Wathan Edhey Gothah – MDP » ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް –ކެންޑިޑޭޓް ނަޝީދު

August 17, 2008

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް –ކެންޑިޑޭޓް ނަޝީދު

ދިރިއުޅުމުގެ އަގު ބޮޑުކުރަމުން ދިޔުމަކީ ކުށަކާނުލާ ރައްޔިތުންނަށް ކުރެވޭ ބޭއިންސާފެއް ކަމަށާއި މިއީ މިކަމުގެ ސަބަބުން އާއްމު ރައްޔިތުންނެކޭ
އެއްވަރަށް ވިޔަފާރިވެރިންނަށާއި ކުންފުނިތަކަށް އަދި ސަރުކާރަށްވެސް އެކަމުގެ ނުރަނގަޅު އަސަރު ކުރާނެކަމެއްކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އެބޭފުޅާގެ ރިޔާސީ ފަސް ވަޢުދުގެ ތެރެއިން މިހަފްތާގެ “ވަޢުދު ކަމުގައިވާ ދިރިއުޅުމުގެ އަގު ތިރިކުރުން” އާއްމުކުރުމަށްޓަކައި އެމްޑީޕީގެ ހަރުގޭގައި އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައެވެ. ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ގައުމެއްގެ އިޤްތިސާދު ހަލާކުވުމަށް ދިމާވާ އެންމެ އިސް ސަބަބަކީވެސް ދިރިއުޅުމުގެ އަގު ރައްޔިތުންގެ އަތްމައްޗަށް ނުކުޅަދާނަވަރަށް މަތިވެގެން ދިޔުމެވެ.

ކުރިޔަށް އޮތީ ރަމްޟާން މަސް ނަމަވެސް އަދިވެސް ސަރުކާރުން ރައްޔިތުންނަށް އަތްފޯރާފަށަކަށް ތަކެތީގެ އަގު ތިރިކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރާކަން ނަޝީދު ފާހަގަކުރެއްވިއެވެ. ކާޑުގެ އަގު ބޮޑުކުރުމާއި ތެލުގެ އަގު ދުނިޔޭގެ ބާޒާރުގައި ކުޑަވިނަމަވެސް ރާއްޖޭގައި އެއަދަދު އެކަށީގެންވާ މިންވަރަކަށް ކުޑަކޮށްފައި ނުވާކަން އަދި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ދަށްވުމުން މިފްކޯއިން މަސްގަންނަ އަގު ދަށްކޮށްފައިވާކަން ނަޝީދު އިތުރަށް ފާހަގަކުރެއްވިއެވެ.
މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ އާމްދަނީ ދަށްވުމުން މަސައްކަތްތެރިންގެ ޝަކުވާތައް ގިނަވަމުން އަންނަކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. ނަޝީދުވަނީ ވޭތިވެދިޔަ ތިން އަހަރުގެ ތެރޭގައި ބޭރުގެ އެތައް އިދާރާއަކުން ރާއްޖޭގެ މާލިއްޔަތު ބޮއްސުންލާކަމުގެ އިންޒާރު ދިން ނަމަވެސް ފިނޭންސް މިނިސްޓަރު އެކަމަށް ބީރު ކަންފަތެއް ދިންކަން ފާހަގަކުރައްވާފައެވެ. އަދި އެނގޭ މީހުން ކިޔައިދިނުމުން ނޭނގޭ މީހުން ގަބޫލުކުރުމުގެ ފިކުރު ގެންގުޅުމަށް ގޮވާލެއްވިއެވެ.
ދިރިއުޅުމުގެ އަގު ދަށްކުރާ ޓީމުގެ ގޮތުގައި ނަޝީދު އިއުލާން ކުރައްވާފައިވާ ޓެކްނިކަލް ބޭފުޅުންގެ ހާޒިރުގައި ބޭއްވި މި ބައްދަލުވުމުގައި ވޭތިވެދިޔަ 30 އަހަރުގެ އިޤްތިސާދީ ކާމިޔާބާއި ބެހޭގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ މިހާރު އަޅާ ކިޔަންވީ 1978 ވަނަ އަހަރާ 2008 ވަނަ އަހަރާ ނޫންކަމަށާއި މިހާރު އަޅާ ކިޔަންވީ މި ދިވެހި ރާއްޖެއާއި އަނެއް ދިވެހި ރާއްޖެއާއި ކަމުގައެވެ. މީގެ އިތުރަށް ކެންޑިޑޭޓް މިއަދު ހާމަކުރެއްވި ގޮތުގައި އެމްޑީޕީއަށް ވިޔަފާރިވެރިއެއްގެ އަތުންވެސް ލިބޭނީ އެއްވޯޓުކަމަށާއި އެހެންކަމުން ރާއްޖޭގެ އެހެން އާއްމު ރައްޔިތަކާއި ވިޔަފާރިވެރިއަކާއި މުހިއްމު ކަމުގައި އެއްވެސް ތަފާތެއް ނެތެވެ. އަދި ހަމައެކަނި ވިޔަފާރި ވެރިންގެ ފައިދާއަށް އެއްވެސް ސިޔާސަތެއް ބައްޓަން ނުކުރައްވާނެކަމުގައި ނަޝީދު ޔަގީންކަން ދެއްވިއެވެ.

2 Comments

  1. އަންނި ކަލޭތިއުޅެނީ އަމިށްލައެދުމާގެން.

    Comment by anni foo — August 22, 2008 @ 7:36 am

  2. ކޮންމެ އިންސާނަކީވެސް އަމިއްލައެދުންތަކެއް އޮންނެ ބައެއް. އެހެންނޫންނަމަ ތިމާޔަކީ އަނެއްގެ އެހީތެރިކަމާނުލާ މިދުނިޔޭގައި އުލެވޭނެ މީހެއް. ދިވެހިރާއްޖޭގައި މިހާރުމިފެންނަނީ ދިވެހިންނަށް މުޅިން އާ މަންޒަރުތަކެއް.މުޅިންއާ ވަޒަންކުރުމެއް، ބައެއްމީހުން ބުނާކަހަލަ ތިމާއަކީ އެންމެ މޮޅު އަދި އެންމެ ހެޔޮމީހުންނޭ އެއީ ހަމަ ވިސްނޭ ތިލަފަތަކުން ކިރާލާއިރު އެއްވެސް އޮށްޓަރެއް ނެތް ބުނުންތަކެއް،
    ވިސްނާލަބަލަ، ޤައުމުގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރާމީހުން ވާހަކަތަކާއި އެމީހުންގެ ޢަމަލުތައް ހުރި ގުޅުމުގެ މައްޗަށް އޭރުން ދޭހަވެދާ ތޯއްޗެއް؟

    Comment by Auraabeen — August 29, 2008 @ 2:12 am