Wathan Edhey Gothah – MDP » ހިތުގައި ވާހާ ގޮތް ހޯދަން

October 25, 2008

ހިތުގައި ވާހާ ގޮތް ހޯދަން

އަހުމަދު އަލީ ނަސީރު

އަޅުގަނޑުމެން ގެ ތެރެއިން ބަޔަކު މިތިބީ އެންމެ ފަހުގެ ޑިޒައިނަރ ހެދުން ލައިގެން އެންމެ ޒަމާނީ ވަސް ދުއްވައިގެންނެވެ. އަޅުގަނޑުމެންގެ ވަށައިގެން އުސް އިމާރާތްތަކާއި އޮފްއަރާ ކާރުތައް މިވަނީ ތޮއްޖެހިފައެވެ. އެންމެ މިޒަމާނުގެ ޓެކްނޮލޮޖީ އާއި އެންމެ މިހާރުގެ ސާމާނުތަކުން ގުދަންތަކާއި ސިޓިންގްރޫމްތައް އެވަނީ ބަންޑުންލާފައެވެ. އެފްއެމް ތަކުގެ ތުއި އަޑުތަކުން ތެމިފޯވެ، އެނބުރޭ މާބުރުތަކެއްގެ ސިފަޖެހި، މިތިބީ ތަރައްގީވެފައި ދޮގެއްތޯއެވެ؟ އަޅުގަނޑުމެން ސެލްފޯނާއި ބާރަށް ދުއްވާ ރޭސް ކާރުތަކުގެ ތިޔާގިކަމަށް ގެނބި ތިބޭއިރު، ތިޔަ ވިދާޅުވާ ތަރައްގީ އަޅުގަނޑުމެން ގެންދިޔައީ ކޮންތާކަށްތޯއެވެ؟ ފެޝަނާއި ފަންނާނުންގެ އުފާތަކުން ދިވެހިންނަށް މިލިބުނީ އެކާވީސްވަނަ ގަރުނުގެ ތަހްޒީބު ތޯއެވެ؟ ތަރައްގީއަކީ ފަހެ ކޮބައިތޯއެވެ؟ ބޮޑެތި އިމާރާތްތަކާ ޒަމާނީ އަޅާނުލުން ތޯއެވެ؟ ނުވަތަ ތަރައްގީއަކީ ރޫހާނީ ގޮތުންނާއި މާއްދީ ގޮތުން ފުދިފައި ތިބުންތޯއެވެ؟

އަޅުގަނޑުމެން 28 އޮކްޓޯބަރ 2008 ވާ އަންގާރަދުވަހާ ކުރިމަތިލާއިރު ވިސްނަވާލައްވާށެވެ. މިތިބީ ކިހާ ހިސާބެއްގައިތޯއެވެ؟
އދ. މަޖިލީހުގެ ބެލުންތަކުގެ ފުރަގަހުގައި އޮތީ ކޮން މަންޒަރުތަކެއްތޯއެވެ؟ ހިއުމަން ޑެވަލަޕްމަންޓް އިންޑެކްސް ގެ ބިތްދޮށުގައި މިތިބީ އަޅުގަނޑުމެންގެ ކޮޓަރި އާއިލާތަކެވެ. ގަނަތެޅޭ ނިކަމެތި ދިވެހި ރައްޔިތުންނެވެ.

