެދުމުގެ ހުރިހާކަމެއް އަލިފުން ޔާޔަށް ގެންގޮސް ނިންމާންޖެހޭނީ ހަމަ ސަރުކާރުގެ ޚަރަދުގަ ދެން ބަނދަރަކީ، މަގަކީ، މަދްރަސާއަކީ، ހޮސްޕިޓަލަކީ މިބާވަތުގެ ކަންކަމަކީ ރައްޔިތަކު ދިރިއުޅޭތަނެއްގަ ވެއްޖިއްޔާ ހަމަޖެހިފައި ހުންނަންޖެހޭނެ ކަންކަން. އަދި އޭގެ އިތުރުން މިހާރު ކޮންމެހެންވެސް އަޅުގަޑުމެންގެ ވަރަށް ގިނަ ރަށްރަށުގައި ބޭނުންވެފައިއޮތް ކަމެއް މިއީ ފުރިހަމަ ނަރުދަމާގެ ނިޒާމެއް. އެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަކީވެސް އަޅުގަޑުމެންގެ ސަރުކާރުން ވެދޭ އެހީއާ ހިދުމަތުގެ ތެރޭގައި ކޮންމެހެންވެސް ހިމެނެންޖެހޭނެ ކަމެއް.

އަހްމަދު ނަސީރު: މިހާރު ކެންޑިޑޭޓު ނަޝީދު ވިދާޅުވެއްޖައިމު ނެޝަނަލް ހާބަރ ކިޔާ ރިކަލްމޭޝަން ޕްރޮގްރާމެއްގެ ވާހަކަ އިގޭތޯ. އަޅުގަޑު އަޅައި ގަންނަނީ މިހާރު މި ސްޓޭޓަސް ރިޕޯޓް ދައްކާގޮތުން މިރިޕޯޓް ފުރަތަމަ ތައްޔާރުކޮށްފަ މިއޮތީ މާޗް 2008 ގަ. މިޕްރޮގްރާމް އަޑުއައްސަވަމުން ގެންދަވާ ބޭފުޅުންނަށް އަދި ހާއްސަކޮށް އެމްޑީޕީގެ މެންބަރުންނަށް އެގިވަޑައިގަންނަވާނެ މި ޕްރައިމަރީއާ ވިއްދައިގެން މިކަހަލަ ފުލައް ބަރު ޕްރޮގްރާމެއް ސަރުކާރުން ހުށަހަޅަނީ ކީއްވެ ބާވައޭ. މީހަމަ އުފެދޭނެ ސުވާލެއް އިގޭތޯ.

އަންނި: އާދެ ތިދެން އަބަދުވެސް ސިޔާސީ ހުރިހާ ފަރާތަކުން ސިޔާސީ ވާދަވެރިކަން ގެންދާނެ. އެހެންވީމާ ސަރުކާރުންވެސް ތިބާވަތުގެ ކަންކަން ކުރައްވާނެކަމީ ޝައްކެއް އުފެދޭ ކަމެއްނޫން. އަޅުގަޑު މިވަގުތު އިތުރަށް އެގިލަން ބޭނުންވަނީ ފީއަލީ ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ ތެރެއިން މިޕްރޮގްރާމުގައި އެއްވެސް ސުވާލެއް ހުށަހަޅުއްވާން ބޭނުންފުޅު ވެލައްވާ ބޭފުޅެއް ހުރިނަމަ އެސުވާލެއް މިތަނަށް ދުރުވެ މައިކުން ހަމަ ކޮށްލައްވަނިކޮށް ހަމަ ތިބޭފުޅުންގެ އަޑާ އެކީގައި އެސުވާލު އަޅުގަޑުމެންނަށް ލިބޭނެ. އަޅުގަޑުމެންނަށް އޭގެ ޖަވާބު އެރުވޭނެ. ތިބޭފުޅުން އަޅުގަޑުމެންނަށް މިރޭ އެދުނު ޕްރޮގްރާމެއް ނުބޭއްވުނު ކަމުގައިވީ ނަމަވެސް އަޅުގަޑު ހިތުން އަޅުގަޑުމެންނަށް މިގެންދެވޭ ހަފްލާއަކީ މިރަށަށާ އަދި މައުލޫމާތު ފެތުރުމަށާ މިކަންކަމަށް ވަރަށް ބޭނުންތެރި ހަފްލާއެއް. އެހެންވީމާ ބޭރުން އެއްވެސް ބޭފުޅެއް މިކަމުގައި ބައިވެރިވެލައްވަން ބޭނުންވެ ލައްވާނަމަ އަވަހަށް މިތާ އެތެރެއަށް ދުރުވުމަކީ އަޅުގަޑުމެން ވަރަށް ބޮޑަށް އެދޭކަމެއް.

އަލީ ޝަފީގު: އަޅުގަޑު އަންނިއަށް ސުވާލެއް ދަންނަވާލަން. މިހާރު ފީއަލީގެ ބަނދަރު ކުޑަކަން ފީއަލީގެ އެންމެހާ ރައްޔިތުން ގަބޫލުކުރާކަން އަންނިއަށްވެސް އެގިވަޑައިގަންނަވާނެ. އެގޮތުން މިހާރު ގާސިމް އިބްރާހީމް ބުނެފަވަނީ ރަށްރަށުގެ ބަނދަރު ކުޑަކަމުން ވަރަށް ގިނަ ފަރާތްތަކުން އާދޭސްކުރައްވައިގެން ކޮންމެވެސް މިންވަރަކަށް ބޮޑުކުރައްވަން ވިދާޅުވެފަ އެގޮތަށް ހަމަޖެހިފަ އޮތީ. މިކަންވާންޖެހޭނީ މިގޮތަށްތޯއޭ؟

އަންނި: އަޅުގަޑަކަށް ލަފައެއް ނުކުރެވޭ އެއްވެސް އަމިއްލަ ފަރުދަކަށް އަމިއްލަ ރައްޔިތަކަށް މިބަނދަރު ބޮޑުކުރުމާ ކުޑަކުރުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭނެ ވަސީލަތްތައް ހުރެގެންވާނެ ކަމަކަށް. ހުރިކަމަށް ވަނީ ވިއްޔާ އެއީ މިރާއްޖޭގައި ވަރަށް ބޮޑަށް ކަމެއް ގޯސްކޮށް ހިގާފައި އޮތީ. އަމިއްލަ ފަރުދަކަށް ސަރުކާރުން ހައްދަވާ ބަނދަރުތައް ކުޑަކުރުމާ ބޮޑުކުރުން މިގޮތަށް މިކަން ހުރީކަމަށް ވަނީވިއްޔާ އެއީ ކީއެއް ރަގަޅުކަމެއްނޫން. ބަނދަރެއްގެ ސައިޒާ ބަނދަރަކާ ގުޅޭ ހުރިހާކަމެއް ހަގީގަތުގައި ހިންގަވަންޖެހޭނީ ސަރުކާރުން. އެހެންވީމާ އެއީ ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭކަމެއް. އަޅުގަޑު ނުދެކެން އަމިއްލަ ފަރުދުން މިކަންކަން ކުރުން އެއީ ރަގަޅުކަމެއްގެ ގޮތުގައެއް.

މުހަންމަދު ޒުހައިރު: އަޅުގަޑަށް ދެންމެ ލިބިފައިވާ އެއްސުވާލު ދަންނަވާލާނަން. އެއީ އާސިފް މިރަށުން ކުރައްވާ ސުވާލެއް އިއްތިހާދުގެ ވެރިކަމަކީ އެއީ ކުރެއްވިދާނެ ވެރިކަމެއްތޯއާ އެކަން އެއީ, މިދެންނެވީ އިއްތިހާދުގެ ވެރިކަމަކީ އަންނި ގަބޫލުކުރައްވާނެ ކަމެއްތޯ؟

