ޕާޓީއެއް ނެތި ކުރިމަތިލައްވާ ބޭފުޅުން ވަޢުދު ނުފުއްދެވުމުން އިސްތިއުފާ ދެއްވާނެކަމަށް ބުނަނީ ހީލަތްތެރި ރޭވުމަކުން – ކެންޑިޑޭޓް ނަޝީދު
ރިޔާސީ އިންތިޚާބުގައި ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތްނުވެ ވާދަކުރައްވާ ފަރާތްތަކުން ވަޢުދު ނުފުއްދިއްޖެނަމަ ވެރިކަމުން އިސްތިއުފާ ދޭނެކަމަށް ބުނާބުނުމަކީ “ހީލަތްތެރި ރޭވުމެއް” ކަމަށް އެމްޑީޕީ އިއްތިޙާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ކެންޑިޑޭޓް ނަޝީދު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން އިއްޔެއާއި ހަމައަށް ބޮޑު ތިލަދުންމަތީގެ ރަށްތަކަށް ކުރެއްވި ޒިޔާރަތުގައެވެ. ނަޝީދު ވިދާޅުވި ގޮތުގައި ވެރިކަމަށް އިސްވާ މީހާ އޭނާ އަމިއްލައަށް އެމަގާމުން ދުރުވާނެ މީހެއްކަމަށް ރައްޔިތުން އިތުބާރު ކޮށްގެން ނުވާނެއެވެ. ވެރިކަމުގައި ހުންނަ މީހާ އެމަގާމުން ދުރުކުރެވޭނެ ނިޒާމެއް ރައްޔިތުންނަށް ލިބިފައި އޮންނަން ޖެހޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނަ މީހާ އެމަގާމުން ދުރުކުރުމަށް އޮންނަން ޖެހޭނެ އިންތިޒާމަކީ އެމީހަކު ވެރިކަމަށް އައި ޕާޓީގެ ތެރެއިން އެކަންތައް ކުރެވެން އޮތުންކަމުގައިވެސް ނަޝިދު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އުފައްދަން ވިއްޔޭ ނިޒާމެއް އަޅުގަނޑުމެން މިކޮށްދޭނަމޭ ބުނާ ކަންތައް ނުވީމާ ވެރިކަމުން ބާލާނެ ނިޒާމެއް. އެއިއްޔޭ މިކަން ހިގާނެ ގޮތަކީ، އެހެންނޫނިއްޔާ މިރާއްޖޭގައި ހެޔޮ ވެރިކަމެއް ނުހިގާނެ، ތަރައްގީއެއް އަޅުގަނޑުމެންނަކަށް ނުލިބޭނެ.” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ. “އަޅުގަނޑުމެން މިދަންނަވާ ވާހަކައަކީ އަޅުގަނޑުމެން މިއުއްމީދު ކުރާ ދަތުރުފަތުރު ކުރުމުގެ ނިޒާމް އަޅުގަނޑުމެންނަށް ގާއިމް ނުކުރެވިއްޖިއްޔާ އެމްޑީޕީ ތެރެއިން އަޅުގަނޑު ވެރިކަމުން ބާލަން ޖެހޭނެއޭ.”
ނަޝީދު ވިދާޅުވި ގޮތުގައި ރައީސުލް ޖުމްހޫރިއްޔާކަމަށް އިސްވާ މީހަކު ވާ ވަޢުދުތައް އެފަރާތުން ފުއްދައި ނުދެނީ އެކަން އޭނާ ނުކުރުމުން ރައްޔިތުންގެ ފަރާތުން އެމީހަކަށް ބިރެއް ނޯންނާތީއެވެ.
“ބައެއް ބޭފުޅުން މިހާރު އެބަ ވިދާޅުވޭ ތިމަންނާ މިވާ ވަޢުދު ނުފުއްދައިފިއްޔާ އިސްތިއުފާ ދެއްވާނަމޭ. އެއީ އަޅުގަނޑު ވަރަށް ކަންބޮޑުވާ ވާހަކައެއް. އެހެންނެއް ނޫން ވިދާޅުވާން ޖެހޭނީ. ތިމަންނާއަށް އެގެޔޭ ތިމަންނާ މިވާ ވަޢުދު ނުފުއްދައިފިނަމަ ތިމަންނާ ވެރިކަމުން ބާލާނެކަން.” ކެންޑިޑޭޓް ނަޝީދު ވިދާޅުވިއެވެ. “އިސްތިއުފާދޭނަމޭ. ނުދޭނެ. ހުސްވާހަކައެއް އެ ދައްކަވަނީ.”
ނަޝީދު މިދަތުރުފުޅުގައި ވަޑައިގެންނެވީ ށ އަތޮޅުން ބިލެއްފަހި، ޅައިމަގު، ކޮމަންޑޫ، ފުނަދޫ، ކަނޑިތީމަށް އަދި ހއ އިން ބާރަށާއި، ފިއްލަދޫއާއި، މާރަންދޫއާއި، ހޯރަފުއްޓާއި،
އިހަވަންދޫއާއި، ކެލަޔާއި، ދިއްދޫއާއި، މުރައިދޫ އަދި ހދ އިން ނޮޅިވަރަމްއަށެވެ. ދަތުރުފުޅު ނިންމާލައްވާފައި ކެންޑިޑޭޓް މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގައެވެ.