Wathan Edhey Gothah – MDP » ޑިމޮކްރެޓިކް ވެރިއެއްނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާގެ ސަބަބުން މައުމޫނު އިސްތިއުފާ ދެއްވާ ނަންއަނބުރާ ގެންދެވީސް –ޑރ ވަހީދު

October 14, 2008

ޑިމޮކްރެޓިކް ވެރިއެއްނަމަ އިންތިހާބުގެ ފުރަތަމަ ބުރުގައި ލިބުނު ނަތީޖާގެ ސަބަބުން މައުމޫނު އިސްތިއުފާ ދެއްވާ ނަންއަނބުރާ ގެންދެވީސް –ޑރ ވަހީދު

މައުމޫނު އަބްދުލް ގައްޔޫމަކީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ވެރިކަން ކުރައްވާ ބޭފުޅެއްނަމަ އޮކްޓޫބަރު 8 ވަނަ ދުވަހު ނެގުނު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާ ހާމަވުމުން އިސްތިއުފާ ދެއްވާ އިންތިހާބުގައި ވާދަކުރެއްވުން ހުއްޓާލައްވާނެކަމުގައި އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ އިއްތިހާދުގެ ރަނިންމޭޓް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ 8 އޮކްޓޫބަރުގައި ދިވެހި ރައްޔިތުންވަނީ ވަރަށް ސާފުކޮށް މައުމޫނުގެ ވެރިކަމެއް ދެން ބޭނުންނުވާކަމަށް ހުކުމްކުރައްވާފައެވެ. ދިވެހިންގެ ކޮންމެ 10 މީހަކުން 6 މީހުން ދެކެން ބޭނުންވަނީ އާވެރިކަމެއް ކަމަށް ބުނުމަށްވުރެ ސާފުކޮށް މައުމޫނަށް ދިވެހިންގެ އިތުބާރުނެތްކަން ހާމަކޮށްނުދެވޭނެކަމަށްވެސް ޑރ ވަހީދު ވިދާޅުވިއެވެ. ޑރ ވަހީދު ވިދާޅުވި ގޮތުގައި އެބޭފުޅާއަށް ފެނިލައްވާފައިވާ ޑިމޮކްރެޓިކް ވެރިކަންކުރާ ތަންތަނުގައި މިފަދަ ގޮތަކަށް ނަތީޖާ ހާމަވާ ދުވަހުގެ އަނެއް ދުވަހު ވެރިން އިސްތިއުފާ ދެއްވައެވެ.

“ވަތަން އެދޭ ގޮތަށް” މިރާއްޖޭގައި އާވެރިކަމެއް ގާއިމްކުރުމަށް ކުރާ ކެމްޕޭން ރަސްމީކޮށް ފެއްޓުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ޑރ ވަހީދުވަނީ އެމްޑީޕީ އިއްތިހާދާއި އެކު މިކެމްޕޭންގައި ބައިވެރިވެވަޑައިގެން އެހެން ހުރިހާ ފަރާތްތަކަށް ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވެ ޝުކުރު ދަންނަވާފައެވެ. ރަނިންމޭޓް ޑރ ވަހީދު ވިދާޅުވީ އެބޭފުޅާގެ މުޅި ހަޔާތްޕުޅުގައިވެސް ދިވެހި ގައުމުދެކެ ބައެއް ލޯބިވާވަރު އެވަރަށް ދައްކާލަދިން ރެއެއް ނުފެންނަކަމުގައެވެ. އަދި މައުމޫނާއި އިދިކޮޅަށް މިހާރު ނިކުމެފައިވާ ފަރާތްތަކުގެ މެދުގައި މިހާރު އޮތް އެކުވެރިކަމަކީ އެގުޅުން ބައިބައިކުރުވަން އުޅޭ ބާރުތަކަށްވުރެ އެތައް ގުނައަކަށް ވަރުގަދަ އެކުވެރިކަމެއް ކަމުގައި ޑރ ވަހީދު ވިދާޅުވިއެވެ.

1 Comment

  1. އަންނި ހޯޕް ހޯޕް

    Comment by valho — October 16, 2008 @ 11:49 am