Wathan Edhey Gothah – MDP » ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މައުމޫނު ކާމިޔާބުކުރައްވައިފިނަމަ ވެރިކަން ކުރައްވާނީ ޔާމީން އަބްދުލް ގައްޔޫމް – ޑރ ހަސަން ސައީދު

October 14, 2008

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މައުމޫނު ކާމިޔާބުކުރައްވައިފިނަމަ ވެރިކަން ކުރައްވާނީ ޔާމީން އަބްދުލް ގައްޔޫމް – ޑރ ހަސަން ސައީދު

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މައުމޫނު އަބްދުލް ގައްޔޫމު ހޮވައިފިނަމަ ވެރިކަން ކުރައްވާނީ ރައީސް މައުމޫނުގެ ކޮއްކޯފުޅު އަދި ޓޫރިޒަމް މިނިސްޓަރ ޔާމީން އަބްދުލް ގައްޔޫމްކަމުގައި ޑރ ހަސަން ސައީދު ވިދާޅުވެއްޖެއެވެ.

ވަތަން އެދޭގޮތަށް މައުމޫނުގެ ވެރިކަން ނޫން އެހެން ވެރިކަމެއް ގާއިމްކުރުމަށް ކުރާ ކެމްޕޭން ރަސްމީކޮށް ފެށުމަށް ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ ހަސަން ވިދާޅުވީ މިކަމުގެ އެންމެ ސާފު ހެއްކަކަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ފެށެން 9 ދުވަހަށް ވެފައިވަނިކޮށް ޓޫރިޒަމް މިނިސްޓަރުކަން ޔާމީނަށް ދިނުމެވެ. އަދި މިގޮތަށް އެއްބަސްވެ ލިޔުމުން އެބަހުރިކަމުގައިވެސް ޑރ ހަސަން ހޯމަދުވަހުގެ ރޭ ހާމަކޮށްދެއްވިއެވެ. މައުމޫނަށް ދެވޭ ވޯޓަކީ ޔާމީނަށް ދެވޭ ވޯޓެއްކަމަށާއި އެއީ ރައްޔިތުން އެދޭގޮތް ނޫންކަމަށްވެސް ޑރ ހަސަން ރޭ ވިދާޅުވިއެވެ.

ޑރ ހަސަން ވިދާޅުވީ މައުމޫނު ވެރިކަމަށް އިތުރު ދައުރަކަށް ހޮވިއްޖެނަމަ އެބޭފުޅާ އަޒުމްކަނޑައަޅުއްވާފައިވަނީ އިދިކޮޅު ހަރަކާތްތެރިން ވުޖޫދުން ފޮހެލުމަށްފަހު ޔާމީން ރައްޔިތުންގެ މަޖިލީހުގެ 2/3 އަޣްލަބިއްޔަތު ހޯދާ މައުމޫނު މުޅި އުމުރަށް ވެރިކަމުގައި ހުރެވޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރުމަށެވެ.
ޑރ ހަސަން ވިދާޅުވީ އިންތިހާބުގައި ދެވަނަ ބުރުގައި ވާދަކުރައްވާ ދެބޭފުޅުންގެ ތެރެއިން މުހައްމަދު ނަޝީދަށް އެއްވެސް ޝަރުތެއްނެތި ތާއީދުކުރުމަށް ނިންމީ އެއީ އެބޭފުޅާއަށް ދީނީ، ގައުމީ، އަދި ގާނޫނީ ވާޖިބެއްކަމަށް ދެކިލައްވައގެންނެވެ. އަދި އެބޭފުޅާއަށް ތާއީދުކުރެއްވި 30 ހާސް ދިވެހިރައްޔިތުންނަށްވެސް އެގޮތަށް އަމަލުކުރެއްވުމަށް ޑރ ހަސަން ގޮވާލެއްވިއެވެ.

ދިވެހި ރައްޔިތުންނަށް މިނިވަންކަމެއް ލިބެން އޮތީ ނަޝީދު ވެރިކަމަށް ހޮވިގެންކަމަށާއި، ތަހުޒީބީ ސިޔާސަތެއް މިގައުމުގައި އޮންނާނީ ނަޝީދު ވެރިކަމަށް އައިސްގެންކަމަށާއި، ވެރިކަމަކީ ދައުރުވާ އެއްޗަކަށް ބަދަލުވާނީވެސް ނަޝީދަށް ވެރިކަން ލިބިގެން ކަމުގައި ޑރ ހަސަން ވިދާޅުވިއެވެ.

