Wathan Edhey Gothah – MDP » ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގައި މެނުވީ ރައްޔިތުންނަށް މަންފާކުރާ ވެރިކަމެއް ނުކުރެވޭނެ – ކެންޑިޑޭޓް ނަޝީދު

September 25, 2008

ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގައި މެނުވީ ރައްޔިތުންނަށް މަންފާކުރާ ވެރިކަމެއް ނުކުރެވޭނެ – ކެންޑިޑޭޓް ނަޝީދު

ގިނަ ޕާޓީ އެކުލެވޭ ވެރިކަމުގެ ނިޒާމަކުން ނޫނީ ރައްޔިތުންނަށް މަންފާ ކުރާ ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެކަމުގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ ހއ އަދި ށ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ޒިޔާރަތުގައި ށ ކަނޑިތީމުގައި ވާހަކަ ދައްކަވަމުންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެއަށް ތައާރަފްކުރުމަސް މަސައްކަތް ކުރަމުންދަނީ އެމްޑީޕީއިން ކަމުގައެވެ. އަދި މިފަދަ ނިޒާމެއް ގަބޫލު ނުކުރާ އެއްވެސް ފަރާތަކަށް ރައްޔިތުންގެ ވެރިކަމެއް ނުކުރެވޭނެ ކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ.
“މި ރާއްޖޭގައި ހެޔޮ ވެރިކަމެއްގެ ބިންގާ އަޅަމުން މިގެނައީ އަޅުގަނޑުމެން. އެހެން އެއްވެސް ބައެއް ނޫން. ބައްލަވާ އެހެން ކެންޑިޑޭޓުން. މީގެ ކުރިން ކުރައްވަން ތިއްބެވީ ކީއްތޯ؟ އެހެންވީމާ މި ބިންގާ މަތީ ގައުމު އާރާސްތު ކުރެވޭނީ އަޅުގަނޑުމެނަށް އެކަނި.” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ.

މިދަތުރުފުޅުގައި ކެންޑިޑޭޓް ބުދަ ދުވަހު ށ އަތޮޅުގެ ބިލެއްފަހި، ޅައިމަގު، ކޮމަންޑޫ، ފުނަދޫ، ކަނޑިތީމަށް ޒިޔާރަތް ކުރައްވާފައެވެ. ބުރާސްފަތި ދުވަހު ކެންޑިޑޭޓް ޒިޔާރަތްކުރައްވާނީ ބާރަށް، ފިއްލަދޫ، މާރަންދޫ، އިހަވަންދޫ، ހޯރަފުއްޓަށެވެ. ބުރާސްފަތި ދުވަހުގެ ރޭ އިހަވަންދޫގައި އާއްމު ޖަލްސާއެއް އޮންނާނެއެވެ.

އެމްޑީޕީގެ ސަރުކާރެއްގައި ބޭރު މީހުންގެ ނުފޫޒު ދިވެހި ވެރިކަމަށް ފޯރާފާނެކަމަށް ށ އަތޮޅުގެ ރަށްތަކުން ކެންޑިޑޭޓާއި ރައްޔިތުން ސުވާލުކުރުމުން ކެންޑިޑޭޓް ވިދާޅުވީ “އެއީ ހަމަ ރޯ ބުހުތާނު ދޮގެއް. އަޅުގަނޑުމެން ގުޅިފައި ވަނީ ދިވެހި ރައްޔިތުންނާ. އެ ހަގީގަތް އޮޅުވާލުމަށް ކާކުތޯ ބޭނުންނުވާނީ. ކޮން ޚުދުމުޚްތާރު ވެރިއެއްތޯ ބޭނުންނުވާނީ ރައްޔިތުންގެ ތެރެއިން ރައްޔިތުންގެ ރޫހާ، ޖޯޝާ އެހީގައި ޚިޔާލާތެއް، ހަރަކާތެއް، ނުކުމެގެން އައިސް ވެރިކަމެއް ބަދަލުވެ ވެރިކަމެއް ސާފުވާތަން ދެކެން. ކާކަށްތޯ ކެރޭނީ. ކޮން ޚުދުމުޚްތާރު ވެރިއަކަށްތޯ ދުނިޔޭގައި ކެރިފައި އޮތީ. ނެތް. އަޅުގަނޑުމެންނާ ގުޅިފައި އޮތީ ތިޔަ ބޭފުޅުންނާ. އެހެން ބައެއް އަޅުގަނޑުމެންނަކާ ގުޅިފައެއް ނެތް. އަޅުގަނޑުމެންގެ އަގު ވައްޓާލުމަށްޓަކައި އަބަދުވެސް މި ބާވަތުގެ ވާހަކަތައް ދައްކަމުން ގެން”ދާކަމުގައެވެ.

ކެންޑިޑޭޓް ނަޝީދު ށ އަތޮޅުން ޒިޔާރަތް ކުރެއްވި ރަށްތަކުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެއެވެ. އަދި އެ ރަށްރަށުގެ ރައްޔިތުންގެ ތެރޭގައި އޮތް ރޫހުން އެމްޑީޕީ އިއްތިހާދަށް ވަރަށް ބޮޑު ތާއީދެއް އޮތް ކަމަށް ފާހަގަ ކުރެވެއެވެ.

3 Comments

  1. އަނީ ކިހިނެއް ބަޖެތު ހަމަޖަސާނީ

    Comment by new — September 27, 2008 @ 2:29 pm

  2. ހަސަން ސައީދުއަށް ތާއީދުކުރުމަށް ގަދަގޭސަލީމާ، ސޮލާހް ސިހާބާ އަދި މުޖުތަބާ ޓީވީއަށް އެރީމަ ރައްޔިތުންނަށް މިވާގޮތެއް ނޭންގޭނެކަމަށްތަ ހަސަނަށް ހީވަނީ. މި ނަންކީ ތިންމީހުން މައުމޫނު ދައުރުގައި މައުމޫނާ އިދިކޮޅަށް ޓީވީ އަކަށް ނަރާނެ. އަރާނީ އެއްކޮޅަށް. އެހެންވީމާ ހަސަން ސައީދުއަކީ މައުމޫނު ބުނެގެން ހަސަންސައީދު ތަގުޜީރުގައި ބުނިކަހަލަ ކިޔަވައިގެން ތިބިމީހުންކޮޅު ކަހާލަންވެގެން ނެރިފަހުރިމީހެއް.

    Comment by Hussain — September 27, 2008 @ 3:10 pm

  3. ގަދަގޭ ސަލީމުމެންނަށް އަންނިޔާ އެއްގަލަށް ނާރަނީ އެމީހުން ބުނާހާގޮތެއް ނުހަދާނެތީ. ލާރިޔަށް ނުގަނެވޭނެތީ. ސަލީމު ޓީވީ ގައި ވަރަށް ސާފުކޮށްބުނި ހަސަންސައީދު ތިމަންނަމެން ބުނާގޮތް ހަދާނެޔޭ.ފައިސާޔަށް ނަށާނެޔޭ. މެލޭސިޔާއިން ގެޔެއްގަނެދޭއިރަށް ތިމަންނަމެންނަށް އަނެއް ޕިކްނިކް އައިލެންޑް ލިބޭނެޔޭ. ބަފަޔާ އަލަށް ޓީވީއަށް އެރިގެން ހާދަކޮހެއް ގޮވައިފިޔޭދޯ.

    Comment by Hussain Maniku — September 27, 2008 @ 3:14 pm