ތިނަދޫ މަރުހޫމް މާހިރު ޕްރީ ސްކޫލް މުހައްމަދު ނަޝީދު (އަންނި) ހުޅުވައިދެއްވައިފި
އާބާދީގައި 8000 އަށްވުރެ ގިނަމީހުން ދިރިއުޅޭ ގދ. ތިނަދޫގައި އަލަށް ޢިމާރާތްކުރެވުނު މަރުހޫމް މާހިރު ޕްރީސޮކޫލް (އެމް އެމް ޕްރީ ސޮކޫލް)، އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދު (އަންނި) ހުޅުވައިދެއްވައިފިއެވެ. މިއަދު ހެދުނު 10 ޖެހިއިރު ތިނަދޫގައި ބޭއްވުނު މިރަސްމިއްޔާތުގައި މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި މިފަދަ މުހިއްމު އިޖްތިމާއީ ކަންކަން ފަސޭހަކަމާއިއެކު ކުރެވޭނެ މަގު ސަރުކާރުން ފަހިކޮށްދެއްވާފައިނުވާތީ އެކަމަށް ފާޑުވިދާޅުވެ، ކުޅުދުއްފުށި ފަދަ ބައެއް ރަށްރަށަށް މިގޮތުން މީގެކުރިންވެސް ކުރިމަތިވެފައިވާ ދަތިތައް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތްތަނުގައި މިފަދަ ފުރުޞަތުތައް މުޅިރާއްޖެއަށް ހުޅުވާލެއްވުމަށް ގަދައަޅައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ތިނަދޫގައި ހުޅުވިގެންމިދިޔަ ޕްރީސްކޫލަކީ ރާއްޖޭގެ އެހެން ރަށްރަށުން ނަމޫނާއެއްކަމުގައި ބަލައި، މިގޮތުގައި މަސައްކަތްކުރުމަށް ހިތްވަރު ލިބިދޭނެ ތަނެއް ކަމުގައިވެސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.
ދަރިވަރުންގެ ތަޢުލީމީ މަރުހަލާ އެދެވޭ ގޮތުގައި ފުރިހަމަ ކުރުމުގައި ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި، ކުށުގެ މާހައުލަކަށް ޒުވާނުން އެނބުރިގެންދާ އެއް ސަބަބަކީ މިހާރުގެ ތަޢުލީމީ ނިޒާމު ބައްޓަންވެފައިވާ ދޯހަޅި ގޮތް ކަމުގައި މުހައްމަދު ނަޝީދު ފާހަގަ ކުރެއްވިއެވެ.
ސްވިޓްޒަރލޭންޑް ގެ ޢާއިލާ އަކުން އެހީތެރިކަން ފޯރުކޮށްދީގެން ތިނަދޫގައި ޢިމާރާތްކުރެވުނު މި ޕްރީސްކޫލް އަކީ ގދ. ތިނަދޫ އަލްމަރުހޫމް މުހައްމަދު މާހިރުގެ ނަންފުޅަށް ނިސްބަތްކުރެވިފައިވާ ސްކޫލެކެވެ. މަރުހޫމް މުހައްމަދު މާހިރަކީ ސަރުކާރުން ތިނަދޫ ފަޅުކޮށްލެއްވުމުން އޭނާ ފަރެސް-މާތޮޑާގައި ދިރިއުޅުއްވާން ޖެހިލެއްވި ދުވަސްވަރުން ފެށިގެން އޭނާގެ ހަޔާތުގެ ހުރިހާ ދުވަސްތަކެއްގައި ދަރިވަރުންގެ ތަޢުލީމާއި، ތަރުބިއްޔަތާއި އަޚުލާގު ހަރުދަނާ ބިންގަލެއްގައި ބިނާކުރެއްވުމަށް މަސައްކަތްކުރެއްވި އަގުހުރި ޝަޚްޝިއްޔަތެކެވެ. ދީނީ ޢިލްމާއި އިސްލާމީ އަޚުލާގު އާލާކުރެއްވުމަށް ފެއްޓެވި މި މަސައްކަތް 15 މާރޗް 1969 އިން ފެށިގެން މިއަދާ ހަމައަށްވެސް މެދުނުކެނޑި ހިނގަމުން އައިސްފައިވެއެވެ.
އެމް އެމް ޕްރީ ސްކޫލްގެ މިހާރުގެ މަސްޢޫލުވެރިޔާ އަހުމަދު ޝާފީ މުހަންމަދު ހާމަކުރެއްވިގޮތުގައި މި ސްކޫލް ހުޅުއްވައިދެއްވުމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން މުހައްމަދު ނަޝީދަށް ދަޢުވަތުދެއްވި އެންމެ ބޮޑު ބޭނުމަކީ ރައްޔިތުންގެ އިޖްތިމާއީ އަދި ތަޢުލީމީ ކުރިއެރުން ހަރުދަނާ ކުރެއްވުމަށް މީގެ އެތައް އަހަރެއް ކުރިއްސުރެ ކުރައްވާފައިވާ އަގުހުރި ހިއްމަތާއި މަސައްކަތް ފާހަގަކުރެއްވުމެވެ.
ނަމަށްޢާޒީގެޙައްގުވަނީއަމަންޤާއިމްވެގެންދިއުމުން ޗަމަން ދިވެހީންގެފަރިމިވަނީޒަމާނާއެއްގޮތަށްދިއުމުން
އާދެ! އަޅުގަޑުމެން އަބަދުވެސްއެދެމުންމިދަނީތިޔަގޮތެވެ
Comment by DHUNTHARI — March 22, 2008 @ 5:29 pm