Wathan Edhey Gothah – MDP » އެމްޑީޕީ އިއްތިހާދަކުން ޚާރިޖީގޮތުން ގެންގުޅުއްވާނީ ވަކިކޮޅަކަށް ނުޖެހުމުގެ ބަދަލުގައި ޑިމޮކްރެޓިކް ފަލްސާފައަށް ތާއީދުކުރުމުގެ ސިޔާސަތެއް- ޒަކީ

September 30, 2008

އެމްޑީޕީ އިއްތިހާދަކުން ޚާރިޖީގޮތުން ގެންގުޅުއްވާނީ ވަކިކޮޅަކަށް ނުޖެހުމުގެ ބަދަލުގައި ޑިމޮކްރެޓިކް ފަލްސާފައަށް ތާއީދުކުރުމުގެ ސިޔާސަތެއް- ޒަކީ

ޚާރިޖީ ގޮތުން ވަކިކޮޅަކަށް ނުޖެހުމުގެ ބަދަލުގައި އެމްޑީޕީ އިއްތިހާދުގެ ސަރުކާރަކުން ގެންގުޅުއްވާނީ ޑިމޮކްރެޓިކް ފަލްސަފާއަށް ތާއީދުކުރުމުގެ ސިޔާސަތެއް ކަމުގައި އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ވަގުތީ ރައީސް އަދި ނައިބު ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ ހޯމަ ދުވަހުގެރޭ ކޮޅުބުގައި އެމްޑީޕީ އިއްތިހާދުގެ ޚާރިޖީ ސިޔާސަތު ހާމަކުރެއްވުމަށްފަހު މާލެވަޑައިގެންނެވެ. ޒަކީ ވިދާޅުވި ގޮތުގައި އެމްޑީޕީން ގެންގުޅުއްވާނެ ޚާރިޖީ ސިޔާސަތުގެ އަސާސުތައް ބިނާކޮށްފައިވާނީ ވިޔަފާރިއާއި އިޤްތިސާދީ ގޮތުން ރައްޔިތުންނަށް ލާބައާއި މަންފާ ލިބޭނެ ގޮތުގެ މަތިންނެވެ. މީގެ އިތުރަށް ޚާރިޖީ ދާއިރާގައި ބޭކާރު ހަރަދުތައް ކުރުމުގެ ބަދަލުގައި އެދާއިރާގެ ހަރަދުތައް އިގްތިސާދުކޮށް ރައްޔިތުން ފައިދާވާނެ ފަދަ ހަރަދުތަކަށް ބަދަލުކުރުމަށްވެސް މިސިޔާސަތުގައި ވިސްނާފައިވާނެކަމަށްވެސް ޒަކީ ވިދާޅުވިއެވެ.

ޒަކީ ވިދާޅުވި ގޮތުގައި މިއަދު ދުނިޔެ މިދަނީ ގްލޯބަލައިޒްވަމުންކަމުން އެމްޑީޕީގެ ޚާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ރާއްޖެ ވީހާވެސް ބޮޑަކަށް ދުނިޔޭގެ އިގްތިސާދުގައި ލާމެހޭނެ ގޮތަކަށް ވިސްނައިގެންނެވެ.

ހޯމަ ދުވަހު ލަންކާއަށް ވަޑައިގަތް އެމްޑީޕީ އިއްތިހާދުގެ އިސްބޭފުޅުންވަނީ އިނގިރޭސި އަދި އެމެރިކާގެ އެމްބެސެޑަރުންނާއި ވަކިވަކިން ބައްދަލުކުރައްވާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހާއި ބެހޭގޮތުން މިބޭފުޅުންނަށް މައުލޫމާތު ދެއްވާފައިވެއެވެ. މީގެ އިތުރުން އީޔޫގެ ޑިޕްލޮމެޓުންނާއި ސްރީލަންކާގެ އިދިކޮޅު ލީޑަރ ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރައްވާފައިވެއެވެ.

އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި)، ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު، އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ، އެމްޑީޕީގެ ޗެއާޕާސަން މަރިޔާ އަހުމަދު ދީދީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް، އެމްޑީޕީއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މައުސޫމް އަދި އެމްޑީޕީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ މުހައްމަދު ޒުހައިރު އަދި ކޮޅުބުގައި ހުންނަވާ އެމްޑީޕީއިން ޔޫކޭ، ޔޫއެސް އަދި އީޔޫއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު ނަސީމް ހިމެނިވަޑައިގަންނަވާ މި ވަފްދުގެ ފަރާތުންވަނީ ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް އިއްޔެ ދެއްވާފައެވެ.

މިބޭފުޅުން މާލެ ވަޑައިގަތީ އަންގާރަ ދުވަހުގެ ހެދުނުއެވެ.

