Wathan Edhey Gothah – MDP » ދިވެހި ދައުލަތް ތިލަޔެއްގެ މިޔަމަތީގައި

October 23, 2008

ދިވެހި ދައުލަތް ތިލަޔެއްގެ މިޔަމަތީގައި

ރާއްޖޭގެ އިގްތިސޯދުގައި ދަތުރުކުރާ ފައިސާގެ އަދަދަކީ އެއްވެސްމީހަކަށް ފަސޭހައިން ލަފާކޮށްލެވޭނެ އަދަދެއްނޫނެވެ. އެހެނަސް އަތްމައްޗަށް ފައިސާ އެރުން ހުއްޓުނީމާ ނުވަތަ މަޑުޖެހެލީމާ ވަގު ނޫޓު އަތަށް އަރަންފެށީމާ ކޮންމެ މީހަކަށްވެސް އާދަޔާ ޚިލާފުކަމެއް ހިނގާކަން އިހުސާސް ވާނެއެވެ.

ދުނިޔޭގެ ހުރިހާ ގައުމަކަށް ފެތުރި ހަލުވިކަމާއެކު އޭގެ އަސަރު ފޯރުވަމުންދާ މާލީ ރޯގާ ނުވަތަ ފައިސާގެ ދަތިކަމާއި މުޅި ދުނިޔޭގެ އިގްތިސޯދަށް އަންނަމުންދާ ބޮޑެތި ލޮޅުންތަކުގެ ވާހަކަ އެއްސެވީމުތޯއެވެ؟ ދުނިޔެ މިއޮތީ ރިސެޝަނެއްގެ އަނގަމަތީގައިކަން އެނގިވަޑައި ގަންނަވާތޯއެވެ؟ ރިޔާސީ ރޭހުގެ އަޑުތަކުގެ ބިތްދޮށުން ބައެއް ބޭފުޅުން މިކަމަށް އިޝާރާތް ކުރައްވަމުން ރައްޔިތުންގެ ފޯކަސް ލިބޭތޯ އުޅުއްވައެވެ. ނަމަވެސް ސަރުކާރުގެ މައުލޫމާތުދޭ މިނިސްޓްރީން މިކަމަކަށް މާބޮޑު އެޓެންޝަނެއް ނުދެއްވައެވެ.

އެމިނިސްޓްރީގެ މައިގަނޑު ޒިންމާއަކަށް މިހާރު ވެފައިއޮތީ ރައީސް މައުމޫނުގެ ޕްރޮޕެގެންޑާ ހިންގުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދުނިޔެއަށް ކުރިމަތިވެގެން މިއުޅޭ އިގްތިސޯދީ ތޫފާނުގެ ތެރޭގައި، ޚާއްސަ ގޮތެއްގައި ބޮޑެތި ބޭންކްތަކާއި މާލީ އިންޖީނުތައް ދަނީ ބަނގުރޫޓު ވަމުންނެވެ. ރައްޔިތުންނަށް ޖަވާބުދާރީވާ ސަރުކާރުތަކުން، އެގައުމުތަކުގެ ބޮޑެތި ބޭންކްތަކާއި ލޯނުދޫކުރާ އިދާރާތަކުގެ ދަރަނި ފިލުވުމަށް، އިގްތިސޯދީ ގޮތުންނާއި މާލީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެގެންދަނީ އަޅަމުންނެވެ. މި ދަންނަވާ ބައިނަލްއަގްވާމީ މާލީ ރޯގާގެ އަސަރު، ދިވެހިންގެ ޖީބުތަކަށް ކުރަމުން އަންނަތާވެސް ދުވަސްތަކެއް ވެއްޖެއެވެ. ރާއްޖޭގެ ބޭންކް ކަމުގައިވާ ބޭންކް އޮފް މޯލްޑިވްސް މިހާރު އޮތް ހާލަތާމެދު ވިޔަފާރިވެރިންނާއި އާންމު އެކައުންޓް ހޯލްޑަރުން އެތިބީ ކަންބޮޑުވެފައެވެ. ޔޫއެސް ޑޮލަރު ފަސޭހައިން ގަންނާކަށް ނުލިބެއެވެ. ދިވެހި ފައިސާގެ ތެރޭގައި ވަގުފައިސާ އިންތިހާއަށް އުޅޭކަމުގައި ތުހުމަތު ކުރެވެއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ކެމްޕޭން ހިންގެވުމަށް ދައުލަތުގެ ޚަޒާނާ އިން ނުހަމަގޮތުގައި ފައިސާއާއި ތަކެތި އަދި މުވައްޒަފުންގެ ޚިދުމަތް ރައީސް މައުމޫނާއި އޭނާގެ ޓުއަރިޒަމް މިނިސްޓަރު ބޭނުން ކުރައްވަމުންދާ ވާހަކަތައްވެސް ދަނީ ފެތުރެމުންނެވެ. ކުރިޔަށްއޮތީ އިންތިޚާބެކެވެ. ވަށައިގެން ފެތުރެމުންދާ އިގްތިސޯދީ ދަތިތަކުން އެވަރެޖް ދިވެހި މީހާގެ މުސްތަގްބަލް މިވަނީ ހިޔަންޏެއްގެ މެދުގައެވެ. މިފަދަ ދަނޑިވަޅެއްގައި މައުލޫމާތުގެ މުހިންމު ކަމާމެދު ވިސްނަވާލައްވާށެވެ.

