Wathan Edhey Gothah – MDP » މައުމޫނު އިތުރު ދައުރަކަށް ހޮވުމަކީ ދިވެހިން އަމިއްލަޔަށް ދަންޖެހުން – އަހުމަދު އަލީ ނަސީރު

September 29, 2008

މައުމޫނު އިތުރު ދައުރަކަށް ހޮވުމަކީ ދިވެހިން އަމިއްލަޔަށް ދަންޖެހުން – އަހުމަދު އަލީ ނަސީރު

ދިވެހިންނަކީ ކޮންބަޔެއްކަން ނޭނގޭ މީހަކާ ދިވެހި ގައުމުގެ މުސްތަގްބަލް ބިނާކުރުމުގެ ޒިންމާ ހަވާލުކުރުމަކީ، ތިމާމެން އަމިއްލަޔަށް ދަންޖެހި މަރުވުމަށް އެޅޭ ފިޔަވަޅެއްނޫންތޯއެވެ؟ މައުމޫނަކީ، 21 ވަނަ ގަރުނުގައި ދިވެހިން ހޮވަންވާވަރުގެ ލީޑަރެއްނޫނެވެ. ޑިކްޓޭޓަރަކަށް އަހަރުމެންގެ ދަރީން ވިއްކާލުމަށް ބޭނުންވާނަމަ، މައުމޫނަށް ވޯޓުދޭންވީއެވެ. އެއީކީ، ކުރަން ހެޔޮވާވަރުގެ ކަމެއްނޫނެވެ.

އަބުދުލް ގައްޔޫމް ސީދީގެ އަބުދުއްލޯ މައުމޫނަކީ އޭނާގެ ދިރިއުޅުމަށް ބަލާއިރު، ގިނަދުވަސްތަކެއް ދިވެހިންނާ ވަކިން، ރަށްފުށު ދިރިއުޅުމާ ބީރަށްޓެހި ޖައްވެއްގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މީހެކެވެ. ރޮއިސްޓަން އެލިސް ކިޔާ ފަތުރުވެރިކަމުގެ ލިޔުންތެރިއަކު ލައްވާ ނަކަލުކޮށްފައިވާ ‘އަ މޭން ފޯރ އޯލް އައިލެންޑްސް’، މިފޮތުން ވަރަށް ރަނގަޅަށް މި ހަގީގަތް ދޭހަވެއެވެ. ހަމަ އެހެންމެ، ދިވެހިންނާއި ދޭތެރޭގައި މައުމޫނު ވިސްނަމުންދިޔަ ހީލަތްތެރި ވިސްނުންތަކަށް އަލި އަޅުވައިދޭ އަނެއް ފޮތަކީ، އެލިޒަބަތު ކޯލްޓަން ކިޔާ އެމެރިކާ އަންހެނަކު، އޭނާގެ ޕީއެޗްޑީއަށް ލިޔުނު ތީސިސް އެވެ. މި ތީސިސް ތައްޔާރުކުރުމުގައި ކޯލްޓަން މައުމޫނާއި ބައްދަލުކޮށް ވަގުތުހޭދަކޮށްގެނާއި، އަދި ރާއްޖެއައިސްހުރެ އެކިމީހުންނާއި ގުޅުން ބަދަހިކޮށް މައުލޫމާތު އެއްކުރިއެވެ. މި މައުލޫމާތުތަކުގެ އަލީގައި، ކޯލްޓަން ސިފަކޮށްފައިވާ މައުމޫނަކީ، ދުރުގައި ހުރެގެން ދިވެހިންގެ ދިރިއުޅުމާ ސަގާފަތް އޭނާގެ ވިސްނުމަށް ބަދަލުކޮށްލުމަށް ރާވަމުންދިޔަ ހީލަތްތެރި މަކަރުވެރިއެކެވެ. ކޯލްޓަނަށް މައުމޫނު ދީފައިވާ ބަޔާންތަކުން އެނގެނީ، މައުމޫނު މިސުރުގައި ހުރެގެންނާއި، އަދި ނާސިރުގެ ވެރިކަމުގައި އދ. ގައި ހުރެގެން ރޭވުންތަކެއް ރޭވިކަމެވެ. ދިވެހި ވެރިކަން އޭނާއާއި އޭނާގެ ރަށްޓެހި ދެ ގްރެޖުއޭޓުންގެ އަތްމައްޗަށް ފިރުކާލުމަށެވެ. އަދި އެއަށްފަހު، އޭނާ ބޭނުންވާގޮތަށް ދިވެހިންގެ ސިކުނޑިތަކާއި ސަގާފަތް ބަށްޓަންކުރުމުގެ ބޭނުމުގައެވެ. އެއްގޮތަކަށްވެސް ދިވެހިންގެ ދިރިއުޅުމާ ބެހޭގޮތުން ހޯދުންތަކެއް ހޯދާ، ނާސިރުގެ ދިގު ވެރިކަމުގައި އަޅުވެތިވެފައިވާ ދިވެހިން މިނިވަންކުރުމުގެ ނިޔަތެއް، އޭނާ ނުގެންގުޅޭކަން މިދެންނެވި ދެފޮތުންވެސް ދޭހަވެއެވެ. މައުމޫނު ދިވެހި ވެރިކަމުގެ ތެރެއަށް ފާވީ ދިވެހިންގެ ތެރެއަށް ޑިމޮކްރަސީ ގެނައުމުގެ ބޭނުމުގައެއްނޫނެވެ. އެއްޕާޓީގެ ވެރިކަމެއް ބިނާކުރުމަށެވެ. އިރާގުގެ ކުރީގެ ޑިކްޓޭޓަރ ސައްދާމް ހުސެއިނުފަދަ ގޮށްމުށު ބާރުވެރިންގެ ލަފާވެސް ހޯދައިގެންނެވެ.

