Wathan Edhey Gothah – MDP » އަޅުގަޑުމެން އިސްކަން ދެނީ ބައިބޯ ރަށްރަށަށް އެކަންޏެއް ނޫން – އަންނި

April 12, 2008

އަޅުގަޑުމެން އިސްކަން ދެނީ ބައިބޯ ރަށްރަށަށް އެކަންޏެއް ނޫން – އަންނި

އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއްގައި އިސްކަންދެވޭނީ ހަމައެކަނި ބައިބޯ ރަށްރަށަށް ނޫންކަމަށާއި އެގޮތުން ބަލާއިރު މާފިލާފުއްޓަކީވެސް ވަރަށް މުހިންމު ރަށެއްކަމުގައި އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބުގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު އަންނި ވިދާޅުވެއްޖެއެވެ.

އިންސާނީ ތަޖްރިބާ ދައްކާ ގޮތުގައި މަދު މީސްކޮޅަކަށް ލިބޭ ފައިދާގެ ސަބަބުން މުޅި ގައުމަށް އެކަމުގެ މަންފާ ކޮށްފައި އެބަހުރިކަމުގައި ވިދާޅުވަމުން، ލިބިދާނެ ވޯޓުގެ އަދަދާ ގުޅުވައިގެން ތަރައްގީ ބަހާލުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫންކަމަށް އަންނި ފާހަގަކުރެއްވިއެވެ.

އޭނާގެ ރިޔާސީ ކެންޕޭނުގެ ދަތުރުތަކުގެ ސިލްސިލާ މިއަދު ފާދިއްޕޮޅުގައި ފެއްޓުމުގެ ގޮތުން 16 މެމްބަރުންގެ ޓީމަކާއެކު އަންނި ފުރަތަމަ ވަޑައިގެންނެވީ މާފިލާފުއްޓަށެވެ. މާފިލާފުށީގައި ދިރިއުޅޭ ރައްޔިތުންނާ މުޚާތަބުކުރައްވަމުން އަންނި ވިދާޅުވިގޮތުގައި މާފިލާ ފުއްޓަކީ އާބާދީއާ ތަރައްގީ އެއްފަސްކުރުމުގެ ނަމުގައި މިއަދުގެ ސަރުކާރުން ފެއްޓެވި މަސައްކަތް ފޭލިވެފައިވާ ކަމުގެ ދިރިހުރި މިސާލެކެވެ. މާފިލާފުށީގައި މިހާތަނަށް ރަޖިސްޓްރީ ކުރެވިފައި ތިބީ 201 މީހުންގެ އާބާދީއެކެވެ. ރަށުގައި ދިރިއުޅޭކަމަށް އެގިފައިވަނީ 169 މީހުންނެވެ. އަންނިގެ ތަސައްވުރުގެ ތެރެއިން ވިދާޅުވިގޮތުގައި މާފިލާފުއްޓަކީވެސް މަދުވެގެން 5000 އެއްހާ މީހުންނަށް ދައްޗެއްނެތި އުފާފާގަތި ކަމުގައި ދިރިއުޅެވޭނެ ރަށަކަށް ކައިރި މުސްތަގްބަލެއްގައި ހެއްދެވޭތޯ ކުރެއްވެންހުރި ހުރިހާ މަސައްކަތެއް އޭނާ ކުރައްވާނެ ކަމަށެވެ. އެގޮތުން ތޮއްޖެހިފައިވާ ރަށްރަށުން މާފިލާފުއްޓަށް ދިރިއުޅުން ބަދަލުކުރެވޭނެފަދަ ހިތްގައިމު އަދި ޒަމާނީ ވަސީލަތްތައް ފަހިކޮށްދެވިފައިވާ ރަށަކަށް އެރަށް ހެދުމުގެ މަސައްކަތް ކުރަންޖެހިފައިވާކަމަށް އަންނި ވިދާޅުވިއެވެ. އާބާދީއެއް ތަރައްގީވެ ދިޔުމަށް ވަކިވަކި މުހިންމު ސަބަބުތަކެއް މެދުވެރިވާންޖެހޭކަމަށް ވިދާޅުވެ އަންނި ފާހަގަކުރެއްވީ އޭނާގެ ތަސައްވުރުގައި މުޅިރާއްޖެއެކޭ އެއްފަދައިން މިއަތޮޅުގައިވެސް ފަސޭހަކަމާއެކު ހެޔޮ އަގުގައި މުދަލާއި މީހުން އެއްރަށުން އަނެއް ރަށަށް ދަތުރުކުރެވޭނެ ފެރީގެ ނިޒާމެއް ގާއިމުކުރުމުގެ މުހިންމު ކަމުގެ މައްޗަށެވެ.

