Wathan Edhey Gothah – MDP » އަންނި ކެމްޕޭން ތިލަދުންމަތީގައި

March 17, 2008

އަންނި ކެމްޕޭން ތިލަދުންމަތީގައި

އެމްޑީޕީގެ ޕްރެސިޑެންޓަލް ޕްރައިމަރީސްގައި ވާދަ ކުރައްވާ މުހައްމަދު ނަޝީދު (އަންނި) ތިލަދުންމަތީގައި އިއްޔެ ކެމްޕެއިން ފައްޓަވައިފިއެވެ. ފަނަރަ މެމްބަރުންގެ ޓީމަކާއިއެކު އުތުރަށް ކުރައްވާ މިދަތުރުގައި އޭނާ ފުރަތަމަ ވަޑައިގެންނެވީ ކުޅުދުއްފުއްޓަށެވެ. 6000 މީހުންގެ އާބާދީއެއް އޮންނަ މިރަށުގައި އަންނި އަށް ތާއީދު ކުރައްވާ އެމްޑީޕީ މެމްބަރުން ތައްޔާރުކޮށްފައިހުރި “އަންނި ކެމްޕޭން ޖަގަހަ” ވަނީ އިއްޔެގެ ހެނދުނު 9 އިން ފެށިގެން ރަސްމީގޮތުން ހުޅުވިފައެވެ. ކެންޑިޑޭޓް އާއިއެކު ދަތުރު ކުރައްވާ ޓީމާއި، ކުޅުދުއްފުށީ ގައި ދިރިއުޅުއްވާ އެމްޑީޕީގެ ބައެއް މެމްބަރުންނާއި އެކު ކެމްޕޭން ގެ ހަރަކާތް ތައް ވަނީ ހަލުއިކަމާއިއެކު ކުރިއަށް ގެންދަން ފައްޓާފައެވެ.
ކުޅުދުއްފުށީގައި ތިއްބެވި އަންނިއަށް ތާއީދުކުރައްވާ މެމްބަރުން ވަނީ މިރަށު ޖަލާލުއްދީން ސްކޫލްގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ ދަޢުވަތު- ކަރުދާސް ބައްސަވައި، ރަށުގެ މުހިއްމު ހަތަރު ދިމާލެއްގައި ބެނަރ ދަންމަވައި ކުރިއަށް ތައްޔާރުވެލައްވާފައެވެ. ރަށުތެރޭ އެކިދިމާލުން ކެންޑިޑޭޓްގެ ޕޯސްޓަރުތައް ފެންނާންހުރިއިރު، އިޝްތިހާރު ޓީމުން ގެންދެވީ އެކިދިމާލަށް ވެހިކަލްތަކުގައި ބުރުޖައްސަވައި ޖަލްސާއާއިބެހޭ އެނައުންސްމަންޓްތައް ދެއްވަމުންނެވެ.
ކުޅުދުއްފުށީގައި ދިރިއުޅުއްވާ އެމްޑީޕީ މެމްބަރުންގެ ގޭގެ އަށް ޒިޔާރަތްކުރައްވައި ތާއީދު ހޯއްދެވުމުގެ މަސައްކަތް ކެންޑިޑޭޓް އަންނި ކުރިއަށް ގެންދެވީ ދޭތެރެދޭތެރެއިން ތުނިކޮންނާއި ބައެއްފަހަރު ބޯކޮށް ވެހެމުންދާ ވާރޭ ތެރޭ މެދުކަނޑުއްވާ ނުލައްވައި ހީވާގި ކަމާއިއެކުގައެވެ.
މިދަތުރުގެ ޕްރޮގްރާމް ކުރިން ތާވަލް ކުރެވިފައިވާނަމަވެސް އެއިރެއްގެ ކަންތައްތައް ހުރިނެތްގޮތް ކެމްޕޭންޓީމުން މަޝްވަރާ ކުރެއްވުމަށްފަހު ގެންދަވަނީ އެފަހަރަކަށް ބޭނުން ބަދަލުތައް ގެންނަވަމުންނެވެ.

