Wathan Edhey Gothah – MDP » އަޅުގަނޑުގެ ވެރިކަމެއްގައި އޮންނާނީ ރައްޔިތުން އިހްތިޔާރުކުރި ބޭފުޅުންގެ ސަރުކާރެއް- ކެންޑިޑޭޓް ނަޝީދު

October 14, 2008

އަޅުގަނޑުގެ ވެރިކަމެއްގައި އޮންނާނީ ރައްޔިތުން އިހްތިޔާރުކުރި ބޭފުޅުންގެ ސަރުކާރެއް- ކެންޑިޑޭޓް ނަޝީދު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގައި ހުންނަވާއިރު އޮންނަ ސަރުކާރުވާނީ އިންތިހާބުތަކުގައި ރައްޔިތުން ރުހޭ ކަމަށް ވޯޓު ދެއްވާފައިވާ ބޭފުޅުންގެ ސަރުކާރެއްކަމުގައި އެބޭފުޅާ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އިދިކޮޅު ހަތަރު ކެންޑިޑޭޓުން ގުޅިގެން “ވަޠަން އެދޭ ގޮތަށް” މައުމޫނުގެ ވެރިކަން ބަދަލުކޮށްލުމަށް ކުރާ ކެމްޕޭން ރަސްމީކޮށް ފެށުމުގެ ގޮތުން ދަރުބާރުގޭގައި ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މުހައްމަދު ނަޝީދު (އަންނި) ވިދާޅުވީ ދިވެހިރާއްޖޭގެ ޑިމޮކްރަސީ އަށަގަންނުވާން ބޭނުންނަމަ ސިޔާސީ މަސްރަހު ބިނާކުރާންޖެހޭނީ ރައްޔިތުންގެ ހިއްސާ އޮންނަ ވޯޓަކުން ނިންމާ ގޮތްތަކަށް ކަމުގައެވެ. އަދި އެހެންކަމުން އެބޭފުޅާގެ ވެރިކަމުގައި އޮންނާނީ ރައްޔިތުން ވޯޓު ދީގެން އެބައިމީހުން ރުހޭކަމަށް ދެއްކި ބޭފުޅުން އެކުލެވޭ ސަރުކާރެއްކަމުގައި ނަޝީދު ހާމަކުރެއްވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަކަށް ފުރޮޅުމަށް އެންމެ މުހިއްމު އެއްޗަކީ މިނިވަން ހުޅުވިފައިވާ އިންތިހާބުތަކެވެ. އަދި ތަނެއްގައި ސިޔާސީ ޝަހުސިއްޔަތުތައް އުފޭދޭނީވެސް އިންތިހާބުތައް ބޭއްވިގެންކަމުގައި ނަޝީދު ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގައި ސިޔާސީ ޝަހުސިއްޔަތުތަކެއް ތިބިކަން ގަބޫލުކުރެވުނީ އެންމެ ފުރަތަމަ ގަބޫލުކުރެވުނީ 8 އޮކްޓޫބަރުގައި ރައްޔިތުން ވޯޓުލީ ގޮތްތައް ސާފުވުމުން ކަމުގައި ނަޝީދު ހާމަކުރެއްވިއެވެ. މީގެ އިތުރަށް ނަޝީދު ވިދާޅުވީ ތަނެއްގައި ޑިމޮކްރަސީއެއް އޮންނާނީ ސިޔާސީ ޝަހުސިއްޔަތުތަކަށް ވެރިކަމަށް އާދެވިދާނެކަމުގެ އުއްމީދެއް އޮންނަނީކަމަށްވާނަމައެވެ. އަދި އެބޭފުޅާގެ ވެރިކަމެއްގައި އިންތިހާބެއްގައި ކިތައްމެ އަވަހަކަށްވެސް ރައްޔިތުންގެ ކުރިމައްޗަށް ނިކުތުމަށް އެއްވެސް ވަރަކަށް ފަސްނުޖެހޭނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މީގެ ކުރިން ރައްޔިތުންނަށް ވިސްނިފައި އޮތީ ވެރިކަމަކީ ބަދަލު ނުކުރެވޭނެ އެއްޗެއްކަމުގައެވެ. އަދި މައުމޫނަށް ވޯޓު ދެމުން އައިސްފައިވަނީވެސް އެހެންވެގެން ކަމުގައި ނަޝީދު ވިދާޅުވިއެވެ. އެހެންނަމަވެސް 8 އޮކްޓޫބަރުގައި އެކަންތައް ބަދަލުވެއްޖެކަމަށާއި މައުމޫނުގެ ވެރިކަމުގައި ރެނދުލައިފިކަމުގައި ނަޝީދު ވިދާޅުވިއެވެ.