އަންނި: އާދެ ވަރަށް ބޮޑަށް ޝުކުރިއްޔާ. އަޅުގަޑު މި އިންތިހާބުގައި ބައިވެރިވެގެން މިއުޅޭ އެއްސަބަބަކީ މިދަންނަވާހެން އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމަށް ކުރެވޭ މަސައްކަތުގައި އަޅުގަޑު ބައިވެރިވުން. އަޅުގަޑުގެ މަގްސަދަކީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި, އަމާޒަކީ އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި އަޅުގަޑު އިންތިހާބުވީމާ އިރާދަކުރައްވައިގެން އަޅުގަޑު ދާނީ އިއްތިހާދުގެ މޭޒަށް. އެގިވަޑައިގަންނަވާނެ އެމޭޒުގައި މިހާރު އަޅުގަޑުމެން އުފައްދާފައިމިވާ ހުރިހާ ޕާޓީތަކުގެ ގުޅުމުގައި މިވަނީ އަދާލަތު ޕާޓީއާ, އިސްލާމިކް ޑިމޮކްރެޓިކް ޕާޓީއާ, ސޯޝަލް ލިބަރަލް ޕާޓީއާ, އަދި ވަކިވެވަޑައިގެންނެވި ތިން ވަޒީރުން ހައްދަވާފައިވާ ނިއުމޯލްޑިވްސް ހަރަކާތާ, އެމްޑީޕީ. އެހެންވީމާ އަޅުގަޑުމެން މީގެ ތެރެއިން އަދާލަތު ޕާޓީން ހާމަކުރައްވާފައި މިވަނީ އެބޭފުޅުން ރިޔާސީ ކެންޑިޑޭޓެއް ނުނެރުއްވާނެކަމަށް. އަޅުގަޑުމެން މިހާރު މިއުންމީދު ކުރަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ކަނޑައެޅިގެން ފާހަގަވީމާ އެ އިއްތިހާދުގެ މޭޒުދޮށުގައި އޭރުން ތިއްބަވާނެ 4 ރިޔާސީ ކެންޑިޑޭޓުން. އަޅުގަޑުމެންގެ މަސައްކަތަކީ އަދި އަޅުގަޑު ޔަގީންކުރާ ގޮތުގައި މި ހަތަރު ކެންޑިޑޭޓުންގެ ތެރެއިން އަޅުގަޑުމެންނަށް ނެރެވޭނެ އެއް ކެންޑިޑޭޓު. އެއީ މި ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނުކުންނާނެ ކެންޑިޑޭޓަކީ. ދެން އަޅުގަޑަށް އެގޭ މިރޭގެ ޕްރޮގްރާމަކީ ބަނދަރާ ގުޅޭގޮތުން އޮތް ޕްރޮގްރާމެއްގެ ގޮތުގައި އިއުލާނު ކުރެވިގެން މިދަނީ. އެހެންނަމަވެސް މިމައުޟޫގައި އަދި އަޅުގަޑު ދެތިން ވާހަކައެއް ދަންނަވާލަން އެބަ އެދެން. އަޅުގަޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ވަރަށް ބޮޑަށް އުންމީދުކޮށްގެން އައީ ކުރިއަށް މިއޮތް އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި މިހާރު މިހުންނެވި ބޭފުޅާ މައުމޫނު އަބްދުލްގައްޔޫމް އިތުރަށް ކުރިމަތި ނުލެއްވުމަށް. އަދި ނުލެވޭނެ ގޮތަކަށް ގާނޫނުއަސާސީއާ ގާނޫނުތައް ހަމަޖެހިގެން ދިޔުމަށް. އެއީ އެބޭފުޅުންގެ އުންމީދު. އަޅުގަޑު އިހްތިރާމުވެސްކުރަން އެ އުންމީދަށް އަދި އެއީއަކީއެއް އުސޫލެއްގެ ގޮތުން އަދި އަހުލާގީ މިންގަޑުތަކުން ބަލާއިރުގައި ގޯސްކަމެއްނޫން. އަދި ދިވެހި ގައުމިއްޔަތަށް ބަލާއިރުގައިވެސް ރައީސްމައުމޫނު ދެން އިތުރަށް ކުރިމަތި ނުލެއްވުމަކީ ހަމަ ވަރަށް ރަގަޅުކަމެއް. އެހެންނަމަވެސް އަޅުގަޑު މީގައި ފާހަގަކޮށްލަން ބޭނުން ވަނީ އެމްޑީޕީއަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިތޯއޭ ހަމައެއާއެކީގައި މީގަ އަދި ބައްލަވަންޖެހޭނެ އެމްޑީޕީއަށް ފައިދާހުރި ގޮތަކީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ފައިދާހުރި ގޮތް. އެގޮތަކީ މިރާއްޖޭގެ ރައްޔިތުންނަށާ މިރާއްޖެއަށްވެސް ފައިދާހުރި ގޮތް. އަޅުގަޑުމެންނަށް އެންމެ ބޮޑަށް ކާމިޔާބު ހޯދޭނީ ކޮން ކެންޑިޑޭޓަކާ ވާދަކޮށްގެންތޯ އަޅުގަޑަށް އަބަދުވެސް ލަފާކުރެވެނީ އަޅުގަޑުމެންނަށް އެންމެ ފަސޭހައިން ކާމިޔާބު ކުރެވޭނީ ހަމަ މައުމޫނު އަބްދުލްގައްޔޫމާ އަޅުގަޑުމެން ވާދަކޮށްގެންނޭ. އެނޫންބޭފުޅަކާ އަޅުގަޑުމެން ވާދަކުރީމާ މިހާރު އަޅުގަޑުމެން މިދެކެނީ ބޯވައަކީ ކުލަ ބަދަލުކުރާ އެއްޗެއް. އެގަލުގައި އިނދެ ގަލެއްހެން ކުލަ ބަދަލުކުރީމާވެސް ހަމަ ބޯވަ އެބައިނދޭ ގަލުގައި. ގަލެއްނޫން އެއީކީއެއް އެހެން ވީމާ އަޅުގަޑުމެންނަށް ކެންޑިޑޭޓެއް ވާދަކުރާއިރުގައި ވާދަކުރާން މިބޭނުންވަނީ މިވެރިކަމާ. އަޅުގަޑުމެން ވާދަކުރާން މިއެދެނީ މިހާރު މިހިނގަމުން މިދާ ދިވެހި ވެރިކަމުގެ ފާޑާ މިސިޔާސަތާ އަދި މިބޭފުޅުންނާ ދެން އެގިވަޑައިގަންނަވާނެ އަޅުގަޑުމެން މިއޮތްހާދުވަހުވެސް ވާދަކޮށްފައި މިވަނީވެސް އެބޭފުޅުންނާ. އެހެންވީމާ ކުރިއަށްއޮތް ތަނުގައިވެސް އަޅުގަޑު ހަމަގައިމުވެސް ވާދަކުރަން އެދެނީ މައްޗަންގޮޅީ ކިނބިގަސްދޮށުގޭ މައުމޫނު އަބްދުލްގައްޔޫމާ. ދެން އަޅުގަޑަށް އެގޭ، އަޅުގަޑުމެންނަށް ޔަގީން ހަމަ އިއްތިހާދުން ނުކުންނަ އެއް ކެންޑިޑޭޓާ މިއިންތިހާބުގައި ވާދަކޮށް ކާމިޔާބު ކުރުމަކީ އަޅުގަޑުމެން ދެކޭގޮތުގައި މިހާރު އެހާ އުނދަގޫކަމެއްނޫން. އިރާދަކުރެއްވިއްޔާ އަޅުގަޑު ދަންނަވާނީ 11 ނޮވެމްބަރު 2008 ވަނަދުވަހު މިރާއްޖޭގައި ދެން ރައީސުލްޖުމްހޫރިއްޔާއެއްގެ ގޮތުގައި ހުވާކުރާނީ އެމްޑީޕީ ހިމެނޭ އިއްތިހާދެއްގެ ވެރިޔެކޭ.

އަހްމަދު ނަސީރު: މިހާރު ތިޔަވިދާޅުވި ވާހަކަޔާ ބެހޭގޮތުން ފަހަރެއްގަ މީހަކު ސުވާލު ކޮށްލަފާނެ ކީއްވެގެން ހެއްޔޭ މައުމޫނުއަބްދުލް ގައްޔޫމާ ވާދަކުރަން އެމްޑީޕީއަށް ފަސޭހަވާނީ ކޮބައިތޯ އޭގަ މައިގަނޑު ޕޮއިންޓަކީ؟

އަންނި: ބައްލަވާ ޑީއާރުޕީގެ ފަރާތުން މިރާއްޖޭގެ ރައްޔިތުން ވަރަށް ގިނަ ރައްޔިތުން ބޭނުންވަނީ ބަދަލެއް ބޭނުންވަނީ އެހެން މޫނެއް. އަދި އެއީ އެއްބަޔަކު މިތިބީ ތަރައްގީވެސް ވެއްޖެއޭ. ދެން ތިމަންނާގެ ދިރިއުޅުންވެސް އެހާ ގޯހެއް ނޫނޭ. ތިމަންނާގެ ކަންތައްތަކަށްވެސް ތިމަންނާއަށްވެސް ނޭވާލާ އެބަ އުޅެވެއޭ. މާބޮޑު މައްސަލައެއް ތިމަންނާގެ ނެތޭ. އެހެންނަމަވެސް އެމީހާވެސް އެބަބުނެއޭ ތިމަންނާވެސް ބޭނުމޭ ބަދަލެއް. އަޅުގަޑު މިދަންނަވާ ވާހަކައަކީ މައުމޫނު ފިޔަވާ އެހެން ބޭފުޅަކު ޑީއާރުޕީން ކުރިމަތި ލައްވައިފިއްޔާ ފުރަތަމައިނުން އަޅުގަޑުމެންނަށް އެގެއްލުނީ އެބަދަލެއް އެދޭމީހާގެ ވޯޓު. އަޅުގަޑުމެން ބޭނުން ވަނީ ގިނަ ވޯޓް އަޅުގަޑުމެންނަށް ހޯދަންކަމަށް ވަނީވިއްޔާ އަޅުގަޑުމެން ރާއްޖޭގައި މިވަގުތު އެބަތިއްބޭ އަޅުގަޑު މިދަންނަވަނީ މައުމޫނަށް ވޯޓު ނުލުމަށް ނުވަތަ ބަދަލަކަށް އެދި އެހެން ވެރިކަމަކަށް އެދި ތިބި ވަރަށް ގިނަ އަދަދެއްގެ ރައްޔިތުން. އެހެންވީމަ އެ ރައްޔިތުންގެ އިހުސާސްތައް އަޅުގަޑުމެންނަކަށް ވާސިލެއް ނުކޮށްދެވޭނެ އެހެން ކެންޑިޑޭޓަކު ނިކުމެއްޖެނަމަ. ދެން ޑީއާރުޕީގެ ފަރާތުން މިސާލަކަށް އިސްމާއީލް ޝަފީއު ނުކުންނެވިޔަސް. ނުވަތަ ދުންނާ މައުމޫނު ނުކުންނެވިޔަސް. ނުވަތަ އަބްދުﷲ ޔާމީނު ނުކުންނެވިޔަސް. ނުވަތަ ގާސިމް އިބްރާހީމް ނިކުންނެވިޔަސް. ނުވަތަ ތަސްމީނު އަލީ ނުކުންނެވިޔަސް އަދި ކޮންމެ ބޭފުޅަކު ނުކުންނެވިޔަސް އެވާނީ އާބޭފުޅަކަށް. އަޅުގަޑުމެންނަށް އެބޭފުޅަކާ ވާދަކުރާ އިރުގައި ބޭނުން ކުރަންޖެހޭނެ ކަންކަން ވަރަށް ބޮޑަށް ތަފާތުވެގެންދާނެ. އެހެންވީމަ އަޅުގަޑު ދަންނަވާނީ މި އިންތިހާބަށް ބަލާއިރުގައި ހާއްސަކޮށް ކެމްޕޭނަކުން ކާމިޔާބު ކުރުމަށް ދާއިރުގައި މި އަޅުގަޑުމެންނަށް އަޅުގަޑުމެންގެ ޕާޓީއަށް އެންމެ ފައިދާހުރި ގޮތަކަށް ވާނީ ހަމަ ރައީސްމައުމޫނާ އަޅުގަޑުމެން ވާދަ ކުރުމުންނޭ. އަޅުގަޑުމެންނަށް އެންމެ ބޮޑު ކާމިޔާބެއްވެސް ލިބޭނީ އެގޮތަށް. އަދި އަޅުގަޑުމެންގެ ޕާޓީގެ ތިބި އިސްސަފުގައި ތިބި ބޭފުޅުން އެންމެ ފަރިތަވާނީވެސް މައުމޫނާ ވާދަކުރަން. ހަމަ ކަށަވަރުންވެސް އަޅުގަޑަށް މިހާތަނަށް ކުރެވިފައި މިއޮތްކަމަކީ މައުމޫނާ ވާދަކުރުން. އެހެން ވީމާ ކުރިއަށް އޮތްތަނުގައިވެސް އިރާދަކުރެއްވިއްވާ އެބޭފުޅާޔާ ވާދަކުރާނަން ވާދަކޮށް އަޅުގަޑުމެންނަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ލިބޭނެ.