ގިނަ އަދަދެއްގެ ކުދިން ޖީސީއީ އޯލެވެލްގައި ފާހެއް ނުވެއެވެ. ބާރުގަދަ ޑްރަގް އެތެރެވާ ދޮރޯށިތައް ބަންދެއްނުވެއެވެ. ދިރިއުޅެން މިޖެހެނީ ކުދިކުދި އަލިފާންފޮށިތަކުގެ ތެރޭގައި، އިންސާނީ އިއްޒަތް ކެނޑި ނިކަމެތިވެގެންނެވެ. އަޅުގަނޑުމެންގެ ގިނަ ބަޔަކު އަދިވެސް މިތިބީ އިންސާނީ ހައްގު އެއީ ކޮންބާވަތެއްގެ އެއްޗެންކަންވެސް ނޭގި ގެއްލިފައެވެ. އާއިލާގެ މީހަކު ނުވަތަ ތިމާމީހާ ބަލިހާލުގައި ޖެހޭ ދުވަހު، ތިމާ ހުންނަނީ ދަރާ ވިކިފައެވެ. އިތުބާރު ހިފޭ މައުލޫމާތުން އެކަހެރިވެ އަނިޔާވެރިންގެ އަޅުންނަށްވެ، ގޮތް ހުސްވެފައެވެ. މިކަމާ ވިސްނަނީވެސް ވަރަށް މަދު ބައެކެވެ.
އަޅުގަނޑުމެން މިއަދު މިތިބީ ކޮން ހާލެއްގައިތޯއެވެ؟ ވޯޓު ދިނުމުގެ ކުރިން ވިސްނަވާލައްވާށެވެ.

ދިވެހިން މިތިބީ، ދީނީ އަޚުލާގުގެ މިންގަނޑުތައް ފައްތާނެ ގޮތެއް ނޭނގި އިއުތިގާދު ބަނގުރޫޓު ވެފައެވެ. އަމިއްލަ ސިކުނޑިން ވިސްނުމުގެ ޖާގަ ނެތިފައެވެ. ޚިޔާލު ފާޅުކުރުމަކީ އިންސާނީ ހައްގެއްކަން މި އެނގެނީ ވަރަށްމަދު ބަޔަކަށެވެ. އަނެއްކޮޅުން މައުލޫމާތަކީ ސަރުކާރުގެ މިލްކެކެވެ. ސިއްހީ މިންގަނޑުތައް ހުރިގޮތް އެނގިވަޑައި ގަންނަވާނެއެވެ.

ކުރުގޮތަކަށް ދަންނަވާލަންތޯއެވެ؟ ބޮޑެތި އެންމެ މިޒަމާނުގެ އިމާރާތްތައް ވަށައިގެން އުފެދިފައި މިއޮތީ ދިވެހިންގެ ‘ގެޓޯ’ އެވެ. 30 އަހަރުގެ އަޅާނުލުމުގެ ސިޔާސަތު މިއޮތީ ފެންނާށެވެ. ކުދިކުދި ޓިނު ގޮޅި ހަދައިގެން ވަދެ ނޭވާ ތާށިވެ އޮކްސިޖަނަށް ބޭނުންވެ އެތިބީ، މާލެފަދަ ބައިބޯ ރަށްރަށުގައި ކޮޓަރި އާއިލާތަކެވެ. މީ ތަރައްގީތޯއެވެ؟ ނުވަތަ ރައީސް މައުމޫނުގެ ލެގެސީތޯއެވެ؟
ތަރައްގީއަކީ ތިމާމީހާ ފުދުންތެރި ހަމަޖެހޭ އަދި އުފެއްދުންތެރި މީހަކަށްވުމެވެ. އަމިއްލަ ފަރުދަކީ ހައްގުތަކަކާއި ގުދްރަތީ ބާރުތަކެއް ލިބިފައިވާ އިންސާނެކެވެ. އެހެންކަމުން އަމިއްލަ ފަރުދުން ތަރައްގީވުމުން އެ ޖަމާއަތެއް ނޫނީ ކޮމިއުނިޓީއެއް ތަރައްގީވާނެ ނޫންތޯއެވެ؟

