Wathan Edhey Gothah – MDP » އަންނި ގެ ރިޔާސީ ކެމްޕެއިން ހުވަދޫގައި – ހަތް ރަށަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ކޮލަމާފުއްޓަށް

March 24, 2008

އަންނި ގެ ރިޔާސީ ކެމްޕެއިން ހުވަދޫގައި – ހަތް ރަށަކަށް ޒިޔާރަތް ކުރެއްވުމަށްފަހު ކޮލަމާފުއްޓަށް

24 މާޗް 2008 – އެމްޑީޕީ ގެ ރިޔާސީ ޕްރައިމަރީސް ގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު އަންނި ގެ ރިޔާސީ ކެމްޕެއިން ހުވަދޫ އތޮޅުގައިވެސް ކުރިއަށް ގެންދެވުމުގައި މިހާރު ހަތް ރަށަކަށް ޒިޔާރަތްކުރެއްވުމަށްފަހު މިއަދު ހަވީރު ކޮލަމާފުއްޓަށް ވަޑައިގެންފިއެވެ. 22 މާޗް 2008 ދުވަހު ހުވަދު އަތޮޅުގެ ދެބުރިއަށް އަންނި ފެއްޓެވި ކެމްޕޭން ދަތުރުގެ ދެވަނަރޭ އެކުގައިދަތުރުކުރައްވާ 10 މެމްބަރުންގެ ވަފްދާއި އެކު އޭނާ ހުންނެވީ ގައްދޫގައެވެ.

މި ދަތުރުގެ ފުރަތަމަ މަންޒިލް ކަމުގައިވި އާބާދީގައި 8000 އަށްވުރެ ގިނަމީހުން ދިރިއުޅޭ ގދ. ތިނަދޫ އަށް އަންނިގެ ކެމްޕެއިން ޓީމް ލެފުމަށްފަހު ސަޕޯޓަރުން އިންތިޒާމްކޮށްފައިވާ މެންދުރުގެ ފަރިއްކޮޅެއްގައި އެމްޑީޕީގެ މެމްބަރުންނާއިއެކު ވަގުތުކޮޅެއް ހޭދަކޮއްލެއްވުން އޮތެވެ. އެއަށްފަހު ޓީމް އެކީ ދަތުރުކުރީ މަޑަވެއްޔަށެވެ. އެރަށުގައި ކެމްޕެއިން ޖަލްސާ ކުރިއަށް ގެންދެވުމަށްފަހު އެރަށު ސްކޫލްގެ ގޯތިތެރޭގައި އިންތިޒާމްކުރެވިފައިވާ ހަވީރު ސައިގައި ވެސް އެމްޑީޕީގެ މެމްބަރުންނާއި ރަށު ރައްޔިތުންގެ ނިސްބަތުން ގިނަބަޔަކު ބައިވެރިވިއެވެ. މަޑަވެލީގެ ކެމްޕެއިން އޮފީސް އަންނި ހުޅުވައިދެއްވުމަށްފަހު އެދުވަހުގެ އިރު އޮއްސެންވާއިރަށް ކެމްޕެއިންޓީމް އެނބުރި އައީތިނަދޫއަށެވެ.

ތިނަދޫގައި ބޭއްވުނު ރޭގަނޑުގެ ޖަލްސާއަކީ އެރަށުގައިތިބި ގިނައަދަދެއްގެ އެމްޑީޕީ މެމްބަރުން ހާޒިރުވެލެއްވި ރަސްމިއްޔާތެކެވެ. ޖަލްސާއަށްފަހު ކެމްޕޭން އޮފީހާއި ދެތަނެއްގައި ކެމްޕޭން ޖަގަހަ ހުޅުވުމާއި ސަޕޯޓަރުން އިންތިޒާމްކުރި ބޮނޑިބަތް ޖާފަތެއްގައި އަންނި ބައިވެރިވެލެއްވިއެވެ.

މާޗް 23 ވަނަ ދުވަހު ހެނދުނު ސައިގެފަހުން ޓީމް ދަތުރުކުރީ ފަރެސްމާތޮޑާއަށެވެ. އެރަށުގެ ދެފަސްދޭތެރޭ ސަރަހައްދުގައި މެންދުރުނަމާދާއިޖެހެންދެން އެމްޑީޕީ މެމްބަރުންނާއި އެތަނަސް އައި ރަށުގެ އެހެން ރައްޔިތުންނާއި އަންނި މުޚާތަބު ކުރައްވަމުން ގެންދެވިއެވެ. ރަށުތެރޭގައި ކެމްޕެއިން ކުރިއަށް ގެންދެވުމަށްފަހު ޓީމް ދަތުކުރީ ގދ. ވާދޫ އަށެވެ. އެރަށުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ކެމްޕޭން ހަރަކާތްތައް ހަވީރު ސަޔާއި ހަމައަށް ކުރިއަށްގެންދެވިއެވެ.
އެރަށު މަދަރުސާގައި ކެމްޕޭން ޖަލްސާ ކުރިއަށް ގެންދެވުމަށް ފަހު 24 މާޗް ހެނދުނު އަންނި އާއި ކެމްޕޭން ޓީމް ދަތުރުކުރެއްވީ ހުވަދޫ އަތޮޅު އުތުރުބުރިއަށެވެ.

ގއ. ވިލިގިލީގައި އެމްޑީޕީ މެމްބަރުންނާއި ބައްދަލުކުރެއްވުމަށްފަހު އަންނި އާއި ވަފްދު މާމެންދޫގައި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދެވިއެވެ. މިއަތޮޅު އުތުރުބުރީގައި ބޭއްވޭ ކެމްޕޭން ޖަލްސާ ބޭއްވުމަށްޓަކައި މިއަދު ހަވީރު ޓީމް ދަތުރުކުރީ ކޮލަމާފުއްޓަށެވެ. ވިލިނގިލީގައި ސަޕޯޓަރުންނާއި ފުރަތަމަ ބައްދަލުކުރެއްވީ އެރަށު ފާލަން ކުރިމަތީގައި ހުންނަ މަސްވެރިންގެ ކެފޭގައެވެ. އެއަށްފަހު އެމްޑީޕީ މެމްބަރުންގެ ގޭގެއަށް އަންނި ޒިޔާރަތްކުރެއްވިއެވެ.

ހުވަދޫއަތޮޅު ދެބުރިއަށް މުހައްމަދު ނަޝީދު އަންނި ކުރައްވާ މިދަތުރުގެ ކާމިޔާބީގެ ނިސްބަތް ފެނިގެންދަނީ އޭނާއަށް ތާއީދުކުރައްވާ އެމްޑީޕީ ގެ މެމްބަރުން ކުރިއަށް އިންތިޒާމްތައް ހަމަޖައްސަމުން ގެންދެވުމާއި ސަޕޯޓަރުން އިސްނަންގަވައިގެން ދުރާލާ ތައްޔާރީތައް ހަމަޖައްސަވަމުން ގެންދަވާތީ ކަމުގައި ކެންޑިޑޭޓާއި އެކީ ދަތުރު ކުރައްވާ މީޑިޔާ މެމްބަރުން ފާހަގަކުރައްވައެވެ.