Wathan Edhey Gothah – MDP » މިނިވަންއިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅުއްވުން ހުއްޓަވާލެއްވުމަށް ދަންނަވަން

March 8, 2008

މިނިވަންއިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅުއްވުން ހުއްޓަވާލެއްވުމަށް ދަންނަވަން

ދިވެހި ރާއްޖޭގައި ފުރަތަމަފަހަރަށް ސިޔާސީ ޕާޓީތަކުން ވާދަކުރާ ރިޔާސީ އަދި އާންމު އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުންދާއިރު އެ އިންތިޚާބުތަކުގައި ވާދަކުރާނެ ޕާޓީއަކަށް ނިސްބަތްވާ މިހާރުގެ ސަރުކާރުން ދަވްލަތުގެ ވަޞީލަތްތަކުގެ ކޮންޓްރޯލް ބޭނުންކުރައްވައިގެން މިނިވަން އިންތިޚާބެއް ބޭއްވުމަށް ހުރަސްއެޅުއްވުން ވަގުތުން ހުއްޓަވާލެއްވުމަށް ދަންނަވަމެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ތަމްހީދީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ހައިޞިއްޔަތުން ޓެލެވިޒަން މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑު މެދުވެރިކޮށް އަންގަން ބޭނުންވި އެނައުންސްމަންޓް އާއި އިޝްތިހާރު ވަނީ ފޮނުވައިނުދެއްވާފައެވެ. ކަނޑައެޅިފައިވާ އަގެއް އަދާކުރުމަށްފަހު އަދި ހަމަޖެހިފައިވާ އުޞޫލެއްގެ ދަށުން ދަވްލަތުގެ މީޑިއާ އާއި އިޝްތިހާރު ހަވާލުކުރުމަކީ އާންމުކޮށް ދިވެހި ކޮންމެ ރައްޔިތަކަށް އޮންނަ ހައްގަކަށްވާއިރު، ސިޔާސީ ޕާޓީއަކާއި ގުޅުންހުރިއަތީ އެފަދަ އިސްތިހާރަށް ސަރުކާރުން ހުރަސް އެޅުއްވުމަކީ ފަރުދީ އަދި ޒާތީ ހައްގެއް ނަންގަވާލެއްވުމެވެ.

އެމްޑީޕީ ގެ ތަމްހީދީ އިންތިޚާބަކީ ރާއްޖޭގެ އެކިކަންކޮޅުގައި މެމްބަރުން ވޯޓްދޭނޭ އިންތިޚާބަކަށް ވެފައި، އެކަމާބެހޭ މައުލޫމާތު މުޅިރާއްޖެއަށް ފޯރުކޮށްދެވޭނީ ޓީވީއެމް އަށާއި ދިވެހިރާއްޖޭގެ އަޑަށް އިޝްތިހާރުދީގެން ކަމުގައިވާތީ ގަވްމީ ރިޔާސީ އިންތިޚާބަށް ތައްޔާރުވާން ބާއްވާ އިންތިޚާބަކަށް ހުރަސްއެޅުއްވުން އެއީ އިންތިޚާބުތަކުގެ ވާދަވެރިކަމުގައި އޮންނާންވާނެ ހަމަހަމަ ކަމުގެ ރޫހާއި ޚިލާފަށް އަދި އިންސާފުން އެއްކިބާވެވަޑައިގެން ފޯރުކުރައްވާ ނުފޫޒު ކަމުގައިނޫނީނުވާނެއެވެ.

ދިވެހިރާއްޖޭގައި މިނިވަން އިންތިޚާބު ބޭއްވުމަށް ދަވްލަތުގެ ވަޞީލަތްތައް މެދުވެރިކުރައްވައިގެން ހުރަސްއެޅުއްވުން ވަގުތުން ހުއްޓާލެއްވުމަށާއި، ދަވްލަތުގެ މީޑިޔާ ދިވެހި ސަރުކާރުން ނަހަމަ ގޮތްގޮތަށް ކޮންޓްރޯލްކުރެއްވުން ހުއްޓުވާލެއްވުމަށް އިލްތިމާސްކުރަމެވެ.

1 Comment

  1. މައުމޫނުގެ ސަރުކާރު ދެމި އޮތްހާ ދުވަހަކު މިނޫންގޮތަކަށް ކަންތައް ކުރާނެކަމަށް ޚިޔާލުވެސް ކޮށްގެން ނުވާނެ. އިލްތިމާސް ކުރިއަކަސް ދެލޯކަނު ، ބީރު މަންމަން ސަރުކާރަކަށް ފަހުމްވާނެ އެއްޗެއް ނޯންނާނެ. އަންނި ކުރާ މަސައްކަތަކުންނޫނީ މިމީހުން ރޯފިލުވޭނެ ގޮތެއް ނޯންނާނެ. ( ސރނ)

    Comment by Anonymous — March 21, 2008 @ 3:03 am