އަޅުގަނޑު ދެކޭ ގޮތުގައި، ޑިމޮކްރަސީއެއް ބިނާކުރުމުގެ ނިޔަތެއް އޮތް އެއްވެސް މީހަކު، އަމިއްލަ ފަރުދުންގެ ވިސްނުމާއި ޚިޔާލުފާޅުކުރުން ވަކިގޮތަކަށް ހަނިކޮށް ހިފަހައްޓާކަށް މަސައްކަތެއް ނުކުރާނެއެވެ. ތާއަބަދު ވެރިކަން ކުރާކަށް ނުރާވާނެއެވެ. ރައްޔިތުންގެ އިއްޒަތުއްނަފްސު ލޫޓުވާލާކަށް މަސައްކަތެއް ނުކުރާނެއެވެ.
ވިސްނަވާށެވެ. ރައްޔިތުން އަމިއްލަ ހިއްސުތަކުގެ ބޭނުން ބިރެއްނެތި ހިފަން ފެށީމާ، ޑިކްޓޭޓަރުން ވަރަށް ބިރުގަންނާނެއެވެ. މީހުން އެކުވެ ޚިޔާލުތައް ބަދަލުކޮށް ބަހުސްކޮށް އުޅޭ ރައްޔިތަކު ދެކެން ބޭނުންނުވާ މީހާ އުޅޭނީ، ފުޓްބޯޅަޔާ ބަނޑިޔާ ކުދިން ނެރެގެން، ރަށުތެރޭގައި ބޮޑެތި ނާމާން ފޮޓޯ ތަތްކޮށްގެން، ބިރުދައްކައިގެން ރިޝްވަތު ބަހައިގެން ވޯޓުފޮށިން ވައްކަން ކުރާށެވެ. އާއިލީ ވެރިކަމެއް ދިގުދަންމާށެވެ.
މީގެ ބިތްދޮށުގައި އޮތް ހަގީގަތަކީ، 30 އަހަރު ތަރައްގީވި މިންވަރު ބޮޑުކަމުން، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި 8 އޮކްޓޯބަރ 2008 ގައި، 40 އިންސައްތަ މީހުންނަށް މައުމޫނަކީ އަނިޔާވެރި ޑިކްޓޭޓަރެއްކަން ނޭނގުމެވެ. މިދިޔަ ދިގު ތާރީޚުގައި، ހަގީގީ ތަރައްގީ ރާއްޖެއަށް އަހުލުވެރިވެފައި އޮތް ނަމަ، ޑިމޮކްރަސީއާއި ތަރައްގީ ރާއްޖޭގައި ދިރިއޮތްނަމަ، އެންމެ ދިވެއްސެއްވެސް މައުމޫނަކަށް ވޯޓެއް ނުލާނެއެވެ. މިއިން ދޭހަވަނީ ވޯޓުލީ މީހުންނަށް ފުރިހަމަ މައުލޫމާތު ލިބިފައި ނެތްކަމެވެ. އެމީހުންގެ ސިކުނޑި ތަޅުލާފައިވާކަމެވެ. ކެންޑިޑޭޓް މައުމޫން ވަކި ސިފައެއް ޖެހިގެން، ހުދު އަތްތިލައެއް ދައްކައިގެން ރައްޔިތުންގެ ބޮޑު ބަޔަކަށް އޮޅުވާލައިގެން އުޅޭކަމެވެ.

