Wathan Edhey Gothah – MDP » އިންތިހާބުގައި ކާމިޔާބު ހޯދުމަށް ފައިސާ ބަހަމުންދިޔުމަކީ ފާފައެއް – އޮނަރަބަލް ގާސިމް އިބްރާހިމް

October 14, 2008

އިންތިހާބުގައި ކާމިޔާބު ހޯދުމަށް ފައިސާ ބަހަމުންދިޔުމަކީ ފާފައެއް – އޮނަރަބަލް ގާސިމް އިބްރާހިމް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކާމިޔާބު ހޯދުމަށްޓަކައި ބަޔަކު ފައިސާ ބަހަމުން އެބަދާކަމަށާއި އެއީ ބޮޑު ފާފައެއްކަމުގައި ޖުމުހޫރީ ޕާޓީގެ ރައީސް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

“ވަޠަން އެދޭގޮތަށް” ދިވެހި ގައުމުގެ ވެރިކަމުން މައުމޫން ބޭލުމަށްޓަކައި ކުރާ ކެމްޕޭން ރަސްމީކޮށް ފެއްޓުމަށްޓަކައި ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްސަ ޖަލްސާގައި ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންގެ މުސްތަގްބަލް ވިއްކާލާތޯ ބަޔަކު ފައިސާ ބަހަމުން އެބަދާކަމުގައެވެ. އަދި އެކަންތައް ނުކުރުމަށް ގާސިމް ގޮވާލެއްވިއެވެ. ގާސިމް ދިވެހި ރައްޔިތުންނަށް ގޮވާލެއްވީ އާއިލީ ވެރިކަން ދެމެހެއްޓުމަށްޓަކައި އެފައިސާގައި ނުހިފުމަށެވެ. އާއިލީ ވެރިކަމަކީ ބޯދާކަމެއްކަމުގައި ގާސިމް ހަދާން ކޮށްދެއްވިއެވެ.

ރޭ ގާސިމް ވިދާޅުވީ ދިވެހި ރައްޔިތުންނަށް މިހާރު ފެންނަމުން މިދަނީ ރާއްޖެ ތަރައްގީ ވަމުންދާ މިންވަރަށްވުރެ މާ ލަސް ސްޕީޑެއްގައި ތަރައްގީ ވަމުންދާތަންކަމުގައެވެ.

އަދި ދިވެހި ރައްޔިތުން ތަރައްގީވާން އެދޭ ކަންތައް ނަންހުސްކޮށް ކަންހުސްކޮށް އެބަހުރިކަމުގައި ގާސިމް ވިދާޅުވިއެވެ.

އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި އެކު ގާސިމްއާއި އެހެންނިހެން ކެންޑިޑޭޓުން ނިކުމެވަޑައިގެން ތިއްބެވީ ވަތަން އެދޭ ގޮތަށް މައުމޫނު ވެރިކަމުން ވައްޓާލުމަށްކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި މިގޮތުގައި ނިކުންނެވުމުން ފެންނަނީ އެބޭފުޅުންގެ އެއްވެސް އަމިއްލަ އެދުމެއްނެތްކަންކަމުގައި ގާސިމް ވިދާޅުވިއެވެ. އަދި ހުރިހާ ބޭފުޅުންނަށް އެކަމަށް ގާސިމް ޝުކުރު އަދާކުރެއްވިއެވެ.

