Wathan Edhey Gothah – MDP » ވަތަން އެދޭ ގޮތަށް ކެމްޕޭނުން ސިވިލް ސާވެންޓުންނާ ބައްދަލުކުރައްވައިފި

October 19, 2008

ވަތަން އެދޭ ގޮތަށް ކެމްޕޭނުން ސިވިލް ސާވެންޓުންނާ ބައްދަލުކުރައްވައިފި


ހަތް ސިޔާސީ ޕާޓީ ގުޅިގެން ހިންގާ ވަޠަން އެދޭގޮތޮތަށް ކެމްޕޭންގެ ދަށުން ރޭ ރާއްޖޭގެ ސިވިލް ސަރވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނާ ބައްދަލު ކުރައްވައިފިއެވެ.

ނަލަހިޔާ ހޮޓެލްގެ ޖަލްސާކުރާ ހޯލުގައި ބޭއްވި މިބައްދަލުވުމުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ސިވިލްސަރވިސްއެއް އުފައްދައިދެއްވާނެ ކަމަށް އެމްޑީޕީ އިންތިހާދުން ވަޢުދުވެ ވަޑައިގަތެވެ. މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ވިދާޅުވީ ސިވިލް ސަރވިސްގެ ތަސައްވަރަކީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ސިވިލް ސަރވިސް އެއްގެ ތަސައްވަރު ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހިރާއްޖޭގައި މިހާތަނަށް އަޅުގަނޑުމެން އެއްވެސް މީހަކު މަލްޓިޕާޓީ ޑިމޮކްރަސީއެއްގެ ސިވިލް ސަރވިސްއެއްގައި މަސައްކަތް ކުރައްވާފައި ނުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އިއްތިހާދުގެ ސަރުކާރެއްގައި ” އޭނާގެ ސަރުކާރެއްގައި” މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި ސަރުކާރުގެ ކަންކަން ހިންގުމަށް ސިވިލް ސަރވިސްގެ މުވައްޒަފުންނާ މުޢާމަލާތް ކުރާނީ ކޮންމެ ވުޒާރާއެއްގައިވެސް ހިމެނޭ ޕާމަނަންޓް ސެކްރެޓަރީ މެދުވެރިކުރައްވައިގެން ކަމަށެވެ. އެއްވެސް ހާލެއްގައި ސިވިލް ސަރިވިސްގެ މުވައްޒަފުންނާ ވަކިޚާއްސަ ގުޅުމެއް ނުބާއްވާނެ ކަމަށާއި އެމުވައްޒަފަކު ސިޔާސީގޮތުން އަމަލު ކުރައްވާ ގޮތަކުން ނުވަތަ ސިޔާސީ ވިސްނުން ހުންނަ ގޮތަކުން އެއްވެސް ވަރަކަށް އެއްވެސް ފިޔަވަޅުތަކެއް އަޅުއްވަމުން ނުގެންދަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަކީ ސަރުކާރުގެ ނޯކިރީން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ސިވިލް ސަރވިސްގެ ކިބައިން އެދިވަޑައިގަންނަވާ ހަމައެކަނި ކަމަކީ އޭނާގެ ސަރުކާރު އުފެދުމުން މެނިފެސްޓޯގައިވާ ކަންކަން ހިންގައިދީ އެއަށް އަމަލީ ސިފަ ގެނެސްދެއްވުން ކަމަށެވެ. ސިވިލްސަރވިސްއާއި ސަރުކާރާ އޮންނަންޖެހޭނީ އެގުޅުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާ މެދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީ އިއްތިހާދުގެ ސަރުކާރެއްގައި ސިވިލްސަރވިސްގެ މުވައްޒަފުންގެ މުސާރަ ހަމަޖެހިގެންދާނީ ސިވިލް ސަރވިސްގެ ޔޫނިއަންއާ ސަރުކާރާ ދެމެދު ކުރެވޭ ކަލެކްޓް ބަރގެއިންގެ ތެރެއިން ކަމަށެވެ. ނަޝީދު ވިދާޅުވީ މުވައްޒަފުންނަށް އެކަށިގެންވާ ރަގަޅު މުސާރައާއި އިނާޔައްތައް ރަގަޅަށް ހަމަޖެހިގެންދަނީ އޭރުން ކަމަށެވެ.

އެމްޑީޕީ އިއްތިހާދުގައި ހިމެނޭ ސަރުކާރު ކުޑަވާނެ ކަމަށް ވިދާޅުވެފައިވާތީ އޭގެ ސަބަބުން ސިވިލް ސަރވިސްގެ މުވައްޒަފުންގެ އަދަދު މަދުކުރާނެ ކަމަށް ދެކެވޭ ވާހަކައާ މެދު ނަޝީދު ވިދާޅުވީ ސަރުކާރު ކުޑަވުމުގެ މާނައަކީ މިނިސްޓްރީތަކުގެ އަދަދު މަދުވުން ކަމަށާއި މިނިސްޓރުންނާއި އެނޫންވެސް ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންގެ ވަރަށް ބޮޑުތަން މަދުވުން ކަމަށެވެ. އޭގެ މާނައަކީ އެއްވެސް ހާލެއްގައި ސިވިލް ސަރވިސްގެ އަދަދު މަދުވުން ނޫންކަމަށާއި އެމްޑީޕީ އިއްތިހާދުގެ ވަޢުދުތައް ފުއްދައިދިނުމަށް ވެސް ސިވިލް ސަރވިސްގެ ގިނަ މުވައްޒަފުންތަކެއް ހަރަކާތްތެރިވެ ވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ.

މިނިވަން ސިވިލް ސަރވިސް އެއް ގާއިމުކުރައްވާ، އެކަށީގެން މިންވަރެއްގެ މުސާރާއާއި އިނާޔަތްތައް ބޭނުންފުޅުނަމަ ބަދަލަކަށް ވޯޓު ދެއްވުމަށް ސިވިލް ސަރވިސްގެ މުވައްޒަފުން ކިބައިން އިންތިހާދުގެ ބޭފުޅުން އެދިވަޑައިގަތެވެ.

3 Comments

  1. އޭ އޮރެންޖު ދިދަ އެއީ ހަސަންގެ ޕާޓީގެ ދިދަތަ؟

    Comment by Ibrahim — October 20, 2008 @ 2:29 am

  2. ސިވިލްސާރވިސް ގެ ގިނަބޭފުޅުންނަށް ދަޢުވަތުދެއްވައިގެން ތަންކޮޅެއް ބޮޑު އޯޑިޔަންސަކަށް ފުރުޞަތު ލިބޭނެގޮތަކަށް އަދި އެއްބައްދަލުވުން ބޭއްވުމަށް ދަންނަވަން.މި ބައްދަލުވުމުގައި ޕާރަމަނަންޓް ސެކްރެޓެރީންވެސް ބައިވެރިނުވާކަން ފާހަގަކުރެވޭ.

    Comment by Anonymous — October 20, 2008 @ 6:10 am

  3. މައުމޫނުގެންގުޅޭ ގަތާފައިގެ މެދުފޯލިގެއްލިއްޖެއޯ. އޭތި ނުފެނިއްޖެއްޔާ ބުރުޖުތައް ފެންމަތިވާ ވަގުތު ހުއްޓުން އެރުމަކީ ވެދާނެކަމެކޯ. ސިވިލްސާވަންޓުން މައުމޫނު ހުއްޓުނަސް ސަރުކާރު ހުއްޓާނުލާތިވެ.

    Comment by Anonymous — October 20, 2008 @ 5:55 pm