އަހްމަދު ނަސީރު: އާދެ މިހިސާބުން އަނެއްކާވެސް އަޅުގަޑަށް ހީވަނީ ސުވާލެއް އަޅުގަޑުމެންނަށް ލިބިއްޖެހެން އެހެންވީމަ މިސުވާލު ދަންނަވާލުމަށްޓަކައި އަޅުގަޑު ހަވާލުކޮށްލާނަން އަލީ ޝަފީގަށް.

އަލީ ޝަފީގު: އާދެ ސުވާލަކީ އެމްޑީޕީން ތާއީދުކުރަނީ އެއްފަސްކުރުމުގެ ސިޔާސަތަކަށްކަމަށް އަޑުއިވޭ އެކަމަކު އަންނި އެބަވިދާޅުވޭ ދަތުރުފަތުރުގެ ނިޒާމަކަށް އަތޮޅުގެ ރަށްތައް ގުޅާލައްވާނެކަމަށް އެއްފަސްކުރުމަށްވުރެ ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ ފައިދާ ބޮޑީތޯއޭ؟

އަންނި: ޝުކުރިއްޔާ އިގޭތޯ. އެމްޑީޕީގެ ސިޔާސަތުގައި އެއްފަސްކުރާކަށް އެއީ އެމްޑީޕީގެ ސިޔާސަތުކަމަކަށް ކަނޑައެޅިގެން ބަޔާންކޮށްފަކާއެއް ނުވޭ. އެމްޑީޕީގެ ސިޔާސަތުގައި ވަނީ ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ހިދުމަތްތައް ހޯދައިދިނުމާ ރައްޔިތުންގެ ތަރައްގީއަށް މަސައްކަތްކުރުން ދެން ތިސުވާލުގެ ދެވަނަބަޔަށް އަޅުގަޑު ދާނަން އެއީ އެއްފަސްކުރުންތޯ ރަގަޅީ ނުވަތަ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމެއްތޯ ރަގަޅީ. ފުރަތަމައަށްވެސް ފާހަގަކުރަން ބޭނުންވަނީ މިހާރު އަޅުގަޑުމެން އެއްފަސްގަނޑަކަށް ހުރިހާ ރައްޔިތުންތަކެއް ތޮއްޖައްސާންވެގެން މިއުޅޭ ސަބަބަކީ އެހުރިހާ ރަށެއްގައި ހުރިހާ ޚިދުމަތެއް ބިނާކުރެވެން ނެތުނީމާ. ނުވަތަ ނުކުރާންވެގެން. ނުވަތަ ކުރުން އެއީ ރަގަޅުކަމަކަށް ނުވާތީ. މިސާލަކަށް މިރަށުގައިވެސް ނެތް މިރަށުގައި ގްރޭޑް 6 ކާ. ގްރޭޑް 7 ކާ. ގްރޭޑް 10އަކާ. 12ޔާ. އަދި ޔުނިވަރސިޓީއަކާ. އަދި ހޮސްޕިޓަލަކާ އަދި އެހެންގޮސް ރައްޔިތުންނަށް ބޭނުންވާނެ ހުރިހާ ޚިދުމަތްތަކެއް ކޮންމެ ރަށެއްގައި ގާއިމުކުރަން ކަމުނުދާތީވެ އަދި އެއީ ޚަރަދުގެ ގޮތުން ނުފުދޭކަމަކަށް ވާތީވެ މި ރައްޔިތަކު އެކީގައި ނުވަތަ ތިންހަތަރު ރަށެއް އެއްކޮށްލާފައި އެހުރިހާ ރައްޔިތުން އެއްތަނެއްގައި ބައިތިއްބާފައި އެތަނުގައި ހުރިހާ ޚިދުމަތެއް މިދެނީ. މީގެ ބޭނުމަކީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ހިދުމަތް ލިބެންހުރުން. ދަތުރުފަތުރު ކުރުމުގެ ނިޒާމަކުން ރަގަޅު ފުރިހަމަ ފީއަލީ މީހަކަށް ފަސޭހައިން އިތުބާރާ އެކީގައި މިރަށުން ފުރައިގެން ދިހަވަރަކަށް މިނެޓް އިރުތެރޭގައި ވިއްސަކަށް މިނިޓްއިރު ތެރޭގައި މިއަތޮޅުގެ ކޮންމެ ރަށަކަށްވެސް ހަގީގަތުގައި ދެވޭ. ލޯންޗެއްގަ ވެއްޖިއްޔާ ބާރަށް ދުއްވާ އެއްޗެއްގަ ވިއްޔާ އެބަދެވޭ. އެހެންވީމާ މިރަގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް މިއަތޮޅުގައި ގާއިމު ކުރެވިއްޖެއްޔާ މިއަތޮޅުގެ ހުރިހާ ރައްޔިތުންނަށްވެސް މިއަތޮޅުގެ ހުރިހާ ހިދުމަތެއް އެހުންނަނީ އަތްފޯރާ ފަށުގަ. މަދްރަސާއަށް މަތީ ތައުލީމަށް މިސާލަކަށް އެގާރަ. ބާރައަށްދާން ބޭނުންވާ ކުއްޖެއް އޭނާއަށްވެސް ހެނދުނު މަދްރަސާއަށް ގޮއްސާ ހަވީރު އަލުން އަނބުރާ ރަށަށް ގެއަށް އާދެވޭނެ. ދަތުރުފަތުރު ކުރުމުގެ ނިޒާމެއްގެ ފުރިހަމަ ނިޒާމެއް ގާއިމު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މީ. މިކިޔާ އިކްނޮމީޒް އޮފް ސްކޭލް ނުވަތަ އެ ބޮޑުވީމާ ގިނަ އަދަދެއްގެ މީހުންގެ ތެރޭގައި ހިންގާ ކަންތައްތަކުން ލިބޭ ނަފާ ބޮޑުވާނޭ ބުނާ ކަންތައް. މިސާލަކަށް، ފީއަލީގައި ހުންނަ ފިހާރަޔަކަށް މުދާލާންޖެހޭނީ ހަމައެކަނި ފީއަލީ ރައްޔިތުންނަށް ވާވަރަކަށެއް ނޫނޭ. އެމުދާ ލެވިދާނޭ މުޅިއަތޮޅު ރައްޔިތުންނަށް ވާވަރަށް. ބޭނުންވާ ވަރަށް ހުންނަ މުދާ ފީއައްޔަށް އައިސް މީހުން ވިޔަފާރިކުރާ އުސޫލު ހަމަޖެއްސިދާނޭ އިސްތިހާރު ކުރީމާ ރަގަޅު ފިހާރައެއް މިތާ ހުންނަންޏާ ބިލެއްދޫ މީހާ އަންނާނީ ރަގަޅު ފިހާރައަށް. ބިލެއްދޫގައި ފީއަލީ ފިހާރައަށްވުރެ ރަގަޅު ފިހާރައެއް، އަގުހެޔޮކޮށް ތަކެތި ވިއްކާ ފިހާރައެއް ހުރިއްޔާ، ނުވަތަ ހިދުމަތް ރަގަޅަށްދޭ ފިހާރައެއް ހުރިއްޔާ ނުވަތަ ރަގަޅު މޮޅު ތަކެތި ވިއްޔާ ފިހާރައެއް ހުރިއްޔާ މިރަށު މީހުން ދާނީ ފީއައްޔަށް ނުވަތަ ފީއަލީ މީހުން ދާނީ ބިލެއްދޫއަށް. އަޅުގަޑުމެން ދެންމެ ބިލެއް ދޫން އައިއިރުގައި އަޅުގަޑުމެން ޖަލްސާވުމުގެ ހަމަ ކުޑައިރުކޮޅެއް ކުރީގައި ވަރަށް ނުތަނަވަސްވެފައި މީހަކު ތަނަކަށް ދަމުން ދަމުން ކޮބާ ބޭބޭ ކޮންތާކަށްތޯއޭ ތިދަނީ ބުނީމަ ބުނީ ދޮޅު އިންޗީގެ ޖޮއިންޓެއް ހޯދަހަރޭ. މުޅި ރަށަކުން ދޮޅު އިންޗީގެ ޖޮއިންޓެއް ނުލިބުނޭ. އަޅުގަޑު މިދަންނަވާ ވާހަކައަކީ ދޮޅުއިންޗީގެ ޖޮއިންޓު ކޮންމެހެން ބިލެއްދޫގައި ނެތަސްވެސް އޭނާއަށް ފަސޭހަކަމާ އެކީގައި ފީއައްޔަށް އައިސް އަޅުގަޑު މިއަދު ބަލާލިއިރު ފީއަލީ ފިހާރައެއްގައި އެބަހުރި ދޮޅުއިންޗީގެ ޖޮއިންޓު އޭނާއަށް ފަސޭހަކަމާ އެކީގައި ފީއަލީ ފިހާރައަކުން އެގަނެލެވޭގޮތަށް އޮވެއްޖިއްޔާ އޭނާ ނުޖެހޭނޭ އެކަމާ ކަންބޮޑުވެގެން އުޅޭކަށް. އޭނާގެ މަސައްކަތަށްވެސް ހުއްޓުމެއް ނާންނާނެ. އަދި މިތަނުގެ ވިޔަފާރިވެސް ރަގަޅުވެގެންދާނެ. އެހެންވީމަ ދަތުރުފަތުރު ކުރުމަކީ ކޮންމެހެން ތަރައްގީއަށް ބޭނުންތެރިކަމެއް އަދި އެއްފަސްކުރުމާ މިކަމާ މާބޮޑު އަރާރުމެއްވެސް ހަގީގަތުގައި ނުވޭ. އަޅުގަޑުމެންނެއް ނުބުނަން ރައްޔިތަކު ބޭނުން ވަނީ ފީއަލީ ރައްޔިތަކު ބޭނުން ވަނީ މިސާލަކަށް ހުޅުމާލޭގައި ދިރިއުޅެން ބޭނުންވަންޏާ ހުޅުމާލޭ ގެދޮރު އޭނާ ގަންނާން ވިއްޔޭ އަޅުގަޑުމެން މިބަލަނީ ކޮންމެ ރަށެއްގައިވެސް ގެދޮރު އަޅައިދޭނެ ކުންފުނިތައް ހުންނާނޭ. އެކުންފުނިތަކުން ދިގު މުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާގޮތަށް ގެދޮރު ގަންނާން ހޯދައިދޭނޭ. އެހެންވީމާ ފީއަލީ ބިލެއްދޫ ރައްޔިތަކު ބޭނުން ވެދާނެ ފީއަލިން ގެއެއް ގަންނަން. ބޭނުންވެއްޖިއްޔާ އެގެ އޭނާ ފީއަލިން ގަންނާންވީ. ދެން މީގަ އަނެއްކަމަކީ އިގޭތޯ ބައްލަވާ ރިނބުދޫ ރައްޔިތުންގެ ތެރެއިން ބޮޑުބައެއް މިބަދަލުކުރީ ތުލުސްދޫއަށް. އެއީ ގާތްގަނޑަކަށް 40 ގެ 40 ގެ. އަދި އެމީހުންނަކަށް ތުލުސްދޫއަކު ގެއެއް ނުދެވޭ މިހާރު ގެތަށް އިމާރާތް ކުރުމުގެ މަސައްކަތުގަ މިއުޅެނީ މި 40 ގެ އިމާރާތްކުރަން އެބަދޭ މަދުވެގެން 40 މިލިޔަން ރުފިޔާ. 40 ގެއަށް މިހުރިހާ ރައްޔިތުން ތުލުސްދޫއަށް ގެންގޮސް ތުލުސްދޫގައި އެކަން ހަމަޖައްސަން ވަރަށް ބޮޑު އަދަދެއްގެ ހަރަދު އެބަދޭ. މިހުރިހާ ރަށްރަށް ބަދަލުކޮށް ނިމޭއިރުގައި އެއަށްދާ ހަރަދާ މިހާރު ރިނބުދޫ ބިނާކުރަން ތަރައްގީކުރަންދާހާ ހަރަދު އެބަދެޔޭ ރިނބުދޫ ރައްޔިތުން އެހެން ތަނަކަށް ގެންދަން ނުވަތަ އަޅުގަޑުމެން މިބުނާ ދަތުރުފަތުރު ކުރުމުގެ ނިޒާމު ގާއިމުކުރުމުގެ ހަރަދަށްވުރެ ދެގުނަ ހަރަދެއް އެބަދެއޭ އެއްތަނުން އަނެއް ތަނަށް ރައްޔިތަކު އެކީގައި ބަދަލުކުރަން. އެހެންވީމާ ހަރަދުގެ ގޮތުން އިގްތިސާދީގޮތުން ބެލިޔަސްވެސް އެއްފަސްކުރުމަށްވުރެ ރަގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަކީ މާ އަޅުގަޑު ދެކޭގޮތުގައި މުހިންމުކަމެއް. ރަގަޅުކަމެއް.

