Wathan Edhey Gothah – MDP » ވަތަން އެދޭގޮތަށް އުފައްދަވާފައިވާ އިއްތިހާދުގެ އިސްބޭފުޅުން ތިލަދުންމަތީގެ ދެއަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި

October 23, 2008

ވަތަން އެދޭގޮތަށް އުފައްދަވާފައިވާ އިއްތިހާދުގެ އިސްބޭފުޅުން ތިލަދުންމަތީގެ ދެއަތޮޅަށް ދަތުރުފުޅެއް ފައްޓަވައިފި

އިސްލާހަށް މަސައްކަތްކުރާ ޕާޓީތަކުން ވަތަން އެދޭ ގޮތަށް އުފައްދަވާފައިވާ އިއްތިހާދުގެ ވެރިން ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ބުދަ ދުވަހުގެ ހެދުނު މިފެއްޓެވި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު އަދި ޖުމުހޫރީ ގުޅުމުގެ ލީޑަރ ގާސިމް އިބްރާހިމް އަދި ގައުމީ އިއްތިހާދުގެ ވައިސް ޗެއާޕާސަން ޑރ މުސްތަފާ ލުތުފީ އާއި އެހެނިހެން އިސްބޭފުޅުންނެވެ. މިބޭފުޅުން އެންމެ ފުރަތަމަ މިއަދު ވަޑައިގެންނެވީ ހދ ހަނިމާދޫއަށެވެ. އެއަށްފަހު ނޮޅިވަރަމް އަދި ވައިކަރަދޫއަށް މިޓީމުން ޒިޔާރަތްކުރެއްވިއެވެ.

ހަނިމާދޫގައި އެމްޑީޕީ އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި ފުރަތަމަ ބުރުގައި އިސްލާހަށް ތާއީދުކުރައްވާފައިވާތީވެ ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޑީއާރުޕީގެ ފަރާތުން އަންހެންބޭފުޅުންގެ ގަދަރު ގެއްލޭފަދަ ގޮތަކަށް އެބައިމީހުންގެ ޖަގަހަތަކުގައި ނައްޓުވާ އެމަންޒަރުތައް ގައުމީ ޓީވީން ދައްކަމުންދާކަން ނަޝީދު ފާހަގަކުރެއްވިއެވެ. އަދި އިއްތިހާދުގެ ސަރުކާރަކުން އަންހެންބޭފުޅުންނަށް ހައްގު ގަދަރާއި މަގާމް ހޯއްދަވައިދެއްވާނެކަމަށްވެސް ނަޝީދު ހާމަކުރެއްވިއެވެ.

ނަޝީދު ނޮޅިވަރަމްގައި ދެއްކެވި ވާހަކަފުޅުގައި ޒުވާނުންނަށް ދަތިކަމާއި އެކު އުޅެންޖެހިފައިމިވާ ދުވަސްނޫން ދުވަހެއް ދިވެހިންނަށް ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ. ނަޝީދު ވިދާޅުވި ގޮތުގައި ޒުވާނުންގެ މަގު އޮޅުވާލުމަށް މައުމޫނުގެ ސަރުކާރަކުން ނުކޮށްދޫކޮށްލި އެއްވެސް ކަމެއް ނެތެވެ.

ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މިއަދު ހަނިމާދޫގައި ހުންނަވާ ރައްޔިތުންނަށް ގޮވާލެއްވީ ގަނީމާ މުދާހެން ސަރުކާރުގެ ބާރުތައް ބަހާލުމުގެ ފުރުސަތު މައުމޫނު އަބްދުލް ގައްޔޫމަށާއި ޔާމީން އަބްދުލް ގައްޔޫމަށް ނުދެއްވުމަށެވެ. އަދި ވޯޓު ދިނުމަށް އެދި ބައެއް ރައްޔިތުންނަށް ވަގުނޫޓު ބަހަމުންދާކަމަށް ފާހަގަކުރައްވަމުން ގާސިމް ގޮވާލެއްވީ އެތަކެތީގައި ނުހިފުމަށެވެ. އެތަކެތީގައި ހިފައިފިނަމަ ކުށްވެރިވާނީ އެނިކަމެތި ރައްޔިތާކަމަށް ގާސިމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނޮޅިވަރަމް ގައި ގާސިމް ވިދާޅުވީ ރައްޔިތުންނަށް ޖެހިފައި މިވާ ހާލަތު ޖެހި އަސާސީ ހައްގުތައް ރައްޔިތުންނަށް ނުލިބިފައިވަނީ ފައިސާ ނެތިގެން ނޫންކަމަށާއި އެއީ ގަސްތުގައި ކުރާ ކަމެއްކަމުގައެވެ.

2 Comments

  1. ސާބަހޭ އަންނި :

    Comment by rikko — October 23, 2008 @ 10:53 pm

  2. އަންނި މި ނިކަމެތި އަޅުގަނޑުމެންނައްތަކައި ކޮށްދެއްވި ކަންތައްތައް ފާހަގަކޮށް ތިޔަމަނިކުފާނަށް އަޅުގަނޑު ތާއީ ދުކުރަން (.) ތިމަނިކުފާނުގެ މިންނެތް މަސައްކަތައް ޝުކުރު އަދާކުރަން

    Comment by Anonymous — October 24, 2008 @ 3:16 am