އެމްޑީޕީގެ ލީޑަރޝިޕްއިން މާލެއަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅު ކާމިޔާބުކަމާއި އެކު ނިންމާލައްވައިފި
ދިވެހި ރައްޔިތުން ދިރިއުޅުމަށް ހޭދަކުރުމުންދާ ޚަރަދުތައް އެމްޑީޕީގެ ސަރުކާރެއްގައި ކުޑަކޮށްދެއްވާނެކަމުގެ ވަޢުދު ރައްޔިތުންނަށްވުމަށްޓަކައި ޕާޓީގެ ލީޑަރޝިޕްއިން މާލެއަތޮޅުގެ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅު ކާމިޔާބުކަމާއި އެކު ނިންމާލައްވައިފިއެވެ.
އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އިސްކޮށް ހުންނަވައިގެން ކުރެއްވި މިދަތުރުފުޅުގައި ދެދުވަހުގެ ތެރޭގައި މާލެ އަތޮޅުގެ ހަތަރު ރަށަކަށް ޒިޔާރަތްކުރައްވާފައިވެއެވެ. މިގޮތުން ހޯމަ ދުވަހު ޒިޔާރަތްކުރައްވާފައިވަނީ ކާށިދޫއަށާއި ދިއްފުއްޓަށެވެ.
ކާށިދޫގައި ރައްޔިތުންނާއި ބައްދަލުކުރައްވާ އެރަށުގެ ގެތަކަށް ޒިޔާރަތްކުރައްވާ ރައްޔިތުންގެ ހާލު ބައްލަވާ ދޮރުން ދޮރަށް ކެމްޕޭނު ކުރިޔަށް ގެންދެވިއެވެ. ދިއްފުށީގައިވެސް ރައްޔިތުންނާއި ބައްދަލުކުރައްވާ ކެމްޕޭން ކުރެއްވިއެވެ.
އަންގާރަ ދުވަހު މިޓީމުން ވަޑައިގަންނަވާނީ މާފުށްޓަށާއި ގުރައިދޫއަށެވެ. ގުރައިދޫއަށް މިޓީމު ޒިޔާރަތްކުރެއްވި ދުވަހު ރާއްޖޭގެ އިންތިޤާލީ ރައީސުލްޖުމްހޫރިއްޔާ ކަމުގަ ހުންނެވި ޑީއާރުޕީގެ ޒައީމްވެސް އެރަށް ޒިޔާރަތްކުރެއްވިއެވެ. ނަމަވެސް އެރަށުންވެސް އެމްޑީޕީގެ ލީޑަރޝިޕްއަށް ލިބުނު ތަރުޚީބު ކުޑަނޫންކަމުގައި އެޓީމުން ފާހަގަކުރެއްވިއެވެ. އަދި ޑީއާރުޕީގެ ޒައީމް އެރަށަށް ދުރުވެ ގާނޫނާއި ޚިލާފަށް ދައުލަތުގެ މުދާ ބޭނުންކުރެއްވި ކަމަށާއި ސިވިލް ސާވެންޓުން ޑީއާރުޕީގެ ހަރަކާތްތަކުގައި ބޭނުންކުރުމުގެ އިތުރަށް ފުލުހުންނާއި ސިފައިން ގިނަ އަދަދަކަށް ބޭނުންކުރެއްވުން ކުއްވެރިކުރައްވައެވެ.
ޒަކީގެ އިތުރަށް މިޓީމުގައި ހިމެނޭ ބައެއް އިސް ބޭފުޅުންނަކީ އަމީންއާއްމު ހާމިދު އަބްދުލް ޣަފޫރު، އުވިދިޔަ ޚާއްސަ މަޖިލީހުގެ މ މެމްބަރު އަހުމަދު ޝަފީގު އެމަޖިލީހުގެ ދ މެމްބަރު ރިޔާޒު އަދި ޔޫއެންޑީޕީގެ އެސިސްޓެންޓް ރެސިޑެންޓް ރެޕްރެޒެންޓޭޓިވްގެ މަގާމުގައި ހުންނަވާ އެމްޑީޕީގެ ކެމްޕޭނުގައި ހަރަކާތްތެރިވުމަށްޓަކައި މިދިޔަ ހަފްތާގައި މަގާމުން އިސްތިއުފާ ދެއްވި ކުރެންދޫ އަބްދުލް ބާރީ އަބްދުﷲއެވެ.
ކެމްޕޭން ޓީމް ރ.އަތޮޅަށް ދިޔުމަށް ހަމަޖެހިފައިވޭތޯ؟ ރ. އަލިފުށްޓަށް ވަޑައިގެންނެވުން އެދެން. ރިޔާސީ ކެނޑިޑޭޓާވެސް އެކީ
Comment by Anonymous — August 22, 2008 @ 12:58 pm