ސަރުކާރުން ރައްޔިތުންނަށް ދޭ ނުވަތަ ނުދޭ މައުލޫމާތު އެއީ ސައްހަ މައުލޫމާތު ކަމެއް މިހާރު ކަނޑައެޅޭކަށް ނެތެވެ. މި ސަރުކާރަކީ ކަނޑައެޅިގެން ރައްޔިތުންނަށް މައުލޫމާތު (ސަރުކާރު ހިނގާގޮތުގެ) ވަންހަނާކުރާ ސަރުކާރެއްކަން އޮޑިޓަރ ޖެނެރަލްގެ އެންމެފަހުގެ ރިޕޯޓުތަކުންނާއި އެފަދަ މިނިވަން އިދާރާތަކުންނާއި އިސް މަގާމުތަކުގައި ސަރުކާރުގައި އުޅުއްވާ ބޭފުޅުން މީޑިއާއަށް ދޭ މައުލޫމާތުން ކަށަވަރުވެއެވެ. އެހެންކަމަށް ވާއިރު، ބައިނަލް އަގްވާވީ ދުނިޔެއަށް އިގްތިސޯދީ ނާމާންކަމެއް އައިސް ފެތުރެމުންދާ ދަނޑިވަޅެއްގައި ބޭންކްތަކުގެ މުއާމަލާތްތަކަށް ސަރުކާރުން ނަޒަރު ހިންގާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނޭކަމުގައި އޮންނަނީ ބެލެވިފައެވެ. ރައްޔިތުންނަށް ހާމަވެގެން ހިންގޭ އުސޫލަކުން މިކަން ކުރިޔަށް ނުދަނީ ކީއްވެގެންތޯއެވެ؟ މިމައްސަލައާއި އަދި މިހާރުގެ މާލީ ހާލަތާއި، ސަރުކާރުގެ ވެއްޓިފައިވާ އިތުބާރާއި މިފަދަ ކަންކަން އިންތިގާލީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަތަކެއްގެ ގޮތުގައި ނުގެނެސް އެތިއްބަވަނީ ކީއްވެތޯއެވެ؟ ދައުލަތުގެ ޚަޒާނާއިން ދައުލަތުގެ އެންމެމައީ ވެރިޔާ ވައްކަން ކުރައްވަމުން ގެންދަވާއިރު، މިކަން ރައްޔިތުންގެ މަންދޫބުން ސީރިއަސްކޮށް ނުނަގަނީ ކީއްވެތޯއެވެ؟ ރާއްޖޭގެ ފަނޑިޔާރުން ކޮބައިތޯއެވެ؟ މި ދިވެހި ދައުލަތް އެކުގައި ފެއިލްވީތޯއެވެ؟
މިއަދު އޮތް އޮޑިޓަރ ޖެނެރަލް ގެ ޕްރެސް ކޮންފަރެންސް ގައި އޭނާއާއި ދިމާލަށް އައި މީޑިއާ ގެ ސުވާލުތައް ދޭހަކުރި އެހެން ހަގީގަތެއް އެބައޮތެވެ. އޮޑިޓަރ ޖެނެރަލް ގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ނަގާލުމަށް ރައީސް މައުމޫނުގެ ޕްރޮޕެގެންޑާ ޗީފް އޮނަރަބްލް ޒާހިރު ހުސެއިން އޭނާގެ ރިޕޯޓަރު ހިރިގާ އަހުމަދު ޒާހިރު މެދުވެރިކޮށް މަސައްކަތް ކުރިކަމެވެ. އަދަދުތަކާއި ތާރީޚުތައް ފެންމަތިވާން ފެށިމާ ރައީސް މައުމޫނު ކަންބޮޑުވެ ވަޑައިގަންނަވަނީ ބާވައެވެ؟ (ނިމުނީ)

