Wathan Edhey Gothah – MDP » ރިޔާސީ އިންތިޚާބުގައި ހުވަދު އަތޮޅުން އެމްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ – ކެންޑިޑޭޓް ނަޝީދު

August 13, 2008

ރިޔާސީ އިންތިޚާބުގައި ހުވަދު އަތޮޅުން އެމްޑީޕީއަށް ބޮޑު އަޣްލަބިއްޔަތެއް ލިބޭނެ – ކެންޑިޑޭޓް ނަޝީދު

ހުވަދު އަތޮޅުގެ ދެބުރިއަކީ އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ދެއަތޮޅުކަމަށާއި މުޅި ހުވަދޫން އެމްޑީޕީއަށް ބޮޑު ކާމިޔާބެއް ލިބޭނެކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ މާލޭގައި ދިރިއުޅެމުންދާ ގދ އަތޮޅުގެ ރައްޔިތުންނާއި ބުދަ ދުވަހު އެމްޑީޕީގެ ހަރުގޭގައި ބައްދަލުކުރައްވަމުންނެވެ. މިބައްދަލުވުމަކީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ހޯދުމުގެ މަސައްކަތުގައި ގދ އަތޮޅުގެ ގިނަ ރައްޔިތުންތަކެއް ބައިވެރިވުމަށް އެދެމުންދާތީވެ އެކަންތަކުގައި އެންމެ ބޮޑަށް އުޅެވޭނެ ގޮތެއް ހޯދުމަށާއި ކެންޑިޑޭޓް ނަޝީދުގެ ކެމްޕެއިން ޓީމަށް ގދ އަތޮޅުގައި ކުރެވިދާނެ ކަންތައް ހޯދުމަށް އެމްޑީޕީގެ ގދ ދާއިރާއިން އިންތިޒާމްކުރި ބައްދަލުވުމެކެވެ.

މިބައްދަލުވުމުގައި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ދާދިފަހުން އެބޭފުޅާ ގއ އަތޮޅަށް ކުރި ޒިޔާރަތުން އެކަށީގެންވާ ތާއީދެއް ލިބުނުކަން ފާހަގަކުރެއްވިއެވެ. އަދި މަހުޖަނު ގާސިމް އިބްރާހިމް ޖުމުހޫރީ ޕާޓީއާއި ގުޅުނު ނަމަވެސް އެކަމުގެ މާބޮޑު އަސަރެއް ހުވަދޫން ނުފެންނަކަންވެސް ނަޝީދު ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މާލޭގައި ދިރިއުޅޭ ގދ އަތޮޅުގެ ބައެއް ރައްޔިތުން ފާޅުކުރި ހިޔާލުތަކުގައި ގދ އިން އެމްޑީޕީއަށް ލިބިފައި އޮތް ބޮޑު ތާއީދު މިހާރުވެސް އޮތްވަރަށް ބާއްވަން ބޭނުންފުޅުވާކަމަށާއި ވީހާވެސް އިންތިޒާމުކޮށް ފާޅުކަން ބޮޑު ގޮތެއްގައި މިކެމްޕޭނުގައި ބައިވެރިވާން ބޭނުންފުޅުވާކަމުގައި ހާމަކޮށްފައިވެއެވެ.

މިހާރު ރާއްޖޭގެ މަހުޖަނުން ގުޅިގެން ވޯޓު ގަތުމުގެ މަސައްކަތް ކުރަންފަށާފައިވާކަން ބައްދަލުވުމަށް ހާޒިރުވި ބައެއް ރައްޔިތުން ފާހަގަކުރިއެވެ. މިކަމާއި ގުޅިގެން ކެންޑިޑޭޓް ހުރިހާ ބޭފުޅުންނަށްވެސް ގޮވާލެއްވީ އެފަދަ އެއްވެސް ކަމެއް ކުރިމަތިވެއްޖެނަމަ އެންޓިކަރޮޕްޝަން ބޯޑަށާއި ފުލުހުންނަށް އަދި ޓްރާންސްޕޭރަންސީ މޯލްޑިވްސްއަށް ލަސްނުކުރައްވާ އެކަންތައް ހާމަކުރުމަށެވެ. “މިފަދަ އެއްވެސް މައުލޫމާތެއް ލިބި އެކަން ހާމަނުކޮށް ތިބުމަކީ އެކުށުގައި ތިޔަބޭފުޅުން ބައިވެރިވުންކަމުގައި ބެލެވޭނީ. ހަމަގައިމުވެސް އަޅުގަނޑެއް ވޯޓެއް ނުގަންނާނަން” ނަޝީދު ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުވުމުގައިވަނީ އެމްޑީޕީގެ ކެމްޕެއިން އޮފީހާއި ގުޅިގެން ގދގައި ހިންގާނެކަންތައް ކޯޑިނޭޓް ކުރުމަށް މާލޭގައި ދިރިއުޅޭ ގދގެ ރައްޔިތުންގެ ތެރެއިން ދިހަ ބޭފުޅުންގެ ކޮމިޓީއެއް ހޮވާފައެވެ. މިކޮމިޓީގެ އިސްބޭފުޅަކަށް ހަމަޖައްސަވާފައިވަނީ ތިނަދޫ ފަތުހުﷲ އާދަމްއެވެ.

1 Comment

  1. އަހަރުމެން މި ތިބީ އަންނި އާއެކު………

    Comment by itx me — August 19, 2008 @ 3:11 pm