Wathan Edhey Gothah – MDP » މުހަންމަދު ނަޝީދު (އަންނި) – ކުރު ތައާރަފެއް

މުހަންމަދު ނަޝީދު (އަންނި) – ކުރު ތައާރަފެއް

Mohamed Nasheed (anni)

މައުމޫނާ އިދިކޮޅަށް އަޑުއުފުލުން
ކަޑުގެ ބޮޑު ސަރަހައްދަކަށް ވިއްސިވިހާލިވެފައިވާ ރަށްތަކަކުން އުފެދިފައިވާ މި ދިވެހިރާއްޖޭގައި، މީހެއްގެ ނަން ބުނުމާއެކު އެމީހަކީ އެންމެން ދަންނަ މީހަކަށްވުމަކީ ރަސްކަލެއް ނުވަތަ ދިގު މުއްދަތަކަށް ވެރިކަމުގައި ހުރި ރައީސަކަށް ނޫނީ ނުވާނެ ކަމެކެވެ. ޚާއްސަކޮށް އެފަދަ ޚުދުމުޚްތާރު ވެރިއެއްގެ ސީދާ ބެލުމުގެ ދަށުން ޓީވީންނާއި ރޭޑިޔޯއިން އެމީހެއްގެ ނަންނުކިޔާ ވޭތޯ ބަލަމުން ދާއިރުއެވެ. ނަމަވެސް ހަގީގަތަކީ މިއަދު ރާއްޖޭގައި ކޮންމެ ކަހަލަ ހާދިސާއެއް ހިގިކަމުގައިވިޔަސް އެކަމާ ގުޅިގެން މުހަންމަދު ނަޝީދު ނުވަތަ ‘އަންނި’ ބުނާއެއްޗެއް ހޯދާލުމަކީ އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީގެ މެމްބަރެއްވިޔަސް ނުވަތަ ސަރުކާރުގެ އިސްފަރާތެއްވިޔަސް ނުވަތަ އާންމު ފަރުދެއްވިޔަސް އެންމެ އަވަހަށް ކުރަން ބޭނުންވާ ކަމެވެ.
ރާއްޖެއާއި ބައިނަލް އަގްވާމީ ދުނިޔެ ދެކޭގޮތުގައި އަންނިއަކީ މިއަދު ރާއްޖޭގެ ސިޔާސީ މައިދާނުގައި ހުރި އެންމެ މަގްބޫލު މީހާއެވެ. އަދި ރާއްޖޭގައި 30 އަހަރަށް އަޅައިފާ ވެރިކަމަށް އޮތް އެންމެ ބޮޑު ވާދަވެރިކަމެވެ. އަންނިއަކީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރާއްޖޭގެ ވެރިކަމަށް އައުމަށް ގިނަ ބަޔަކު އުންމީދުކުރާ ވެރިއެއްކަން މިހާރު ކުރެވެމުންދާ ދިރާސާތަކުން ދައްކައެވެ. އަދި އަންނިގެ ސާފުސީދާ ރިކޯޑް ގެ ސަބަބުން ގިނަ ބައެއްގެ އިހްތިރާމާއި، ރުހުމާއި އިތުބާރު އޭނާއަށް ލިބިފައިވެއެވެ.
ދިވެހީންގެ ތެރޭގައި އަންނި މަޝްހޫރުވަމުން އައީ މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމާ އިދިކޮޅު މީހެއްގެ ގޮތުގައެވެ. އެއީ ވަރަށް ބޮޑު ހަގީގަތަކަށް ވީނަމަވެސް މައުމޫނުގެ ވެރިކަމާއި އޭނާ ދެކޮޅުވުން ގުޅިފައި އޮންނަނީ ރާއްޖޭގެ ވެރިކަން އިންތިޒާމުކުރެވި އެވެރިކަމުގައި ހުންނަ މީހަކަށް ލިބިދޭ ބާރުތަކާއި ރައްޔިތުންނާ ގުޅޭގޮތުން އެ ބާރު ބޭނުންކުރާ ގޮތަށެވެ. އަންނި މަސައްކަތް ކުރަމުން އައީ ވެރިކަމުގެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ގެނެސް، ރައީސްކަމުގެ މަގާމުގައި ހުންނަ މީހެއްގެ ނުފޫޒު އަދްލުއިންސާފަށް ނުވެއްދޭ، ހަމަހަމަކަމާއި އިންސާފު ލިބިދޭ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ، ފުދުންތެރި ރައްޔިތެއް ދިރިއުޅޭ ގައުމަކަށް ރާއްޖެ ބަދަލުކުރުމަށެވެ.

