Wathan Edhey Gothah – MDP » މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނަން

މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރާނަން

ރައްޔިތުންގެ ޝަކުވާ
-1މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާމީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދިއުމާއި، އަދި މިކަންކަމާގުޅިގެން ކުށްކުރާ މީހުންގެ އާބާދީ އިތުރުވެގެން ދިއުމަކީ މިހާރުގެ ސަރުކާރުގެ ރޭވުމެއްގެ ދަށުން ހިންގަމުން ގެންދާ ކަންކަން.
2- މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ޒުވާނުންގެ އަދަދު، 30000 އަރާނެކަމަށް ލަފާކުރެވޭ. މީގެ މާނައަކީ ރާއްޖޭގެ ކޮންމެ 100 ޒުވާނުންގެ ތެރެއިން 30 ކުދިން މިވަނީ މަސްތުވާތަކެތީގެ ވަބާގައިޖެހިފައޭ. މިހެންވުމުން، ޤައުމު މިއަދު މިވަނީ ނުރައްކާތެރި ފުން ވަޅުގަޑެއްގެ ތެރެއަށް ވެއްޓުމުގެ ބިރާ ކުރިމަތިވެފައި.
3- ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އެތެރެކުރަނީ، ސަރުކާރަށް އެނގިގެން ކަމަށް ތުހުމަތު ކުރެވޭ. އެއްސަބަބަކީ، ރާއްޖޭގައި މަސްތުވާތަކެތި ހުއްޓުވުމަށް ގިނަ އިދާރާތަކެއް ހަދާ، މަސްތުވާތަކެތި ދެނެގަންނަ ކުއްތާއާއި ސްކޭންމެޝިން ފަދަ އަގުބޮޑެތި ވަސީލަތްތައް ހުރެ، ރާއްޖެ އެތެރެވާ މަސްތުވާތެކެތީގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުން ދާއިރު، ހަޤީގަތުގައި ރާއްޖެ އެތެރެވިޔަ ނުދިނުމަށް ސަރުކާރުން ބޭނުންވާ ފަޓާސްފަދަ ގޮވާތަކެތި ރާއްޖެ އެތެރެވުން ހުއްޓުވާފައިވުން.
4- މަސްތުވާތަކެތި އެތެރެކުރާ ދޮރުތަކުގައި ފާރަވެރިކަން ބޭނުންވާ ފެންވަރަކަށް ޤާއިމުކޮށްފައެއްނުވޭ. އަދި ރާއްޖެ އެތެރެވާ މަސްތުވާތަކެތީގެ ތެރެއިން ފުލުހުންގެ އަތްދަށަށް އަންނަ ގިނައަދެއްގެ މަސްތުވާތަކެތި އަނެއްކާ އަނބުރާ މުޖުތަމައަށް ފޯރުވާކަމަށް ގިނަބަޔަކު ޝަކުވާކުރުން. މީގެ އެންމެބޮޑު ހެއްކަކީ، ދާދިފަހުން ރާއްޖޭގެ ފަޅަކުން އަމިއްލަ ބައަކަށް ފެނުނު ދެހާސް ކިލޯއާ ގާތްކުރާހާ ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗަށް ފަހުން ވީގޮތެއް ނޭގުން.
5- މަސްތުވާތަކެއްޗާބެހޭ ސިޔާސަތު ފޭލިވުމުގެ ސަބަބުން، އެވަބާ ދުވަހެއް ދުވަހަކަށް ބޮޑުވެ، މުޅިޤައުމަށްވަނީ ފެތުރިފައި. ޚާއްސަގޮތެއްގައި ސިޔާސަތު ފޭލިވިކަން ފާޅުވަނީ، ފަރުވާދިނުމަށް ހަރުދަނާ އޮނިގަނޑެއް ރޭވިފައި ނެތުމުންނާއި، މަސްތުވުމަށް ދެވިހިފާފައިވާ މީހުން، އަނބުރާ މުޖުތަމައަށް ގެނައުމަށް ދޭންޖެހޭ ފަރުވާ އަދި އޯގާތެރިކަން ނެތުން. ނަތީޖާ ހާސިލްނުވެ ފައިސާ އިސްރާފުވެ، ނަމަކަށް ކަމެއް ކުރަނީކަމަށް ސާބިތުވެފައިވުން
6- މަސްތުވާ ތަކެތި ބޭނުންކުރާ ކުދިންނަކީ ބޮޑެތި ކުށްވެރިންގެގޮތުގައި ދެކެ، ލާއިންސާނީ ބޮޑެތި އަނިޔާކޮށް އެކުދިން ދޫކޮށްލުމުން، ކުށްކުރުމުގައި އެއްވެސް ޖެހިލުމެއްނެތި ކުށްކުރުން މިހާރުވަނީ އިންތިހާއަށް ގިނަވެފައި.
7- ޒުވާނުންގެ ފުށުން ވެރިކަމަށް ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް، ޤައުމުގައި މަސްތުވާތަކެތީގެ ވަބާ އަށަގަންނަވައި، ސަރުކާރު ދެމެހެއްޓުމަށް ބޭނުންކުރި ގޭންގުގެ ހަރަކާތްތައް ކޮންޓްރޯލުން ނެއްޓި، ދިވެހި ސަގާފަތުގެ ތެރެއަށް ފޭދިގެންއުޅޭ ތަޅާފޮޅުމާއި މާރާމާރީގެ އާދަކާދަ، މިހާރުމިވަނީ މިއަދުގެ ސަރުކާރު އެކަން ކޮންޓްރޯލް ކުރުމަށް ނުކުޅެދިފައި.

