ޒުވާނުންނަށް އަމާޒުކޮށް އަނެއް ދިވެހިރާއްޖެ ކެމްޕެއިން އިން މިއުޒިކް ޖޭމް ސެޝަނެއް ބާއްވައިފި
އަނެއް ދިވެހި ރާއްޖޭގެ ކެމްޕެއިން އިން ޒުވާނުންނަށް އަމާޒުކޮށް ފްރީ މިއުޒިކް ޖޭމް ސެޝަނެއް ބާއްވައިފިއެވެ.
ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގެ ހިތްފަސޭހަ މައިޒާނުގައި ބޭއްވި މި ޖޭމް ސެޝަނުގައި ތިން ބޭންޑަކުން މިއުޒިކް ކުޅެފައިވެއެވެ. އަދި ވަކި ފަންނާނުންގެ ހުނަރުތައްވެސް މިތަނުން ފެނިގެން ގޮސްފައިވެއެވެ.
އަނެއް ދިވެހި ރާއްޖެ ކެމްޕެއިންގެ ޔޫތު ގްރޫޕުން މައުލޫމާތު ދޭގޮތުގައި މި ސެޝަނުގައި ކުޅުނު ބޭންޑްތަކަކީ މޮބައިލް ޕަލްޕް، ފިޔުލް އިންޖެކްޝަން އަދި ކުރީގެ މަޝްހޫރު ބޭންޑް ސީޗައިލްޑްގެ ބައެއް މެމްބަރުންނާއި ކުށެއްނޫނޭގެ މެންބަރުން ގުޅިގެންވެސް ލަވަ ހުށަހަޅާދީފައިވެއެވެ. މީގެ އިތުރަށް އަނެއް ދިވެހި ރާއްޖޭގެ ޔޫތު ކޯޑިނޭޓަރ އަބްދުﷲ ޖާވިދު (ޖާ)ގެ ހުނަރުތައްވެސް އެރޭ ފެނިގެން ގޮސްފައިވެއެވެ.
މަޝްހޫރު މިއުޒިކް ޝޯ ހުށަހަޅުންތެރިޔާ އިންތި ހުށަހަޅައިދިން މިޝޯވް ކުރިޔަށް ދިޔަ އިރު އެއީ ހިޔަރަކާތް ވިލޭރޭ ކަމުން މިއުޒިކް ކުޅެން ނުވާނެކަމަށް ވަރަށް ގިނަ މީހުން ބުނަމުންދިޔަކަމަށާއި ނަމަވެސް އެމްޑީޕީގެ ދީނީ މަޝްވަރާ މަޖިލީހުގެ ރައީސް އައްޝައިހް ބީއޭ ނަސީމް އަރިހުން އެރެއާއި ބެހޭގޮތުން ސުވާލުކުރުމުން އެރެއަކީ ދީނީ ގޮތުން އަހަރުގެ އެހެން ރޭތަކާއި ވަކި ޚާއްސަ ތަފާތެއްވާ ރެއެއް ނޫންކަމުގައި ލަފާ ދެއްވާފައިވާތީވެ ޝޯވް ބޭއްވީ ކަމުގައި އިންތިޒާމްކުރެއްވި ފަރާތުން މައުލޫމާތު ދެއެވެ.