ކުޅުދުއްފުށީ ޖަލްސާ
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލްހޯލްގައި ބޭއްވި ޖަލްސާގައި އުތުރުގެ އިދާރީ ހިންގުން މިނިވަންކޮށް، ރައްޔިތުން ބޭނުންވާ ނިންމުންތައް އެމީހުން އަމިއްލައަށް ނިންމޭނެ ނިޒާމެއް ގާއިމް ކުރުމުގެ މުހިންމު ކަމާ، ކުރިއަށް އޮތްތަނުގައި އެކަން ނިންމްވާނެ ގޮތުގެ ތަސައްވުރެއް ދެއްވިއެވެ. އަދި މަސައްކަތްތެރިކަމާއި ބެހޭ މަރުކަޒު “މައިޓް” ފަދަ ތަންތަނަކީ ކުޅުދުއްފުށި ފަދަ ރަށްތަކުގައި މިހާރުން މިހާރަށްވެސް ހިންގަން ފެށޭނެ ތަންތަން ކަމުގައި ވިދާޅުވިއެވެ. އަދި ރަށްތަކުގެ އިޖްތިމާއީ ޚިދްމަތްތައް ފުޅާކުރުމުގައި ގެންގުޅުއްވާ ވިސްނުންފުޅުތައް ހާމަ ކޮށްދެއްވިއެވެ. އަންނިއަކީ ވެރިކަމެއް ހިންގޭނެ ގާބިލްކަންނެތް ބޭފުޅެއް ކަމަށް ފަތުރާ އަޑުތަކަށް ރައްދު ދެއްވަމުން ވިދާޅުވީ،އޭނާއަކީ ޚުދުމުޚުތާރު ވެރިކަމެއް ހިންގުމުގެ ތަޖްރިބާ ނެތް ބޭފުޅެއް ކަމަށެވެ. މުޙަންމަދު ނަޝީދު އަބަދުވެސް ވިދާޅުވާ ގޮތުން ތާހިރު ދިރިއުޅުމެއް ރައްޔިތުންނަށް ލިބިދިނުމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ ޚުދުމުޚުތާރު ނުތާހިރު ވެރިކަން ކަމަށްވާތީ އޭނާގެ މިމަސައްކަތަކީ ރައްޔިތުންގެ ވެރިކަން ރައްޔިތުންގެ އަތްމައްޗަށް ގެނެސްގެން ރާއްޖެ ހިންގާނެ ފުރުސަތު ދިވެހިރައްޔިތުންނަށް ލިބިދިނުމުގެ މަރުހަލާ ފެއްޓެވުން ކަމަށް އިޝާރާތް ކުރެއްވިއެވެ.
1994ގައި މައުމޫނު ކެބިނެޓަށް ގެންނެވި ޒުވާން ބަދަލުގެ ސަބަބުން ރާއްޖޭގައި އަށަގަނެ އާލާވެގެންދިޔަ ކޮރަޕްޝަނާ ނާޖާއިޒު ފައިދާ އާއި ޚިޔާނާތާއި ބޭއިންސާފުގެ ވާހަކަ ވިދާޅުވިއެވެ.

މަންޒިލްތައް
ކުޅުދުއްފުއްޓަށްފަހު ތިލަދުންމަތީ އުތުރުބުރިން އިހަވަންދޫއާ ހޯރަފުށީގައި ދޮރުންދޮރަށް ކެމްޕޭން ގެންދެވީ 17މާރޗް ގައެވެ. އަދި 17 މާރޗް ދުވަހުގެ ރޭ އިހަވަންދޫ ގައި ބާއްވާ ޖަލްސާއަށް ފަހު ތަކަން-މާރަންދޫ، ކެލާ، ބާރަށާ ދިއްދޫގައިވެސް މިކެމްޕޭން ކުރިއަށް ގެންދެވުމަށް ރޭވިފައި ވެއެވެ.

ޕްރޮގްރާމްގައި ކުރިން ޖަލްސާއެއް ރޭވިފައި ނެތް ހޯރަފުށީގެ އެމްޑީޕީ މެމްބަރުން އެދިވަޑައިގަތުމާއެކު މިދަތުރު ނިންމާލެއްވުމުގެ ކުރިން ހޯރަފުށީގައި ޖަލްސާއެއް ބޭއްވުމަށް މިހާރުވަނީ ނިންމަވާފައެވެ.

1 Comment

  1. ކުޅުދުއްފުށީގެ އާބާދީއަކީ 6000 އެއް ނޫން. 8071 އެއީ 2005 ގެ ބޯހިމެނުމުގެ ތަފާސް ހިސާބު. ވީމާ މި މަޢުލޫމާތު ރަނގަޅުކޮށްދެއްވާނޭ ކަމަށް ހީކުރަން

    Comment by Anonymous — March 21, 2008 @ 1:12 pm