Wathan Edhey Gothah – MDP » އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހުރިހާ ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ކެންޑިޑޭޓް ނަޝީދު އެދިލައްވައިފި

September 23, 2008

އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހުރިހާ ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ ކަންތައް ކުރިޔަށް ގެންދިޔުމަށް ކެންޑިޑޭޓް ނަޝީދު އެދިލައްވައިފި

އެމްޑީޕީ އިއްތިހާދުގެ އަނެއް ދިވެހިރާއްޖެ ކެމްޕޭން ހަރަކާތްތެރިން ކުރިޔަށް އޮތް ދެދުވަހުގެ ތެރޭގައި ވޯޓުލާ މީހުން ރަޖިސްޓްރީ ކުރުމުގެ މަސައްކަތްކުރިޔަށް ގެންދިޔުމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އެދިލައްވައިފިއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިގޮތަށް އެދިލެއްވީ އެމްޑީޕީގެ ފުރަތަމަ ރަޖިސްޓްރީ ކުރި ގޮފިކަމުގައިވާ ޖަންބުގޮފީގެ ފަރާތުން އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ހަރަކާތްތައް ހިންގުމަށްޓަކައި ރޭ ހުޅުވި ކެމްޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މިޖަގަހަ ހުޅުވުމަށްޓަކައި ކެންޑިޑޭޓް ވަޑައިގެންނިވީ ޖަގަހައާއި ޖެހިގެން ހުރި ބައެއްގޭގައި ދިރިއުޅޭ މީހުންނާއި ބައްދަލުކުރައްވާފައެވެ. އަދި ވަޑައިގެންނެވި ދެގެއެއްގެ އެއްވެސް މީހަކު ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފައި ނުވާކަމަށް ނަޝީދު ވިދާޅުވިއެވެ.

“ވޯޓަށް އަޅުގަނޑުމެން ރަޖިސްޓަރީ ނުވަންޏާ މިކަމާ ގުޅޭ ގޮތުން އަޅުގަނޑުމެންނަށް އެއްވެސް ކަމެއް ނުކުރެވޭނެ، އަޅުގަނޑުމެންނަށް އިރާދަ ކުރެއްވިއްޔާ މިކަން ކާމިޔާބު ވާނެ، އެހެންކަމުން އެކަން ކުރުމަށް މި އޮތް ދެދުވަހުގެ ތެރޭގައި ވަރަށް ބޮޑަށް މަސައްކަތް ކުރަން ޖެހޭނެ، މިޖަގަހައިގަވެސް އެންމެ ބޮޑު ބޭނުމަކަށް ވާނީ ވޯޓު ރަޖިސްޓަރީ ކުރުމާއި، ވޯޓާ ގުޅޭ ގޮތުން މި ހިސާބުގެ އަވަށްޓެރިންނަށް މަޢުލޫމާތު ދިނުން، އަޅުގަނޑު އުންމީދުކުރަން އެ މަސައްކަތުގައި ވަރަށް ގިނަ ބަޔަކު ތިއްބަވާނެކަމަށް” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ.

އޭގެ ފަހުން ނަޝީދުވަނީ ވޯޓުލާން ރަޖިސްޓްރީ ކުރާ ފޯމްތައް އެސަރަހައްދަށް ހާޒިރުވެފައިވާ އާއްމުންނަށް ބަހާ ކޮންމެ ބޭފުޅަކުވެސް އެއްފޯމު ރަޖިސްޓްރީ ކުރުމަށް އެދިލައްވާފައެވެ. އަދި ބައެއް ބޭފުޅުން އެވަގުތުވެސް ފޯމު ފުރައިގެން ކެމްޕޭން ޖަގަހައާއި ފޯމު ހަވާލުކޮށްފައިވެއެވެ.