އަހުމަދު އަލީ ނަސީރު

8 Comments

  1. އަލީ އަނީސް ތިޔަވިދާޅުވީ ހަމަ ރަނަގޅަށެވެ. މިއުޅޭ މައުމޫނު ޢަބްދުލް ޤައްޔޫމަކީ މިސުރުން އަސާރީކުޅިޔެއް ދަސްކުރެއްވުން ފިޔަވާ އެއްވެސް މޮޅުކަމެއްހުރި އިންސާނެއްނޫނެވެ. އަދި މާމޮޅުމީހަކަށްވާން ތިމާގެ އަތުގައި އޮތް ބޮޑުޞޮލީބުގެ ވަހަކަޔާ އަޅުގަނޑުމެންގެ މާދަމާގެ ޒަޢީމު އޮނަރަބްލް މުޙައްމަދު ނަޝީދުގެ ނަންފުޅަށް ހުތުރު އަރުވަން ފާޑުފާޑުގެ ވެބްސައިޓުތައް ހައްދުވާ ކާޓޫނު ކުރައްސުވާ ރައްޔިތުންގެ ތެރެއިނ

    Comment by shafeyu — October 24, 2008 @ 8:40 am

  2. ދިވެހި ދައުލަތް ތިލަޔެއްގެ މިޔަމަތީގައި މި ސުރުޚީގެ ދަށުން ލިޔެފައިވަނީ ހަމަ ވަރަށް ރަނގަޅުވާހަކައެކެވެ. ނަމަވެސް ދެރަކަމަކީ އޭގެ ހަގީގީ ސަބަބު ބަޔާން ނުކުރުމެވެ. އެހެނީ ރާއްޖެ އެހާ ނުރައްކާތެރި ފައްތަރަކަށް ވެއްޓުނީ އަންނިގެ ސަބަބުންކަން ކަށަވަރެވެ. މި ކޮމަންޓް ޖަހާލަ ދެއްވުން އެދެމެވެ.

    Comment by Anonymous — October 24, 2008 @ 6:31 pm

  3. ވިޔަފާރިވެރިންގެ ޖަމިއްޔާއިން މައުމޫނުގެ ބްރިޖްއަށް ފާޑުކިޔާފި. އެއްވެސް ތާކުންތާކު ނުޖެހޭ ހުވަފެން ރައްޔިތުންނަށް ދައްކައިގެން ހަގީގަތް އޮޅުވައިލާގެން ވެރިކަންކުރާ ވެރިއަކަށް ޖާގަ ނުދެއްވާ. މީގެ 4 އަހަރުކުރިން ބީބީސީގެ އިންޓަވިއު ކުރިމީހަކަށް ޖަވާބުދެމުން ބުނީ ރާއްޖޭގައި ސިޔާސީވާހަކަދައްކަން މީހުން ބިރަކުން ނުތިބޭނޭ، “އިޓްސް، ނޮޓް، ޓްރޫއޭ” މިހާރު ޖަޒީރާއިން އިންޓަވައި ކުރީމާވެސް ބުނަނީ ހަމަ އެއީ ދޮގެކޭ. އެކަމަކު ކޮބައިތޯ؟ ސަންގު ބަންދުކުރުން، ސަންދާނު ލިޔުނު މީހުންނަށް ހަދާލިގޮތް، އަދި މިނޫންވެސް އެތައް އެތައް ސިޔާސީ މީހުންނަށް ހަދާލިގޮތް؟ މިވެރިކަން ވައްޓަން އެންމެންވެސް މަސައްކަތް ކުރަންވާނެ.

