ދިވެހިރާއްޖޭގެ ވެރިކަން ބަދަލުވުމަށް މިދާ ދަނޑިވަޅުގައި ހަމަނުޖެހުން އުފެއްދުމުގެ އަމަލެއް ނުކުރުމަށާއި އެފަދަ ނިޔަތެއްވެސް ނުގެންގުޅުމަށް ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުން ޑީއާރުޕީއަށް އިލްތިމާސްކުރައްވައިފި
ދިވެހި ރާއްޖޭގެ ވެރިކަން ބަދަލުވުމަށް މިދާ ދަނޑިވަޅުގައި ރާއްޖޭގެ އެއްވެސް ހިސާބެއްގައި ރައްޔިތުންގެ ޖާނަށާއި މާލަށް ގެއްލުންވާފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި ހަމަނުޖެހުން އުފެއްދުމުގެ ނިޔަތެއްވެސް ނުގެންގުޅުމަށް ވަތަން އެދޭ ގޮތަށް ގުޅިފައިވާ އިއްތިހާދުން ރައީސް މައުމޫނާށާއި ޑީއާރުޕީއަށް އިލްތިމާސްކުރައްވައިފިއެވެ.
ވަތަން އެދޭގޮތަށް ގުޅިފައިވާ އިއްތިހާދުގެ ފަރާތުން މިއަދު ބޭއްވި ނޫސްކޮންފަރެންސްއެއްގައި މިގޮތަށް އިލްތިމާސްކުރެއްވީ އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީއެވެ. ޒަކީ މިއަދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކިކަންކޮޅުތަކުންނާއި މާލެއިން މިހާރު ފެންނަމުންދަނީ ސުލްހަވެރިކަމާއި އެކުގައި މިބަދަލު ގެނައުމަށް ޑީއާރުޕީގެ ފަރާތުން ހުރަސް އަޅަމުންދާތަނެވެ. މިގޮތުން ޒަކީ މިސާލު ޖައްސަވަމުން ދެއްކެވީ ފުވައްމުލަކުގައި މިދިޔަ ހަފްތާގައި ހިނގި ހަމަނުޖެހުމާއި ރޭގައި މަސްމާރުކޭޓުގައި ހިންގި ހަމަނުޖެހުމެވެ.
އެމްޑީޕީގެ ސަޕޯޓަރުންނަށް ޒަކީ މިއަދު ގޮވާލެއްވީ މިފަދަ އެއްވެސް ހަމަނުޖެހުމެއްގައި ބައިވެރި ނުވުމަށާއި މިފަދަ އެއްވެސްކަމަކަށް ތާއީދު ނުކުރުމަށެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ސޯޝަލް ލިބްރަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވީ މިއަދު މިގައުމުގެ ހާލަތު މިފެންނަ ގޮތުން ޔަގީން ކުރެވެނީ މައުމޫނުގެ މަސްއޫލިއްޔަތު މައުމޫނަށް ނުނެންގެވޭ ކަމެވެ. އެއީ މިގައުމުގައި ގައުމީ މަސްލަހަތުތައް ރައްކާތެރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވާޖިބަކަށް ވީހިނދު އެމަސްލަހަތު ރައްކާތެރިކުރެވިފައި ނެތުމެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި މައުމޫނުގެ ސަރުކާރުގެ ކުރީގެ ވަޒީރެއްކަމުގައިވާ މުހައްމަދު މުސްތަފާ ހުސައިން ބައިވެރިވެވަޑައިގަތެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި މިއަދު ގައުމުގެ ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދެމުންދާނަމަ ދެން އަންނަ ރައީސަކަށް ޖެހިވަޑައިގަންނަވާނީ ގައުމު ބިނާކުރުމުގެ ބަދަލުގައި މަރާމާތް ކުރަންކަމުގައި މުސްތަފާ ވިދާޅުވިއެވެ.