Wathan Edhey Gothah – MDP » ރައްޔިތުންގެ ދިރިއުޅުމުގެ އަގުތިރިކުރުމުގެ ސިޔާސަތުގެ ބިންގަލަކީ ސަރުކާރުގެ އިޝްރާފު މަދުކުރުން – ކެންޑިޑޭޓް ނަޝީދު

August 19, 2008

ރައްޔިތުންގެ ދިރިއުޅުމުގެ އަގުތިރިކުރުމުގެ ސިޔާސަތުގެ ބިންގަލަކީ ސަރުކާރުގެ އިޝްރާފު މަދުކުރުން – ކެންޑިޑޭޓް ނަޝީދު

ރައްޔިތުންގެ ދިރިއުޅުމަށް ހޭދަކުރަންޖެހޭ އަގު ތިރިކޮށްދިނުމަށް އެމްޑީޕީންގެން ގުޅޭނެ ސިޔާސަތުގެ ބިންގަލަކީ ސަރުކާރުގެ އިޝްރާފު މަދުކޮށް ބޭއިންސާފު ޓެކްސްތައް ކަނޑާލުން ކަމުގައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ.

ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މިހެން ވިދާޅުވީ އަންގާރަ ދުވަހު އެމްޑީޕީގެ ސަރުކާރަކުން ރައްޔިތުންގެ ދިރިއުޅުމުގެ އަގު
ތިރިކޮށްދޭނެކަމަށް ވެފައިވާ ވައުދު ފުއްދާން ބޭނުންކުރާނެ ސިޔާސަތު ހާމަކުރުމަށްޓަކައި މިއަދު އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހުންނަ އަލްފްރެސްކޯ ކެފޭގައި ބެއްވި ނޫސްކޮންފަރެންސްގައެވެ.

ނަޝީދު ހާމަކުރެއްވި ގޮތުގައި ތަކެތީގެ އަގު މިހާރު ބޮޑުވަމުންދަނީ އިޤްތިސާދީ އަދި އިޖްތިމާއީ ފައިދާއެއް ނުވާ އެހެނަސް ސިޔާސީ ބޭނުންތަކަށް ކުރާ އިޝްރާފު ގިނަވަމުންދާތީވެއެވެ. އަދި ރާއްޖޭގައި މިހާރުވެސް މާލީ ސިޔާސަތު އޮންނަނީ ބަނޑޭރިގެއިން ކަންކުރާ އުސޫލުން ކަމުގައި ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންނަށް ރަގަޅުގޮތެއް ވާން އޮތް ހަމައެކަނި ގޮތަކީ މި ސިޔާސަތު ބަދަލުކުރުންކަމަށާއި އެކަންތައް ބަދަލުކުރެވެން އޮތީ ސަރުކާރަށް އާމްދަނީ ލިބޭ ގޮތްތައް ބަދަލުކޮށްގެންކަމުގައިވެސް ނަޝީދު ހާމަކުރެއްވިއެވެ.

ނަޝީދު ހާމަކުރެއްވި ގޮތުގައި އިޕޯޓް ޑިއުޓީއަކީ ވަރަށް ބޭއިންސާފުކޮށް ނެގެމުންދާ އެއްޗެކެވެ. އަދި މިޑިޔުޓީ ކަނޑާލައްވާނެ ނުވަތަ ކުޑަ ކުރައްވާނެއެވެ. ނަމަވެސް ސަރުކާރަށް އާމްދަނީ ލިބޭނެ ގޮތަކަށް ހަދާނީ ލިބޭ ފައިދާއިން ނަގާ ޓެކްސްކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި މި ޓެކްސް ވާނީ ސީދާ ޓެކްސްއަކަށް ކަމަށާއި ނުސީދާ ޓެކްސް ނުނަންގަވާނެކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. ނުވާ ވިޔަފާރިތަކުން ސަރުކާރަށް މިހާރު ނަގަމުންދާ ޓެކްސްއަށް ނަޝީދުވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ސަރުކާރުން ޚަރަދުކުރާނެ ގޮތަކާއި ތަރައްގީ ރާވާނީ ރައްޔިތުންގެ އިހްސާސްތަކަށް ބަލާފައި ވިޔަފާރިވެރިންނާއި މަޝްވަރަކުރައްވާފައި ކަމުގައި ނަޝީދު ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ސަރުކާރަކުން ނޫނީ ރައްޔިތުންނަށް އެކަނި މަސްލަހަތު ދޭނެ ސަރުކާރެއް ނުއުފެދޭނެކަމުގައި ނަޝީދު ވިދާޅުވިއެވެ.
ކުލި ކުޑަކުރެވޭނެ ގޮތްތައް ހާމަކުރައްވަމުން ނަޝީދު ވިދާޅުވީ ޚިދުމަތް އިތުރުކުރުމުން ކުލަ ކުޑަ ކުރެވޭނެކަމަށެވެ. މީގެ އިތުރަށް ނަޝީދު މިއަދު ހާމަކުރެއްވި ކަންތަކުގެ ތެރޭގައި ރާއްޖޭގައި ބައިނަލްއަގްވާމީ ބާޒާރުގެ އަގަށް ތަކެތި ގަނެވިއްކޭނެ ގޮތް ހައްދަވާދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

3 Comments

 1. އަންނިއަކަށް ނުވާނެ ތިކަމެއް ހުއްޓާލާ

  Comment by Ardy — August 22, 2008 @ 3:00 am

 2. އަންނި ރައްޔިތުންނަށް ދެއްކި ޑިމޮކްރަސީގެ ނަމޫނާ މިހާރު ތިދަނީ ފެންނަމުން، އަންނި ކަމަކު ނުދޭ ރައިސް ކަމަށް..

  Comment by kus — September 7, 2008 @ 10:09 pm

 3. އަންނިއަށް ތިކަންވެސް އަދި އެހެންކަންތަތައްވެސް ވާނީ، 30 އަހަރުން ނުކުރައްވާތި
  ސާބަސް
  އަހަރެންގެވޯޓް އަންނިއަށް

  Comment by Fax — September 8, 2008 @ 3:51 am