އެމްޑީޕީ ސަރުކާރުގެ ސިޔާސަތު
މަސްތުވާތަކެތީގެ ވަބާގައި ޒުވާންކުދިން ޖެހުމަކީ ކުށެއް ނުވަތަ ޖަރީމާއަކަށް ވުރެ، ބައެއްގެ ސަބަބުން އެކުދިންނަށް ދިމާވި ހާލަތެއް ކަމުގައި ބަލައިގަނެ، އެފަދަ ކުދިން މުޖުތަމައަށް އަހުލުވެރި ކުރުވުމަށް ސަރުކާރުން އިސްކަންދިނުން. އަދި ޑްރަގް ވަބާގެ ނުރައްކާތެރި ކަމާމެދު ޒުވާނުން ހޭލުންތެރިކޮށް، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތް ކުރެވެން ހުރި ހުރިހާ ފިޔަވަޅެއް ކުރިޔާލައި އެޅުން.
މަސްތުވާކެތި ރާއްޖެއަށް އެތެރެވާ މަގުތައް ވަރުގަދަޔަށް، ޗެކްކޮށް އެފަދަ މަގުތައް ބަންދުކުރުން.
މަސްތުވާތަކެތިން ވިޔަފާރިކުރާ ފަރާތްތަކާމެދު ކަންކުރާއިރު ހުރިހާ މީހުންނާމެދު އެއްއުސޫލަކުން ޤާނޫނީ ފިޔަވަޅު އެޅުން.
މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތް ކުރުމަށްޓަކައި ޖަމާއަތްތަކާއި ޖަމްއިއްޔާތަކާއި އާއިލާތަކުގެ ދައުރު އިތުރުކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

އެމްޑީޕީގެ ސަރުކާރުން ކުރު މުއްދަތުގެ ތެރޭގައި ކުރާނެ ކަންތައްތައް
1- މަސްތުވާތަކެތި އެތެރެވާ ދޮރުތަކުގައި ލޯހުޅުވައިގެން ފާރަވެރިވުމާއި ހޯދާބެލުމުގެ ކަންކަން ހަރުދަނާކޮށް ބެލެހެއްޓުމަށް، ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރާނަން.
2- މޫނަކަށް ކަނދުރާއަކަށް ނުބަލާ، ހުރިހާ ކުށްވެރިންނާމެދު އެއްގޮތަކަށް، އެއް އުސޫލަކަށް އަމަލު ކުރާނަން. އަދި މަސްތުވާތަކެތީގެ ވަބާގައިޖެހި ކުށްކުރާމީހުން ފަހުން ކުށް ނުކުރާ، މާރާމާރީ ނުހިންގާ މީހުންގެ ގޮތުގައި، އަނބުރާ މުޖުތަމައަށް އަހުލުވެރިކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރާނަން.
3- ގައިދީންނަށް މަސްތުވާތަކެތި ފޯރުކޮށްދިނުމަކީ ޤާނޫނީ ގޮތުން ކުށެއް ކަމުގައި ކަނޑައަޅާ، އެކަން ކުރާ މީހުންނާ މެދު ޤާނޫނީ ފިޔަވަޅު އަޅާނަން.
4- މަސްތުވާތަކެތީގެ ވިޔަފާރިކޮށް ބަންދުކުރާ މީހުން އެހެން ގައިދީންނާ އެކަހެރިކޮށް ވަކިން ބައިތިއްބާނަން.

އެމްޑީޕީގެ ސަރުކާރުން ދިގު މުއްދަތެއްގެ ތެރޭގައި ކުރާނެ ކަންތައްތައް
1- މަސްތުވުމަށް ދެވިހިފާފައިވާ މީހުންނަށް ލިބެންޖެހޭ ފެންވަރު ރަނގަޅު ފަރުވާ ދޭނަން. އަދި އެބައިމީހުން ރަނގަޅު ބައަކަށް ވެގެން މުޖުތަމައަށް ނުކުތުމަށް ބާރުއެޅޭގޮތަށް މަސްތުވާތަކެއްޗާބެހޭ ޤާނޫނު އިސްލާހު ކުރާނަން.
2- މަސްތުވާތަކެތީގެ ކުށުގައި ބަންދުކުރެވޭ މީހުން ތިބޭ މަރުކަޒުތަކަށް ވަންނަ މަސްތުވާތަކެތި ވަނުން މުޅިން ހުއްޓުވާލާނަން.
.3- ރާއްޖެއަކީ މަސްތުވާތަކެތި ކޮންޓްރޯލްކުރެވި، ސަލާމަތްކަން ލިބިދެވިފައިވާ ޤައުމަކަށް ހަދާނަން.

»