ނަޝީދުގެ އިތުރުން ޖަންބު ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފާއި ގައުމީ އިއްތިހާދު ޕާޓީގެ ވައިސް ޗެއާޕާސަން ޑރ މޫސާ ލުތުފީއާއި އުވިދިޔަ ޚާއްސަ މަޖިލީހުގެ އދ އަތޮޅުގެ މެމްބަރު އިލިޔާސް ހުސައިން އިބްރާހިމް ވާހަކަ ދެއްކެވިއެވެ.

މީގެ އިތުރުން ރޭ 9:30 ފެށިގެން ހެންވޭރު ޖަނަވަރީ ހިނގުމުގައި ވެސް މާލޭގައި ދިރިއުޅޭ އެކިއެކި ރަށްރަށުގެ ރައްޔިތުން ވޯޓަށް ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ހިންގާފައިވެއެވެ. އެމްޑީޕީގެ މިހަރަކާތުގައި އެޕާޓީގެ، ނައިބް ރައީސް އިބްރާހިމް ހުސައިން ޒަކީއާއި، އެޕާޓީގެ ކުރީގެ އަމީންއާންމު ހާމިދު އަބްދުލްޣަފޫރު ވާހަކަފުޅު ދެއްކެވިއެވެ. އަދި އެ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދު (އަންނި)ގެ ރަނިންމޭޓް ޑރ މުހަންމަދު ވަހީދުވެސް ހަރަކާތްތެރިވިއެވެ.

1 Comment

  1. އަޅުގަނޑަށް ވަރަށް ފާހަގަކުރެވޭ މި އިންތިހާބަށް ކުރިމަތިލައިގެން އުޅޭ ބައެއްކެނޑިޑޭޓުން ވަގުތުނެތޭ އެއްވެސް ކަމެއް ނުވާނޭ ކިޔައިގެން ރައްޔިތުންނަށް ވަރަށް ނެގެޓިވްކޮށް ވިސްނައިދިނުމަށް މަސައްކަތްކުރަމުންދާކަން. އަންނިނޫނި ނެތް މިކަން ކާމިޔާބުވާނޭ، އަޅުގަނޑުމެން މަސައްކަތްކުރަމާ ހިގާށޭކިޔާ މީހުން ރަޖިސްޓްރީކުރުމުގެ ކަންތަކުގައިވެސް އިލެކްޝަންކޮމިޝަނަށް އެއްބާރުލުންދޭ ކެނޑިޑޭޓެއް. ކަމެއް ކާމިޔާބުކުރުމަށް އެންމެފުރަތަމަ ބޭނުންވާނީ ޕޮޒިޓިވް ވިސްނުން، ދެން ވަރުގަދަ އޒުމެއް، ދެން އެކަމަށް ކުރެވެންހުރި މަސައްކަތެއް ކުރުން. އޭރުން ކާމިޔާބު އަދިފަހަރުގައި ނުވިޔަސް ވަރަށްބޮޑުތަން ރަނގަޅުވެގެންދާނެ. މިކަން ނުވާނޭކިޔައިގެން އުޅުއްވާ ބޭފުޅުންނަކީ ފާހަގަކުރެވޭގޮތުގަ ޕޯލްތަކުގަ ވަރަށް ފަހަތުގަ އުޅުއްވާ ބޭފުޅުން. އެހެންވީމަ ފަހަރުގަ އިތުރުވަގުތު ބޭނުންފުޅުވަނީ ކަންނޭގެ އަދިވެސް އިސްލާހަށްދޭ ވޯޓްތަށް ބައިބައިކުރަން. އަޅުގަނޑުމެން ބޭނުންވަނީ އަދި 8 އޮކްޓޫބަރުގަ ނުވިޔަސް ވީހާވެސް އަވަހަކަށް މިކަންކުރަން. އެހެންނޫނި އަނެއްކާވެސް މައުމޫނު ނުއަތުބުރެއް އަޅަން ދެވޭ ފުރުޞަތަކަށް ވެދާނެ.

    Comment by Anonymous — September 24, 2008 @ 7:04 am