މުހަންމަދު ޒުހައިރު: އާދެ މިހާރު ލިބިފަމިއޮތް ސުވާލަކީ އިސްލާހުކުރެވޭ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންނަށް ލިބޭ ހައްގުތައް ލިބި މަލްޓިޕާޓީ އިލެކްޝަނެއް ބޭއްވޭނީ ރައީސް މައުމޫނު އަބްދުލްގައްޔޫމް ގާނޫނުއަސާސީ ތަސްދީގު ކުރެއްވީމާކަމަށް ދެކެވޭ. އެހެންވީމާ މައުމޫނު އެކަން ނުކުރައްވައިފިއްޔާ ދިވެހި ރައްޔިތުން ކުރިއަށްދާން އޮތް މަގަކީ ކޮބައިތޯ؟

އަންނި: އަޅުގަޑު ނުދެކެން މައުމޫނު އެކަން ނުކުރައްވާ ހުންނަވާނެ ކަމަކަށް. ރާއްޖޭގެ ވަރަށް ގިނަ ވެރިންނާ މިފަދަ ދަނޑިވަޅުތައް އެބަހުރި ކުރިމަތިވެފަ. އެފަދަ ދަނޑިވަޅުތަކުގައި އެފަދަ ވެރިން އަމަލުކޮށްފައި ހުންނަނީ މަޖުބޫރީ ހާލަތެއްގައި. ނަމަވެސް އެއިރެއްގައި ރައްޔިތުން އެދޭގޮތަށް 1932 ގައި ރާއްޖޭގައި އެންމެ ފުރަތަމަ ގާނޫނުއަސާސީއެއް އެކުލަވާލެވުނު އިރުގައި އެގާނޫނުއަސާސީގައި ސޮއިނޭޅުމަށް ޝަމްޝުއްދީން ރަދުން ފަހަތަށް ޖެހިވަޑައިގެންނެވި. އެދުވަހު ދޮންގޮމާ އެރަދުންގެ ދައިތާފުޅުގެ ބަސްފުޅަށް ރަދުން އެންމެފަހުން އައިސް އެހަމަ ގާނޫނުއަސާސީ ތަސްދީގު ކުރެއްވީ. ރައީސްމައުމޫނު ގާނޫނުއަސާސީ ތަސްދީގު ކުރެއްވުމަށް ބާރުއެޅުމަށް މިއަދު އެބަ ތިބި އެތައްބައެއް. ހަމައެކަނި ދޮންގޮމައެއްނޫން. އެތައްބައެއް އެބަތިބި. ހާއްސަކޮށް އެކުވެރި ދައުލަތްތައް ބައިނަލްއަގުވާމީ މުޖްތަމައު. އެހެންވީމާ އަޅުގަޑު ނުދެކެން ރައީސްމައުމޫނަށް ގާނޫނުއަސާސީ ތަސްދީގު ނުކުރައްވާ އެ ފަސްކުރައްވާ ނުވަތަ އެކަން ނުކުރައްވާން އެއްކައިރިވެވަޑައިގެންނެވޭނެ ގޮތެއް މިވަގުތު އޮތްކަމަކަށް. އަދި އަޅުގަޑު ނުދެކެން ދިވެހި ރައްޔިތުންވެސް މިރާއްޖޭގެ ރައްޔިތުންވެސް މިތިބީ އެފަދަކަމެއް ހިނގަމުން ދާއިރުގައި ވަރިހަމަކޮށްލައިގެން ތިއްބަވާކަށް. ތިއްބެވި ރައްޔިތުންނެއް ނޫން އަޅުގަޑުމެން ތެރޭގަ މިތިބީ. އަޅުގަޑު ހިތުން ވަރަށް ބޮޑު ސީދާ ހަރަކާތަށާ އިހްތިޖާޖު ކުރުމަކަށް ދާނެ އެފަދަ ހާލަތެއް މެދުވެރި ވެއްޖިއްޔާ. އިރާދަކުރެއްވިއްޔާ އެހާލަތެއް މެދުވެރިއެއްނުވާނެ.
އަހްމަދު ނަސީރު: އާދެ އަންނި މިހާރު ތާހިރު ދިރިއުޅުމަކަށްޓަކައި ތިޔަކުރައްވާ ކެމްޕެއިން ކުރެއްވުމުގެ ތެރޭގައި ވަރަށް ގިނަ ރަށްރަށަށް ވަނީ ޒިޔާރަތް ކުރައްވާފަ. އެޒިޔާރަތް ކުރެއްވުންތަކު ތެރޭގައި ހަމަޔަގީނުންވެސް ރާއްޖޭގެ ތަރައްގީ ނުވަތަ ރާއްޖޭގެ ތަރައްގީއެއް އައިސްފައޮތްކަން ނުވަތަ ނޫންކަން ނުވަތަ ތަރައްގީއެއް އައިއްސައޮތިއްޔާ އެއީ ކޮންކަހަލަ ތަރައްގީއެއްކަން ކޮންމެވެސް ވަރަކަށް މިހާރު ހުންނާނީ ތަސައްވަރު ކުރެވިފަ. އެގޮތުން ބަލާއިރު އަޅުގަޑުގެ ސުވާލަކީ ފީއަލީ ތަރައްގީއާ ބެހޭގޮތުން ކީކޭތޯ ވިދާޅުވަނީ އަދި މިހާރު މިއޮތް ފެންވަރުގައި މިރަށް މިއޮތީ ކީއްވެތޯއޭ؟ މިރަށަކީ ހަނދުމަފުޅު ހުންނާނޭހެން 52 ވަނަރަށް މިކެމްޕޭނުގަ.