ލިޔުންތެރިކަމާއި މަޖިލީހުގެ މެމްބަރުކަން
ދިވެހީންގެ ތެރޭގައި އަންނި އެންމެ ފުރަތަމަ މަޝްހޫރުވީ ސަރުކާރަށް ފާޑުކިޔާ 1990 ވަނަ އަހަރުގެ ޖެނުއަރީމަހު ނެރުނު ‘ސަންގު’ މަޖައްލާއަށް ފަހުއެވެ.
އަންނި، އެއް މުއައްސިސަށްވެ ހުރެ ނެރެން ފެށި ސަންގު ވެގެން ދިޔައީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިގަތުމަށް ދިވެހީންގެ ބަޔަކު ކުރި އެންމެ ފުރަތަމަ މަސައްކަތަށެވެ. ސަންގު ވެގެން ދިޔައީ ސަރުކާރަށް ކެތްނުކުރެވޭނެ ދަރަޖައަކަށް ރައްޔިތުންގެ ވިންދާ ކުޅެލައި ސިޔާސީ ހަލަބޮލިކަން ގެނައި މަޖައްލާ އަށެވެ. ރާއްޖޭގައި އޮންނަ ރައްޔިތުންނާ ގުޅުމެއް ނެތް ރައްޔިތުންގެ މަޖިލީހުގެ ދައުރާއި ސަރުކާރުގެ އިސްވެރިން ހިންގާ ކޮރަޕްޝަންތައް ރައްޔިތުންގެ ސަމާލުކަމަށް ގެނައުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނައިން ވިކުނު މަޖައްލާކަމުގައި ސަންގުވެގެން ދިޔުމެވެ. އަދި އެއިން ވެރިކަމަށް ކުރިމަތިކުރި ގޮންޖެހުމުގެ ސަބަބުން އެ މަޖައްލާގެ 5 އަދަދަށްފަހު ސަރުކާރުން އެ މަޖައްލާ ނެރުން ހުއްޓާލާ އެކަމުގައި ހިމެނޭ ގިނަބަޔަކު ހައްޔަރުކޮށް ޖަލަށްލިއެވެ. ސަންގު ހުއްޓާލުމުން، 1994 ގައި، ވެރިކަމާއި އިންސާނީހައްގުތަކާ ގުޅޭގޮތުން ކޮލަމްނިސްޓެއްގޮތުގައި ސްރީލަންކާގައި ނެރޭ އައިލަންޑް މަޖައްލާގައި އަންނި ލިޔުއްވަމުން ގެންދެވިއެވެ. އަދި 1994 ގައި އެމްނެސްޓީ އިންޓަނޭޝަނަލް އިން އަންނި އަކީ ޒަމީރުގެ ކުށްވެރިއެއް ކަމުގައި ކަނޑައެޅިއެވެ.
ސިޔާސީ މައިދާނާއި ދުރުގައި، 1994 އިން 1998 ށް ޓޫރިޒަމް ދާއިރާގައި، ސަފާރީ ޓުއާޒްގެ ޑިރެކްޓަރެއްގެ މަގާމުގައި އަންނި މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް 1999 ވަނަ އަހަރު އޮތް އާންމު އިންތިޚާބުގައި މާލޭ ގޮޑިއަށް އޭނާ ކުރިމަތިލައި މާލޭގެ ދެ ގޮނޑިންކުރެ އެއް ގޮނޑި ކާމިޔާބުކޮށް ރައްޔިތުންގެ މަޖިލީހުގެ މާލޭގެ އެއް މެމްބަރުކަމަށް އޭނާ އިންތިޚާބުވިއެވެ. އެއަށްފަހު އޭނާގެ އަޑު ވެގެންދިޔައީ ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އިސްލާހީ ބަދަލަށް އިވޭ ހަމައެކަނި އަޑަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނަނިކޮށް 2002 ވަނަ އަހަރު އަންނިގެ ބޮލުގައި ސަރުކާރުން ވައްކަންކުރިކަމުގެ ބަދުނާމު އަޅުވައި ރ އަތޮޅު އަގޮޅިތީމަށް އޭނާ އަރުވާލިއެވެ. އަންނިގެ މައްޗަށް ސަރުކާރުން އެޅުވި ދޮގު އިލްޒާމަކީ ހ. ވެލާނާގޭގައި އުކާލާފައި ހުރި ކަރުދާސްތަކަކުން ކަރުދާސް ބޮޑިއެއް ވަގަށް ނެގިކަމުގެ ކުށެވެ.
