Wathan Edhey Gothah – MDP » “…އިދިކޮޅު އެންމެން ތިތިބީ ގޮތް ހުސްވެފައި. އަންނި ދެވަނައަށް އައީ. އޭނަޔާ މައުމޫނާ ވަކިން ރޭސްދުއްވާ ރޭހުގަ، އޭނަ ބަލިވާތަން މީހުނަށް ދައްކުވަން ވެގެން. އިރާދަކުރެއްވިއްޔާ އެދުވަސް ތިޔަކުދިން މާލަހެއްނުވެ ދެކޭނެ. އެދުވަހަށް އިންތިޒާރު ކޮށްލައްވާ. ޝުކުރިއްޔާ!…”

October 18, 2008

“…އިދިކޮޅު އެންމެން ތިތިބީ ގޮތް ހުސްވެފައި. އަންނި ދެވަނައަށް އައީ. އޭނަޔާ މައުމޫނާ ވަކިން ރޭސްދުއްވާ ރޭހުގަ، އޭނަ ބަލިވާތަން މީހުނަށް ދައްކުވަން ވެގެން. އިރާދަކުރެއްވިއްޔާ އެދުވަސް ތިޔަކުދިން މާލަހެއްނުވެ ދެކޭނެ. އެދުވަހަށް އިންތިޒާރު ކޮށްލައްވާ. ޝުކުރިއްޔާ!…”

އަހުމަދު އަލީ ނަސީރު

ސުރުޚީގައި އެވާ ކޮމެންޓަކީ، ވޯޓްއަންނި.ކޮމް (www.voteanni.com) ވެބްސައިޓަށް ފޮނުވާފައިވާ ރައްދު ޚިޔާލެކެވެ. މި ޚިޔާލަކީ، އެ ސައިޓުގައި ލިޔެފައިވާ އެއްޗަކަށް ބޭފުޅަކުދެއްވި މިނިވަން ރައްދެކެވެ. ރައްދު ދެއްވި ލިޔުމުގެ ސުރުޚީއަކީ، “އިރާދަ ކުރެއްވިއްޔާ ދިވެހި ގައުމު ދަތުރު ކުރާނީ ރަނގަޅު ބަނދަރަކާ ދިމާލަށް” މި އެވެ.

ރައީސް މައުމޫނު ވެރިކަމުގައި ހުންނެވުމަށް ޖައްސަވަމުންދާ ‘މަރުފަލީގެ’ ވާހަކައަށް މަޒުމޫނު އިޝާރާތް ކޮށްފައި އޮތުމީ، މި ފަދަ ރައްދެއް ލިބުމަށް މެދުވެރިކުރުވި އެއްސަބަބަށް ވެސް ވެދާނެއެވެ. ރައްދުދެއްވި ފަރާތުން ‘ތިޔަކުދިން’ ނޭ ވިދާޅުވެ ލިއުއްވާފައި އޮތުމުން ލަފާކުރެވެނީ، މި ކޮމެންޓް ލިއުއްވި ގަލަމަކީ، 1950 ގެ ސިކުނޑިއަކުން ވިސްނުން ލިބިވަޑައިގެންވާ ގަލަމެއްކަމެވެ. އެހެންކަމުގައި ވާނަމަ، އެ ލިޔުންތެރިޔާގެ ސިކުނޑިއަށް ސަވާރުވެއިން މީހެއްގެ ބާރުގައި، ލިޔުންތެރިޔާ އެ ހުންނެވީ ވަރަށްބޮޑު އަސަރެއްގައި ޖެހިވަޑައިގެން ގޮސް އަވަދިވެ ވަޑައިގެންފައެވެ. އެކަމާހެދި އޭނާގެ ސާހިބުމީހާއަށް ވަފާތެރިވާ ހާލު، އޭނާ އެހުންނެވީ ނިކަމެތިވެ ހިތްޕުޅު ބިރުފުޅުން ތެޅިތެޅިއެވެ.

ކޮމެންޓް ދެއްވި ބޭފުޅާގެ ނަމަކަށް އޮތީ ‘ފާތިމާ’ އެވެ.