އަންނި: ފީއަލީގެ ތަރައްގީއަށް މިވަގުތު އަނެއްކާވެސް އަޅުގަޑު އިޝާރާތް ކޮށްލަންޖެހެނީ އެމްޑީޕީ އުފެދިގެން އައިއިރުގައި މިރަށުގައި އުފެދުނު ގޮތްޕަށް ކިޔަނީވެސް ބަނދަރުގޮތްޕޭ. މިރަށު ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެގެން ތިބީ މިރަށުގައި ބަނދަރެއް އޮތުމަށް އެބަނދަރަކީ މިރަށު ރައްޔިތުން ބޭނުންވީ އެބަނދަރަކީ ދޯނިފަހަރު ބަނދަރު ކުރެވޭވަރުގެ ބަނދަރަކަށްވުމަށް. އެގިވަޑައިގަންނަވާނެ ފީއަލީ ރައްޔިތުން ނުވަތަ ފ.އަތޮޅުގެ ރައްޔިތުން މީގެ ދުވަސްކޮޅެއް ކުރީގައި ވަރަށް ފުޅާގޮތަކަށް ހިންގަމުން ގެންދިޔަ އެއްމަސައްކަތަކީ ފާނައިގެ މަސްވެރިކަން. މިހާރު އެކަން ކުޑަކޮށް ހިނދިލާ އަދި އެމަސްވެރިކަން ކުޑަކޮށް ދަށަށް ގޮސްފައި ވީނަމަވެސް ފީއަލީ ރައްޔިތުން ހީވާގިކަމާ އެކީގައި އެނބުރެމުން މިހާރު އެދަނީ ބޮޑުކަންނެލީގެ މަސްވެރިކަމާ. މީގެން މިއެގޭ އެއްޗަކީ މިރަށު ރައްޔިތުންނަކީ އަބަދުވެސް އެންމެ ނަފާބޮޑު އެންމެ ރަގަޅު ދިމާލަކަށް މަސްބާނަންދާ ރައްޔިތެއް އުޅޭ ރަށެއްކަން. އެހެންވީމާ އެއީ އަޅުގަޑުމެން މިދެކޭގޮތުގައި ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތަކީ. ދުރުވިސްނޭ ރައްޔިތަކުއުޅުން އެރައްޔިތަކީ ނުކުމެ ކަންކަމާ ހަރަކާތްތެރިވެގެން ފައިދާހޯދަންއުޅޭ ބަޔަކަށްވުން. އެހެންވީމާ ފީއަލީ ރައްޔިތުން މިހާރު މިދަނީ ބޮޑުކަންނެލީގެ މަސައްކަތްތަކުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުން އަޅުގަޑުމެން މިދެކެނީ އެމީހުންނަށް އެރައްޔިތުންނަށް އެމަސްވެރިންނަށް އެކަން ފަހިކުރުމަށްޓަކައި ކުރަން ހުރި ކަންތައް ވަރަށްގިނަ އިގޭތޯ. ފުރަތަމަ ކަމަކަށް މަސްވެރިންނަށް އަތްފޯރާ ފަށުގައި މަސްބަންދުކުރާނެ ތަންތަން ހުރުން އެއީ. މިހާރު އެބޭފުޅުން އެދާންޖެހެނީ މާލެއަތޮޅަށް. މާލެއަތޮޅަށްގޮސް މަސް އެތަނަށްވިއްކާފައި އެބަ އެތަނުގައި މަސް ބަންދުކުރާ ނުވަތަ މަސްގަންނަ ހާނާތަން ހުރީ މާލެއަތޮޅުގަ. އެހެންވީމާ އެހިސާބަށް އެބަ ދަތުރުކުރަންޖެހޭ މަހާއެކީގަ. އަޅުގަޑުމެން މިއުންމީދު ކުރަނީ ފ އަތޮޅުގައިވެސް މަސްބަންދުކުރެވޭނެ ކޮންމެވެސް ނިޒާމެއް ހަމަޖެއްސިދާނެކަމަށް. އަދި އެނިޒާމު ހަމަޖެހުނީމާ އަޅުގަޑުމެން މިދެކެނީ މިތަނުގެ ތަރައްގީ މިއަށްވުރެ ފުޅާވެގެން ދާނެކަމަށް. ހަނދުމަފުޅު ބަހައްޓަވާތި މިރާއްޖޭގައި ވައްލަ ބިސްއަޅާ ރަށްތަކެއް އެރަށްތަކުން އަޅުގަޑުމެން މި ރަންބިސް އަޅާ ކުކުޅުތަކަކަށް ބަދަލުވެގެން ދިޔައީ. އެރަށްތަކުގެ ގޮނޑުދޮށްތަކާ ޔޫރަޕުގެ މާކެޓްތަކާ ގުޅާލެވުނީމަ މަސްވެރިކަންވެސް މިރާއްޖޭގައި ތަރައްގީވެ ދާނީ. މަސްކަނޑުތަކާ އަދި ޔޫރަޕުގެ މާކަނޑުތަކާ ގުޅާލެވުނީމަ. އެހެންވީމަ އަޅުގަޑު ދަންނަވާނީ ފީއަލީގެ ރައްޔިތުން މިތިބީ މިކަމަށް ވަރަށް ބޮޑަށް ތައްޔާރަށޭ. އެމީހުންނަށް ކިރިޔާވެސް ފުރުސަތެއް ލިބިއްޖެނަމަ ތަރައްގީވެދާނޭ.

އަހްމަދު ނަސީރު: އާދެ އަނެއްކާވެސް މިޕްރޮގްރާމް އެގިވަޑައިގަންނަވާނެ ފަދައިން މިހާރު ނިމުމަކަށް އަންނަން ވަރަށް ގާތްވެއްޖެ. އެކަމަކު އަދި އެބައޮތް ކުޑަކުޑަ ސުވާލެއް މިރަށުގެ ރައްޔިތަކު ބޭނުންވާ.

ފީއަލީ ރައްޔިތެއް: އާދެ އަޅުގަޑު ސުވާލުކޮށްލަން ބޭނުންވަނީ ދެ ސުވާލު އެބައޮތް އިގޭތޯ. އެއްސުވާލަކީ ހަގީގަތުގަ ފީއައްޔަކީ ބިމުގެ ދަތިކަން ވަރަށް ބޮޑުވެފައިވާ ރަށެކޭ، ދެން އަޅުގަޑުގެ ހިތަށް އަރަނީ މިސާލަކަށް އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ އަޅުގަޑުމެން ފީއަލީ ރައްޔިތުންނަށް ހުޅުމާލޭން ޖާގައެއް ލިބިދާނެތޯއޭ؟ ދެވަނަ ސުވާލަކީ މިހާރު އެމްޑީޕީއަށް ވެރިކަން ލިބިއްޖެއްޔާ މައުމޫނަށް ނުކޮށްދެވޭ ކޮންކަމެއްތޯއޭ ކޮށްދެވޭނީ؟

އަހްމަދު ނަސީރު: އާދެ ވަރަށް ބޮޑަށް ޝުކުރިއްޔާ. ނަޝީދު މިސުވާލަށް ކީކޭތޯ ޖަވާބުދެއްވަނީ؟

