Wathan Edhey Gothah – MDP » މަސްވެރިން މަޖޫރިންނަށް ވެގެން ނުވާނެ

March 30, 2008

މަސްވެރިން މަޖޫރިންނަށް ވެގެން ނުވާނެ

މުޙައްމަދު ރަޝީދު (ރަސްތަ)
ދިވެހީންގެ ސަމާލުކަން މިވަގުތު ހުއްޓިފައިވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ލީޑިންގ ކެނޑިޑޭޓް މުޙައްމަދު ނަޝީދު (އަންނި) ތިލަދުންމަތީ ދެއްވި ތަގުރީރުގައި “މަސްވެރިން މަޖޫރީންނަށް ވެގެން ނުވާނެ” ކަމަށް ބުނުމުން ބައެއް ބޭބޭފުޅުންގެ ހިތްޕުޅުގައި ނުތަވަސްކަމެއް އުފެދުނުކަމަށް ގަބޫލްކުރެވުނެވެ. އަޅުގަނޑު ހިތުން ނުތަވަސްކަން އުފެދުނު ފަރާތްޕުޅުތައް ނުތަވަސްވީ އުތުރުގައި ތަރައްގީކުރާކަމަށް ވިދާޅުވާ ވިޔަފާރި ބަނދަރަކަށް އެވާހަކަފުޅުން ހުރަސް އެޅިދާނެކަމަށް ދެކިއެވެ.

މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަން ފެށުނުއިރު ފާދިއްޕޮޅަކީ މަސްވެރިކަމުގެ އެންމެ އުހުގައި އޮތް އެއް އަތޮޅެވެ. 80 ގެ އަހަރުތައް ފެށުނުއިރު ފާދިއްޕޮޅު ހިންނަވަރުގައި އެކަނިވެސް، މަހަށްފުރާ 40 ހަކަށް ގަނޑެތި ހުރެއެވެ. އެއިގެން ކޮންމެ ދޯންޏަކުން 8 ނުވަތަ 10 މީހުން މަހަށް ދިޔަކަމުގައިވިއަސް 320 އާއި 400 އާއި ދެމެދުގެ މަސްވެރިން ހިންނަވަރުގައި އެކަނިވެސް ތިއްބެވެ.

ހޯކޯމާރު ބޯޓުފަހަރުން މަސްގަންނަން ފެށުމާއި އެކު ހިންނަވަރުގައި ކެޔޮޅުންނަށް ވާންތިބި ޒުވާނުން އެބޯޓުފަހަރުގެ ފަޅުވެރިންނަށް ގެންދެވުނެވެ. ފާދިއްޕޮޅު ފެލިވަރުގައި މަސްބަންދުކުރާ ކާރުޚާނާ ފެށުމާއިއެކު ހިންނަވަރުގައި ތިބި މަސްވެރިން ފެލިވަރުގެ އެކި ވަޒީފާތަކަށް ބަދަލުވާންފެށިއެވެ. ފާދިއްޕޮޅުގައި ޓުއަރިސްޓް ރިސޯޓު ގާއިމު ކުރުމާއިއެކު ހިންނަވަރުގައި ތިބި މަސްވެރިން ޑައިވިން ދޯނިފަހަރުގެ ފަޅުވެރިންނަށް ބަދަލުވާންފެށިއެވެ. އެކްސްކާޝަންކުރާ ދޯނިފަހަރަށާއި ރިސޯޓުގެ އެކި ވަޒީފާތަކަށް ބަދަލުވިއެވެ.

ފެލިވަރުގައި މަސްބަންދުކުރާ ކާރުޚާނާ ގާއިމުކުރިއިރު ހިންނަވަރުގައި 400 އަށްވުރެ ގިނައިން މަސްވެރިން ތިބިކަމުގައި ވިއަސް، މިހާރު ހިންނަވަރުގައި އޮތީ މަހަށްފުރާ ދެގަނޑެއްޗެވެ. ތިބީ 20 ވިއްސަކަށް މަސްވެރިންނެވެ. 40 އަހަރަށްވުރެ ހަގު މަސްވެރިއަކު ހިންނަވަރަކު ނެތެވެ. ގައުމު މިހިންގާ ނިޒާމުގެ ތެރެއިން ހިނގާނަމަ މީގެ 10 އަހަރުފަހުން ހިންނަވަރުގައި މަސްވެރިއަކު ނުހުންނާނެއެވެ.

މައުމޫނު އަބްދުލް ގައްޔޫމްގެ ވެރިކަން ފެށުނުއިރު ހިންނަވަރަކީ، ބޮލަކަށްޖެހޭ އާމްދަނީއަށް ބަލައިފިނަމަ އެންމެގިނައިން އާމްދަނީހޯދާ އެއްރަށެވެ. މިހާރު ހިންނަވަރަކީ ބޮލަކަށްޖެހޭ އާމްދަނީއަށް ބަލައިފިނަމަ އެންމެ ފަހަތުގައި އޮތް އެއްރަށެވެ. މާލެ އަތޮޅުގައި 30 ރިސޯޓު އޮންނަތާ 30 އަހަރުވީއެވެ. މާލެ އަތޮޅު ރައްތަކުގެ ރައްޔިތުންނަށްވުރެ މާތަނަވަސްކަމުގައި އުޅޭ، މާގިނަ އާމްދަނީ ހޯދާ ރަށްރަށް އެއްވެސް ރިސޯޓެއް ނެތް އަތޮޅުތަކުގައިވެސް އެބަހުއްޓެވެ. މަސްވެރި އަތޮޅުތަކުގައެވެ.

