ރާއްޖޭގެ މަސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަކުން ހުއްޓުވާނެ –ކެންޑިޑޭޓް ނަޝީދު
ރާއްޖޭގެ މަސްވެރިންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލައަކީ މަސްކަނޑުތައް ނުބެލެހެއްޓުމުގެ މައްސަލަކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.
ގއ އަތޮޅުގެ ރަށްރަށަށް ކުރައްވާ ޒިޔާރަތުގައި ހޮނިހިރު ދުވަހު ކޮލަމާފުއްޓަށް ޒިޔާރަތްކުރެއްވުމަށްފަހު އެރޭ އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ބޭރުގެ މަސްބޯޓުތަކުން ރާއްޖޭގެ ކަނޑުތަކުގައި ދާއަޅައިގެން މަސްކޮޅު ގެންދިޔުމުގެ މައްސަލަ އެމްޑީޕީގެ ސަރުކާރަކުން ހުއްޓުވާނެކަމުގައެވެ. އަދި މިކަންކުރައްވާނީ މިހާރު ހަމައެކަނި ގައުމުގެ ރައީސްގެ ސަލާމަތަށްޓަކައި އުޅޭ ގައުމީ ސަލާމަތީބާރު ދިވެހި މަސްކަނޑުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ނެރެގެންކަމުގައިވެސް ނަޝީދު ހާމަކުރެއްވިއެވެ.
މިބައްދަލުވުމުގައި ނަޝީދު އިތުރަށް ހާމަކުރެއްވި ގޮތުގައި އެމްޑީޕީގެ ސަރުކާރަކުން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑުކުރާނެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރަށުގެ ބަދަރުގައި މަސްގަންނަ އެއް ބޯޓު ބާއްވައިގެން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބޮޑެއް ނުކުރެވޭނެކަމުގައެވެ. އަދި ގައުމުގައި މިހާރު މަސްގަންނަން ހަރަކާތްތެރިވަނީ ދެތިން ކުންފުނިންކަމަށާއި ގާސިމް އިބްރާހިމްގެ ދެކުންފުންޏާއި މިފްކޯ އެކަނި އޮވެގެންވެސް މިކަންތައް ނުކުރެވޭނެކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީ ސަރުކާރުގައި ދުނިޔޭގެ އެކި ކުންފުނިތަކަށް މަސްގަތުމުގެ ފުރުސަތު ހުޅުވާލާނެކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ މަސްވެރިކަން ކުރާނެ ބޮޑެތި އުޅަނދުތައް ބަނުމަށްޓަކައި އެމްޑީޕީގެ ސަރުކާރަކުން ދިގު މުއްދަތުން އަދާކުރާ ލޯނު ދޫކުރައްވާނެކަމުގައެވެ. އަދި ބޭރުގެ މާލީ އިދާރާތަކުން ދިވެހިންނަށް މިފަދަ ލޯނުތައް ދެއްވަން ތައްޔާރަށް ތިއްބެވިކަން ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ މިހާރު އެފަދަ ލޯނުތައް ދޫނުކުރަނީ އަދުގެ ސަރުކާރުން އަމަލުކުރަމުންދާ ގޮތްތަކުގެ ސަބަބުން ކަމުގައެވެ.
މީގެ އިތުރަށް އެމްޑީޕީގެ ވެރިކަމެއްގައި އެންމެ އިސްކަންދެއްވާނެ އެއްކަންތައްކަމުގައިވާ ރަގަޅު ދަތުރުފަތުރުގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމުގެ ސިޔާސަތުވެސް ރޭ ކޮލަމާފުށީގެ ރައްޔިތުންނަށް ނަޝީދު ކިޔައިދެއްވިއެވެ.