އިންސާނީ ތަރައްގީގެ މިންގަނޑުން ބަލާއިރު ދިވެހިން މިތިބީ ވަރަށް ފަހަތުގައިކަން، މި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފެނުނު ހިސާބު ތަކުން އެނގެއެވެ. އަޅުގަނޑު ހިތަށް އަރަނީ (އަލްޖަޒީރާ ގެ އިންޓަރވިޔުއަށްފަހު) ދުންޔާ މައުމޫން އޭނާގެ ބައްޕާފުޅު ރައީސް މައުމޫނު ދިފާއު ކުރައްވަން ވެގެން، ދޮގު މައުލޫމާތު ފަތުރައްވަމުން ގެންދަވާނެ އެވެ. ވެރިކަމުގައި އެކަމަނާގެ ބައްޕާފުޅު ދެމި އިންނެވުމަށް ކިތަންމެ އުއްމީދެއް ކުރެއްވި ނަމަވެސް، ބައިނަލް އަގްވާމީ އަދި އިންސާނީ ހަމަތަކުން ބަލާއިރު، ބައްޕާފުޅަކީ ޑިމޮކްރަސީ ގެ އެއްވެސް ވިސްނުންފުޅެއް ސިކުނޑީގައި އެއްވެސް އިރަކު ގެންގުޅުއްވި ވެރިއެއްނޫނެވެ. ބޮޑު ދޮގުވެރިއެކެވެ. މިކަން ތަފާސް ހިސާބުތަކުންނާއި ހަމަލޮލަށް ފެންނަ ފެނުމުން ޔަގީން ވެއްޖެއެވެ. ނަމަވެސް މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތިރު މުހައްމަދު ގެ މިންގަނޑުން ރައްޔިތުން މިނެކިރާއިރު، ނޫނީ މިކިޔާ ‘އޭޝިޔަން ވެލިއުސް’ އަށް ދިވެހިން ފައްތާއިރު، ޑިމޮކްރަސީ އެއް ދުވަހަކުވެސް ދިވެހިންނަކަށް ހައްގެއް ނުވާނެއެވެ. ރައީސް މައުމޫނު ހިތްޕުޅަށް އަރައިވަޑައި ގަންނަވަނީ، ދިވެހިންގެ ޒަމާނީ ތަރައްގީ ނުވަތަ އެބައިމީހުންގެ މުޅި ދިރިއުޅުން ފެށުނީ 1978 ގައި ކަމަށް ބާވައެވެ؟ އޭގެ ކުރީގެ އެއްވެސް ތާރީޚެއް ނެތީތޯއެވެ؟

އަޅުގަނޑުމެން މިކަންކަމާމެދު ފުންކޮށް ވިސްނާލުމުން، އަޅުގަނޑުމެންނަށް އެނގޭނެއެވެ. ތަރައްގީވެ އުފަލުގައި ހަމަޖެހިގެން އުޅެވޭނީ ކިހިނެތް ހަދައިގެންކަން މިހިސާބުން މިހާރު އެނގޭނެއެވެ. ހިނގަންވީ މަގު ފެންނާނެއެވެ. އަނެއް ދިވެހިރާއްޖެ އަށް ފުރަން ދަތުރަށް އަރާގަޑި ޖެހުނީނޫންތޯއެވެ؟ މިހާރު ދެން، އަލިވިލެންސް ކައިރިވެއްޖެއެވެ.

ހިތުގައި ވާހާ ގޮތްހޯދަން، ހިތުގައި ވާހާ ފަލިޖަހަން ބޭނުންފުޅުނަމަ، 28 އޮކްޓޯބަރ 2008 ވާ އަންގާރަ ދުވަހު ވޯޓު ދެއްވާށެވެ. ގޮތް ނިންމަވާށެވެ. އެދުވަހަކީ، ދިވެހިންގެ ހަގީގީ ތަރައްގީއަށް އަލިވިލޭ ދުވަސް ކަމުގައި ހައްދަވާށެވެ. (ނިމުނީ)

9 Comments

  1. ހޮވާނީ ނަސީދު………..

    Comment by Ahmed — October 25, 2008 @ 6:32 pm

  2. ސާބަހޭ އަހަންމަދާ، ހިތުގައިވާހާ އެއްޗެއް ހޯދަން މިއުޅެނީ ، މިފަހަރު ފެންނާނެ.