ފޮރުވިތިބެ މައުމޫނު ހިމާޔަތްކުރާ މީހުންގެ ސިފަ އެނގޭނީ، ނުވަތަ އެމީހުންގެ ސިކުނޑި ކިޔަން މޮޅަށް އެނގޭނީ، ކަމާބެހޭ މާހިރުންނަށެވެ. އާންމު މައުލޫމާތުން ދޭހަވާ ގޮތުގައި ސިކުނޑީގެ މާހިރުން ބުނަނީ، އެކުގައިއުޅޭ ދެމީހަކުގެ ތެރެއިން އެކެއްގެ ބާރު އަނެކާއަށް މިނަށްވުރެ ބޮޑަށް ފޯރުވާ ހިނދު، ދެމީހުންގެ މިޒާޖަށް އަސަރުތަކެއް ކުރާ ކަމަށެވެ. އެ ދެމީހުންގެ ތެރެއިން އިއުތިގާދު ބަލިކަށި މީހާ، ކުޑަކަކޫ ޖަހައިގެން ތިރިވެ އޮންނަފަދަ، އަޅުވެތި ދަރަޖައަކަށް ބަދަލުވެގެން ދާނެއެވެ. މިކަން ބޮޑަށް ފާޅުވަނީ، އެކިއެކި ޖިންސީ ގުޅުންތަކުންނެވެ. ބާރު ހިފެހެއްޓުމާއި، ބާރު ފޯރުވުމާއި، ނިކަމެތިކަމުން އަރާމު ހޯދުމާއި، ހިތްނުފުރޭ އަނބިންގެ މައްސަލަތައް ފެންމަތިވާނެއެވެ. ދަހިވެތި ފިރިންނާއި އެފަދަ މީހުންގެ ދަށުވެ ކުޑަކަކޫ ޖައްސާ އެފަދަ އެހެން ދަހިވެތި ފިރިންނާއި… މިހެންގޮސް، މިޒާތުގެ އިޖްތިމާއީ އަދި ނަފްސާނީ ކަންތައްތަކަށް އަލިއަޅުވާލީމާ، މި ވެގެންއުޅޭ އެއްޗެއް އޮޅުންފިލާނެއެވެ. މައުމޫނު ދޫކޮށްލާ ދިއުމަކީ، އޭނާގެ ވަފާތެރި ޚާދިމުންނަށް ވަރަށް އުނދަގޫކަމެކެވެ. ބޮޑު ބިރެކެވެ.

ޑިކްޓޭޓަރަކު އަތުލަހިކޮށްގެން އޭނާ ނެތި ހިނގައިދާނެތީވެ އޭނާގެ އެންމެ އަރިހުގައި ތިބޭނީ، ކުރިން މި އިޝާރާތްކުރި ބާވަތުގެ ނަފްސާނީ ގޮތުން ވިއްސި ވިހާލި ވެފައިވާ ‘ބަލި’ މީހުންކަން ތާރީޚު ހެކިދެއެވެ. ގިނަ ފަހަރަށް އެމީހުންނަކީ، ކޮން ބައެއްކަމެއް އެމީހުންގެ އެންމެ ގާތް މީހުންނަށްވެސް އޮންނަނީ އޮޅިފައެވެ. ނަތީޖާއަކަށް ވަނީ، ދަރީންނާއި އަނބިމީހާވެސް ދުނިޔެއިން މޮޔަވެ ހައްދު ފަހަނައަޅާ ދިއުމެވެ. މިހެން މިދެންނެވީ، ދުނިޔޭގެ ތާރީޚުގައި މަރުފަލި ޖެހި ޑިކްޓޭޓަރުންނާއި، އެފަދަ އަނިޔާވެރިން އުޅެ ނިމި ގޮސްފައިވާ ބާބުތަކަށް ބަލާފައެވެ. މިސާލުތައް ބައިވަރެވެ. ޙިޓުލަރުގެ ހަޔާތަށް ބައްލަވާށެވެ. ގޮބެލް އާއި ހިމްލަރ އަދި ގޮއެރިންގް ގެ ރޭވުންތަކާއި، އަދި ޙިޓުލަރު ވެއްޓެމުން ދިޔައިރު އޭނާގެ ގާތް ލަފާދާރުންނަށާއި ޕްރޮޕެގެންޑާ ހިންގި މީހުންނަށް ވީގޮތް ބައްލަވާށެވެ. ސައްދާމް ހުސެއިން ގެ ވަށައިގެން ތިބި ތަނބުތަކަށް ވީގޮތްވެސް އެއީ، މިފަދަ ‘ބަލި’ މީހުންގެ މިޒާޖަށް އަލިއަޅުވައިދޭ ތާރީޚެވެ.