ކޯލްޓަން ލިޔެފައިވާގޮތުގައި، 1975 ވަނަ އަހަރުގެ ސެޕްޓެމްބަރ – ނޮވެމްބަރ، މި ދުވަސްވަރު، އދ. މަޖިލީހުގެ ޑެލިގޭޓްސް ލައުންޖުގައި މައުމޫނާއެކު އޭނާ ހޭދަކުރި ޕްރައިވަޓް ވަގުތެއްގައި، މައުމޫނު އޭނާއަށް ވަރަށް މުހިންމު ވާހަކައެއް ކިޔައިދިނެވެ. މައުމޫނު ކޯލްޓަންއަށް ބުނެދިން ގޮތުގައި، ހދ. އަތޮޅު މަކުނުދުއަށް އޭނާ އަރުވާލިކަމަށް ވަނީ ސަރުކާރު ވައްޓާލުމަށް އޭނާ އުޅެގެންނެވެ. އަދި، އޭނާ ރަށުބަންދުގައި ހުރި ދުވަސްވަރު، ދިވެހި ބަހާއި ތާރީޚު މުތާލައާކޮށް ދިވެހިންގެ ސިޔާސީ ދާއިރާ ދަސްކުރިކަމަށް، ކޯލްޓަން ގާތު ބުންޏެވެ. ކޯލްޓަން ލިޔެފައިވަނީ، މައުމޫނު މިމޭރުމުން އޭނާގެ ބޭނުންތައް ހާމަކުރަމުން ގޮސް، އޭނާގެ ބޭނުމަކީ ކޮންމެވެސް ދުވަހަކުން ރާއްޖޭގެ ރައީސްކަން ކުރުންކަމުގައި، މައުމޫނު ސިއްރުސިއްރުން ބުންޏެވެ. ކޯލްޓަނަށް ދިވެހިރާއްޖެއާއި ދިވެހިންނާ ބެހޭގޮތުން މައުލޫމާތު ދެމުން، މައުމޫނު ބުނެފައިވަނީ، “… ހަނދާންވޭތަ ދިވެހި ރާއްޖޭގައި އެއްވެސް އަނިޔާވެރިކަމެއް ނެތޭ އަހަރެން ބުނިބުނުން؟ އެހެނަސް ރާއްޖޭގައި އުޅޭއިރު ރާއްޖޭގެ ސިޔާސަތާ ބެހިގެން އެއްވެސް ސުވާލެއް ނުކުރާތި! އެކަމަށް އަހަރެން އިންޒާރުދެން. އަހަރުމެންގެ އާދަކާދަތަކާއި އިޖްތިމާއީ ގުޅުންތައް ދަސްކުރޭ. އެކަމަކު ޕޮލިޓިކްސްއާ ނުބެހޭތި. މީހުން އަނިޔާވެރި ވެގެންފާނެ އެއްދާއިރާ އެއީ ސިޔާސީ ދާއިރާ. އަދި ކަލެޔަށް އެއްވެސް އަނިޔަލެއް ލިބޭކަށް އަހަރެން ނުއެދެން…”
ކޯލްޓަނަށް މައުމޫނު ދިނީ، ދިވެހިންނާ ބެހޭގޮތުން މުޅިންވެސް ހަގީގަތާ ޚިލާފު މައުލޫމާތެވެ. ކަންކަމުގެ ހަގީގަތް ހާމަވުމަކީ، އޭރުވެސް މައުމޫނު ވަރަށް ބިރުގަންނަ ކަމެއްކަން މި ތީސިސް އިން ހާމަވެގެންދެއެވެ. އަދި މައުމޫނުގެ ހީލަތްތެރި ރޭވުމުގެ ފެށުންވެސް މިފޮތުން ފާހަގަވެއެވެ.