ޖެހިގެން އައި އަހަރުތަކުގައި އަންނި މަސައްކަތް ކުރަމުން ގެންދިޔައީ އޮރިއެންޓަލް އެކަޑެމިކް ސެންޓަރު ގައި ރާއްޖޭގެ ތާރީޚާއި ސިޔާސީ ދާއިރާ ދިރާސާކުރާ މީހެއްގެ ގޮތުގައެވެ. އެ އަހަރުތަކުގައި އޭނާ 4 ފޮތެއް ލިޔުނެވެ.

ރާއްޖެއަށް ސިޔާސީ ޕާޓީ ތައާރަފްކުރުމާއި އެމްޑީޕީގެ ޗެއާޕާސަންއަށް ވެވަޑައިގަތުން
ރާއްޖޭގެ ވެރިކަން ރައްޔިތުންގެ އަތްމައްޗަށް ގެނެސް ޒަމާނީ ޑިމޮކްރެސީއެއް ގާއިމުކުރުމުގެ ބޭނުންތެރިކަމަށް ވަކާލާތު ކުރުމަށް ފުރަތަމަ މަސައްކަތް ކުރީ 1996ގައި، އަލްމަރްހޫމް ކަޅުހުރާގޭ މުހަންމަދު ލަތީފުއާއެކުއެވެ. އަދި އޭގެ ފަހުން ސިޔާސީ ޕާޓީތައް އުފެއްދުމަށް 2001 ވަނައަހަރު ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އެއް ރަޖިސްޓްރީ ކުރުމަށް އެދި ސޮއިކުރި 42 މީހުން ގެ ތެރޭގައި އަންނި ހިމެނުނެވެ. ނަމަވެސް އެމީހުންގެ މަސައްކަތަށް ސަރުކާރުން ހުރަސް އަޅައި އެކަމުގައި އިސްވެ އުޅުނު މީހުން ޖަލަށްލައި ޕާޓީ ސިސްޓަމެއް ގެނައުމަށް ކުރަމުން އައި މަސައްކަތް ހުއްޓުވާލިއެވެ.
19 ސެޕްޓެމްބަރު 2003 ގައި މާފުށި ޖަލުގައި އީވާން ނަސީމް މަރާލުމުން ޖަލުގެ ގައިދީން އެކަމަށް އިހްތިޖާޖް ކުރިއެވެ. މިކަމުގެ ތެރޭގައި ފުލުހުން އެ ގައިދީންގެ ބޮލަށް ބަޑިޖަހައި މެރިއެވެ. އެކަމާ ވިދިގެން، މާލޭގެ ގިނަ ބަޔަކު، ސަރުކާރާއި ދައުލަތު މުއައްސަސާތަކާއި އިދިކޮޅަށް އަޑުއުފުލަން ނިކުތެވެ. މާފުށި ހާދިސާއާ ގުޅިގެން ސަރުކާރު ބަދަލުކުރުމުގެ މަގްސަދުގައި ރާއްޖޭގައި އިސްލާހަށް މަސައްކަތްކުރާނެ މާހައުލެއް އުފެއްދުމަށް، އަންނި އާއި އޭނާގެ ބައެއް ބައިވެރިން ރާއްޖެއިން ފުރައިގެން ދިޔައެވެ. އަދި 2004 ވަނަ އަހަރު އިގިރޭސި ވިލާތުން އަންނިއަށް ސިޔާސީ ރެފިއުޖީއެއްގެ މަގާމުދީ އެރަށުގެ ރައްޔިތެއް ކަމުގައި ބަލައިގަތެވެ.
އަންނި އާއި އޭނާގެ ބައިވެރިންގެ މަސައްކަތުން 10 ނޮވެމްބަރު 2003 ގައި ސްރީލަންކާގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އިފްތިތާހު ކުރިއެވެ. އަދި އެއަށްފަހު ބައިނަލްއަގްވާމީ ދުނިޔޭގައި، ޚާއްސަކޮށް އިގިރޭސި ވިލާތުގެ ޕާލިމެންޓަށާއި އެގައުމުގެ މަދަނީ ޖަމިއްޔާތަކަށް ދިވެހިރާއްޖޭގެ ހާލަތާއި ބެހޭގޮތުން މައުލޫމާތުދީ އިސްލާހު ގެނައުމަށް އެފަރާތްތަކުގެ މަދަދު ހޯދުމަށް އަންނި އޭނާގެ ބައިވެރިންނާއެކު މަސައްކަތް ކުރިއެވެ.