އަތޮޅުގައި ވިޔަފާރި ބަނދަރު ހެދިދާނެއެވެ. ރިސޯޓުވެސް އެޅިދާނެއެވެ. މަސްބަންދުކުރާ ކާރުޚާނާވެސް ބިނާކުރެވިދާނެއެވެ. އެކަމަކު ރައްޔިތުންނަށް އެކަމުގެ ފައިދާއެއްކުރާނީ ރައްޔިތެއްދެކެ ލޯބިވެގެން ރޭވުންތެރިކަމާއި އެކު ރައްޔިތުންނަށް އެންމެ ފައިދާކުރަނިވި ގޮތަށް ކަންތައްތައް ކުރީމައެވެ. އަޅުގަނޑުމެން ފިކުރުބޮޑު މިވަނީ ފާދިއްޕޮޅުން މަސްވެރިން ހުސްވެގެން ދާގޮތަށް މުޅިގައުމުން އެކަން ފޮހެވިގެން ހިނގައިދާނެތީއެވެ.

މުޙައްމަދު ނަޝީދު (އަންނި) އަށް ތާއީދުކޮށް، ގައުމުގެ ހުންގާނު އަންނި އާއި ހަވާލުކުރުމަށް އަޅުގަނޑު އެދެނީ، އަންނި އަކީ ދެންނެވުނު ފަދަ ކަންކަމަށް ވިސްނައި ގައުމަށް އެންމެފައިދާ ހުރިގޮތަށް އެކަންކަން ރާވައި ފުރިހަމައަށް ތަންފީޒުކުރުމަށް އެންމެ ގާބިލު ބޭފުޅާކަމަށް އަޅުގަނޑު ގަބޫލުކޮށެވެ.

2 Comments

  1. ރަސްތަ ގެ ޚިޔާލަށް ތާއީދު ކުރެވޭ. މައސަލައަކީ، ކަލޭމެން ތިކުރާ ހުރިހާކެމްޕޭނއްގައިވެސް، ދޫކޮށްލާފައި، އަޅާނުލެވި އޮންނަ ކަމެއް އަދިވެސް އެހެން ހަމަ އެގޮތަށް އޮންނާތީ. ހޮވާލައިގެން ކައިރިކުރަނީ އެއްވއްތަރެއް. ވޯޓު ހޯދުމުގައި، ތި އޮންނަނީ މުސްކުޅި މަސްވެރިކަމުގެ ގޮތްގަނޑު. މިހާރު ގެ ދޯނިފަހަރު ބޮޑެތިވެ، އެ އެއްޗެހީގެ ދުވެލި ބާރުވެ، ދަމާފައިހުރި އެންގިނަވިއަސް، މަސްއައިން އައިސް އޮޑިދޮށަށް ތިލަވެ، ބަދިތަޅައިގަންނަންދެން ތިޔަތިބެނީ. އެމެއް ތިއެއްލަނީ ހާދަވަރަކުންނެވެ. އަށްމިލިއަނަކީ ތިކަހަލަކަމަކަށް ތަޅާލަން ހެޔޮވަރު އދަދަކަށްވާއިރު، ތިޔަޕާރޓީގައި ގިނައީ ނިކަމެތިންކަން، އަނިޔާލިބިފައިތިބި ފަގީރުނކަން، ނުވަތަ ކޮންމެވެސް މުހުތާދެއްފިލުވަންޖެހި މިހާރު އެއްމެންގެމެދުގައިމިއޮތް، “ވީމާވީ” އުސޫލުގެ ސަބަބުން، ހިތުގެރިހުމުގައި ކުކުރަމުންދާ މިހުންކަން އަދިވެސް ނޭގެނީ . ފޯނުނަންބަރެއް ހޯދައިގެން ތިޔައިން މިހަކާގުޅަން އުޅޭ އާދައިގެ މީހަކަކަށް ތިތާ ތިއުޅޭ އިސްމީހުން ޖަވާބު ނުދެނީ. ކަމަކު ކިޔަސް އޮޅިގެން އެއްފަހަރު އާޔެކޭ ބުނެވިއްޖެތަ، ދެންއެމީހަކާ ކުރިމަތިލާން ކެރޭމީހުން ތިތާގަ ނެތީ. މައުމޫނު އުފެއްދި ސަލާޖެހުމަށް އާދަކުރުވި ސަޤާފަތް ތިތާވެސް އަދި ހަމަ އާރޯކަންމަތީ އޮތްކަން، ނުދަންނަމީހަކު މަދު. ތިކުރަނީ ހަމަ ރައްޔިތުންގެ މަޖުލީހުގައިވެސް ކުރި ކއެމްޕޭން. ތިޔައިގަ ތަފާތަކީ މައުސޫމް ފަދަ ހިއްތިރިމީހަކު މެނޭްކުރާ ނަންއޮތްކަން،
    ކުރަން ރަގަޅު އެއްމެކަމެއް ބުނަން. ނިކަމެތިން، ބޭނުންޖެހިފައިތިބި މީހުން، އެކަނިވެރިނވެ ބިކަހާލުގައި ތިބިމީހުންނަށް ޖަވާބުދާރީ ވާނެ ޓީމެއް އަވަހަށް އައްޔަނޫކުރޭ. އެހެންނޫނީ ތިހަމަ ބޭކާރު ކަމަކަށްވެސް ވެދާނއެ.

    Comment by Anonymous — April 8, 2008 @ 8:55 am

  2. ޒަމާނާ އެއްގޮތަށް މަސްވެރިންވެސް ބަދަލުވާން ޖެހޭނެ. ސްކޫލު ނިންމާކުދިން ކެޔޮޅުންނަށް، ނެވީންނަށް، އިންޖިނޭރުންނަށް ވާ ދުވަހަކުން ނޫނީ މަސްވެރިކަމެއް ކުރިއަކަށް ނުދާނެ.

    Comment by އައިސް — April 12, 2008 @ 12:15 pm