މައުމޫނަކީ ކާކުހެއްޔެވެ؟ ދިވެއްސެއްގެ ތޮށިލައިގެން އިން އަނިޔާވެރި އަރަތްބެއް ހެއްޔެވެ؟ އިސްލާމީ ހެދުމެއްގެ ތެރޭގައި ހުރެ، އަމިއްލަ ދީނެއް ނުވަތަ ކަލްޓެއް އުފެއްދުމަށް އުޅޭ މުޅިން އެހެން މީހެއްހެއްޔެވެ؟ އޭނާ މަސައްކަތްކުރީ ދިވެހިންނަކީ އުފެއްދުންތެރި އަދި ފޯރުންތެރި ބަޔަކަށް ހެދުމަށްތޯއެވެ؟ ނުވަތަ އެމީހުން އަޅުވެތިކޮށް އެމީހުންގެ ދުނިޔަވީ ކަލާނގެއަކީ އޭނާކަމުގައި ކަނޑައަޅާ، ދިވެހި ސިކުނޑިތައް ދޮވެލުމަށްތޯއެވެ؟ އޭނާއާބެހޭ މައުލޫމާތު އޭނާ އަމިއްލަޔަށް ތައްޔާރުކުރީ، ވަކި ސިފައެއްޖެހި ވަކިފާޑެއްގެ ބާރުވެރިކަމެއް އޭނާގެ ކިބައިގައި ހުރިކަމަށް ދައްކާ ދިވެހިންގެ ލީޑަރެއްކަމަށް ދައުވާކުރުމުގެ ބޭނުމުގައެވެ. ދިވެހިންނަށް އޮޅުވާލުމަށެވެ. އެބައިމީހުން އަޅުވެތިކޮށް އެއަޅުވެތިކަމުން ތިމާ މުއްސަނދިވުމަށެވެ. ދިވެހި ރަށްފުށު ސަގާފަތް ފުހެލުން އެއީ، އޭނާ މިކަމަށްޓަކައި އެޅުމަށް ކަނޑައެޅި އެއްފިޔަވަޅެވެ.

