Wathan Edhey Gothah – MDP » މައްސަލަތަކުގެ ހާއްޔަކަށް ރާއްޖެ ބަދަލުވީ އެކަންތައް ހައްލުކުރުމުގެ ގާބިލްކަން ވެރިންގެ ކިބައިގައި ނެތުނީމަ- ޑރ ޝަހީދު

October 21, 2008

މައްސަލަތަކުގެ ހާއްޔަކަށް ރާއްޖެ ބަދަލުވީ އެކަންތައް ހައްލުކުރުމުގެ ގާބިލްކަން ވެރިންގެ ކިބައިގައި ނެތުނީމަ- ޑރ ޝަހީދު

ދިވެހިރާއްޖޭވަނީ މައސަލަތަކުގެ ހާއްޔަކަށް މިއަދު ވެފައި ކަމަށާއި މިހުރި މައްސަލަތައް ހައްލުކުރެވޭފަދަ ކުޅދަނަކަމާއި ޤާބިލްކަން މިހާރުގެ ސަރުކާރުގައި ނެތުމުންކަމަށް ޑރ.އަޙްމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ވަޠަން އެދޭގޮތަށް ކެމްޕޭންގެ ފަރާތުން މާލެ ވިލިނގިނލީ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ މިޒަމާނަށް ފެތޭ މިޒަމާނާ ގުޅޭ ކެމްޕޭނެއް ކުރުމުގެ ޤާބިލްކަމެއްވެސް ޑީއާރުޕީއަށް ލިބިނުވާ ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ.ޝަހީދު ވިދާޅުވީ ދިވެހިރާއްޖޭގައި ކުރެވިފައިހުރި ހުރިހާ ކަމެއް ކުރެވިފައިހުރީ ތިމަން މަނިކުފާނަށްކަމަށް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވަން ލަފާ އެރުވީ މިހާރު ޑީއާރުޕީގެ ކެމްޕޭން ޑައިރެކްޓް ކުރާ ބޭރު މީހުން ކަމަށާއި ހުރިހާ ކަމެއް ކުރެއްވީ ތިމަން މަނިކުފާނު ކަމަށް ވިދާޅުވާއިރު މިގައުމުގެ އަބުތާލުން ކުރެއްވި ކަންކަމަށް ވީ ކިހިނެއްތޯ ޑރ.ޝަހީދު ސުވާލު ކުރެއްވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ފީބާ ރޭޑިއޯއިން ކްރިސްޓިއަން ދީނާ ބެހޭގޮތުން ދިވެހި ބަހުން ފޮނުވި ޕްރޮގްރާމް ހުއްޓުވީ މައުމޫން އަބްދުލް ގައްޔޫމް ކަމަށް އެމަނިކުފާނު ވިދާޅުވާއިރު، އެކަން ހުއްޓުވަން އެދި ސީޝެލްސަށް ފޮނުވި ސިޓީ ޑްރާފްޓް ކުރި މީހުން ތިބީވެސް ވަޠަން އެދޭގޮތަށް ކެމްޕޭންގައި ކަމަށާއި ޕްރޮގަރާމް ހުއްޓުވުމަށް ރޭޑިޔޯ ފްރިކުއެންސީ ޖޭމް ކުރާނެ ގޮތް ކިޔައިދިން މީހުން ވެސް މިއަދު ތިބީ ވަތަން އެދޭގޮތަށް އިއްތިހާދުގައި ކަމަށެވެ. އެހެންކަމުން ރާއްޖެއަށް އިސްލާމްދީން ނޫން އެހެންދީންތައް ގެނައުމަށް ކުރާ މަސައްކަތް ހުއްޓުވުމުގެ ގާބިލްކަން ހުރި މީހުންވެސް ތިބީ މި އިއްތިހާދުގައި ކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވި ވަޒީރުންވެސް އެބޭފުޅުންގެ މަސްއޫލިއްޔަތު ދޫކުރައްވައި މިއަދު ފެނިވަޑައިގަންނަވަނީ މައުމޫނަށް ކެމްޕޭން ކުރައްވަމުން ގެންދަވާތަން ކަމަށާއި ފުރިހަމަ ރިޔާސީ ނިޒާމު ހިނގަމުންދާ ގައުމުތަކުގައި ވަޒީރުން ކެމްޕޭން ކުރައްވަން ނުކުވަޑައިގަންނަވާތަން ފެނިވަޑާއި ނުގަންނަވާނެ ކަމަށް ޑރ.ޝަހީދު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އެމެރިކާގައި މިހާރު ކުރިއަށް ރިޔާސީ ކެމްޕޭންގައި ޖޯޖް ޑަބްލިޔު ބުޝްގެ ކެބިނެޓްގައި ހިމެނިވަޑއިގަންނަވާ އެއްވެސް ބޭފުޅަކު ރިޕަބްލިކަން ކެންޑިޑޭޓަށް ކެމްޕޭން ކުރުމަށް އުޅުއްވާތީ ފެނިވަޑައި ނުގަންނަވާނެ ކަމަށް ޝަހީދު ވިދާޅުވިއެވެ.

ޑރ.ޝަހީދު ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބު މައުމޫން ކާމިޔާބު ކުރައްވައިފިނަމަ، އަންނިއަށާއި ޑރ.ހަސަނަށާއި ގާސިމް އިބްރާހިމަށާއި އިބްރާހިމް އިސްމާޢީލަށް ވޯޓު ދެއްވީ ކޮންބައެއްތޯ ބައްލަވައި އެމީހުންގެ ކިބައިން ބަދަލު ހިއްޕަވާނެ ކަމަށެވެ. އަދި ޑީއާރުޕީއަށް ފުރަތަމަ ބުރުން ވޯޓު ދެއްވި ގިނަ މީހުން ވޯޓު ދެއްވީ ބިރުފުޅުން ކަމަށާއި އަބަދު ބިރުވެރިކަމެއް ތެރޭގައި ތިބުމުން މިންޖުވުމަށް އަންނިއަށް ވޯޓު ދެއްވުމަށް ޑރ.ޝަހީދު ދިވެހި ރައްޔިތުންނަށް އިލްތިމާސް ދެންނެވިއެވެ.