    Comment by އަހުމަދު — October 25, 2008 @ 4:58 am

  4. ކޮންމެޔަކަސް މައުމޫނަށް ދެން ނުކުރެވި އޮތީ ކޮންކަމެއްބާވައެވެ.
    ޓައިރެންޓެއްގެ ލަގަބު ހޯއްދަވައިފިއެވެ. ތިރީސް އަހަރުވަންދެން މިޤައުމަށްދެފަރާތުން ރޭޕްކުރައްވައިފިއެވެ.
    ޤައުމު މިޙާލަތަށްގެނުވީ އަންނިޔެއްނޫނެވެ. ހަމަ މައުމޫނުގެ ދޯހަޅި ޚިޔާނާތްތެރި ސަރުކާރެވެ. އިއްޔެއަކު މިޔަދަކުނޫނެވެ. މިފެންނަނި ވޭތުވެދިޔަ ތިރީސްއަހަރުގެ ނަތީޖާއެވެ.ސަރުކާރުގެ ޚަޒާނާއިންނާ ރައްޔިތުންގެފައިސާއިން އިންތިހާޔަށް ވައްކަން ކުރެއްވުމުގެ ނަތީޖާއެވެ. އަދިވެސް އެއުޅުއްވަނީ މިކަންތައްގަނޑު އިތުރުފަސް އަހަރަކަށް ގެންދެވުމުގެ ބޭނުމުގައެވެ. ނަމަވެސް މިކަން ކުރެއްވޭނީ އަޅުގަނޑުމެން ރައްޔިތުން އޭނަޔަށް ފުރުސަތު ދީފިނަމައެވެ.
    މިފުރުސަތު ނުދެއްވުމަށް ދިވެހިރައްޔިތުންނަށް އިންޒާރުކުރަމެވެ.

    Comment by މުސާ ހުސޭން — October 25, 2008 @ 6:04 am

  5. ައަޅުގަނޑާއެކު‮ ‬އަންނިއަށް‮ ‬ވޯޓުލުމަށް‮ ‬ތިބިއެންމެން‮ ‬މަޑުކުރަމުންދަނީ‮ ‬އަންނިގެ‮ ‬ބަހަކަށް‮.‬‮ ‬މީޑިޔާައަށް‮ ‬ފިއްލަވައިގެން‮ ‬ނޫޅުއްވާ!

    Comment by Aeed — October 25, 2008 @ 8:28 am

  6. ދިވެހި ރައްޔިތުން ނިދިން ހޭލަންވެއްޖެ އެވެ. އަޅުގަޑުމެން ނަށް އަދުލު އިންސާފުން ކަންކަން ނިންމުން މި ވަނީ މި ޚުދުމުޚުތާރު ވެރިޔާ މައުމޫން ހުރަސްއަޅާ އަޅުގަޑުމެންނީ ޤާނޫން އަސާސީ އާއި ޤާނޫން ތަކަށް ހުރުމަތްތެރި ކޮށް ނުހިތާ ބަޔަކަށް ހެދުމަށް މަސައްކަތް ކޮށް އެ އާދަ ދިވެހި ލޮބުވެތި ރައްޔިތުންގެ ހިތްތަކުގައި އަށަގަނުވާފައެވެ. ވީ އިރު އަޅުގަޑު މެން މިއަދު އަޒުމް ކަޑައަޅަންވީ މި އަނިޔާވެރި މީ ހާ ޤާނޫނީ ހަމަތަކުގެ މަތިން ޤާނޫން އަސާސީގެ ރޫޙުގައި ވެރިކަމަށް ކުރިމަތި ލެވޭގޮތް ބަޔާން ކުރެވިފައިވާ އުސޫލާއެއްގޮތަށް ދުރުކުރުމެވެ. އެކަކަށް ވިދިވިދިގެން ދެ ދައުރު ނުވަތަ އެނޫންވެސްގޮތަކަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސީގައި ބަޔާން ކުރެވިފައި ވާތީވެ، ޙުއްބުލް ވަތަންގެ ރޫޙުގައި ވަތަން އެދޭގޮތަށް ވޯޓުދީ މުޙަންމަދު ނަޝީދު ހޮވުން ނޫން އެހެންގޮތެއް މިދާރަކު ނެތެވެ. އާދެ! މި މަތިވެރި ޤައުމީ ވާޖިބުގެ ޙުކުމް އިއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް އިލްތިމާސް ކުރަމުއެވެ. އޭރުން ދިވެހިންނަކީ އިންސާފުކުރާ އިންސާފަށް ލޯބިކުރާ ބައެއްކަން މުޅިދުނިޔެ އަށް ވެސް ހާމަ ކުރެވޭނެ އެވެ. ޙޭލާށެވެ. ނިދިން ހޭލާށެވެ. ތަޙުޒީބީ ބަޔަކަށް ވާށެވެ. އިންސާފަށް ލޯބި ކުރާބަޔަކަށް ވާނެ ކަން ޔަޤީންނެވެ.
    ކާމިނީގޭ ޅަހޮއްކޮ

