Wathan Edhey Gothah – MDP » ތަރައްގީއަކީ ގައުމުގެ އާސާރީ ތަރިކަތައް ނައްތާލުމެއް ނޫން – ކެންޑިޑޭޓް ނަޝީދު

August 27, 2008

ތަރައްގީއަކީ ގައުމުގެ އާސާރީ ތަރިކަތައް ނައްތާލުމެއް ނޫން – ކެންޑިޑޭޓް ނަޝީދު

.ގައުމެއް ތަރައްގީވުމަކީ ގައުމުގެ އާސާރީތަރިކަތައް ނައްތާލުމެއް ނޫންކަމުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވެއްޖެއެވެ

މުހައްމަދު ނަޝީދު (އަންނި) މިހެންވިދާޅުވީ އަންގާރަ ދުވަހުގެރޭ ހދ ކުޅުދުއްފުށީގެ ތިލަދެކުނު ސިނަމާގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވަމުންނެވެ. ނަޝީދު މިހެން ވިދާޅުވީ އެރަށުގައި ވަރަށް ކުރީއްސުރެ ހުންނަ މިސްކިތެއް ތަޅާލުމަށްފަހު ސަރުކާރުން އެތާނގައި މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރާތާ އެތައް އަހަރެއްވެފައިވާތީވެއެވެ.

ނަޝީދު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ވޯޓު ކަރުދާސްކޮޅަށް ޚިޔާނާތްތެރި ނުވުމަށް ގޮވާލެއްވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި މިނިވަންކަމާއި އެކު ވޯޓުކަރުދާސްކޮޅުގައި ފާހަގަލުމުގެ ހައްގު ދިވެހިންނަށް ހޯދައިދިނުމަށް ކުޅުދުއްފުށީގެވެސް އެތައް ބަޔަކު އެތައް ގުރުބާނީއެއް ވެފައިވެއެވެ. ވީމާ މިގުރުބާނީގެ އަގުވަޒަންކޮށް އެކަރުދާސްކޮޅަށް ޚިޔާނާތްތެރިނުވުމަށް ގޮވާލެއްވިއެވެ.

ކުޅުދުއްފުށީގައި ބަނދަރެއް އޮތް ނަމަވެސް މަގުތަކުގެ ދަތިކަމުގެ ސަބަބުން މުދާ ރަށުތެރެއަށް ފޯރުކޮށްދޭން ދަތިވާކަމުގައި ނަޝީދު ރޭ ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރަށް ހދ އަތޮޅުގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވައިދޭނެކަމަށް ނަޝީދު ހާމަކުރެއްވިއެވެ. އަދި ސިއްހީ ނިޒާމު އަތޮޅުގައި ރަގަޅު ފެންވަރެއްގައި ގާއިމްކުރައްވާނެކަމުގެ ޔަގީންކަންވެސް ނަޝީދު ކުޅުދުއްފުށީގެ ރައްޔިތުންނަށް ދެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ނަޝީދުގެ ވާހަކަފުޅަށްފަހު ރަށުގެ ރައްޔިތުންނަށް ސުވާލުކުރުމަށް ހުޅުވާލެވުނެވެ. އަދި އެމްޑީޕީގެ ސަރުކާރެއްގައި ދީނީކަންތައް ކުރިޔަށް ގެންދަވާނީ ދީނީ އިލްމުވެރިންގެ އިޖްމާޢުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ. އަދި ދީނަކީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުންނުކުރައްވާނެކަމުގައިވެސް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ހާމަކުރެއްވި ގޮތުގައި ދީނީ ޢިލްމުވެރިންނަކީ އެބޭފުޅާ ވަރަށް އިހްތިރާމް ކުރައްވާ ބައެއްކަމުގައި ވިދާޅުވިއެވެ. އަދި އަދާލަތު ޕާޓީގެ ބޭފުޅުންނާއި ދޭތެރޭވެސް ދެކިވަޑައިގަތީ އެގޮތަށް ކަމުގައި ހާމަކުރެއްވިއެވެ. ނަމަވެސް ދާދިފަހުން އެބޭފުޅުން ސިޔާސީ ގޮތުން އެޅުއްވި ފިޔަވަޅެއްގެ ސަބަބުން އެބޭފުޅުންގެ ދީނީ ފޭރާން ކަޝްފުވެފައިވާކަމަށް ފެނިވަޑައިގަންނަވާތީވެ އެކަމާ ހިތާމަކުރައްވާކަމުގައި ނަޝީދު ވިދާޅުވިއެވެ.

2 Comments

  1. އަންނިވެސް ތިޔައުޅުއްވަނީ ހަމަވެރިކަންބޭނުންވެގެންދޯ؟ ހާދަދެރައޭ، އަޅެކެރިދާނެތަބުނެލަން ވެރިކަންލިބިއްޖެނަމަ އެއްދައުރަށްވުރެ ގިނައިންވެރިކަމެއްނުކުރާނަމޭ. އިބުރާބުނިގޮތަށް. އޭރުންބުނެވިދާނެ ތީރާއްޖޭގެ މަންޑޭލާއޭ.އެކަމަކު އަޅުގަނޑުގެ ވޯޓް އަންނިއަށް.

    Comment by Rash — August 30, 2008 @ 12:04 pm

  2. އޯގާތެރި ކަމާއެކު ވެރިކަން ކުރާ ގޮތުގެ ނަމޫނާ ދެއްކުމަށް ކޮންމެހެންވެސް އެބަޖެހޭ. އެކަމަކީ ވެރިކަމުގެ ދަހިވެތި ކަމުގައި އުޅުމެއް ނޫން. ފުލުހުންނާ ސިފައިންނާ އަދި އޮފީސް ތަކުގައިވެސް ގިނަ އަދަދެއްގެ ފައިސާ ދީފައިތިބި ޑީއާރުޕީގެ އެޖެންޓުން އެބައުޅޭ. އަނެއްކާވެސް އެސްޓީ ޖައްސައިގެން މުވައްޒަފުންގެ ވޯޓު ހޯދުން ބޭނުމަކީ. ރިޝްވަތު ދިނުންމީ ސަގާފަތަކަށް ހަދައިފިޔޭ.

    Comment by Anonymous — August 30, 2008 @ 1:20 pm