އަންނި: ފުރަތަމަ ސުވާލަކަށްވީ ފީއަލީ ރައްޔިތުން ހުޅުމާލެއަށްދާން ބޭނުމިއްޔާ އަޅުގަޑުމެން އެކަން ކޮށްދޭނެތޯއޭ. އަޅުގަޑުމެންގެ ސިޔާސަތަކަށް އަޅުގަޑުމެން އަޑު މިއުފުލަނީ ފާހަގަ މިކުރަނީ އެރައްޔިތަކު ބޭނުންތަނަކުން އެރައްޔިތަކަށް ގޯތިގެދޮރު ގަންނާން ލިބޭނޭ. ހުޅުމާލޭން ގޯއްޗެއް ގަންނާން ލިބެނީކީއެއް ކޮންމެހެން މާލޭމީހަކަށެއްނޫނޭ. މާލޭމީހަކަށް ވާކަށެއް ނުޖެހޭނޭ އަދި ފީއަލިން މާލޭ މީހަކު ގޯއްޗެއް ގަންނާން ވެއްޖިއްޔާ ނުވަތަ ގެއެއް ގަންނާން ވެއްޖިއްޔާ އެމާލޭ މީހާއަށް ފީއަލިން ގެއެއް ގަންނަން ލިބޭގޮތްވެސް އޮންނަންޖެހޭނޭ. އަދި ހުޅުމާލޭ ފީއަލީ މީހަކު ގެއެއް ގަންނަން ބޭނުންވެއްޖިއްޔާ އެމީހާއަށް އެކަންވެސް ވާން އޮންނަންޖެހޭނޭ. މިހާރު ހުޅުމާލޭގައި ގެއެއް ގަތީމާ މަހެއްގެ މައްޗަށް އެބަދައްކަންޖެހޭ 3000 ރުފިޔާ. އެއީ ވަރަށްބޮޑު އަދަދެއް. އަޅުގަޑުމެން ނުދެކެން އެއީކީއެއް މިކަން ހިގަންވާ އަސްލު ހަގީގީ އަދަދަކީ މަހަކު 3000 ރުފިޔާ ދެއްކީމާ ގެއެއްގެ އަގު ވަރަށްބޮޑުވެގެން އެދަނީ. އަޅުގަޑުމެން މިދެކެނީ ހުޅުމާލޭގައިވެސް ގެއެއްގެ އަގަކަށް މަހަކު 1500 ރުފިޔާއެއް ނުދާނޭ. އަޅުގަޑުމެން ދެކެނީ ފީއަލީގައި ގެއެއްގެ އަގަކަށް މަހަކު 700 އެއްހާ ރުފިޔާއެއް ނުދާނޭ. އެހެންވީމާ ތިބޭފުޅުންނަށް 700 ރުފިޔާއަށްތޯ ގެއެއް ބޭނުމީ ނުވަތަ 1500 ރުފިޔާއަށްތޯ ގެއެއް ބޭނުމީ. 1500 ރުފިޔާ ހޭދަކޮށްގެން ހުޅުމާލޭގައި ގެއެއް ހޯދަން ބޭނުންވާ މީހުން ހުޅުމާލެއަށް 1500 ރުފިޔާ ހޭދަކޮށްގެން ގެއެއް ހޯދަން ދާންވީ. މިވަގުތު މިހާރު އަޅުގަޑުމެންގެ ތެރޭގައި މި ގޯތިގެދޮރުކަންތައް އޮންނަގޮތް އަޅުގަޑަށްވުރެ ބޮޑަށް ތިޔަބޭފުޅުންނަށް އެގިވަޑައިގަންނަވާނެ އަޅުގަޑުމެން ކޮންމެ މީހަކުވެސް ޒަވާޖީ ހަޔާތެއް މިފަށަނީ އަޅުގަޑާ އަޅުގަޑުގެ އަނބިމީހާއާ އެކީގައި މިބޭނުންވަނީ ވަކިން ދިރިއުޅެން. އަދި ދަރިން ހޯދަން އާއިލާއެއް ބިނާކުރަން. ބޭނުންވާއިރުގައި ހަތަރު ފަސްއަހަރު މަސައްކަތްކޮށްފައި ލިބޭ ގެވަޅުގައި އަޅުގަޑުމެންނަށް މިއަޅާލެވެނީ މިދުއްވާލެވެނީ ފައުންޑޭޝަނެއް. ދެން އަންނައަހަރު ފަހަރެއްގައި ހަތަރު ފާރު ރޭނިދާނެ. އަނެއްއަހަރު ފަހަރެއްގައި އެ މަތިވަޑާންގަނޑު ހަދާލެވިދާނެ. ދެން އަންނަ ރޯދައަކަށް އިރުމަތީ ބިތުގައި ސިމެންތި ޖެހިދާނެ. އަނެއްރޯދައަށް ފަހަރެއްގައި ފާހާނާގައި ޓައިލްސް ޖަހާލެވިދާނެ. ފާހާނާ ތަށި ބެހެއްޓިދާނެ. މިހިންގޮސް އަޅުގަޑުމެން ގެއެއް އަޅާ ނިމޭއިރުގައި އަޅުގަޑުމެންގެ އުމުރު މިހުންނަނީ ދެބައިވެފަ. އަޅުގަޑުމެން މިދައްކާ ވާހަކައަކީ މިރާއްޖޭގައި ރައްޔިތުން އެހެން އުޅޭކަށެއް ނުޖެހެއޭ. ރާއްޖޭގައި ގެދޮރު އަޅައިދޭން ބޭނުންވާ ކުންފުނިތައް އެބަހުއްޓޭ ބައިވަރު. އެކުންފުނިތަކުން ބޭނުންވެއޭ ދިގުމުއްދަތުގައި ފައިސާ ދައްކާ ހަލާސްކުރާގޮތަށް ގެދޮރު ވިއްކުމުގެ ވިޔަފާރިކުރަން. މިހާތަނަށްވެސް އެކަން މިރާއްޖޭގައި ނުވެފަ މިއޮންނަނީ ރާއްޖޭގެ ޝަރީއަތުގެ މައްޗަށް ބޭރުގެ ކުންފުނިތަކަށް އިތުބާރު ނުހިފޭތީއޭ. ވިޔަފާރިއެއް މިކުރެވެނީ އެއަށް ބޭނުންވާ އެންމެ މުހިންމު އެއްވަސީލަތަކީ އެކައްޗަކީ އިތުބާރު. މިރާއްޖޭގަ މަދަނީ މައްސަލަތައް ގިނަފަހަރަށް ނިންމިފައި މިހުންނަނީ އިންސާފުން ބޭރުން. އެހެންވީމަ މިވާގޮތަކީ ވިޔަފާރީގެ ކޮންޓްރެކްޓަށް އިތުބާރު ނުހުންނަކީ. އެގްރީމެންޓަށް އިތުބާރު ނޯންނަނީ. ކޮންޓްރެކްޓަށް އިތުބާރު ނެތުނީމާ ބޭރުގެ ކުންފުނިތައް ރާއްޖެއަށް ވިޔަފާރިކުރަން ނާންނަނީ. ނައިމާ އަޅުގަޑުމެން ބޭނުންވާ ގޯތި ގެ އަޅުގަޑުމެންނަށް ނުލިބެނީ. އިރާދަކުރެއްވިއްޔާ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އަޅުގަޑުމެން ޝަރީއަތަކީ މުސްތަގިއްލު މުއައްސަސާއެއް ގޮތުގައި ހަމަޖެހިގެންދާނެ. ހަމައެއާއެކީގައި ރާއްޖޭގެ އެގްރީމެންޓަކީ އިތުބާރުހިފޭ ކޮންޓްރެކްޓަކީ އިތުބާރުހިފޭ ކޮންޓްރެކްޓަކަށް ވެގެންދާނެ. އެހެންވީމާ އަޅުގަޑުމެންނަށް މިވަގުތުވެސް ވަރަށްބޮޑު ޔަގީންކަމެއް އެބައޮތް ބޭރުގެ ކުންފުނިތައް ރާއްޖެއައިސް މަސައްކަތް ކުރާނެކަމަށް. ދެން ތިވިދާޅުވީ ރައީސްމައުމޫނަށް ނުކޮށްދެވޭކަމެއް ކިހިނެއްތޯއޭ އަޅުގަޑުމެން ކޮށްދޭނީ؟ ވަރަށް ބައިވަރު ސަބަބު އެބައޮތް. ފުރަތަމަ ކަމަކަށް އަޅުގަޑުމެން މިހާތަނަށް ކޮށްފައި މިހުރި ކަންކަމަށް ބައްލަވާ ރާއްޖޭގައި ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ގާއިމުކުރުން އެއީ އަޅުގަޑު ހިތުން ތީގެން އެއްވެސް ބޭފުޅެއް ނުދެކޭނެ ރައީސްމައުމޫނު އެކަމަށް ބޭނުންވެ ވަޑައިގަންނަވައިގެން ކުރެއްވި ކަމެއްކަމަކަށް. އެއީ އަޅުގަޑުމެންގެ ތެރެއިން ވަރަށް ގިނަ ރައްޔިތުން ނުކުމެ ވަރަށް ބޮޑަށް މަސައްކަތް ކޮށްގެން އަޅުގަޑުމެންނަށް ކާމިޔާބުވެފައިއޮތްކަމެއް. އެހެންވީމާ މިފަދަ ބޮޑެތި ކަންކަން އަޅުގަޑުމެންނަށް އެބަހުރި ކާމިޔާބުވެފަ. މިކާމިޔާބުގެ ތެރޭގައި އަޅުގަޑުމެންނަށްވީ އެންމެބޮޑު އެއްކާމިޔާބަކީ އަޅުގަޑުމެން އުފައްދާފައިވާ ސިޔާސީޕާޓީ އެމްޑީޕީއަކީ ބައިނަލްއަގުވާމީ ޕާޓީއެއް. މިޕާޓީ ވަނީ ދުނިޔޭގެ އެހެން މިފިކުރުގެ ޕާޓީތަކާ އެއީ ހުޅުވިފައިއޮތް ވިޔަފާރީއަކާ ކުޑަ ސަރުކާރަކާ މިނިވަންކަމާ މިކަންކަމަށް ތާއީދުކުރާ މިފިކުރަށް ތާއީދުކުރާ އެހެންޕާޓީތައް ދުނިޔޭގަވާ އެއީ އަޅުގަޑުމެން މިތިބެނީ އެ އާއިލާގެ މެންބަރަކަށްވެގެން. ފީއަލީ ބަނދަރު ގޮތްޕަކީ މިސާލަކަށް އިގިރޭސިވިލާތުގެ ކޮންޒަވާޓިވް ޕާޓީގައި ހުންނަ ކޮންމެވެސް ރަށެއްގެ އެހެން ގޮތްޕެއް އެގޮތްޕާވެސް ގުޅުންހުރި ގޮތްޕެކޭ. އަޅުގަޑުމެންނަށް މިމަސައްކަތް ހިންގުމުގައި މިފަހަކަށް އައިސް ރާއްޖެއަށް ލިބެމުން އަންނަ ހިލޭ އެހީ ދަނީ އަހަރެއް އަހަރަކަށް މަދުވަމުން. އަދި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއަށް ދެމުން އަންނަ ލޯނު މިދަނީ ކުޑަވަމުން. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލޯނު ނެގީމާ އަޅުގަޑުމެންނަށް އެބަ ވަރަށް ކުޑަކުޑަ އިންޓްރަސްޓެއްގައި ދިގުމުއްދަތަށް ދައްކާގޮތަށް ލޯނުލިބޭ. މިކަންކަން މިހެންނުވީމާ މިހާރު އަޅުގަޑުމެންނަށް މިޖެހެނީ ލޯނުނަގަން. ހަމަ ވިޔަފާރި ބޭންކުތަކުން. ނެގީމާ ވަރަށް ބޮޑަށް އިންޓްރެސްޓް ބޮޑުކޮން އެވަނީ. އެހެންވީމާ އަޅުގަޑުމެން އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއް ވެގެންދާނެ މިރާއްޖޭގައި އަދި ހަގީގަތުގައި މުޅި ދުނިޔޭގައިވެސް އުފެދޭ އެންމެ އިސްލާމީ ގައުމެއްގައި އެންމެ ފުރަތަމައަށް އުފެދޭ ޑިމޮކްރެޓިކް ވެރިކަމަށް މިރާއްޖޭގެ ވެރިކަން ވެގެންދާނެ. އެމްޑީޕީ ވާނީ އިރާދަކުރެއްވިއްޔާ އެވެރިކަން އުފައްދާ އެވެރިކަން ހިންގާ ޕާޓީއަށް. އެހެންވީމާ މިވެރިކަން ދަމަހައްޓާށާ މިޑިމޮކްރަސީއަށްޓަކައި ހަރަދުކުރަން ބޭނުންވާ އެކުވެރި ދައުލަތްތައް ބައިވަރު. އަޅުގަޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ދެއްވާފައި އެބޭފުޅުން އެތިއްބެވީ. އަޅުގަޑުމެންގެ ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ކަންކަމަށް އެހީތެރިކަން އެބޭފުޅުން ފޯރުކޮށްދޭނެކަމަށް މިއަދު އެބޭފުޅުންނަށް އެކަންނުވެ އެވަނީ މިރާއްޖޭގެ ވެރިކަން ތަޣައްޔަރު ވެފައިވާތީވެ، މިސިފައިގައި މިރާއްޖޭގެ ވެރިކަން ކުރިއަށް ގެންދާތީވެ އެބޭފުޅުންގެ އެގައުމުތަކުގެ އުސޫލުތަކާ ހަމަތަކަށް ބަލާއިރުގައި އެބޭފުޅުންނަކަށްނެތް. މިރާއްޖެއަށް އެހީވެވޭކަށް އެހެންވީމާ އަޅުގަޑުމެންނަށް ރައީސްމައުމޫނަށް ކޮށްދެވިފައިނުވާ އެތައްކަމެއް މުސްތަގުބަލުގައި ކޮށްދެވެން އެބައޮތް. އަޅުގަޑު މިވަގުތު ހަމަ ހާމަކޮށްލަން ބޭނުން އަޅުގަޑު އެއްވެސް ހާލެއްގައި ނުދަންނަވަން ރައީސްމައުމޫނަކީ މިރާއްޖެއަށް ހިދުމަތްތަކެއް ނުކޮށްދެއްވާ ބޭފުޅެއްކަމަކަށް. އެހެނެއްނޫން އަޅުގަޑު މިދަންނަވަނީ އަޅުގަޑު މިދަންނަވާ ވާހަކައަކީ ކޮންމެ ކަމަކީވެސް ބަދަލުވާކަމެކޭ. ކޮންމެއެއްޗަކީވެސް އެ އެއްޗެއްގެ ހަޔާތެއް ނިމުމަށްއަންނަ އެއްޗެކޭ. ހުއްޓުމަކަށް އަންނަ އެއްޗެކޭ. އެހެންގޮތަކަށް ބަދަލުވަމުންދާ އެއްޗެކޭ. އަޅުގަޑުމެން ރާއްޖޭގައި އަދި ރައީސްމައުމޫނުވެސް މި ކުރައްވަމުން މިގެންދަވާ މަސައްކަތްތައް ކުރައްވަމުން މިގެންދަވަތާ 30 އަހަރުވެއްޖެ. އެބޭފުޅާގެ އުމުރުފުޅު އެހާ ދޮށިވެއްޖެ. އެބޭފުޅާގެ ސިއްހަތު މިހާރު ހުރީކީއެއް ޒުވާން އުމުރުގައި ހުރި ސިއްހަތެއްނޫން. ހަމަގައިމުވެސް އަޅުގަޑުމެން އެބަޖެހޭ އެހެންވީމާ އަޅުގަޑުމެންގެ ގައުމަށް އެންމެ ރަގަޅީ ދެން ކޮންގޮތެއްތޯ މިވަގުތު ވިސްނަން. އެވިސްނުމުގައި އަޅުގަޑު ދަންނަވާނީ އަޅުގަޑުމެންނަށް ކޮށްދެވެން ހުރި ކަންތައް މާގިނަވާނޭ. އެހާދުވަސްވީ ނުވަތަ އެހާ މުސްކުޅިފުޅު ބޭފުޅުން ކޮޅަކަށް ކޮށްދެވެން ހުރި ކަންތައްތަކަށްވުރެ، ދެން ކޮންމެ ގޮތެއްވިޔަސް ހަމަކަށަވަރުންވެސް ޝާއިރު ވިދާޅުވާ ފަދައިން “ތަގުދީރުގައި ނެތްކަމެއް ވާކަށްނުވެސް އޮންނާނެއޭ” އަޅުގަޑުމެންނަށް މިވަނީ ތަގުދީރުގައި ކަންކަން އޮތްގޮތް ކަންކަން އޮތްގޮތަށް ވަމުން މިދަނީ. އަޅުގަޑުމެންނަށް ކަންކަން ވަމުން މިއަންނަ ހަމަޔަށް ބައްލަވައިފިއްޔާ ވަރަށް ސާފުކޮށް އަޅުގަޑުމެންނަށް މިފެންނަނީ އިރާދަކުރެއްވިއްޔާ ދެންއަންނަ ވެރިކަމެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ހުވާކުރާނީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިޔެކޭ.

