Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިންތިގާލީ ކޮމިޓީއެއް އިއުލާންކުރައްވައިފި

September 25, 2008

އެމްޑީޕީ އިއްތިހާދުގެ ފަރާތުން އިންތިގާލީ ކޮމިޓީއެއް އިއުލާންކުރައްވައިފި

މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިއްތިހާދެއްގެ ގޮތުގައި ވާދަކުރައްވާ އެމްޑީޕީއާއި ގައުމީ އިއްތިހާދު ގުޅިގެން އިންތިގާލީ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ. މިކޮމިޓީ އިއުލާން ކުރައްވާފައިވަނީ މިއަދު އެމްޑީޕީގެ މައި ހަރުގޭގައި އޮތް ނޫސްކޮންފަރެންސްއެއްގައި އެމްޑީޕީގެ ވަގުތީ ރައީސް އަދި ނައިބްރައީސް އިބްރާހިމް ހުސައިން ޒަކީއެވެ.

އެމްޑީޕީ އިއްތިހާދުން މައުލޫމާތު ދެއްވާ ގޮތުގައި މިއަދު އިއުލާން ކުރެވުނު އިންތިގާލީ ކޮމިޓީއަކީ ރިޔާސީ އިންތިހާބު ކާމިޔާބުވުމުން ވެރިކަމުގެ ބާރުތައް އޮމާންކަމާއި އެކު އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކަށް ބަދަލުކުރުމަށް އުފެއްދި ކޮމިޓީއެކެވެ.

އެޑްވައިޒަރީ ކޮމިޓީއެއްގެ ދަށުން މަސައްކަތްކުރާ ހަތަރު ސަބް ކޮމިޓީއެއްގެ މައްޗަށް އެކުލެވިފައިވާ އިންތިގާލީ ކޮމިޓީން ކުރާނެ ކަންތައްތަކަކީ އެމްޑީޕީ އިއްތިހާދުގެ މައިގަނޑު ފަސް ވައުދާއި މެނިފެސްޓޯ ތަންފީޒުކުރާނެ ތާވަލެއް އެކުލަވާލުމާއި، އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގެ އޮނިގަނޑު ތައްޔާރުކުރުމާއި، އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ކުރު މުއްދަތުގައި ކުރާން ހަމަޖައްސާފައިވާ ކަންތައްތައް ކަނޑައެޅުމާއި، އިއްތިހާދުގެ ސަރުކާރެއްގައި އައްޔަން ކުރަންޖެހޭ ސިޔާސީ މަގާމުތަކަށް ބޭފުޅުން ކަނޑައަޅާނެ ތާވަލެއް އެކުލަވާލުން ކަމުގައި އެއިއްތިހާދުން ހާމަކުރެއެވެ.

އިންތިގާލީ ކޮމިޓީގައި ހިމެނޭ ބޭފުޅުންގެ ތެރެއިން މިއަދު ހާމަކުރައްވާފައިވަނީ އެޑްވައިޒަރީ ކޮމިޓީގައި ހިމެނޭ ބޭފުޅުންނެވެ. މިގޮތުން މިކޮމިޓީގެ ޗެއާޕާސަންއަކީ އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީއެވެ. ވައިސް ޗެއާޕާސަން އަކީ ޑރ އައިމިނަތު ޖަމީލެވެ. މީގެ އިތުރުން ހިމެނެނީ އެމްޑީޕީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް، ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕާސަން ޑރ މުސްތަފާ ލުތުފީ އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިބްރާހިމް މުހައްމަދު ސޯލިހާއި އިސްމާއިލް ޝިހާބެވެ. މީގެ އިތުރަށް ރާއްޖޭގެ އުތުރަށް ނިސްބަތްވާ ބޭފުޅަކާއި ރާއްޖޭގެ ދެކުނަށް ނިސްބަތްވާ ބޭފުޅެއްވެސް މިކޮމިޓީގައި ހިމަނައްވާނެކަމަށް އެމްޑީޕީ އިއްތިހާދުން ހާމަކުރެއެވެ.

އެޑްވައިޒަރީ ކޮމިޓީގެ ދަށުން މަސައްކަތްކުރާ ހަތަރު ސަބްކޮމިޓީއަކީ ވައުދާއި މެނިފެސްޓޯ ކޮމިޓީ، ސަރުކާރުގެ އޮނިގަނޑު ތައްޔާރުކުރާ ކޮމިޓީ، ކުރުމުއްދަތުގައި ކުރާ ކަންކަން ތާވަލްކުރާ ކޮމިޓީ އަދި ސިޔާސީ މަގާމް ކަނޑައަޅާ ކޮމިޓީއެވެ. މިއިން ކޮންމެ ކޮމިޓީއެއްގައި ޗެއާޕާސަން އަކާއި ވައިސްޗެއާޕާސަންއަކާއި އެކު ހަބޭފުޅުން ހިމެނޭނެއެވެ.

1 Comment

  1. ކާށިދޫ ކަހަލަ ރަށްރަށުން ސަޕޯރޓް ނުލިބިގެން އަންނި އެއް ނޫޅެ. އަންނި އަށް ސަޕޯރޓް ލިބިފަ އޮތީ ކަލޯ.. ދެން ލަލަލަ.. ތިކަހަލަ މީހަކު ވޯޓެއް ނުދިނަސް އަންނިގެ އަޒުމަކަށް ބަދަލެއް ނާއްނާނެ.

    Comment by inte — September 25, 2008 @ 2:01 pm