    Comment by Venfunna 1990 — October 25, 2008 @ 10:14 am

  7. ތިޔަ ބުނާ “ހިރިގާ ޒާހިރުގެ ދަރި “އަޒްލާން ޒާހިރު” އަކީ މަޖީދިއްޔާ ސްކޫލުގައި “ސަޓަނިޒަމް” ނުވަތަ ޝައިތާން އަށް އަޅުކަން ކުރުމުގެ ރޫޙެއް ފަތުރަމުންދާ ދަރިވަރެއް. މައުމޫން ގެ ޕްރޮކްސީ، ޒާހިރު ހުސޭން ބުނެގެން ހަވީރުގެ ރިޕޯޓަރ އަކަށް އުޅެމުން، މާ މޮޅު މީހަކަށް ވެގެން ސުޥާލް ކުރަމުން ދާއިރު، އަމިއްލަ ދަރި އިސްލާހު ކުރަންވީނު ފުރަތަމަ. ތިމާގެ މައްޗަށް އެކަން މާ ހެޔޮކަން ބޮޑު ވެގެންވޭ، ..މާތް ﷲ ދިވެހިންނަށް ހެޔޮވިސްނުން ދެއްވާށި…އާމީން..

    Comment by Anonymous — October 25, 2008 @ 2:35 pm

  8. މައުމޫނު ބުނާނެ އަންނިގެ އެއްވެސް ތަޖްރިބާއެއް ނެތޭ. ބަލަ 30 އަހަރު ވަންދެން އޭން ވެރިކަމުގަ ވަކިހިއްޕައިގެން ހުރީމަ އެހެންމީހުނަށް ތަޖްރިބާ ލިބޭތަ؟ އަބަދުވެސް ވެރިކަމުގައި ހުންނަންވާނީ އޭނަ އެއްނު ތަޖްރިބާ އެހެންމީހުންގެ ނެތިއްޔާ. ބަލަ ކޮއްކޯފުޅަށް ޓުއަރިޒަމް މިނިސްޓަރުކަން ދޭން މިނިސްޓްރީއިން ބޭރުކުރި ޑރ. މަޢުޞޫމުގެ ހުރީ އެނާޖީ މިނިސްޓްރީ ހިންގުމުގެ ކޮން ތަޖްރިބާ އަކާ ތަޢުލީމެއްތޯ؟ މައުމޫނުމިހާރު ޤަބޫލުކުރަންޖެހެނީ ކޮއްކޯފުޅޫ ޔާމިން ބުނާ އެއްޗެއް. އެކަމަކު ބާރުލާފަ ކެމްޕޭނުގަ އެބަ ބުނޭދޯ ތިމަންނަގެ މައްޗަށް ބާރު ފޯރުވޭ މީހަކު ނުކުންނާނެއޭ. ހަމަ ރީކޯ މޫސަ ބުނާހެން ނިވާފަތްގަނަޑަކަށް މުސްކުޅިބޭބެ ބަހައްޓައިގެން ޔާމިން އެހުންނަނީއެއްނު ފިލާ. އަހަރުމެން ބޭނުންވަނީ އެހެން މީހަކަށް ފުރުޞަތު ދީގެން މަޢުމޫނަށް ވުރަށް މޮޅަށް ވެރިކަން ހިންގިދާނެކަން ސާބިތުކޮށްދޭނެ ވެރިއަކަށް ފުރުޞަތުދޭން.

    Comment by Anonymous — October 26, 2008 @ 2:34 pm