6 Comments

 1. ހަސަން އަންނި އަށް ވެރިކަން ކުރެވޭނޭ މިހާރު ބުނާއިރު އާރޓިފިސަލް ބީޗްގައި ވާހަކަ ދައްކަމުން ވެރިކަން އެކުވިސްޓުންނަށް ނުކުރެވޭނޭ ބުނީވެސް ހަމަ ހަސަން ސައީދެއް ނޫން ބާވައެވެ. ރައްޔަތުން މަގުފުރެއްދިޔަސް ތީ ބޮޑުވަރެކެވެ. ނަންވާނީ އޮޅުވާލަނީ މައުމޫނު ކަމަށެވެ.ވެރިކަމުގެ ދަހިވެތިކަމުގައި ހަސަން ކަހަލަ ކިޔަވއިގެން ތބޭމީހުން މިކަހަލަ ވާހަކަ ދެއްކީމަ ލިބޭސަޕޯޓު ވެސް ގެއްލެނީއެވެ. މީގެއިން އިގޭހާވެސް އެއްޗަކީ ދެވަނަބުރުން މައުމޫން ކަޓުވާލަން ހުރިހާ ކެންޑިޑޭޓުން އެއްބައިވީ ކޮށްމެހެން ރައްޔަތުންނަށް ހެޔޮއެދިގެންނެއްނޫނެވެ. އެބައިމީހުންނަށް ލިބުނުގެއްލުން ފޫބެއްދޭނީ މައުމޫނު ވެރިކަމުން ދުރުކުރެވިހެންންވެ. ނޫންނަމަ ދެންވެއްޓޭ ވަޅުގަޑު މާ ފުންވާނެއެވެ.ހާއްސަކޮށް ގާސިމް އަދި ޖާބިރު މެންކަހަލަ ވިޔަފާރި ވެރިންނަށެވެ

  Comment by fahyma — October 15, 2008 @ 10:33 am

 2. ކޮންމެ ގޮތެއް ހަދައިގެން ވެސް މައުމޫން ވެރިކަމުން ދުރުކުރަން ޖެހިއްޖެއެވެ. އަޅުގަނޑުމެން ލަދު ގަނެޔޭ އިނގޭތޯ ދިވެހިރާއްޖެ އަލް ޖަޒީރާ ފަދަ ބޮޑެތި ސައިޓް ތަކުގައި ދުނިޔޭގެ އެންމެ ފަގީރު މުސްލިމް ދެގައުމުގެ ލިސްޓުގައި އޮތީމަ!އެއީ އެބޭފުޅުން ރާއްޖެ އައިސް ކުރެއްވި ސާވޭ އަކަށް ފަހު ހެއްދެވި ލިސްޓެކެވެ. މީ އަދި އެންމެ ކަމެކެވެ. 30 އަހަރުދުވަހުން ނުކުރެވުން ކަމެއް ކުރިޔަށް އޮތް ފަސް އަހަރު ކުރެވޭނެ ކަމަށް ދެކޭނީ މޮޔައިންނެވެ. ރައްޔިތުންނޭ ހޭލާށެވެ!

  Comment by Dhivehi zuvaaneh — October 15, 2008 @ 3:18 pm

 3. ބުނަން ފަހީމާ ކަމަނާ މެންފަދަ ކަމަނާއިންނަށް ހަމަމިވާގޮތް ނޭގެނީތޯ! ރަގަޅަށް ވިސްނާވަޑައިގެން ދެންވެސް މިވާނުވާ ހޯއްދަވާ! އެއިރުން އެގޭނެ ޑރ. ޙަސަން ނޫންކަން ވެރިކަންހޯދަން އުޅުއްވަނީ! ޑރ.ޙަސަންމެން އެއުޅުއްވަނީ ތިޔަކަމަނާމެންނަށާއި އަދި ޖުމްލަކޮށް މުޅިގަވްމަށް ހެވާއި ލާބައާއި މަންފާ ހޯއްދަވައިދެއްވުމަށް! އެކަން އެގޭނެ އަދި ފަހުން!

