ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީސްގައި ވާދަކުރައްވާން ޖެހުނު ސަބަބު ކެންޑިޑޭޓް ނަޝީދު ހާމަކުރައްވައިފި
މިއަހަރު ބާއްވަން މަސައްކަތްކުރާ ރިޔާސީ އިންތިހާބުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީސްގައި ވާދަކުރައްވާން ޖެހުނު ސަބަބު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ހާމަކުރައްވައިފިއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިސަބަބު ހާމަކުރެއްވީ ހޯމަ ދުވަހުގެރޭ ދިވެހި ރާއްޖޭގެ އަޑުގައި ރިޔާސީ އިންތިޚާބަށް ޢާންމުން ހޭލުންތެރި ކުރުވުމަށް ހިންގާ “ރިޔާސީ އިންތިހާބު 2008” ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެބޭފުޅާ ކުރިމަތިލައްވަން ނިންމެވީ އެއީ އެބޭފުޅާގެ މަސްއޫލިއްޔަތެއްކަމަށް ވަރަށް ގިނަ ބަޔަކު ދެކެމުން އައުމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަކީ ޕާޓީ ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން ދިމާވި މަރުހަލާއެކެވެ. އަދި ރާއްޖޭގެ ވެރިކަމަށް ނަޝީދު ވަޑައިގަނެގެން ނޫނީ ޕާޓީއެއް ބިނާކުރުމުގެ މަސައްކަތް ފުރިހަމަ ނުވާނެކަމަށް ވަރަށް ގިނަ ބަޔަކު ދެކެމުން ދިޔަ ކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. ﷲގެ އިރާދަފުޅާއި އެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމުގައި ނަޝީދު އެޕޮރްގްރާމްގައިވެސް ވިދާޅުވިއެވެ.
އެއްގަޑި އިރުގެ މިޕްރޮގްރާމްގައި ނަޝީދުވަނީ އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުނައްވަރަށް މީޑިޔާ މެދުވެރިކޮށް ފުރަތަމަ ފަހަރަށް ފާޑުވިދާޅުވެފައެވެ. ނަޝީދު ވިދާޅުވިގޮތުގައި ރިޔާސީ ޕްރައިމަރީސްއަށް ކުރިމަތިލައްވަން ޖެހިވަޑައިގެން އަނެއް ސަބަބަކީ އެމްޑީޕީ ގާއިމްކުރުމަށްފަހު އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ހުޅުވާލުމުން ޑރ. މުނައްވަރު ކުރިމަތިލެއްވުމެވެ. ނަޝީދު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އެދޭ ހެޔޮ ވެރިކަން ކުރުމަށް ބިނާކުރާ ޕާޓީގެ ކެންޑިޑޭޓަކަށް ޑރ. މުނައްވަރު ނިކުންނަވައިގެން އަޅުގަނޑުމެން މިއެދޭ ކާމިޔާބު ދިވެހި ރައްޔިތުންނަށް ދެއްވާނެކަމަށް ނަޝީދަށް އެއްގޮތަކަށްވެސް އޭރުގައިވެސް އަދި މިހާރުގައިވެސް ގަބޫލުފުޅު ނުކުރެވޭކަމަށެވެ.
“އެންމެބޮޑު އެއްސަބަބަކަށް ވެގެންދިޔައީ ޑރ. މުނައްވަރުގެ އަމިއްލަ އިޢުތިރާފުން އެބަ ވިދާޅުވޭ ސާޅީސް ހާސް މީހުންނާ އެބޭފުޅާ ދައުލަތުގެ ބަންޑާރަ ނައިބަކަށް ހުންނަވައިގެން ދަޢުވާ ކުރެއްވީމޭ. ދެން އޭގެ އިތުރަށް ހަމަ އަޅުގަނޑަށް ފެނުނު އެބޭފުޅާގެ ވަރަށްގިނަ ތަޖުރިބާތަކަކީ ރަޝިޔާގެ ކޮމިއުނިސްޓް ނިޒާމުގެ ތެރެއިން ލިބިވަޑައިގެންފައިހުރި ތަޖުރިބާތައް. އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ ޑިމޮކްރެޓިކް ޕާޓީއެއް އުފައްދަން.” ނަޝީދު ވިދާޅުވެފައިވެއެވެ.
ކެންޑިޑޭޓް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ލަގަން ދާނެގޮތަކަށް ދާން ދޫކޮށްލަފައި ނަޝީދަށް ހުރެވެން ނެތްކަމަށެވެ. އެބޭފުޅާއާއި ރިޔާސީ ޕްރައިމަރީސްގައި ވާދަކުރެއްވި ބޭފުޅުންނަށް ރާއްޖޭގެ ވެރިކަން ކުރުން އެކަށީގެން ނުވާ ބޭފުޅުންކަމަށް ދެކިވަޑައިގަންނަވާ ސަބަބު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ “އަޅުގަނޑު ދަންނަވާނީ ޕާޓީގައި އަޅުގަނޑާ ވާދަކުރެއްވި މެންބަރުންގޮސް އެތިއްބެވީ ޤާސިމް އިބްރާހީމާ އެކީގަ. އަބަދުވެސް އަޅުގަނޑުމެންނަށް އެތަން ފެނޭ. ޕާޓީތެރޭގަ އެބޭފުޅުން އުޅުއްވިއިރުގަވެސް އަބަދުވެސް އަޅުގަނޑުމެންނަށް އެތަންފެނޭ.” ކަމުގައެވެ.