މައުމޫނުގެ ޕްރޮޕެގެންޑާގެ މޭސްތިރިއަކީ އަލްއުސްތާޒް ޒާހިރު ހުސެއިން ކަމުގައި ގިނަ ސިޔާސީ ބޭފުޅުން ޒުވާބު ދެއްވައެވެ. އެއީ ހަގީގަތެއްނަމަ، އަޅުގަނޑު އެކަމާ ވަރަށްބޮޑަށް ހިތާމަ ކުރާނަމެވެ. މިކަމަކީ ހަގީގަތެއް ކަމަށް ވާނަމަ، ‘ހަވީރު’ ނޫހަކީ މިވެރިކަން ދިވެހިންގެ މެދުތެރެއަށް ‘ގަރުބަ ގަނުވި’ ނުވަތަ ފާކުރުމުގެ އަޑީގައިވާ، އެންމެބޮޑު ޕްރޮޕެގެންޑާ މެޝިނެވެ. ސުރުޚީގައި އެވާ ކޮމެންޓަކީ، ފަހަރެއްގައި އޭނާގެވެސް ޚިޔާލުފުޅު ހުރިގޮތް ކަމުގައިވުމަކީ ވެދާނެ ކަމެކެވެ. މައްސަލައެއްވެސް އޮތް ކަމެއްނޫނެވެ. އެހެނީ މިދުވަސްވަރަކީ މިނިވަން ޚިޔާލުގެ ދުވަސްވަރުކަމުގައި ވީތީއެވެ.

ކޮމެންޓް ކިޔާފައި އަލްއުސްތާޒް ޒާހިރު ހުސެއިން ދެނެވަޑައިގެން ހުންނެވި ބޭފުޅަކު ވިދާޅުވީ، “…މި ކޮމެންޓަކީ ޒާހިރުގެ ކޮމެންޓެއް ކަމަށް ވަރަށްބޮޑަށް ލަފާކުރެވޭ…” މިފަދައިންނެވެ.
ކޮންމެއަކަސް، ރައްދު ދެއްވާފައި އެވާ މަޒުމޫނު ކިޔާލުމުން، އަޅުގަނޑުގެ ހިތަށް އައީ މުޅިން އެހެން އެއްޗެކެވެ. ހަނދާނަށް އަންނަނީ، ‘ޒީރޯ ޑިގްރީ’ ނާޝިދު، މޮހޮޖް އަދި އަހުމަދުގެ ވަރަށް ފޯރިގަދަ ލަވައެއް ކަމުގައިވާ ‘މަރުފަލި’ މިލަވައެވެ. މިލަވަ ހެދުމުގައި، ލަވަ ލިއުއްވި މަރުހޫމް ފުލޫނިޔާ މުހައްމަދު ރަޝީދާއި އެކު މަސައްކަތް ކުރުމުގެ ޝަރަފް އަޅުގަނޑަށް ލިބުނެވެ.

އާދޭހެވެ! “…ހޭނާރާ ޖަހަނީ މަރުފަލިތާ ބޮނޑިބޯން…’، ދޮގެއްތޯއެވެ؟ އިރާދަ ކުރެއްވިއްޔާ، ދިވެހިންގެ ސިކުނޑިތަކަށް ސަވާރުވެ ތިބި ބާރުވެރިންގެ ދުވަސް ހަމަވެ، މި ރާއްޖެ މިދަނީ އުފާވެރި ބަދަލަކާ ދިމާލަށެވެ.

7 Comments

  1. ބިރުން ތުރުތުރު އަޅަމުން ކޮއްފަ ހުންނަ އެކަހަލަ ކޮމެންޓަށް ވައްކަޅިންވެސް އަހަރެމެން ނުބަލާނަން

    Comment by Hussain Nazeer(NOONU) N.Lhohi — October 18, 2008 @ 5:36 pm

  2. ހަގީގަތުގައި ވެސް ތިޔަ ވިދާޅުވާ ވާހަކަ ތެދެއްކަން ވަރަށް ގިނަ ދިވެހި ދަރިންނަށް އިގޭ، ޒާހިރު އަކީ ވާހަކަ ދެއްކުމުގައި ވަރަށް ގިނައިން ‘ތިޔަކުދިން” ވިދާޅުވާ ބޭފުޅެއް. އެހެން ކަމަށް ވާނަމަ ތިޔަ ކޮމެންޓަކީ ޒާހިރުގެ ކޮމެންޓަކަށް ވުމަކީވެސް އެކަށީގެންވާކަމެށް، އަދި މިފަހަކަށް އައިސް ހަވީރު ނޫސް ވަކިފަރާތަކަށް ޖިހިފައިވާކަމީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާކަމެއް! މިނިވަން ނޫސްވެރިކަމެށްގައި ވަކިފަރާތަކަށް ހުރުމަކީ މިނިވަން ނޫސްވެރިކަމަށް ކުރެވޭ ވަރަށް ބޮޑު ހިޔާނާތެއް!