2 Comments

  1. ޤާސިމް ތިވިދާޅުވީ ވަރަށް ބޮޑު ތެދުފުޅެއް. ވޯޓަކީ އަމާނާތެއް. އެއަގުދީފައި ވިއްކާނަމަ އެވެވެނީ ޚިޔާނާތެއް. މިގޮތުންވާ ކޮންމެ ޚިޔާނާތަކީ ފާފައެއް. ނަމަވެސް މައުމޫނުގެ މިތީރީސް އަހަރުގައި އަމާނަތަކީ ކޮބާކަމެއް މައުމޫނު ދިވެހިނަށް ކިޔައެއް ނޫދޭ. އަބަދުވެސް ބުނަމުންދަނީ ވެރިންނަށް ކިޔަމަންވާށޭ. އެހެންވެ ޤުރުއާނުގައި އޮންނަ: ياأيهاالذين ءامنوا أطيعوالله وأطيعوالرسول وأولي الأمر منكم. މިއާޔަތް ކިޔާދެނީ. މިއާޔަތުންވެސް މައުމޫނު ނަގާތަންކޮޅަކީ ”أولي الأمر” މިތަންކޮޅެވެ. މައުމޫނު ދެކޭގޮތުގައި މައުމޫނަށް ދެކޮޅުޖެހުމަކީ އެއާޔަތާއި ޚިލާފުވާކަމެކެވެ. ނަމަވެސް އެއާޔަތުގެ ކުރިން ބަޔާންކޮށްފައިވާ ﷲއާއި ރަސޫލާއަށް ދެކޮޅުނުޖެހުމަކަށް ބުނެއެއްނުދެއެވެ. ނަތީޖާއަކީ ދިވެހި އިސްލާމީ އުއްމަތް މަޑުމަޑުން އިސްލާމްދީނާއި ދުރަށްޖެހެމުން މައުމޫނާ ގާތަށް ޖެހެމުންގޮސް މިއަދު މައުބުނަންވީ މާދައަކީ ހައްޖުދުވަހޭ އަނެއްދުވަހުން ދިވެހިންތައް ޢީދުކުރާނެ. އެހިސާބުގަ މިތިބީ…. މިއީ އިސްލާމްދީން ހިމާޔަކުރަން މައުމޫނު މިގަންނަގަޑަކީ…. އެއީ މިހާރު ބިމުގެ ކަލާންގެއޭ ބުންޏަސް ތެދުކުރާނެ ބައެއްދިވެހިން ނުތިބޭނެކޭ ބުނާކަށް ނުކެރޭނެ. ސަބަބަކީ އެހެންބުންޏަށް މައުމުނޫ ބުނާނީ ކޮންމެވެސް ބަދިވަރުތަކެއް ޢަރަބިން ކިޔަމުންވިއްޔަ. އެހެންވެ މިހާރު މިއޮތީ ޤުރުއާނާއި އައުގުރުއާނާއިވެސް ދިވެހިންނަށް އޮޅިފަ…. މިކަމުން ހަމަ ﷲ ނަޖާކުރައްވައިގެންނޫނީ ދެން ދިވެހިންނަށް ސަލާމަތެއް ނޯންނާނެ. މަސައްކަތްކުރާނީ އަޅުން ކާމިޔާބަކީ ﷲދެއްވާ އެއްޗެއް… ހިތްވަރުކުރޭ….

    Comment by Anonymous — October 14, 2008 @ 8:50 pm

  2. ކުޅުދުއްފުށީމީހުން ސިގިރޭޓްބުރި ބޮލަށް ނިވާލުމުން ހަމަވިސްނުން ލިބިގެން ސަރުކާރުދޫކޮށް ދިޔަ އަޙުމަދު ޢަބުދުﷲ ސަރުކާރުން ދުރައްދިޔައީ ހަމަވިސްނުން ލިބިގެން ނޫންކަމަށް ޚަބަރު ލިބިއްޖެ. އޭނާ ސަރުކާރު ދޫކޮށްލީ ސިގިރޭޓްބުރި ބޮލަށް ނިވާލުމުން އެލިބުނު ވޭނުގެ ބަދަލުގައި ކުޅުދުއްފުށީމީހުންގެ ތެރެއިން އެކަމާއި ގުޅުންހުރި ހުރިހާއެންމެނަށް ‘ހޭ’އަރުވާލުމަށް މައުމޫނުގާތުން އެދުނުއެދުމަށް މައުމޫނު ދެކޮޅުހެދުމުންކަމަށްވޭ. މައުމޫނު ބުނިކަމަށްވަނީ ކުޅުދުއްފުއްޓާ މިވަގު ބެހެވޭކަށްނެތްކަމަށާއި ވޯޓުއޮތީ އަތްފޯރާހަމައަށް ގާތްވެފައިކަމާއި، ތިޔަކަހަލަ މޮޔަކަމެއްގެވާހަކަ މިވަގުތުނެދެއްކެވުމަށާއި، މިކަމުން އަވަދިވެގެން ތިޔަކަމާއި އުޅޭނެކަމަށެވެ. ނަމަވެސް މިކަމާއި ރުޅިން ކެބިނެޓްދޫކޮށްދިއުމަށްފަހު، ކުޅުދުއްފުށީން ލިބުނު ކާމިޔާބުގެ ސަބަބުން މިވަގުތައް އަހުމަދުޢަބުދުﷲ މައިތިރިވެއްޖެ ކަމާއި ނަމަވެސް ވޯޓަށްފަހު އަދިވެސް ކުޅުދުއްފުއްޓާ އުޅެދޭން ޖެހޭނެކަމަށް ބުނާކަމަށް އެޖެންޓެއްގެ ފަރާތުން ޚަބަރު ލިބޭ. ‘އިންޓާނަލްސެކުއިރިޓީން’

    Comment by Anonymous — October 14, 2008 @ 9:31 pm