Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދަށް ދޭ ވޯޓަކީ ރައްޔިތުން އަމިއްލައަށް ރައްޔިތުންނަށް ދެވޭ ވޯޓެއް – ކެންޑިޑޭޓް ނަޝީދު

September 20, 2008

އެމްޑީޕީ އިއްތިހާދަށް ދޭ ވޯޓަކީ ރައްޔިތުން އަމިއްލައަށް ރައްޔިތުންނަށް ދެވޭ ވޯޓެއް – ކެންޑިޑޭޓް ނަޝީދު

އެމްޑީޕީ އިއްތިހާދަށް ރައްޔިތުން ދޭ ވޯޓަކީ ރައްޔިތުން އަމިއްލައަށް ރައްޔިތުންނަށް ދެވޭ ވޯޓެއްކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ފަރާތުން ހުކުރުދުވަހުގެރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. އެމްޑީޕީ އިއްތިހާދުގެ ނަމުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ނަޝީދާއި ޑރ. ވަހީދުގެ ނަން ވޯޓުކަރުދާސްކޮޅުގައި އޮތް ނަމަވެސް އެބޭފުޅުންނަށް ދެއްވާ ވޯޓަކީ ރައްޔިތުންނަށް ދެވޭ ވޯޓެއްކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރެވޭނީ އެމްޑީޕީ އިއްތިހާދުގެ ވެރިކަމަކުންކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. “މިރާއްޖޭގައި ރައްޔިތުންގެ ވެރިކަމެއް ގާއިމް ކުރުމަށްޓަކައި ހަމައެކަނި ތަގްދީރު ކުރަހާފައި އޮތް ގޮތޭ މިފަހަރު އަޅުގަނޑުމެން ކުރީގައި އޮތްކަން. ތިޔަ ބޭފުޅުން އަމިއްލަ ފުޅަށް ތިޔަ ބޭފުޅުންނަށް ދެއްވާ ވޯޓެއް ދެއްވީމާ، އެވޯޓު އެދެއްވެނީ އެމްޑީޕީގެ އިއްތިހާދަށޭ… އަޅުގަނޑުމެން ނުކުތީ ރައްޔިތުންގެ ވެރިކަމެއް މިރާއްޖޭގައި ގާއިމުކުރަން” ނަޝީދު ވިދާޅުވިއެވެ.

މީގެ ފަސްއަހަރުކުރިން 19 ސެޕްޓެމްބަރުގައި ހިނގި ހިތާމަވެރި ހާދިސާތައް ނަޝީދު އެރޭގެ ޖަލްސާގައި ފާހަގަކުރެއްވިއެވެ. “5 އަހަރު ކުރިން މިދުވަހު ފުލުހުންގެ އެތައް އިމާރާތެއް ރޯކޮށްލައިފި. އިލެކްޝަންސް ކޮމިޝަން އަންދާލައިފި. ދިވެހިރާއްޖޭގެ ހައިކޯޓުގައި ހުޅުޖަހައިފި. 5 އަހަރުކުރިން މިދުވަހު މާފުށީ ޖަލުގައި، އެތާތިބި ޖަލުބަލަހައްޓާ މީހުން، އެޖަލުގައި ހައްޔަރުކޮށްފައިތިބި ގައިދީންނަށް އަމާޒުކޮށް ސީދާ މެރުމަށް ބަޑިޖެހި. އެއާއެކު މާލެ ފާލުން ނައްޓާލައިގެން ދިޔަ. މާލޭގެ އެތައް ތަނެއްގައި، ރައްޔިތުން ނުކުމެ ހުޅުޖެހި. މާލެ ރޯކޮށްލި. ފަސް އަހަރު ކުރީގައި މިދުވަހު، އަޅުގަނޑުމެންނަށް އެނގުނު އަޅުގަނޑުމެންނަށް ދެން ތިބެވޭކަށެއް ނެތޭ. އަޅުގަނޑުމެންގެ އުއްމީދު އަޅުގަނޑުމެން ހަގީގަތަކަށް ހަދާންވެއްޖެނަމަ އަޅުގަނޑުމެން ޖެހޭނީ އިހުނަށްވުރެ އަދި ބާރުލާ މަސައްކަތް ފަށާށޭ. 5 އަހަރު ކުރިން މިދުވަހު ފެށުނު މަސައްކަތުގެ ނަތީޖާ 19 ސެޕްޓެމްބަރުގައި އަޅުގަނޑުމެން ދެކޭއިރު މިކަން ނިމުމަށް ދެން އޮތީ 19 ދުވަސް.” ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދު ވިދާޅުވި ގޮތުގައި 19 ސެޕްޓެމްބަރު ހާދިސާއަށްފަހު ރާއްޖޭގައި ރައްޔިތުންގެ އެދުމާއި، ރައްޔިތުންގެ ރުހުމާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް ހިންގާ ރައްޔިތުންގެ ވެރިކަމެއް ގާއިމުކުރެވިގެން މެނުވީ ރާއްޖެ ސަލާމަތް ކުރެވެން ނެތްކަމަށް ރައްޔިތުންގެ ވަރަށް ގިނަ ބަޔަކަށް ދޭހަވެގެން ދިޔައެވެ.

ނަޝީދު ވިދާޅުވީ އެދުވަހަށްފަހު ރާއްޖޭގައި އިސްލާހަށް ބަޔަކު މަސައްކަތް ފަށައިގަނެގެން އުޅުނުކަމުގައި ވިޔަސް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ރައީސް މައުމޫނުގެ ސަރުކާރުން ރައްޔިތުންނާ ކުރިމަތި ކުރަމުން ގެންދިޔަ ވަރަށް ބޮޑު ބިރުވެރިކަމެއް ތެރޭގައި ކަމަށެވެ.

“ބިރު ގަންނަނީ ކޮންކަމަކާތޯ. ބިރު ގަންނަނީ ސީދާ މެރުމަށް ގަޔަށް ބަޑިޖަހާތީ.” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ. “ޖައްވަކަށް ނޫން. ފަޒައަކަށްވެސް ނޫން. އަޅުގަނޑުމެން ބިރުގަންނަނީ ސީދާ މެރުމަށް ގަޔަށް ބަޑިޖަހާތީ”
ނަމަވެސް އިސްލާހަށް މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކުން ރައްޔިތުންނަށް ގޮވާލަމުން ގެންދިޔައީ “އެކެއް އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން … ބިރު ފަހަނައަޅާ ދާން” ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ރާއްޖެއަށް ގެންނަން މަސައްކަތްކުރި އިސްލާހު ވަރަށް ގިނަ ބަޔެއްގެ ވަރަށް ގިނަ، ބުރަ މަސައްކަތާއި އެކު ހާސިލުކުރެވިފައިވާ ކަމުގައި ނަޝީދު ވިދާޅުވިއެވެ.