Wathan Edhey Gothah – MDP » ދިޔަމިގިލީ ރައްޔިތުން ބޭނުންވާ ކަންކަމާއިމެދު މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅުއްވައިދެއްވާނެ ކަމަށް އަންނި ބުނުއްވައިފި

March 29, 2008

ދިޔަމިގިލީ ރައްޔިތުން ބޭނުންވާ ކަންކަމާއިމެދު މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅުއްވައިދެއްވާނެ ކަމަށް އަންނި ބުނުއްވައިފި

29-03-2008- ދިޔަމިގިލީ ރައްޔިތުންގެ ބޭނުންތަކާމެދު މިހާރުން މިހާރަށްވެސް ފިޔަވަޅު އަޅުއްވައިދެއްވާނޭ ކަމުގައި ކޮޅުމަޑުލުގައި ރިޔާސީ ކެމްޕެއިން ކުރައްވަމުންގެންދަވާ މުހައްމަދު ނަޝީދު އަންނި ބުނުއްވައިފިއެވެ. އަންނިގެ ކެމްޕޭން ޓީމް މިއަދު ލ. ކައްދޫމަގުން ފުރަތަމަ ދަތުރުކުރެއްވީ ތ. ދިޔަމިގިއްޔަށެވެ. އެރަށު އަތިރިމަތީހުރި ދިއްގާގަސްތަކެއްގެ ހިޔަލުގައި މިއަދު މެންދުރު ނަމާދަށްފަހު ރައްޔިތުންނާއި މުޚާތަބުކުރައްވަމުން އަންނި ފާހަގަކުރެއްވި ގޮތުގައި ދިޔަމިގިއްޔަކީ ފަހަކަށް އައިސް މެދުވެރިވެފައިވާ ދެތިންކަމެއްގައި އެރަށުގެ އެތައް ޢާއިލާއަކަށް ހިތާމަވެރިކަމާ ކުރިމަތިލާންޖެހިފައިވާ ރަށެކެވެ. މިހާރުގެ ސަރުކާރުން ރައްޔިތުންނާ އަޅުއްވާލެއްވުމުގައްޔާއި ބޭނުންތައް ފުއްދަވައިދެއްވުމުގައި ރައްޔިތުންނާއި ވާހަކަދެއްކެވުމުގެ ރިވެތި އުޞޫލު ދޫކޮށްލައްވައި ރައްޔިތުން ނިކަމެތިކުރައްވާން ގަދަބާރުގެ ބޭނުން ކުރައްވާކަމީ އެކަމުގެ ހިތާމަވެރިކަން ދިގުލައދާކަމެކެވެ.

ސުނާމީގައި ރަށަށް ވެފައިވާ ގެއްލުންތަކަށް ބައްލަވައި ދިޔަމިގިލީގައި ޕްރީ ސްކޫލެއް ބިނާކޮށްދެއްވާ ނަމުގައި މިހާރުގެ ސަރުކާރުން އެންމެ ކްލާސް-ރޫމެއް ހައްދަވާ ހެއްދެވުމާއިމެދު ރައްޔިތުންވަނީ ނުރުހުން ފާޅުކޮށްފައެވެ. ނަމަވެސް ސަރުކާރުން އެއްވެސް ބަދަލެއް ނުގެންނަވައި އެކަން ކުރިއަށް ގެންދަވާތީ ރައްޔިތުންގެ ގިނަބަޔަކު ނުކުމެ މީގެ ދެމަހެއް ކުރީން ވަނީ އެރަށު އޮފީސް ބަންދުކޮށްފައެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރީން އެރަށަށް ފުލުހުން އަރައި ރަށުއޮފީސް ހުޅުވީ ރައްޔިތުންނާއި ދެކޮޅަށް ގަދަބާރު ބޭނުންކޮށް އެކިގޮތްގޮތަށް ބިރުދައްކައި އަންހެނުންނާއި ކުޑަކުދީންގެ ކުރިމަތީ އެތައްބަޔަކަށް ހާނީއްކަ ކުރުމަށްފަހު ކަތީބުންނާއި ދެބަސްވާކަމަށް ކަތީބުން ފާހަގަ ކުރެއްވި ދިހަމީހަކު ރައްޔިތުންގެ ތެރެއިން ހައްޔަރުކުރުމަސްފަހުއެވެ.

