Wathan Edhey Gothah – MDP » ސަރުކާރުގެ ވެރިންނަކީ އަހަރެމެން

August 27, 2008

ސަރުކާރުގެ ވެރިންނަކީ އަހަރެމެން

އަހުމަދު އައްސަދު

ސަރުކާރުގެ ވެރިންނަކީ އަހަރެމެން ކަމުގައި ވަނީ ކީއްވެގެންހޭ؟ އަހަރެމެންގެ ހިތުތެރެއަށް ވައްދާފައި މި އޮންނަނީ ސަރުކާރުގެ ވެރިންނަކީ ސަރުކާރު ހިންގަން ތިބޭ ބަޔަކު ކަމުގައޭ. މިއީ ޒަމާނާއެކުގައި ބަދަލުވާން ޖެހުނުނަމަވެސް ބަދަލުނުވެ ވާކަމެކޭ. ފަހެ ސަރުކާރަކީ ކޮބައިކަން އެތަކެއް ބަޔަކު މޮޅެތި ޢިބާރާތުން ބުނެދީފައިވޭ. އެހެނަސް ކިޔާ މީހާ ނުވަތަ އަޑުއަހާމީހަކަށް، މިފަދަ ބަޔަކު ކިޔައިދޭ އެއްޗެއްގެ މާނަ ދޭހަވަނީ ކިތައް ފަހަރުހެއްޔޭ؟ ސަރުކާރަކީ އެއީ ކޮން އެއަޗެއްކަން އެގިގެން މެނުވީ، ސަރުކާރުގެ ވެރިންނަކީ ކޮން ބައެއްކަމެއް ދުވަހަކުވެސް އޮޅުމެއް ނުފިލާނެއޭ. ބަޔަކު ބަގައެއް ހަދައިގެން އެއްތަނެއްގައި އުޅޭނަމަ، އެބަޔެއްގެ އާންމު ބޭނުންތަކާއި އާންމު ފައިދާއަށް ކުރެވޭ ކަންތައްތަކެއް ވާނެއޭ. މިހެންވެގެންނޭ ޖަމާއަތްތަކާއި ޖަމްއިއްޔާތައް ހަދަން ޖެހެނީ. ދެން ސަރުކާރަކާއި ޖަމްއިއްޔާއަކާއި ހުރި ގުޅުމެއް އެބައޮތްހެއްޔޭ؟

އާއެކޭ! ރައްޔިތުންގެ ތެރެއިން ބަޔަކު ސައްލާކޮށް އެއްގަލަކަށް އަރާ، އެބައިމީހުންގެ އާންމު ފައިދާއަށް ކަމެއް ކުރާން އުފައްދާ ގުޅުމަކަށް، ޖަމްއިއްޔާއެކޭ ކިޔާއުޅެޔޭ. މިފަދަ ޖަމްއިއްޔާތައް ހިންގާ ގޮތާއި ހިނގާގޮތުގެ މައްޗަށް ފިކުރުކުރަމާ ހިނގާށޭ! ކޮންމެފަދަ ކަމަކަށް ޖަމްއިއްޔާ އުފެއްދިކަމުގައި ވިޔަސް އެޖަމްއިއްޔާއެއްގެ ކަންތައް އިންތިޒާމުކޮށް ހިންގާނެ އިސްފަރާތެއް އައްޔަނު ކުރެވެޔޭ. އަދި މީގެ އިތުރުން، އޭނާގެ އަތްދަށަށް އެހީތެރިވެދޭނެ ބަޔަކުލެވެޔޭ. ދެން މިހުރިހާ ކަމަކަށްވުރެވެސް ކުރިޔަށް ނުކުމެފައި އޮންނަނީ، އެފަދަ ޖަމްއިއްޔާއެއް އުފައްދާ އަސާސީ ބޭނުމޭ. ބައެއް ޖަމްއިއްޔާތައް އުފައްދަނީ ކުޅިވަރު ކުޅުމަށޭ. އަނެއްބައި ޖަމްއިއަޔާތައް އުފައްދަނީ ރަށް ކުރިއެރުވުމަށޭ. އަނެއްބައި ޖަމްއިއްޔާ އުފައްދަނީ އަންހެނުންގެ ހައްގުތައް ހޯދައި ދިނުމަށޭ. ދެން ބަލަން ޖަހޭ ކަމަކީ، މިފަދަ ޖަމްއިއްޔާތައް ހިންގަން ބޭނުންވާ ތަނަވަސްކަން ހޯދާގޮތޭ!