މުހަންމަދު ޒުހައިރު: އާދެ އަޅުގަޑުމެންނަށް އަންނަ ބައެއް ކަހަލަ މީގެ ޝުއޫރުތަކަށް ބަލާލާއިރު އިގޭތޯ އަޅުގަޑުމެންނަށް ފާހަގަ ކުރެވިގެންދިޔައީ އަންނި ތިވަޑައިގަންނަވާ ރަށްތަކުގަ ދެންމެ އަހްމަދު ވިދާޅުވިހެން 52 ވަނަރަށް މިރަށަކީ. ފީއަލީގައި ހުންނަވާއިރުވެސް ހަމަ އެހެން ރަށްރަށުގައި ގެނެސްދެއްވާ ތާހިރު ދިރިއުޅުމެއްގެ މަހުފޫމް އާދެ އުޖާލާ މުސްތަގުބަލު، ފާގަތި ކުރިމަގު، ތާހިރު ދިރިއުޅުމެއްގެ މަހުފޫމް ވިދާޅުވެ ދެއްވާފާނަންތޯ؟
އަންނި: ހަމަ އަޅުގަޑުމެން މިފާހަގަ ކުރަނީ އިގޭތޯ. އެކެއް އަޅުގަޑުމެން ދެކޭގޮތުގައި އަޅުގަޑުމެންގެ ރާއްޖޭގެ ރައްޔިތުންގެ ތެރެއިން އާއިލާތަކުގެ ތެރެއިން ވަރަށް ގިނަ ބައެއް މިއުޅެނީ ވަރަށްބޮޑު ހާސްކަމެއްގެ ތެރޭގައޭ އެހާސްކަން އުފެދިފައި މިއޮތް އެންމެބޮޑު އެއްސަބަބަކީ ކޮންމެ އާއިލާއަކުންވެސް ވަރަށް ގިނަ އާއިލާތަކުން އެއާއިލާއެއްގެ މަހުގެ ޚަރަދު ހަމަޖެއްސުމަށްޓަކައި މިކަން ކުރަމުން ގެންދާ ގޮތަކީ ކަންމަތީގައި ހުންނަ އިސްޓޯރުގެ ލޭންދޭނު ފޮތުގައި ޖެހުން. މަސްނިމޭއިރުގައި އަޅުގަޑުމެންގެ ތެރެއިން ގިނަ އާއިލާތައް މިވަނީ ކަންމަތީ އިސްޓޯރުތަކަށް ދަރާފަ. ހަމައެހެންމެ އަޅުގަޑުމެންގެ ތެރެއިން ވަޒީފާއަދާކުރާ އެތައް ބައެއް މިތިބެނީ ވަޒީފާ ދިން ފަރާތުން އެޑްވާންސަށް މުސާރަ ނަގާ އެފަރާތަށް ދަރާ. އަދި ބޮޑުދޯނި ބަން މީހާ ލީސިން ކުންފުންޏަށް ދަރާ. އިސްޓޯރު އެޅިމީހާ ބޭންކަށްދަރާ. އަޅުގަޑުމެން އެންމެން މި ތިބެނީ ދަރަނީގެ ޗޭނަކުން ބަނދެވި. ވަރަށް ބޮޑަށް އޮބެހެއްޓިފަ. އަޅުގަޑުމެން މިހުށަހަޅަނީ އަޅުގަޑުމެން މިވައުދުވަނީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމުގައި ފުރަތަމަމަހުގެ ތެރޭގައި މިދަންނަވާ ދަރަނި އަޅުގަޑުމެން ހަލާސް ކޮށްދޭނަމޭ. ކޮންމެ އާއިލާއަކަށްވެސް ކޮންމެ ގެއަކަށްވެސް މިދަންނަވާގޮތަށް ދަރަނިވެރިވެފައިވާ ދަރަނި އަޅުގަޑުމެން ހަލާސްކޮށްދޭނަމޭ. އޭގެ އިތުރުން އަޅުގަޑުމެން މިދެކެނީ ރާއްޖޭގައި އުމުރުން 65 އަހަރު ވެފައިވާ ކޮންމެ ބޭފުޅަކަށް އެއީ ސަރުކާރުގައި އުޅުއްވިޔަސް އަދި ނޫޅުއްވިޔަސް އުމުރުން 65 އަހަރުވެފައިވާ ކޮންމެ އަންހެން ބޭފުޅަކަށްވެސް ފިރިހެން ބޭފުޅަކަށްވެސް އަޅުގަޑުމެން މަހަކު 2500 ރުފިޔާގެ ޕެންޝަނެއް އަރުވާނަމޭ. އަޅުގަޑުމެން އޭގެ އިތުރަށް ހުށަ މިއަޅަނީ މިދަންނަވާހެން ދަތުރުފަތުރު ކުރުމުގެ ނިޒާމާ އަދި މަސްވެރިކަން ތަރައްގީކުރުން އަޅުގަޑުމެން މިބުނާ ފާގަތި ދިރިއުޅުން. އަނެއް ދިވެހިރާއްޖެއަށް ހޯދައި އިރާދަކުރެއްވިއްޔާ ދެވޭނެ. އަޅުގަޑުމެން މިޕްރޮގްރާމް އަޅުގަޑުމެންނަށް ހިންގުމަށް މިރާއްޖޭގެ ރައްޔިތުން އަޅުގަޑުމެންނަށް ފުރުސަތު އަރުވާނެ.