3 Comments

  1. އެމްޑީޕީ އިއްތިހާދުން މިއަދު ދައްކަވައިދެނީ ސިޔާސީގޮތުން އަންނި އާއި ޓީމު ރާއްޖޭގެ ކުރިމަގަށް ތައްޔާރުވެވިފައިވާ މިންވަރެވެ. އެތެރޭގެ ސިޔާސަތުތައް ރޭވުމާއި ޚާރިޖީ ސިޔާސަތުތަކަށް ލޯހުޅުވިފައި ވާލެއް ފުރިހަމަ ކަމެވެ. އެމްޑީޕީން އަބަދުވެސް ދައްކުވައިދެނީ އެހެން ސިޔާސީވެގެންއުޅޭ ޕާޓީތަކަށް ދަރުސުންފުރިގެންވާ ހަރަކާތްތަކެވެ. ވީމާ ތިޔަގޮތުގައި ކުރިޔަށް ވަޑައިގެން މިޤައުމުގެ ޙާލަތު ބަދަލުކޮށް އަނެއް ދިވެހިރާއްޖެ ދިވެހުންނަށް މިންވަރުކޮށްދެއްވުމުގެ ހެޔޮ ތައުފީޤުދެއްވުން އެދި ދުޢާ ކުރަމެވެ.

    Comment by Ahmed Khaleel — October 1, 2008 @ 12:51 am

  2. މެނިފެސްޓޯގެ ބަދަލުގައި ނޮވެމްބަރ3ގެ ފޮތްކިޔަން ޑީއާރުޕީން ބުނުމުން ވަރަށް ކަންބޮޑުވާންޖެހެއެވެ. އެއީ 2ސަބަބަކަށްޓަކައެވެ.
    1- އެކަކުހިންގި ޖަރީމާއެއްގެ ސަޒާ އަނެކަކު އުފުލަންޖެހުމަކީ އިސްލާމީ އުސޫލެއްނޫނެވެ. އެއީ ކުރިސްޓިއަނުންގެ ޢަޤީދާއެވެ. އެމީހުން ބުނާގޮތުން އާދަމް ޢަލައިހިއްސަލާމް އަދި ޙައްވާ ޢަލައިހިއްސަލާމް ﷲއަށް އުރެދިވަޑައިގަތުމުން އެކަމުގެ ސަޒާ އެދެކަނބަލުންގެ ދަރިފަސްކޮޅުގެ ހުރިހާ އިންސާނުން އުފުލަންޖެހެއެވެ. ވީމާ ޑީއާރުޕީގެ ވިސްނުން މިހުރީ ނަޞާރާއިންގެ ޢަޤީދާއާއި އެއްގޮތަށެވެ. މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
    2. ނޮވެމްބަރު3ގެ ޙަމަލާގައި ބައިވެރިވި ހުރިހާ ދިވެހިންގެ ތިމާގެ މީހުންގެ އަދަދު ބަލައިފިނަމަ 100އަށްވުރެވެސް ގިނަވާނެކަންނޭނގެއެވެ. ޑީއާރުޕީއިން އެތުހުމަތުކުރަނީ މިހުރިހާ ދިވެހިންނަކީވެސް އެއަމަލުގައި ބައިވެރިވި ޚާއިނުން ކަމުގައެވެ. އިތުބާރުނުކުރެވޭ އަދި ކުރިއަށް އޮތް ތާގައިވެސް އެފަދަ ޢަމަލެއް ކޮށްފާނެ ބައެއްކަމުގައެވެ. މިއީ ދިވެހި ދަރިންތަކަކާމެދު ކުރަން ކޮންފަދަ ނުބައި ތުހުމަތެއްތޯއެވެ. މާތްﷲ މިފަދަ ވާހަކަދައްކާ މީހުންގެ ދުލުގެ ނުބައިކަމުން އަޅަމެން ރައްކާތެރިކުރަށްވާށި

    Comment by ah — October 1, 2008 @ 2:53 pm

  3. ޑީއާޜޕީ ޑެސްޕެރާޓްވެގެން ކުރާ ކަންތައްތައް އެއީ، މިހާރު ބުނެބަލަ ފެކްޓް މޯލްޑިވްސް ވެބްސައިޓާ މައުމޫނު ކެމްޕޭނާއި މާބޮޑު ތަފާތެއް އެބަހުރިތަ؟ ހަޑި ހުތުރު އޮޅުވާލުންތަކާއި، ޒާތީ ގޮތުން ޖައްސާލުން ދޭތީގައިވެސް އޮތީ! މިއޮއްހާދުވަހު ކިޔަމުން ދިޔައީ ދިވެހި އޮބްޒާވަރ އާއި އެމްޑީޕީއޭ، މިހާރު އިގޭ އޮބްޒާވަރ އަކީވެސް ސައްޕޭގެ އަމިއްލަ ސިޔާސަތަކަށް އޭނަހިންގާ އެއްޗެއްކަން. އެމްޑީޕީ ނޫޅެ އަދި އުޅޭކައްވެސް ނުޖެހޭ މައުމޫނާއި ޒާތީގޮތުން ޖައްސާލާކައް،

    ކުރިއަށްއޮތް ފަސްއަހަރު ވެރިކަންކުރަން އެންމެ ޤާބިލް ބަޔަކީ އެމްޑީޕީ، އެމްޑީޕީއެއް – އިސްލާމްދީން ހަތިޔާރެކައް ނަހަދާނެ، ދީނީ ކަންތައް ނިންމާނީ ދީނީ ކޮމެޓީއިން

    Comment by އަހުމަދު — October 1, 2008 @ 9:38 pm