ޖަމްއިއްޔާއަކަށް އާމްދަނީ ލިބޭ އެއްގޮތަކީ މެމްބަރުންދޭ ޗަންދާއޭ. ދެން، ހެޔޮއެދޭ މީހުންދޭ ހިލޭ އެހީއޭ. ނުވަތަ، އެ ޖަމްއިއްޔާއަކުން ހޯދާ ދަރަންޏޭ. ކުރާ ޚަރަދަށް ބެލުމުން އެގެނީ، ޖަމްއިއްޔާއަކުން ކުރާ ޚަރަދުތައް ވާންޖެހެނީ، އެ ޖަމްއިއްޔާއެއްގެ މަގުސަދުތަކާއި އެއްގޮތްވާ ގޮތަށް، ވަކިފަރުދަކު އެކަނި ނުކުރާނެ ޚަރަދެއް ނުވަތަ ހޭދައެއް ކަމުގައޭ. އަދި ހަމަ މިއާއިއެކު، އެފަދަ ޚަރަދުގެ ސަބަބުން އެ ޖަމްއިއްޔާގެ އެއްމެހައި މެމްބަރުންނަށް ނުވަތަ ގިނަ މެމްބަރުންނަށް ފައިދާ ވާޏްޖެހެޔޭ. ފަހަރެއްގައިވެސް ޖަމްއިއްޔާ ހިންގާން ހަވާލުވާ ފަރާތް ނުވަތަ ފަރާތްތައް ހިތުހުރި ގޮތަކަށް ޖަމްއިއްޔާގެ ރައުސުލްމާލު ހޭދަކުރުމަކަށް ޖާގައެއް ނުދެވެއޭ.

ޖަމްއިއްޔާތަކާއި ސަރުކާރަކާއި އެއްވެސްކަހަލަ ހަމަހަމަ ކަމެއްވޭ ހެއްޔޭ؟
އެއްވެސް ވަސްވާހެއް ނެތް ގޮތުގައި ސަރުކާރަކީ ޖަމާއަތެއްގެ ތެރޭގައި އުފެދިފައި އޮންނަ އެންމެ ބޮޑު ޖަމްއިއްޔާއޭ. އެއީ އެއްމެހައި މީސްތަކުންގެ ބައިވެރިވުމާއިއެކު، މުޅި ޖަމާއަތުގެ ހެވާއި ލާބައަށްޓަކައި އުފެދޭ މައި ޖަމްއިއްޔާއޭ. ތަފާތަކީ ވަކި ސަރަހައްދީ އިމެއްގެ ތެރޭގައި ހިމެނޭނަމަ، ތިމާގެ އިޚްތިޔާރަކާއި ނުލައިވެސް، އެ ޖަމްއިއްޔާގެ މެމްބަރަކަށް ތިމާ ވާ ކަމޭ. ސަރުކާރެއްގެ މަގުސަދަކަށް ވެފައި އޮންނަނީ ޖުމްލަ ގޮތެއްގައި މުޅި މުޖްތަމައުގެ ހެވާއި ލާބަ ދެމެހެއްޓުމޭ. މުޖުތަމައުގައި ހުރި ވަސީލަތްތައް އެއްމެހައި ރައްޔިތުންގެ ބޭނުމަށްޓަކައި ބޭނުންހިފޭން އޮތް އެންމެ ރަގަޅު ގޮތްތަކަކަށް ބޭނުންކުރުމޭ. ސަރުކާރު ހިންގުމަށް މީހަކު ހޮވަނީ އަހަރެމެން އެންމެންގެ ރުހުން ހޯދައިގެންނޭ. އަދި އަހަރެމެން އެންމެންނަށް ހުރިހާ ކަމެއްގައި ބަސްނުވިކޭނެތީ އހަރެމެންގެ ވަކީލުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހެއް ހޮވަނީ އަހަރެމެން އެންމެންގެ މަތީން ބަސްކިޔައި، އަހަރެމެން ތަމްސީލުކޮށް ދިނުމަށޭ. މިހެން ވެގެންނޭ ރައްޔިތުންނާއި ގުޅުން ހުރި މުހިންމު ކަންތައްތައް ނިންމުމުގެ ގޮތުން، ރައްޔިތުންގެ މަޖްލީހުގެ ރުހުން، ވެރިކަން ހިންގާން ހުންނަ ފަރާތަކުން ހޯދަން ޖެހެނީ.

