Wathan Edhey Gothah – MDP » ނަޝީދުގެ ވެރިކަމެއްގައި މިޑްޓާމް އިލެކްޝަންސްއެއް ބާއްވަން ޖެހެނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިހާބަކުން ރައީސަކު ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ދެއްވުމަށް-ޒަކީ

October 18, 2008

ނަޝީދުގެ ވެރިކަމެއްގައި މިޑްޓާމް އިލެކްޝަންސްއެއް ބާއްވަން ޖެހެނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިހާބަކުން ރައީސަކު ހޮވުމުގެ ފުރުސަތު ރައްޔިތުންނަށް ދެއްވުމަށް-ޒަކީ

ހަތް ސިޔާސީ ޕާޓީ އެކުލެވޭ އިއްތިހާދުގެ ތާއީދާއި އެކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބު ކުރެވިއްޖެނަމަ ދައުރުގެ މެދުތެރެއިން އަލުން ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ދެއްވާނެކަމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވަނީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފުވެރި އިންތިހާބަކުން ރައީސަކު ހޮވުމުގެ ފުރުސަތު ދިވެހި ރައްޔިތުންނަށް ދެއްވުމަށްކަމަށް އެމްޑީޕީގެ ވަގުތީ ރައީސް ވިދާޅުވެއްޖެއެވެ.

ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ މިހެން ވިދާޅުވީ މިޑްޓާމް އިލެކްޝަނެއް ބާއްވަން ފުރުސަތު ދެއްވާނެކަމަށް ނަޝީދު ވިދާޅުވަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށް ޑީއާރުޕީގެ ޒައީމް މައުމޫނު ވިދާޅުވެފައިވާތީވެ އެކަމަށް ދެއްވި ރައްދެއްގެ ގޮތުގައެވެ. ހޮނިހިރު ދުވަހު އެމްޑީޕީ އިއްތިހާދުގެ ފަރާތުން ބޭއްވި ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޒަކީ ވިދާޅުވީ 30 އަހަރު ވެރިކަމުގެ ތިންބާރު އަތްމަތީ ބާއްވައިގެން ޚުދުމުޚްތާރު ވެރިކަމެއް ކުރެއްވި މައުމޫނު ބަހައްޓަވައިގެން އިންސާފުވެރި އިންތިހާބެއް ބޭއްވުމަކީ ނުވާނޭކަމެއްކަމަށެވެ. އެހެންކަމުން ވަތަން އެދެނީ މައުމޫނު ވެރިކަމުން އެއްކިބާ ކުރުމަށްފަހު އަލުން އިންސާފުވެރި އިންތިހާބެއް ބާއްވައިގެން ވެރިޔަކު ހޮވުމަށެވެ.

އެ ނޫސްކޮންފަރެންސްގައި އެސްއެލްޕީގެ ފަރާތުން ބައިވެރިވެޑައިގެންނެވި ގާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވީ ގާނޫނު އަސާސީގެ 121 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ރައީސެއްގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން އިންތިހާބެއް ބޭއްވޭނެ ގޮތް ބަޔާންކޮށްފައިވާކަމަށެވެ. އަދި ރައީސާއި ނައިބު ރައީސް އިސްތިއުފާ ދެއްވައިފިނަމަ 60 ދުވަހުގެ ތެރޭގައި އިންތިހާބެއް ބާއްވަން ޖެހޭނެކަމަށްވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވެއެވެ. އެހެންކަމުން މިޑްޓާމް އިލެކްޝަނެއް ބޭއްވުމަކީ ގާނޫނު އަސާސީއާއި ޚިލާފުކަމެއްކަމުގައި ޑީއާރުޕީން ބުނަމުން ދާ ދިޔުމަކީ އެއީ އޮޅުވާލުމެއްކަމުގައި ހަސަން ވިދާޅުވިއެވެ. އަދި ރައީސްކަމުގައި ހުންނަވައިގެން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް މައުމޫނު ވާހަކަ ދައްކަމުން ދިޔުމަކީ ގާނޫނު އަސާސީއާއި ޚިލާފުކަމެއްކަމުގައިވެސް ހަސަން ވިދާޅުވިއެވެ.

މިނޫސްކޮންފަރެންސްގައި ބައިވެރިވެވަޑައިގެން އުވިދިޔަ ހއ އަތޮޅުގެ މެމްބަރު އަހުމަދު ސަމީރު ވަނީ މިހާރު ބާއްވާ ރިޔާސީ އިންތިހާބު ކޮންމެ ފަރާތެއް ކާމިޔާބު ކުރިނަމަވެސް އިންސާފުވެރި އިންތިހާބެއްކަމުގައި ގަބޫލުނުކުރާނެކަމަށް ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބަކީ މިނިވަން މުއައްސަސާތަކަށް އެކަށީގެންވާ ގޮތެއްގައި ހަރަކާތްތެރިވެވޭނެ ފުރުސަތު ނެތުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރެވެމުންދިޔުންކަމުގައި އެބޭފުޅާ ވިދާޅުވިއެވެ.