ރޭގެ ބައްދަލުވުމުގައި އެކި ބޭފުޅުން މައުމޫނުގެ ވެރިކަމަށް ނުހޮވަންވީ ސަބަބުތައް ކިޔައިދެއްވާފައިވާތީވެ ނަޝީދުވަނީ އެބޭފުޅާ ދެކޭގޮތުގައި މައުމޫނު ވެރިކަމަށް ނާންނަންވީ ސަބަބު ހާމަކުރައްވާފައެވެ. ނަޝީދު ވިދާޅުވީ މައުމޫނު ވެރިކަމުން ފައިބާންވެއްޖެ ކަމަށް ދެކެނީ 30 އަހަރު ވެރިކަމުގައި ހުންނެވީތީވެ ކަމުގައެވެ. މިރާއްޖޭގައި ހެޔޮވެރިކަމެއް ގާއިމްކުރެވެން އޮތީ މިހާ ގިނަ ދުވަހު ބޯދާ ވެރިކަމެއް ކުރެއްވި ބޭފުޅެއް ވެރިކަމުން ބޭލިގެން ކަމުގައި ނަޝީދު ވިދާޅުވިއެވެ. ދެން އޮތީ މައުމޫނުގެ ގަދަ ފަސްއަހަރަކަށް ވިދާޅުވާތީވެ ނަޝީދު ވިދާޅުވީ މީގެ ކުރިންވެސް އޮތީ ގަދަ 30 އަހަރު ވެރިކަން ކުރައްވާފައިކަމުގައެވެ. އަދި 30 އަހަރު ގަދަކަން ދެއްކުމަށްފަހު އުމުރުން 80 އަހަރަށް އަޅާލީމާ ގަދަ ވާހަކަ ދެއްކުމަކީ ރަކިސް ބޮޑެއްގެ ވާހަކަ ދެއްކުން ކަހަލަ ކަމެއްކަމުގައި ނަޝީދު ފާހަގަކުރެއްވިއެވެ. އެހެންކަމުން އިތުރަށް ގަދަކަން ރައްޔިތުންނަށް ދައްކަވަން ނޫޅުއްވުމަށް މައުމޫނުގެ ކިބައިން އާދޭހާއިއެކު އެދިލައްވާކަމުގައި ނަޝީދު ވިދާޅުވިއެވެ.

3 Comments

  1. ވަތަން އެދޭ ގޮތަށް ދަމާހެ ހެޔޮހިތުން މިޖާނު ދޭން.ވަތަން ގެ އާޒުވާނުނޭ ފަށާށެ އަދު އިޖާބަ ދޭން.ސާބަސް މިގައުމު ދެކެ ލޯބިވާ ދަރިންނަށް.އިރާދަފުޅާއި މިންވަރުފުޅުން މިފަހަރު މިއަނިޔާވެރި ކަމުން އަޅަމެން ސަލާމަތް ކުރައްވާށި.އާމީން.

    Comment by ; — October 15, 2008 @ 11:28 am

  2. ސާބަހޭ އަންނި ތިކުރާ ހިތްވަރަށް!! ތީ ރަށްޔިތުންނަށް ހެޔޮ އެދޭ ވެރިއެއް. އަންނި އަށް މިފަހަރު ކާމިޔާބުވަނެ! މީ އަހަރެމެންގެ ފަހަރު!!

    Comment by Abdulla Azmeen — October 15, 2008 @ 1:06 pm

  3. ސާބަސް އަންނި، ތީ ގައުމު ދެކެ ލޯބިވާ ދަރިންނަކީ. ތިކުރާހިތްވަރަތް ސާބަސް. ފަހުން ވެސް ގައުމާ ރައްޔިތުން ދެކެ ލޯބިވާނެ ކަމުގައި ހީކުރަން

    Comment by aisha — October 17, 2008 @ 11:38 am