Wathan Edhey Gothah – MDP » އެމްޑީޕީގެ ލީޑާރޝިޕުން އަރިއަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

August 12, 2008

އެމްޑީޕީގެ ލީޑާރޝިޕުން އަރިއަތޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވަނީ

އއ އަދި އދ އަތޮޅުގެ ރަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްޓަކައި އެމްޑީޕީގެ އިސްބޭފުޅުންގެ ވަފްދެއް އަންގާރަ ދުވަހު ދަތުރުފުޅެއް ފައްޓަވާނެއެވެ.
އެމްޑީޕީގެ ރައީސްގެ މަސްއޫލިއްޔަތާއި ހަވާލުވެ ހުންނެވި އިބްރާހިމް ހުސައިން ޒަކީގެ އިސްކޮށް ހުންނަވާ މިވަފްދު އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވަނީ އދ އަތޮޅުގެ ރަށްތަކަށެވެ. މިގޮތުން އެންމެ ފުރަތަމަ މިވަފްދު ޒިޔާރަތްކުރައްވާނީ ހަންޏާމީދޫއަށެވެ، އެރަށަށްފަހު އަންގާރަ ދުވަހު ދިޔުމަށް ހަމަޖެހިފައިވަނީ އޮމަދޫ، ކުނބުރުދޫ، ދިގުރަށް، ދިއްދޫ އަދި މާމިގިއްޔަށެވެ. މީގެން ކޮންމެ ރަށެއްގައިވެސް ރައްޔިތުންނާއި ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެއަތޮޅުގެ ކެމްޕޭން ކޯޑިނޭޓަރ ހާމަކުރެއެވެ. މިބައްދަލުވުންތަކުގައި އެމްޑީޕީގެ ސިޔާސަތު ރައްޔިތުންނަށް ހާމަކޮށް އެމްޑީޕީއާއި މެދު އެރަށްތަކުގެ ރައްޔިތުން ދެކޭ ގޮތް ހާމަކުރައްވާނެކަމުގައިވެސް ކޯޑިނޭޓަރ މުސޫ ނައީމް ހާމަކުރައްވައެވެ. އަދި އެމްޑީޕީގެ ހަރަކާތްތައް މި ރަށްތަކުގައި ހިނގާފައިވާ މިންވަރު ހާމަކޮށް އިތުރަށް މިރަށްތަކުގައި ހިންގާނެ ކަންތައް ސާފުކުރުމާއި އެކަންތައް ކުރިޔަށް ގެންދާނެގޮތް ތައް ރައްޔިތުންނަށް
ކިޔައިދޭނެކަމުގައިވެސް އެބޭފުޅާ ވިދާޅުވިއެވެ.

ބުދަ ދުވަހު އދ އަތޮޅުން މިވަފްދު ޒިޔާރަތްކުރާނީ މަންދޫއަށެވެ. އޭގެފަހުން އެދުވަހު ޒިޔާރަތްކުރާނީ އއ އަތޮޅުގެ ހިމަންދޫ، މާޅޮސް، ފެރިދޫ، ބޮޑުފުޅަދޫ، އުކުޅަހަށެވެ. އޭގެފަހުން މަތިވެރިއަށެވެ.