ގ. ކެނެރީގޭ މުހައްމަދު ނަޝީދު، 2004 ގެ މާރޗްގައި އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދި ހުށަހެޅި ރިޕޯޓަކީ، މައުމޫނުގެ ކެރެކްޓަރ ނުވަތަ މިޒާޖް ވަރަށް ރަނގަޅަށް ސިފަކޮށްދޭ ލިޔުމެކޭ ދެންނެވިދާނެއެވެ. މިހާރު ތިޔަ އެންމެހާ ބޭފުޅުންވެސް ދެކެވަޑައިގަންނަވާ ގޮތުގައި، މުހައްމަދު ނަޝީދަކީ މައުމޫނުގެ ހީލަތްތެރި ރޭވުމުގެ ވަބާތަކުގައި ޖެހި، އެތަކެއް އަނިޔާ ތަހައްމަލްކޮށް އަދިވެސް އޭނާގެ ކިބައިން ސަލާމަތް ނުވެވިގެން އުޅޭ މީހެކެވެ. ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި، ކެރިގެން މައުމޫނާއި ކުރިމަތިލާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުވެސް މެއެވެ. މުހައްމަދު ނަޝީދު (އަންނި)، އޭނާގެ އެބަޔާން ލިޔުނީ، އޭނާ ދިވެހިރާއްޖެއާއި އަދި އޭގެ ފަހުން ސްރީލަންކާ، މިދެގައުމު ދޫކޮށް ފިލާން ޖެހުނު ސަބަބުތައް ބަޔާންކޮށް، އޭގެ އަލީގައި އެވަގުތު އިނގިރޭސި ވިލާތުގެ ސިޔާސީ ހިމާޔަތަށް އެދުނު ސަބަބު ބަޔާންކުރުމަށެވެ. މި ބަޔާން ރަނގަޅަށް ކިޔުއްވައިފިނަމަ، މައުމޫނުގެ ‘އެހެން ސިފަތަކެއް’ ކިޔުންތެރިޔާއަށް ހާމަވެގެންދާނެއެވެ.

މައުމޫނަކީ މައުމޫނު ނޫންކަމަށް ހެކިދޭ އަނެއް ނުކުތާއަކީ، އޭނާގެ އަނބިމީހާ ނަސްރީނާ އިބްރާހީމުގެ ބާރުގަދަ ނުފޫޒާއި ނުފުރޭ ހިތެއްގެ އުދާސްތަކެވެ. މައުމޫނަކީ، އޭނާގެ އަނބިމީހާގެ އަމުރަށް ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ މީހެއްކަމުގައި ގިނަބަޔަކު ޒުވާބުދޭއިރު، މައުމޫނުގެ އެއް ޅިޔަނުކަމުގައިވާ އިލްޔާސް އިބްރާހިމް ގެ ވާދަވެރިކަމުގެ ތެރެއިން ހުޅުފެޅި ސިޔާސީ ކޯޅުންގަނޑަކީ، ދިވެހިންގެ ދިރިއުޅުމަށް އެޅިފައިވާ އަނދިރި ވިލާގަނޑެކެވެ. އަދި މިކޯޅުންގަނޑުގެ ބޭނުން މައުމޫނު ހިފައިގެން، އޭނާގެ ވެރިކަން ދެމެހެއްޓުމަށް އުޅޭ އުޅުމަކީ، އޭގެ ސަބަބުން ދިވެހިންގެ ދިރިއުޅުން ހަޑިމުޑުދާރުވެގޮސް ކިލަނބުކުރި، އެންމެ މުހިންމު އެއްސަބަބެވެ. މުހައްމަދު ނަޝީދު ގެ ބަޔާނުގައި އޭނާ މި މީހުންގެ ގުޅުމަށް އަލިއަޅުވާލާފައި ވެއެވެ.

“… ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހު ބިނާވެއޮތީ ވެރިކަން ކުރާ އާއިލާއިން އެބައިމީހުންގެ ވެރިކަން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. ޚާއްސަގޮތެއްގައި، އެހާ ފަސޭހަނޫން ގުޅުމެއްގެ ދަށުން، އަދި ބައެއް ފަހަރަށް ސިއްރުސިރުން ދެބަސްވެވޭ ހިނދު ކޯޅުންގަނޑު ފަޅައިގެންދާ، އިސް ދެ އާއިލާއެއް ގާއިމުވެ އޮވެއެވެ. މިދެއާއިލާގެ އެންމެ އިސް ދެ ޝަޚްސިއްޔަތަކީ ރައީސް މައުމޫނާއި، އިލްޔާސް އިބްރާހިމެވެ. މިދެ ބޭފުޅުންނަކީ ދިވެހިރާއްޖޭގައި ވާދަވެރި ބާރުވެރި ދެޝަޚްސެވެ. މިދެބޭފުޅުން ގުޅިފައިވަނީ އިލްޔާސްގެ ކޮއްކޮ ނަސްރީނާ އާ ރައީސް މައުމޫނާ ކުރެވިފައިވާ ކައިވެނީގެ ގުޅުމުންނެވެ. އަޅުގަނޑުމެންގެ އާއިލާތަކަކީ ސަގާފީގޮތުން މައިމީހާގެ ބާރު އިސް އާއިލާތަކެކެވެ.