    Comment by ali — October 18, 2008 @ 7:58 pm

  3. ހަވީރު މިހާރު އެއީ ގައްޔޫމުގެ ޕްރޮޕެގެންޑާ މެޝިނެކޭވެސް ހިތަށް އަރާ ފަހަރު އޭދޭ. މިހާރު އެމީހުން އެކަންތައްކުރަނީ ވަރަށް ސަޓްލް ކޮށް، އެޑިޓޯރިއަލް ފިލްޓަރިންގ ބޭނުންކޮށްގެން. މިސާލަކަށް މިމަހުގެ 12 ވަނަ ދުވަހުގެ އަދަދަށް ބަލާ. އޭގެ ކުރީދުވަހު ހިނގި ކަންތައްތަކާ، ހަވީރުން ގެނެސްދިން ޚަބަރުތަކާ ޚިޔާލުތައް ދިރާސާ ކުރައްވާ.

    މީގެ އިތުރުން ހަވީރުން އެއްވެސްކަހަލަ އިންވެސްޓިގޭޓިވް ޖަރނަލަޒިމްގެ ކުލަވަރެއް ނުފެނޭ. ކޮބާ، މިދޭތެއިން ރިލީޒްކުރި އޮޑިޓަރ ޖެނެރަލްގެ ރިޕޯޓާބެހޭގޮތުން ހެދިފައިވާ، ދިރާސާ. ކޮބާ ކަސްޓަމްސް އިން ޑީ.އާރ.ޕީން. ނަހަމަގޮތުގައި ނެރުނުކަމަށް ބުނާ ދެ ލޯންޗުގެ ދިރާސާ؟

    Comment by ahmed — October 19, 2008 @ 6:22 am

  4. ބަލިވެ ކިޔޭނުކިޔޭއެއްޗެއް ނޭންގެންފެށީމަ ދެންނޯންނާނެ ކަމުދާ ނޫހެއްވެސް ކަމުދާ ސްޕްރީމްކޯޓެއްވެސް ކަމުދާ މަޖްލިހެއްވެސް. އަދި ދެވަނަބުރައްފަހު ބުނާނެ މިޤައުމުގަ މިތިބީ ހުސްބޯގޯސް މީހުންނޭ.. ވިސްނޭއެކަކުވެސް ނެތޭ މަނޫނި.

    Comment by asif — October 19, 2008 @ 9:59 am

  5. ތިޔަ ބުނާ މިނިވަން ނޫސް ވެރި ދުވަސްވަރު “ޖަޒީރާ” ނޫހުން ވެސް ކޮމެންޓް ޖެހުމުގައި ވަކި ފަރާތަކަށް ބުރަވެފައި ތިބޭކަން ފާހަގަ ކުރެވެއެވެ. މީހެއްގެ ނެތި ނުބައި ކޮށް ނުވަތަ މީހެއްގެ ނުރަނގަޅު ވާހަކަ ނެތިއްޔާ އެކޮމެންޓެއް ޝާޢިއު ކުރާކަށް ބޭނުމެއް ނުވެއެވެ. ކޮންމެ ބަޔަކުވެސް ބޭނުމީ ވެރިކަމަށް ބަގުޑި ބައްދާށެވެ. ދިވެހި ރާއްޖެއަށް ހެޔޮއެއް އެދިގެންނެއް ނޫނެވެ. އަމިއްލަ ފައިދާ ހޯދާށެވެ. ނުވަތަ ކޮންމެވެސް ސިފައެއްގައި ބަދަލު ހިފާށެވެ. -އ-

    Comment by Anonymous — October 20, 2008 @ 4:15 am

  6. މަތީގައިވާ ކޮމެންޓަކީ ޒާހިރު ހުސައިންގެ ކޮމެންޓެއް ކަމަކަށް ނުވާނެއެވެ. ބަހުގެ ފެންވަރު ތަފާތީއެވެ. “އިދިކޮޅު އެންމެން ތިތިބީ.. ” މިޖުމްލައިން އެކަން އެނގެއެވެ.

    Comment by Anonymous — October 20, 2008 @ 4:18 am

  7. އަޅުގަނޑު ދެކޭގޮތުގައި އަންނި އަކީ ޤައުމީ ބަތޮލްއެ. އެމަނިކުފާނުގެ ސަބަބުން މިއަދު އަޅުގަނޑުމެންނަށް މިނިވަންކަންމަތީ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނީ މާތްﷲ އަންނި އަށް ހެޔޮރަހުމަތް ލައްވާންދޭ…..

    Comment by Maumoon — October 20, 2008 @ 2:23 pm