Photos by Mauroof Khaleel

6 Comments

 1. ނަޝިދުގެ ތި ނިންމުމަކީ ވަރަށް ހިކުމަތްތެރި ނިންމުމެއް. ތި ނިންމުން އައީމަ މައުމޫން ވަރަށް މޭ ކަރާނެ. އެކަމަކު އެ ބޭ ކީއްކުރާނީ ދޯ . ވިސްނާނުލާ މާ ކުރިއްސުރެ އެބަކިޔާ އަދި ފަސް އަހަރޭ. އެހެންވީމާ ދެން ނެތް އަންނިއަށްވުރެ މަދު ކުރެވޭކައްވެސް. ހަދާނެ ގޮތް ހުސްވެފަ އެހެރީ. މުސްކުޅިބޭބޭ ދެން ތިހެންނޫޅި މިސްކިތަށް އަރާ ޤުރުއާން ކިޔަވާލާ ހަދަން އިދެބާ. ހާދަ މުސްކުޅިއޭ މިހާރު

  Comment by Hussain Nazeer(NOONU) N.Lhohi — October 18, 2008 @ 11:18 pm

 2. އެމްޑީޕީއިން ފޮޑިއެއް ޖެހިޔަސް މައުމޫނު އެއަށް ރައްދު ދޭނެ! ދީނުގަ ފޮޑި ޖެހުން އޮންނަނީ މިހެން މިހެންނޭ ކިޔާފަ ..އަޅެ ކިހާ ދެރަކަމެއްތަ! މައުމޫނު އިސްތިއުފާ !1 އިސްތިއުފާ ނުދީފިއްޔާ ރީއްޗެއް ނުވާނެ!!

  Comment by ley kekey dhivesse — October 19, 2008 @ 12:19 am

 3. ވެރިކަމަކީ ކިހާވަރެއްގެ ކަމެއްކަން ކޮންމެވެސް ވަރަކަށް މިހާރު އަންނިއަށް އިހްސާސްވާންފަށައިފި. އޭނާގެ ނާޤާބިލްކަން ރައްޔިތުންނަށް ހާމަވެއްޖެ. ރައްޔިތުންނަށް އެތައް ވަޢުދުތަކެއް ވެގެން ވެރިކަމައް އައިއްސަ ވެރިކަން ކުރިނަން ބޮލުގައަޅައިގެން ބަޗާނެ ރަނގަޅު ރޭވުމެއް މިޑްޓާމް އިލެކްޝަނަކީ.. މިޑްޓާމް އިލެކްޝަންގެ ހަޤީޤީ މަޤްސަދަކީ މިހާރުދުނިޔެއައް ދިމާވެފައިވާ މާލީނިޒާމްގެ މައްސަލައިގަ އަންނިގަންނަ ބިރު.. އަންނިއަށް އެނގޭ އޭނާއަށް ކުރިމަތި ލާންޖެހޭނީ ކޮންކަހަލަ ކަމަކާކަން އެހެންނުން. ރައްޔިތުންނަށްވެފައިވާ ވަޢުދުތައް ނުފުއްދޭނެކަން އަންނިގެ ޓީމައްވަޒަންކުރެވެނީ އެހެންނުން. މީރައްޔިތުންނައް ހެޔޮގޮތްތައް ހޯދައިދިނުމަށް ނުކުމެ ހުރިމީހާ ރައްޔިތުންގެ އެތައްބައިވަރު ފައިސާތައް ބޭކާރުކޮއްލުން. އަންނިގެނަމައްޓަކައި. ބޭނުންނެއް އިންތިޙާބަކައް މިފަދަ އިޤްތިސާދީ ނުރައްކާތެރި ދަނޑިވަޅެއްގަ ހެޔޮވިސްނޭ ރައްޔިތަކު ހަމަގައިމުވެސް ފުރުސަތު ނުދޭނެކަންކަށަވަރު. އިންތިޙާބެއް ބޭއްވުމަކީ އެތައްބައިވަރު ފައިސާއެއް ހޭދަވާކަމެއް އެހެންނުން..

  Comment by allaa — October 19, 2008 @ 9:39 am

 4. ދައުރުގެ މެދުތެރެއިން އަލުން އިންސާފުވެރި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ފުރުސަތު ދެއްވާނެކަމަށް އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓްވިދާލުވުމުން ވަރަށްގިނަ ރައްޔިތުން އެކަންބަލައިގަނެ ވަތަން އެދޭ ގޮތަށް ސަޕޯޓްކޮށް ކެންޕެއިން ކުރަންފަށްޓާފި. އެހެންވީމަ އެމުސްކުޅިބެ ބިރުންއެއުޅެނީ. މިފަހަރު ވިސްނާފަ ބަދަލަކަށް ވޯޓްދެއްވާ.

  Comment by suja — October 19, 2008 @ 11:49 am

 5. ރަނގަޅު ކަމެއް. އަހަރުމެންގެ ތާއީދު އަބަދުވެސް އަންނިޔަށް. ސާބަސް ސާބަސް

  Comment by abdulla — October 19, 2008 @ 11:58 am

 6. މައުމޫނަށް އުސްތާޒު ކިޔާއިރު ކީއްވެގެން އަންނިއަށް އުސްތާޒު ނުކިޔަނީ؟ އަންނިވެސް ޑިގްރީ އެއް އަދި އެވެސް މޮޅު ތާކުން ކަމަށް ލިބުނުކަމަށް ވޭ. މައުމޫނަށްވުރެ ހަމަ އެންމެ ގޮތަކުންވެސް ދެރަވާނެ ކަމެއް ނެތް.

  Comment by Anonymous — October 19, 2008 @ 2:20 pm