    Comment by hasan — October 25, 2008 @ 6:56 pm

  3. މި ކާމިނީ ސީދީ އޭ ކިޔުނު ކަލްދޯބަޖޭ ބާރަށްތަޅާ ފަޑިޔާރުގެ ބޮޑުފަޑިޔާރުގެ ދަރި ކާމިނީގޭ ޅަހޮއްކޮ މިހާރުގެ ނަމުން ނަމަ މައުމޫނު އަލްޖަޒީރާ ޓީވީ އަށް ދިން ބަސްދީގަތުމުގައި ދިވެހިން ވަރަށްބޮޑަށް ވިސްނާލަން ޖެހޭ ވާހަކަ އެއް އެ ޕްރޮގްރާމް ގެނެސްދިން ރިޕޯޓަރ ކުރި އެންމެ ފަހު ސުވާލަށް ދިންޖަވާބު ވަރަށް މުހިންމެވެ. މައުމޫނުގެ ސިޔާސަތު މިދިޔަ ތިރީސް އަހަރު ކާމިޔާބު ކަމާ އަދި އެ ސިޔާސަތަށް ކުޑަވެސް ބަދަލެއް ނުގެންނާނެ ކަން ކަށަވަރު ކުރިއެވެ. މިވަނީ ކިހިނެއްތޯއެވެ؟ ލޮބުވެތި ދިވެހި ރައްޔިތުން ވިސްނާލައްވާށެވެ. އަޅުގަޑުމެނަށް މި ޤާނޫން އަސާސީގެ ފޮނިމީރުކަން ލިބޭނެ ތޯއެވެ؟ އެތަކެއް ބައެއްގެ ޤުރުބާނީ އާއި ވަގުތުމި ވަނީ ބޭކާރެވެ. މި މީހާ އަލުން އަޅުގަޑުމެންގެ ވެރިޔަކަށް އަތުވެއްޖެނަމަ އަޅުގަޑުމެނަށް ދެންދިމާވާނީ މާ ބޮޑުހިތްދަތިކަމާއި ނިކަމެތިކަމެކެވެ. ވީ އިރު ވިސްނާލަމާތޯއެވެ. އަޅުގަޑުމެނަށް ބޭރުންވެސް އަތެއް މިކަންތަކަށް ޙައްލުހޯދުމަށް ނުލިބޭނެކަން ކަށަވަރެވެ. ދިވެހި ރައްޔިތެއްގެ ޙައިސިއްޔަތުން އަޅުގަޑުގެ އިލްތިމާސް އަކީ، ވީހާވެސް ގިނަ ރައްޔިތުން ވޯޓުލުމަށް ނެރި ވޯޓުން މި ޖައްލާދު މައުމޫނު (ކާމިނީގޭ ޅަހޮއްކޮ) ގެ އަނިޔާވެރި ވެރިކަން ނިންމުމަކަށް ގެންނަން ވީއެވެ. އަޅުގަޑުމެންނީ ތަރައްޤީ އަދި ތަޙުޒީބީ މުޖުތަމަޢު އަކަށް ވާއިރު މިކަމުގެ މުހިންމު ކަމަށް ވިސްނާލުމަށް އާދޭހާއިއެކު ތިޔަ އެންމެހާ ދިވެހި ރައްޔިތުންނަށް ގޮވާލަމުއެވެ.
    ކާމިނީގޭ ޅަހޮއްކޮ

    Comment by Venfunna 1990 — October 25, 2008 @ 7:33 pm

  4. އަހަރެމެން ހިތުގާވާހާ ގޮތް ހޯދަން ފަލިޖަހާއިރު އަނެއްބަޔަކު؛
    ހޭނާރާ ޖަހަނީ. މަރުފަލިތާ ބޮނޑިބޯން
    އެހެންނޫންތަ؟

    Comment by Anonymous — October 25, 2008 @ 10:13 pm

  5. އަހަރުން ބޭނުމީ ބަދަލެ

    Comment by mohamadh — October 26, 2008 @ 10:12 am

  6. އަހަރެން ބޭނުމީ އަންނި

    Comment by dhivehi dharieh — October 26, 2008 @ 6:42 pm

  7. ދެން ކޮންމެ ގޮތެއްވިޔަސް މިފަހަރު އަންނި އަށްވޯޓުދޭން ނިންމއައިފިން

    Comment by DRP meeheh — October 26, 2008 @ 7:33 pm

  8. އަންނި އަށް ވޯޓް ދޭނީ……..

    Comment by hussain solih — October 26, 2008 @ 9:21 pm

  9. އާއިލީ ވެރިކަމުގައި މައުމޫނު ވަރެއް ނެތް ކަމަށް އަހަރެން ވެސް އެއްބަސް!!!

    Comment by NaisaaBOORII — October 27, 2008 @ 12:10 pm