އޮމާންކަމާއި އެކު ރާއްޖޭގެ ވެރިކަން އެމްޑީޕީ އިއްތިހާދުގެ މައްޗަށް ފުރޮޅާލުމުގެ މަސައްކަތް ވަގުތުން ފެއްޓެވުމަށް މައުމޫނަށް ގޮވާލަން- ކެންޑިޑޭޓް ނަޝީދު
އެތައް ޒަމާންތަކެއް ވަންދެން ބާރުތައް ހިފަހައްޓައިގެން ކުރި ވެރިކަން އޮމާންކަމާއި އެކު ފުރޮޅާލުމުގެ މަރުހަލާތައް ވަގުތުން ފެށުމަށް މިހާރު ރާއްޖޭގެ ރައީސްކަމުގައި ވަގުތީ ގޮތުން ހުންނެވި މައުމޫނު އަބްދުލްގައްޔޫމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ގޮވާލައްވައިފިއެވެ.
އެމްޑީޕީ އިއްތިހާދުގެ މެނިފެސްޓޯ ނެރުމަށްޓަކައި ހެދިގޮޑުދޮށް ސަރަހައްދުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބު އެމްޑީޕީ އިއްތިހާދުން ކާމިޔާބުކުރާނެއެވެ. އޮކްޓޫބަރު ހަތަރެއްގައި އެކަން ޔަގީންވާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ވެރިކަން ބަދަލުވާ ވަގުތަކީ ނާޒުކު ވަގުތެއް ކަމަށާއި އެކަން އޮމާންކަމާއިއެކު ކުރެވެން އޮތީ ސަރުކާރު ފުރޮޅާލުމުގެ އިންތިޒާމު ހަމަޖެހެމުންކަމުގައެވެ.
“ދަންނާތި، އަޑުއައްސަވާތި، ވިސްނަވާތި. މިފަހަރުވެސް އަޅުގަނޑުމެންނަށް މޮޅުވެވޭނީ ވެރިކަން ފުރޮޅާލުމުގެ ފިޔަވަޅަށް ވިސްނާފައި އޮތީމާ” ނަޝީދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން މިކަން ކުރަމުން އަންނަނީ ޙިކްމަތްތެރިކަމާ އެކީގައި”
ނަޝީދު ވިދާޅުވި ގޮތުގައި މައުމޫނު އަބްދުލްގައްޔޫމަށް ވެރިކަން އަމާންކަމާއި އެކު ފުރޮޅާލުމުގެ މަސައްކަތް ކުރީގެ ރައީސް އިބްރާހިމް ނާސިރު ކުރައްވާފައިވަނީ ވަރަށް ފުރިހަމައަށެވެ. “އަޅުގަނޑު ރައީސް މައުމޫނު އަރިހުން ވަރަށް އިޚްލާސްތެރިކަމާއެކު މިދަންނަވަނީ މިއެދެނީ އަޅުގަނޑުމެންނަށް ހަމަ މިހާރު އެކަންކަން ފުރިހަމަ ކޮށްދެއްވާށޭ” ނަޝީދު ވިދާޅުވިއެވެ.
ހެދިގޮޑުދޮށް ސަރަހައްދަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ރައްޔިތުންނާއި މުހާތަބު ކުރައްވާ ނަޝީދު ވިދާޅުވި މެނިފެސްޓޯތަކާއި ސިޔާސަތުތައް ކެންޑިޑޭޓުން ނެރެމުންދިޔަ ނަމަވެސް އެސިޔާސަތުތައް ތަންފީޒުކުރުމަށް އެއަށްވުރެ މާ މުހިއްމު ސިޔާސަތެއް ބޭނުންވެއެވެ. އެއީ އަދުލުވެރި ރައްޔިތުންގެ ވެރިކަމެއް ތަންފީޒުކުރުމުގެ ސިޔާސަތުކަމަށާއި އެސިޔާސަތު ތަންފީޒުކުރެވޭނީ ހަމައެކަނި އެމްޑީޕީ އިއްތިހާދަށް ކަމަށެވެ. މީގެ އިތުރަށް ނަޝީދު ވިދާޅުވި ގޮތުގައި ތަރައްގީއެއް ރައްޔިތުންނަށް ހޯދައިދެވޭނީ ރައްޔިތުންނަށް އޯގާތެރި ހަރުދަނާ ވެރިކަމެއްގެ ބިންގަލެއް އެޅިގެންނެވެ. ނަމަވެސް ވޭތި ވެދިޔަ 2000 އަހަރުވެސް މިރާއްޖޭގައި މިފަދަ ވެރިކަމުގެ ބިންގަލެއް ނެތްކަމުގައި ނަޝީދު ވިދާޅުވިއެވެ.
“މިފަދަ ބިންގަލެއް ނެތި 5000 ފްލެޓެއްވެސް ބްރިޖެއްވެސް ނޭޅޭނެ. އެހެންނަމަ މިދިޔަ 30 އަހަރުވެސް އެޅުނީސް” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސިޔާސަތުތައް ބިނާކުރައްވަނީ ރައްޔިތުންގެ އަޑު އެހުމަށްފަހު ރައްޔިތުންގެ ޝަކުވާތަކުގެ މައްޗަށެވެ. “ސިޔާސަތު ހެދުމަށްޓަކައި އަޅުގަނޑު މެން އިށީންނަނީ ކޮމްޕިޔުޓަރ ކައިރިއަކު ނޫން… އަޅުގަނޑުމެން އެއްފިޔަވަޅު ފަހަތަށް ޖެހި ރައްޔިތުންގެ ފަހަތަށް ދަނީ. ރައްޔިތުންގެ ފަހަތުގައި ތިބިގެން ރައްޔިތުންގެ އަޑު އެހުމަށްފަހު އެއަށްވުރެ ބާރަށް އެވާހަކަތައް ދައްކަނީ.” އެއީ އެމްޑީޕީން ރައްޔިތުންގެ ލޯބި ހޯދުމަށް ބޭނުންކުރާ ސިއްރުކަމަށް ނަޝީދު ރޭ ވިދާޅުވިއެވެ.