އެހެންކަމުން، ދިވެހިރާއްޖޭގައި ހުރި އެންމެ ބާރުވެރި މީހަކީ ނަސްރީނާކަމަށް ވަކާލާތު ކުރެވިދާނެއެވެ. އަޅުގަނޑުގެ ނަޒަރިއްޔާގައި ރައީސް މައުމޫނާއި، އިލްޔާސާއި، ނަސްރީނާ އަކީ އެކަކު އަނެކެއްގެ ޚިޔާނާތްތެރި، އިއްޒަތުއްނަފްސު ކިލަނބުވެ ހައްދު ފަހަނައަޅާފައިތިބި ތިން މީހުންނެވެ…” (މުހަންމަދު ނަޝީދު/ވިޓްނަސް ރިޕޯޓް/2004)
މިފަދަ އާއިލީ ބާރެއްގެތެރޭގައި ދިވެހިން ފިތިފައިތިބޭތާ ތިރީހަކަށް އަހަރު ފާއިތުވެދިޔައިރު، ދިވެހިންނަށް މިލިބުނީ އެމީހުންގެ ޒަމާންވީ ތާރީޚުގައި ދުވަހަކުވެސް ނުލިބޭފަދަ ފުރުސަތެކެވެ. ޑިކްޓޭޓަރު މައުމޫނާއި އޭނާގެ ދަހިވެތި އަނބިކަނބުލޭގެ ހަދާފައިވާ ޖަލުންނުކުތުމުގެ ޗާންސެވެ. ޚުދުމުޚްތާރުކަމުގެ ޗޭނުތަކުން ފިރުކި ތެދުވެ މިނިވަނުންނަން ވެވޭނީ، މިއަންނަ ރިޔާސީ އިންތިޚާބުގައި ވޯޓުފޮށި މެދުވެރިކޮށް މައުމޫނު ބޭރުކޮށްލައިގެންނެވެ. ދިވެހިންގެ މުސްތަގްބަލް އުޖާލާވުމަށްޓަކައި ބޭނުންވަނީ ހަމަ އެންމެ ކަމެކެވެ.

އެންދެރިމާގެއާއި ކާމިނީގޭ އާއިލާއިން ރާވާފައިވާ މަޅިތަކުގައި މިފަހަރު ނުޖެހި، ތިމާމެންގެ އަމިއްލަ އުއްމީދުތަކަށް ވިސްނާ، މައުމޫނަށް އެންމެ ވޯޓެއްވެސް ދިނުމަށް ނޫނެކޭ ބުނުމެވެ.

މައުމޫނަށް ނޫނެކޭ ބުނާށެވެ.

4 Comments

  1. ުފުރަތަމަ ބަައި ކިޔާލުމުން ހަސަން ސައީދު ގެ ސިފަ ފެންނަނީ

    Comment by aishath gadhir — September 29, 2008 @ 4:46 am

  2. މަތީގަައިވާ ކޮމެންޓައް: ތިޔަވިސްނުން ދޫކޮށްފަ މައުމޫނު ވެރިކަމުން ބާލަން އުޅެމާހިނގާށެވެ.

    Comment by Anonymous Coward — September 29, 2008 @ 8:52 am

  3. އަންނިގެ ވިސްނުމަށް ހިތްވަރު ދެން. ތިޔައީ ދިވެހިންގެ އިހްސާސްތައް ދަންނަ ބޭފުޅެއް.

    Comment by Anonymous — September 29, 2008 @ 1:38 pm

  4. މައުމޫނު ވެރިކަމުން ބޭލިއްޖެ. އެހެން ނަމަވެސް، އޭނާ އަކީ ސިފަ ބަދަލު ކުރުމުގެ މާހިރެއް

    Comment by aishath gadhir — September 29, 2008 @ 5:03 pm