  Comment by Hussain — October 15, 2008 @ 7:57 pm

 4. ޑރ.ޙަސަން ސަޢީދު ވިދާޅުވީ، ޤައުމުގައި މިހާރު ކުރިމަތިވެފައި ހުރި ގޮންޖެހުން ތައް އެކަނި އެއްޕާޓީ އަކަށް ކުރެވުމަކީ ވާނެކަމެއްކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. ހަމަ އެންމެ ޕާޓީ އަކުން ވެރިކަން މިއަދު ކުރައްވަން އުޅުއްވުމުން މިއަދު ގެ މަސްރަޙު މިދައްކާ ގޮތުން އެޕާޓީ އަކަށް ޖެހިވަޑައިގަންނަވާނީ ގާބިލު މީހުން މަގާމުން އިސްކުރުމަށްވުރެން ބޮޑަށް އެޕާޓީ އަކަށް ތާޢީދު ކޮށް އަޑު އުފުލި އެކުޓިވިސްޓުންނަށް މަގާމު ދިނުން ކަމަށް ވެދާނެ ކަމަށެވެ. އެހެން ކަމުން ޙަސަން އެންމެ ފުރަތަމަވެސް ވިދާޅުވަމުން އައީ އެއްކެންޑިޑޭޓަކު ނެރުމަށެވެ، އަދި އެންމެން ކުރިމަތީ އެއީ ތިމަންނަ ކަމަށްވާކަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އޭރު ބައެއްކެންޑިޑޭޓުންނަށް އެކަން ގަބޫލު ފުޅު ނުކުރެވުނީއެވެ. މިއަދު މިއޮތީ އެންމެން އެކުވެފައެވެ. އޭރު ޙަސަން އެވިދާޅުވި ފަދައިން އެއް ކެންޑިޑޭޓަކަށް ވެފައެވެ. އަދި މިހާރު ޙަސަން ވިދާޅުވަމުން އެގެންދަވަނީ ކުރީގެ ވިދާޅުވި ވިދާޅު ވުމާއި ފުށު އަރާ ވާހަކައެއް ނޫނެވެ. މިމަހު 15 ވީދުވަހު އައްޑޫގެ ބޭއްވި ޖަލްސާގައި ޑރ. ޙަސަން ދެއްކެވި ވާހަކައިގެވެސް ފުށު އަރާ ވާހަކައެއް ވިދާޅެއް ނުވެއެވެ. ވިދާޅުވީ ވަކިމީހަކަށް ވޯޓް ދޭށޭ އެއް ނޫނެވެ. އެކަމަކު ވެރިކަމަކީ ބަދަލު ވަމުން ދާ އެއްޗަކަށް ހެދިގެން މެނުވީ ދިމުގުރާތީ ވެއްޓެއް ޤާއިމު ކުރެވޭނެ ގަބޫލުފުޅު ނުކުރައްވާ ކަމަށެވެ. އަދި މިފަހަރު އިތުރު ދައުރަކަށް ވޯޓް ދެއްވައިފިނަމަ ކާރި މުސްތަގުބަލެއްގައި މިވެރިކަން ބަދަލު ކުރެވުމަކީ ވާނެކަމެއް ކަމަށް ޤަބޫލު ފުޅު ނުކުރެއްވޭ ކަމުގައެވެ. ވޯޓް ދެއްވާ އިރު މިކަންތަކަށް ވިސްނާ ވަޑައިގެންނެވުމަށެވެ. އަދި ވޯޓް ވަކި މީހަކަށް ދިނުމަށް ވިދާޅުވުމަކީ ވޯޓަށް ބާރު ފޯރުވުން ކަމަށް ވެދާނެއެވެ. އެހެން ކަމުން ޙަސަން ދެކޭ ގޮތުގައި މިހާރު ކުރިމަތީގައި ވާ އިޚުތިޔާރަށް ވޯޓްދެއްވާ އިރު ވިސްނާ ވަޑައިގަންނަވަން ޖެހޭ ކަންތަކަށް އަލި އަޅުވާ ލެއްވީ އެވެ. އަމިއްލަ އަށް ދެކޭ ގޮތް ހާމަ ކުރެއްވީ އެވެ، ތިމާ ތާޢީދު ކުރާނެ މީހަކާއި ސަބަބުތައް ހާމަ ކުރެއްވީ އެވެ. މި ޚިޔާލާ އިދި ކޮޅަށް މީހެއްގެ ޚިޔާލު ނުހުންނާނެ އެކޭ އަޅު ގަނޑު ނުދަންނަވަމެވެ.

  Comment by އަޙުމަދު — October 16, 2008 @ 8:47 am

 5. ސާބަސް ހުސެން . ފަހީމާވެސް އެހެރީ މައުމޫނުގެ ހަތިޔާރަކަށް ވެނިމިފަ. ވެރި ކަމާހެދި މޮޔަވާމީހުން މިއެގެނީ އެއްނުންތަ؟ ފަހީމާރަން ކޮޅާ. މިހާރު ދެން ގަނޑުވަރުގައި ހުންނަވާތާ ކިހާ ދުވަހެއް ވެއްޖެ. އެހެން ބޭފުޅަކަށް ފުރުސަތު ދެއްވުމަކީ ދިވެހި ވަރަށް ގިނަ ބައެއްގެ އެދުމެއް.

  Comment by fathun — October 16, 2008 @ 10:37 am

 6. މިގައުމު މައުމޫނުގެ ވަކިތަކުން ސަލާމަތް ކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ގައުމީ ވާޖިބެކެވެ. މައުމޫނުގެ ވަކިތަކުން ސަލާމަތް ވެގެން ނޫނީ ރާއްޖޭގެ ތަރައްގީ ހަމަހިލާ ކުރިޔަށް ޖެހި ނުލާނެއެވެ.

  Comment by Hussain — October 16, 2008 @ 2:08 pm