ރާއްޖެއިން ބޭރުގައި ހުންނަވައި އަންނިއާއި އޭނާގެ ބައިވެރިން ރާއްޖޭގެ އެތެރެއިންނާއި ބޭރުން ދިވެހި ސަރުކާރަށް ފިއްތުންތައް ކުރިމަތިކުރިއެވެ. އަދި ރާއްޖެއިން 18 މަސްދުވަހު އަރުވާލެވިގެން ހުރުމަށްފަހު 30 އޭޕްރިލް 2005 ގައި ރާއްޖެއައިސް އެމްޑީޕީ ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ފަށައިގަތެވެ.

ސިޔާސީ ޕާޓީއެއް ގޮތުގައި އެމްޑީޕީ ހަރަކާތްތެރިކުރުވުން
އެމްޑީޕީ ރަޖިސްޓްރީ ކުރުމަށް ކުރެވުނު މަސައްކަތުން ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ސިޔާސީ ޕާޓީ ކަމުގައި 26 ޖޫން 2005 ގައި އެޕާޓީ ވެގެން ދިޔައެވެ. އަދި އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް އެޕާޓީގެ ވަލީކޮމިޓީން އަންނި އިންތިޚާބު ކުރިއެވެ. އެމަގާމުގައި އަންނި ހުރެ 12 އޮގަސްޓް 2005 ގައި ޖުމްހޫރީ މައިދާނުގައި، އޭގެ އެއް އަހަރު ކުރިން އެމައިދާނުގައި އާންމުންގެ ބަޔަކު އެއްވެ މައުމޫނުގެ އިސްތިއުފާއަށް ގޮވައި ހެދުމުން ސަރުކާރުގެ ސަލާމަތީ ބާރުތަކުން ދިން އަނިޔާގެ ހަނދާނުގައި، ހަމަހިމޭންކަމުގެ އިހްތިޖާޖެއް ކުރަން އިންދާ ފުލުހުން އޭނާ ހައްޔަރުކޮށް ޖަލަށްލިއެވެ. އަދި އޭގެ 3 މަހެއްހާ ދުވަސްފަހުން އަންނި ގޭބަންދަށް ބަދަލުކޮށްފައި ހުއްޓާ އެމްޑީޕީގެ ފުރަތަމަ ކޮންގްރެސް ގައި، 20 ޑިސެމްބަރ 2005 ވަނަ ދުވަހު، އެޕާޓީގެ ގައުމީ ޗެއާޕާސަން ގެ މަގާމަށް އޭނާ އިންތިޚާބުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި އަންނި ހުރެގެން ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ ހިންގަން ފެއްޓިއެވެ. އަދި ރާއްޖޭގެ ތާރީޚުގައި ސިޔާސީ ޕާޓީއަކުން އިންތިޒާމް ކުރި އެންމެ ފުރަތަމަ މުޒާހަރާ 24 ޖެނުއަރީ 2006 ގައި އެ ޕާޓީން ބޭއްވިއެވެ. އޭގެ ފަހުން ދުނިޔޭގެ ޑިމޮކްރެސީތަކުގައި ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތައް ރާއްޖެއަށް ތައާރަފްކޮށް، ރައްޔިތުންގެ ތެރޭގައި ސިޔާސީ ހޭލުންތެރިކަން އުފައްދައި ރައްޔިތުންގެ ބާރު ރައްޔިތުންނަށް އަންގައިދިނުމަށް މަސައްކަތް ކުރިއެވެ. އަންނިގެ ޗެއާޕާސަންކަމުގެ ދަށުގައި އެމްޑީޕީގެ މަގްސަދުތައް ބައިނަލްއަގްވާމީ ދުނިޔެއަށް އޮޅުންފިލުވައި ދިނުމަށް ކުރި އެތައް ދަތުރެއް ގައި އޭނާ ބައިވެރިވިއެވެ.