އެމްޑީޕީއާއި ޑީއާރުޕީއާއި މެދު ގުޅުންތަކެއް އޮންނަކަމަށް ދެކެވޭ ވާހަކަތަކަށް ނަޝީދުވަނީ ރޭ ޖަވާބު ދެއްވާފައެވެ. ޑީއާރުޕީއާއި އެމްޑީޕީއާއި ގުޅުމެއް ނެތްކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ “އަޅުގަނޑުމެންނަށް ޑީއާރުޕީއަކާ އެބާވަތުގެ ގުޅުމަކުން ނުގުޅެވޭނެ. އަޅުގަނޑުމެންނަކީ ޑިމޮކްރަޓިކް އުސޫލުތަކެއް މިރާއްޖޭގައި ތަޢާރަފު ކުރުމަށްޓަކައި މަސައްކަތްކުރަމުން އަންނަ ޕާޓީއެއް. އަޅުގަނޑުމެންނަކަށް ކުރެވޭނެ ކަމެއްނޫން އެއީކީ އެބާވަތުގެ ގުޅުމަކުން ޑީއާރުޕީއާ ގުޅުމަކީ”.
އިލެކްޝަންސް ކޮމިޝަން ޤާއިމުކުރުމުގައި މައްސަލައިގައި ޑީއާރުޕީން ހުށަހެޅި ލިސްޓަށް އެމްޑީޕީން ވޯޓު ދެއްވާން ޖެހުނު ސަބަބު ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީން ބޭނުންވީ އެބޭފުޅުން ބޭނުންވެލައްވާ ތިން މީހުން އިލެކްޝަންސް ކޮމިޝަނުގައި ބޭތިއްބުމަށް ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަން އެކުލަވާލުމަށް އެމްޑީޕީ ނުލައި އެއްވެސް ޕާޓީއަކަށް ކުޅިފަސް ނުލިބޭނެތީވެ އެމްޑީޕީއަށް އެންމެ ރަގަޅު ގޮތް ހެއްދެވީކަމަށް ނަޝީދު އިޝާރާތް ކުރެއްވިއެވެ.
މުނަށްވަރު ޕާޓީގެ ރައީސް ކަމަށް އައުމުންވެސް އަހަރެމެންގެ ބޮލުގައި ރިއްސާލައިފި. އެއީ ހިންގުންތެރި މީހެއްނޫންކަންވެސް އެ ހޭދަކުރި މަދި ދުވަސްކޮޅުން ވަނީ ސާބިރުވެފަ. އަންނި ވެރިކަމަށް ކުރިމަތިލުމަކީ ޕާޓީގެ ހައްގުގައި އަދި މި ގައުމުގެ ހައްގުގައިވެސް ކުރަންޖެހިފައިވާކަމެއް. އަދި މާތްﷲގެ ހެޔޮ ރަހުމަތްފުޅާއެކު ތިޔަ ފެށި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލެވޭނެ.
Comment by rilwan — September 10, 2008 @ 1:16 pm
ތިޔަވިދާޅުވިހެން ކުއްޓިނަޝީދަކީ ރަގަޅު ހޮވުމެއްކަމަށްފެނޭ. އެމް.ޑީ.ޕީ ގެ ރަނިންމޭޓަކަށް އެންމެ ގާބިލް އެއް ކެޑިޑޭޓަކީ އެއީކަމަށް ލަފާކުރެވޭ. ނަމަވެސް ކޮންމެ މީހަކު ރަނިންމޭޓަކަށް ވަޑައިގަތަސް އަންނި އަށް ކުރާ ތާއީދަށް ކުޑަވެސް ފަނޑުކަމެއް ނާންނާނެއެވެ. އަދި މިކުރާ ތާއީދު ދުވަހެއް ދުވަހަކަށް ދާނީ އިތުރުވަމުން. އިންޝާﷲ.
Comment by rilwan — September 10, 2008 @ 1:38 pm
ސާބަހޭ ކަލޯ ހިތްވަރު ކުރާތި އިރާދަކުރެއްވިޔާ ގޮޅާބޭލޭނެ
Comment by އަހްމަދު — September 14, 2008 @ 11:11 am
އަހަރުމެން ބޭނުމެއް ނޫން ތި އަންނި އެއް
Comment by ކޮއްޓި — September 14, 2008 @ 11:45 am
އަންނިދެކެ ވަރަށް ލޯބިވެ.
Comment by Aisha — September 14, 2008 @ 5:50 pm
އަހަރުމެން ބެނުމީ ބަދަލެއްނުވާ ދެގޮތެއްނުވާ ހަމަަ ތި އަންނި
Comment by Anonymous — September 15, 2008 @ 12:33 am