މިއަދު ދިޔަމިގިލީ ރައްޔިތުންނާއި މުޚާތަބުކުރައްވައި މުހައްމަދު ނަޝީދު ވާހަކަ ދައްކަވަމުން މަސައްކަތެއް ކުރުމުގެތެރޭ މާލޭ މަސްމާރުކޭޓްގައި ނިޔައުވި ދިޔަމިގިލީ މީހުންގެ ޢާއިލާތަކަށް ތައުޒިޔާ ތަކުރާރުކުރެއްވިއެވެ. ހަމަ އެއާއިއެކު ފުލުހުން މިހާރު ހައްޔަރުކޮށްގެން އުޅޭ އެރަށު ދިހަމީހުން އަނިޔާއިން ސަލާމަތްކުރެއްވުމަށް ޓަކައި މިހާރުން މިހާރަށްވެސް ގެންދަވަނީ ފިޔަވަޅު އަޅުއްވަމުން ކަމުގައި ފާހަގަ ކުރެއްވިއެވެ.

މުހައްމަދު ނަޝީދު ފާހަގަ ކުރެއްވިގޮތުގައި ދިޔަމިގިއްޔަކީ ރާއްޖޭގެ ރަސްމަތިފުށަށް ނިސްބަތްވާ އަދި 18 ވަނަ ގަރުނުގައިވެސް އެރަށު ރައްޔިތުންނަށް މުޅި ރާއްޖޭގައި ޚާއްޞަ ގޮތްތަކަކަށް މާތްކޮށް ހިތާފައިވާ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން މިއަދުގެ ސަރުކާރުން ފާހަގަ ނުކުރެއްވިކަމުން، ދިވެހި ތާރީޚަށް އެއްވެސް ހުރުމަތްތެރިކަމެއް ނެތި އެބައިމީހުން ނިކަމެތި ކޮށްލެއްވިކަން އެއީ ހިތާމަހުރިކަމެކެވެ. ދިޔަމިގިލީ ރައްޔިތުންނާއި މެދު ޢަމަލު ކުރާންވީ ޒަމާންވީ ހަމަތަކެއް ދިވެހި ތާރީޚް ގެ ފަތްފުށް ތަކުން ފެންނާން އެބަހުރިކަމުގައި އަންނި ފާހަގަކުރެއވިއެވެ. އެ ގޮތުން އޭރުގައި އެރަށު މިސްކިތު މުދިމަށް ލުންގި އާއި ފަށްޓަރު ހުއްދަ ކުރައްވާފައިވެއެވެ. ދިޔަމިގިލީ މީހަކު ކޮންމެ ތާކު ހުއްޓަސް ހިފަހައްޓައި ހާނީއްކަ ނުކުރުމަށް 1700 ގެ އަހަރުތަކުއްސުރެ އަމުރު މައުރޫފު ހިންގިފައި އޮތް އިރު، މި ޒަމާނުގައި ސުލްހަވެރި އިޙްތިޖާޖެއް ކުރި އެރަށު ރައްޔިތުންނަށް ހާނީއްކަ ކޮށް ބަޔަކު ހައްޔަރު ކުރެއްވިކަމީ ތާރީޚް ނުދަންނަ ގޮފަޅު ބަޔަކު ކުރި ހަޑި މުޑުދާރު ނުތާހިރު އަމަލެއް ކަމުގައި އަންނި ސިފަކުރެއްވިއެވެ.

ރައްޔިތުންގެ ހާސްކަން ކަނޑާލަދެއްވުމަށް ދަރަނިވެރިކަން ފިލުވައި ދެއްވުމާއި، އަސާސީ ޚިދުމަތް ތައް ގާއިމް ކޮށްދެއްވުމުގައި މީހުނާއި މުދާ ހެޔޮ އަގުގައި އެއްރަށުން އަނެއް ރަށަށް ވާޞިލް ވެވޭނެ ނިޒާމެއް ގާއިމު ކޮށްދެއްވުމާއި، މަސްވެރިކަމާއި ދަނޑުވެރިކަމުގައި ލިބެވޭ އާމްދަނީ އާއި ރައްޔިތެއްގެ ޖީބަށް ލިބޭ ފައިސާ ގިނަގުނަ ކޮށްދެއްވުމަށް އަވަސް ފިޔަވަޅުތައް އެމްޑީޕީ ހިމެނޭ ސަރުކާރަކުން އަޅުއްވާނެ ކަމުގައި މުހަންމަދު ނަޝީދު ފާހަގަ ކުރެއްވިއެވެ.

1 Comment

  1. އަންނި ލ. އަތޮޅައް ނުބައްލަވަނީ ކީއްވެތޯ؟؟؟؟؟؟؟

    Comment by ahmed nadheef — April 5, 2008 @ 1:19 am