އަންނި އެމްޑީޕީގެ ޗެއާޕާސަނަކަށް ހުރެ، 23 އޮކްޓޫބަރ 2006 ގައި އެޕާޓީގެ އާދަޔާޚިލާފު ކޮންގްރެސް ބާއްވައި އެޕާޓީގެ އަސާސީ ގަވާއިދާއި ސިޔާސަތުތައް ފާސްކުރިއެވެ. އަދި 2006 ވަނަ އަހަރު އިގިރޭސި ސަރުކާރުގެ ހާޒިރުގައި ދިވެހި ސަރުކާރާއެކު ގާނޫނު އަސާސީ އިސްލާހުކުރުމަށް ބާރު އެޅުމަށް ވެސްޓްމިންސްޓަރ ވާހަކަތައް ފެއްޓިއެވެ. 2006 ވަނަ އަހަރު ގާނޫނު އަސާސީ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބާރުއެޅުމަށް ރާއްޖޭގެ އަތޮޅުތަކުން ރައްޔިތުން 10 ނޮވެމްބަރ 2006 ށް، މާލެ އައުމަށް އެމްޑީޕީން ގޮވާލިއެވެ. މި ގޮވާލުމުގައި ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގައި ހައްދުފަހަނަޅައި ދިޔަ މިންވަރު ބައިނަލްއަގްވާމީ ދުނިޔެއަށް ފާޅުވެގެން ދިޔައެވެ. 2007 ވަނަ އަހަރުގެ ޖެނުއަރީގައި އިގިރޭސިވިލާތުގެ ކޮންޒަވެޓިވް ޕާޓީ އާއެކު އެމްޑީޕީން ވި އެއްބަސްވުމެއްގެ ދަށުން އެފަރާތުން ފަންނީ އެހީގެ ގޮތުގައި ޕްރޮގްރާމްތަކެއް ރާއްޖޭގައި ހިންގިއެވެ.
ރާއްޖޭގައި 24 ޖޫން 2005 ވަނަ އަހަރު އިސްލާހު ކުރެވެންފެށި ގާނޫނު އަސާސީގައި، ވެރިކަމުގެ ނިޒާމު ކަޑައެޅުމަށް ބޭއްވި ރައްޔިތުންގެ ވޯޓުގައި، އެމްޑީޕީން ތާއިދުކުރި ބަރުލަމާނީ ނިޒާމަށް 57،000 މީހުންގެ ވޯޓު ކާމިޔާބު ކުރެވުނެވެ. އަދި 2008 ގެ ރިޔާސީ އިންތިޚާބު މިނިވަން އިންސާފުވެރި އިންތިޚާބަކަށް ހެދުމަށް އިސްލާޙުކުރަމުންދާ ގާނޫނު އަސާސީގައި އިންތިގާލީ ސަރުކާރެއް ހިމެނުމަށް ސިޔާސީ ޕާޓީތަކާއި ވާހަކަ ދައްކައިގެން ސިޔާސީ 5 ފަރާތެއް ހިމެނޭ ގައުމީ އެއްބައިވަންތަކަމުގެ ގުޅުން އެކުލަވާލިއެވެ. އެއަށްފަހު، މި ގުޅުމުން ނުވަތަ އިއްތިހާދުން، ރާއްޖޭގެ އުތުރާއި ދެކުނުގެ 26 ރަށަށް ‘އަރުމާޒު ދަތުރު’ ކޮށް ތާއިދު ހޯދުމުގެ މަސައްކަތް ކުރެއްވިއެވެ.
ރާއްޖޭގައި 2008 ގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށްޓަކައި 20 ފެބްރުއަރީ 2008 ގައި އެމްޑީޕީގެ ޗެއާޕާސަންކަމުގެ މަގާމުން އަންނި އިސްތިއުފާދިނެވެ. އަދި ރިޔާސީ އިންތިޚާބަށް އެމްޑީޕީގެ ތެރެއިން އޭނާ ވާދަކުރާނެކަން އިއުލާނުކޮށް އޭނާގެ ކެންޕެއިން ‘ތާހިރު ދިރިއުޅުމަކަށް’ އިފްތިތާހުކޮށް، ކަލާފާނު ސްކޫލްގައި 7 މާޗް 2008 ގައި ބައްދަލުވުމެއް ބޭއްވިއެވެ. އަދި ރިޔާސީ އިންތިޚާބަށް އޭނާ ކުރިމަތިލީ އެންމެ ބޮޑު ސަބަބަކީ، އިދިކޮޅު ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރުން ކަމުގައި، އެ ޖަލްސާގައި އޭނާ ބުންޏެވެ.
މުހަންމަދު ނަޝީދު (އަންނި) އުފަންވީ 17 މޭ 1967 ގައެވެ. އޭނާ ތައުލީމު ހާސިލު ކުރީ ރާއްޖޭގައާއި ސްރީލަންކާގައާއި އިގިރޭސިވިލާތުގައެވެ. އަދި މެރިޓައިމް ސްޓަޑީޒްއިން ފުރަތަމަ ޑިގްރީ ހާސިލްކުރިއެވެ. ކިޔަވައި ނިމުމަށްފަހު 1989 އިން 1990 ށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަގާމު ފުރިއެވެ.
އަންނި އާއި އޭނާގެ އަންހެނުންނަށް ދެ ދަރިން ލިބިފައިވެއެވެ.