ކުޑަ ޖަމްއިއްޔާއެކޭ އެއްބީދައިން ސަރުކާރެއްގެ އާމްދަނީގެ ބޮޑު ބަޔަކީ ރައްޔަތުންގެ އަތުން ހޯދޭ ޗަންދާއޭ. މި ޗަންދާ ދެނީ ޓެކްސް ގެ ގޮތުގައޭ. ގައުމުގެ ވަސީލަތްތައް ގިނައިން ބޭނުންކުރާ ތަނަވަސްކަން އިތުރު މީހުންގެ އަތުން ގިނައިންނޭ. ފޯރުންތެރިކަން ކުޑަ މީހުންގެ އަތުން މަދުންނޭ. އެހެނަސް ސަރުކާރަކުން ކުރާ އަމަލާއި މުއާމަލާތުގެ ސަބަބުން، ވަކި ބަޔަކަށް ފައިދާ ވާގޮތަކަށް އެއްވެސްކަމެއް ކުރެވިގެން ނުވާނެއޭ. ހުރިހާ ކަމެންމެ ހިގާންޖެހެނީ މުޅި މުޖުތަމައުގެ ފައިދާއަށޭ. މިހެން ވީމައޭ ސަރުކާރުން ކުރާ ރަގަޅުނޫން ކަންތައްތަކާއި އަހަރެމެން އެންމެންނަށްވެސް ބަސްކިޔާ ފާޑުކިޔުމުގެ އިޒްނައޮތީ. އަހަރެމެން ބައިވެރިވާ ޖަމްއިއްޔާއަކުން ދަރަންޏެއް ހޯދާނަމަ، އެކަމުގެ މައްޗަށް އަހަރެމެން އެންމެން ފިކުރުކުރާ ފަދައިން، ސަރުކާރުގެ ދަރަންޏާއިމެދު އަހަރެމެން ފިކުރު ކުރާން ޖެހެނީ އެއީ އަހަރެމެން އެންމެންގެ ޒިންމާއެއް ކަމުގައި ވާތީއޭ.
ޖަމާއަތެއް ހިންގުމަށް މީހަކު އިސްކުރާއިރު، އެމީހަކު ޖަމާއަތުގައި ހުރި އެންމެ ތަނަވަސް މީހާކަމުގައި ވާންޖެހޭ ހެއްޔޭ؟

ފަހަރެއްގައި ޖަމްއިއްޔާއަކަށް ބަލާނަމަ، ކަން މިހެން ކޮށްފާނެއޭ. އެއީ އޭނާގެ މުދާވެރިކަމުން ބައެއް ޖަމްއިއްޔާގެ ފައިދާއަށް ހޭދަކޮށްފާނެ ކަމުގެ އުއްމީދުގައޭ. އެކަމަކު ސަރުކާރެއްގެ ހިންގުމަށް މީހަކު އިސްކުރާއިރު، މި އުސޫލުން ބަލާނަމަ، އަހަރެމެންނަށް އެ ގަބޫލުކުރެވެނީ ބަންޑާރަ ބާލީހަށް އަމިއްލަ ކަފަ ގަންނަވާފާނޭ ކަމަށޭ. މިއީ ޚަލީފާވެރިންގެ ޒަމާނުގައި މެނުވީ، ހިގާފައިވާނެ ނުވަތަ އަލުން ހިނގާނެ ކަމެއްކަމުގައި މަގޭ ނުކުޅެދޭ ސިކުޑިވެސް ގަބޫލު ނުކުރެއޭ. މީހަކު ގައުމުގެ ހިންގުމާއި ހަވާލުވާން ބޭނުންވެގެން އުޅޭ ހިނދެއްގައި، އޭނާގެ ތަނަވަސްކަން ރައްޔަތުންގެ މައްޗަށް ބަހާނަމަ، އޭގެ ބަދަލުގައި އޭނާ އެދޭ ބޮޑެތި މާލީ ފައިދާތަކެއް ވާނެކަން އެއީ ޔަގީން ކަމެކޭ.
ކަމަކާއި ހަވާލުވާއިރަށް އަމިއްލަ ބާލީހަށް ބަންޑާރަ ކަފަ ގަންނަވާ ފުރާލާނެކަން ހަމަކަށަވަރޭ. ފިސާރި ރަގަޅަށް ވިސްނަވާށޭ! ޖަހާހާ ފިއްޔަކަށް އަޅާހާ އެންގަޑަކަށް ދަހިވެތި ވާންވެއްޖެ ހިދެއްގައި، ފެނުން ލުހި ބޭނި ސިކާރައަކަށް ވެގެންދާނީ، ހަމަ އަހަރެމެން ރައްޔަތުންނޭ. އަހަރެމެންގެ އަތުގައި އޮތް ވެރިކަމެއް ފައިސާ ފޮއްޗަކާއި ބަދަލު ކޮށްފިނަމަ، އެއޮތީ ހަމަ ރަގަޅަށްވެސް ވެރިކަން އެމީހަކާއި ހަވާލު ކުރެވިފައޭ. އަމިއްލައަށް އަޅުވެތިވެ ވިކުނީއޭ. ވިސްނާނުލައި ވަގުތީ ފައިދާއަކަށް ތިމާގެ މިލްކިއްޔާތު އެހެންމީހަކަށް ވިއްކާނުލާށޭ. ހެޔޮނުވާނެޔޭ ހަޔާތުގެ ލަގަން ވިއްކާނުލާށޭ. އަނެކާގެ ސިފަޔައަށް އިހުތިރާމު ނުކުރިޔަސް އަމިއްލަ ނަފްސަށް، އިއްޒަތަށް، ބުއްދިއަށް އިހުތިރާމު ކުރަމާ ހިނގާށޭ. (ނިމުނީ)