އަހްމަދު ނަސީރު: އާދެ މިރޭ އަޅުގަޑުމެން މި ބްރޯޑްކާސްޓް ކުރަމުންދާ ފީއަލީން. މިޕްރޮގްރާމަކީ އެގިވަޑައިގަންނަވާނެ ފަދައިން އެމްޑީޕީގެ ކެންޑިޑޭޓު މުހަންމަދު ނަޝީދު (އަންނި) އޭނާގެ އެމްޑީޕީ ތަމްހީދީ އިންތިހާބުގައި ކުރައްވާ ޒިޔާރަތުގެ އެއްބައި، އަދި ކުރިއަށް އޮތް ތާނގައިވެސް އަޅުގަޑުމެން އެހެން ރަށްރަށުން ބްރޯޑްކާސްޓް ކުރަމުން ގެންދާނަން.

މުހަންމަދު ޒުހައިރު: އާދެ ހަމަ މިނޭވާގަ އަނެއްކާވެސް އަޅުގަޑު މިދަންނަވާލަނީ އަންނިގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކޮށްލާ ތަންކޮޅެއް. އެއީ ދިވެހިންގެ އިއްޒަތުއް ނަފްސު އިޔާދަކޮށް ދިނުމަށް އަމާޒުކުރައްވާ ކަން ފާހަގަވެގެން އަންނަނީ އިގޭތޯ. އެގޮތުން އިއްޒަތުއް ނަފްސު އިޔާދަ ކޮށްދެއްވުމުގައި މިހާރު ގެންގުޅުއްވާ ސިޔާސަތުތައް އެހެން ރަށްތަކުގައިވެސް ހާމަކުރައްވަމުން ގެންދަވަނީ. އެހެންވީމަ މިރަށުންވެސް އަޅުގަޑު ގާތުން ދެމީހަކު އެބަ އެދިފަ އެބައޮތް މިކަންތައްތައް މިރަށުގައި ހާމަ ކޮށްދެއްވާތޯ؟

އަންނި: އަޅުގަޑުމެން މިދެކެނީ ކޮންމެ ރައްޔިތަކީވެސް ގަދަރަކާ އިއްޒަތެއް ލިބިގެންވާ ރައްޔިތެކޭ. އެރައްޔިތު އެމީހަކު ކޮންމެ ފަރުދަކީވެސް އެމީހަކު ކޮޅަށް ތެދުވެ ހުރެ ތިމަންނާ އަކީ މީހެކޭ. ތިމަންނާއަކީ ރައްޔިތެކޭ. ތިމަންނާއަކީވެސް ޝަހުސިއްޔަތެކޭ. ތިމަންނާއަށް މިރަށަށް މިގައުމަށް، މިރާއްޖެއަށް، ކޮށްދެވެންހުރި ކަންތައްތަކެއް އެބަހުއްޓޭ. އަދި ޚުދު ތިމަންނާ ބޭނުންވާ އެތައްކަމެއްވެސް އެބަހުއްޓޭ. މިހެން ބުނެވޭނެ މިނިވަންވެފައިވާ ރައްޔިތަކު އުފެއްދުން. އެ މިނިވަންކަމަށްޓަކައި އަޅުގަޑުމެން ބޭނުންވާނެ އެއްކަމަކީ، ހަމަ ކަށަވަރުންވެސް ކޮންމެހެން ބޭނުންވާނެ އެއްކަމަކީ ކުޑަ ހިނދުކޮޅަކަށް ނަމަވެސް ރައްޔިތުން ދަރަނިވެރިކަމުން ސަލާމަތްވެ ހާސްކަމުން ނެއްޓޭނެ ހިނދުކޮޅެއް ލިބުން. އެހެންވީމަ އަޅުގަޑުމެން މި އިއްޒަތް އަނބުރާ ރައްދުކޮށްދިނުމަށްޓަކައި އެންމެ ބޮޑަށް ކުރަން ބޭނުންވާކަމަކީ ރައްޔިތުންގެ އާމްދަނީ ރައްޔިތުންގެ ތަނަވަސްކަން އިތުރު ކޮށްދިނުން. ތަނަވަސްކަން އިތުރު ކޮށްދެވުނީމާ އެ އިއްޒަތުގެ ތެރެއަށް ދިޔުމަށް އަޅުގަޑުމެންނަށް ކޮންމެހެންވެސް އެމަގު ފަހިވެގެންދާނެ. އަދިހަމަ އެހެންމެ އަޅުގަޑުމެން ދެކޭގޮތުގައި ގައުމެއްގެ އެންމެ ބޮޑު އެއްރައުސްމާލަކީ އެގައުމެއްގެ ދޮށީ އުމުރުގެ މީހުން، އަޅުގަޑުމެން އެމީހުންނަށް މިހުށަހަޅާ ޕެންޝަނުން އަޅުގަޑުމެން މިދެކެނީ އެބޭފުޅުންގެ އުމުރުގެ ފަހު ދުވަސްކޮޅު ސޯލިހު ގޮތުގައި ހޭދަކުރަމުން އެބޭފުޅުންނަށް ގެންދެވޭނޭ. އަދި އެބޭފުޅުންނަކީ އަޅުގަޑުމެން ޒުވާނުންނަށް އަދި މިރާއްޖޭގެ ވެރިންނަށް ހެޔޮލަފާ ނަސޭހަތްދިނުމާ މުހިންމު ބޮޑެތި ކަންކަމުގައި ބޮޑެތި ބަސްބުނުމަށް މިނިވަންކަމާ އެކީގައި ވަކިފަރާތަކަށް ބަރޯސާނުވެ ތިބޭ މީހުން ގޮތުގައި ވާންޖެހޭނޭ. އަޅުގަޑުމެންނެއް ނޭދެން ރަށްރަށް ތޮއްޖައްސާކަށް. މާލޭގައި އަޅުގަޑުމެންގެ މާލޭގައި ކަންތައްވެފައިއޮތް ގޮތަކަށް އެހެން ރަށްރަށުގައިވުމަކަށް އަޅުގަޑުމެންނެއް ނޭދެމު. އެހެންވީމާ އަޅުގަޑުމެން މިއެދެނީ ދަތުރުފަތުރު ކުރުމުގެ ފުރިހަމަ ނިޒާމަކުން މިރާއްޖެ ގުޅުވާލުމަށް ގުޅުވާލެވުނީމާ އަޅުގަޑުމެން މިދެކެނީ ރައްޔިތުންނަށް މާރީތި މާތާހިރު ދިރިއުޅުމެއް ލިބޭނޭ. އަޅުގަޑުމެން މިދެކެނީ ދިވެހި ގައުމިއްޔަތަކީ، ދިވެހި ގައުމިއްޔަތުގެ އެއްބަޔަކީ ޖަޒީރާ ދިވެހިރާއްޖޭން ކުދިކުދި ޖަޒީރާތަކުގައި ވަރަށް އުފާއުފަލުގައި “އުފާއުފަލުން އުފާކުރަމުން ވަޔާއެކު އުދުހި ދެވިދާނޭ” ޝާއިރު ވިދާޅުވާފަދައިން “ތަފާތު އެކި މަލުން ފޮނިބޮއި އުޅެވިދާނޭ”. އަޅުގަޑުމެން މިއުންމީދު ކުރަނީ އަޅުގަޑުމެން މިދެކެނީ ގުލްޒާރެއް އަޅުގަޑުމެން މިބުނަނީ “ގުލްޒާރުގައި ނަޔާމަގޭ ނޫރާނީމާ ފޮޅޭނެޔޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެޔޭ” އިރާދަކުރެއްވިއްޔާ 11 ނޮވްމެބަރު 2008 ވަނަދުވަހު މިރާއްޖޭގައި ދެން ހުވާކުރާނީ ރައީސުލްޖުމްހޫރިއްޔާއެއްގެ ގޮތުގައި އެމްޑިޕީ ހިމެނޭ އިއްތިހާދެއްގެ ވެރިއެއް. ވަރަށް ބޮޑަށް ޝުކުރިއްޔާ.