“ހެދުނު މާފިލާފުށިން ފުރައިގެން ހިންނަވަރު، ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި އަދި ފެލިވަރާއި ރިޒޯޓުތަކަށްވިޔަސް ދަތުރުކޮށް އެބުރި އާދެވޭނެ ނިޒާމެއް އިރާދަކުރެއްވިއްޔާ އަޅުގަޑުމެން ގާއިމުކުރާނަން” އަންނި ވިދާޅުވިއެވެ.

“މިދެންނެވީ މެންދުރު ރަށަށް އަންނާން ބޭނުން މީހަކަށް މެންދުރު އަދި ރޭގަޑު އެބުރި ރަށަށް އާދެވެން ވާނެ.” ކަމުގައި އަންނި ވިދާޅުވިއެވެ.

ރައްޔިތުން ތަރައްގީއާމެދު ވިސްނަވާއިރު، ވަކި ރަށެއްގައި ހުނިޖެހިގެން ހަމައެކަނި އެރަށު މީހުންކަމުގައި ވެގެން މިއަދުގެ ލާމެހިފައިވާ ދުނިޔޭގައި ތިބެވެން ނޯންނާނެކަމުގައި އަންނި ވިދާޅުވިއެވެ. އަންނި ވިދާޅުވީ ފެރީގެ ނިޒާމުން ލާމެހިފައިވާ ރާއްޖެއެއްގައި އެއްވެސް ރަށެއްގެ ފިހާރައަށް މިޒާމާނުގައި މުދާލާންވާނީ އެރަށުގެ އާބާދީއަށް އެކަނި ވިސްނައިގެން ނޫންކަމަށާއި އެފިހާރައެއްގެ މާކެޓް އެއީ މުޅި އަތޮޅުގެ އާބާދީކަމުގައި ފެރީގެ ނިޒާމު ހަމަޖެހުމުން ވެގެން ދާނެއެވެ.

ގެދޮރު ނޭޅި އުމުރު ހޭދަވެގެން ދާތީއާއި ހެލްތު އިންޝުއަރަންސް ނިޒާމަކާއި ޒަމާނީ ތައުލީމީ ނިޒާމެއް އަދި އަދަށްދަންދެންވެސް ގާއިމު ނުކުރެވި މިވަނީ ރާޢްޖޭގެ ޝަރީއަތުގެ ނިޒާމާމެދު އެތެރެއާއި ބޭރުގެ އިތުބާރު ގެއްލިފައިވާތީކަމުގައި އަންނި ފާހަގަކުރެއްވިއެވެ.

“އިރާދަކުރެއްވިއްޔާ މިރަށުގެ ޝަރުއީ ނިޒާމާމެދު ބޭރުގެ ފަރާތްތަކަށް އޮންނަންޖެހޭނެ އިތުބާރު އަޅުގަޑުމެން ގާއިމުކުރާނަން. އޭރުން ގިނަދުވަހަށް ބަހާލައިގެން މަހަކު މަދު ފައިސާކޮޅެއް ދައްކަވާގޮތަށް ގެދޮރާއި ސިއްހީފަރުވާ ލިއްބައިދޭ ބައިނަލްއަގްވާމީ ފަރާތްތައް މިރާއްޖެއަށް އަންނާނެ. އިތުރު ބޭރުގެ އެހީއާއި ހިލޭއެހީ އާއި ކުދި އިންޓަރެސްޓުގައި މަޝްރޫއުތަކަށް ބޭނުންވާނެ ފައިސާ އަޅުގަޑުމެންނަށް ހޯދޭނެ.” ކަމުގައި އަންނި ވިދާޅުވިއެވެ.

އަންނި މާފިލާފުށީ ރައްޔިތުންނާ މުޚާތަބްކުރައްވާ ދެއްކެވި ވާހަކައިގައި އުމުރުން ދޮށީ ކޮންމެ ދިވެއްސަކަށް ދޭންޖެހޭ އިސްކަން ފާހަގަކުރައްވާ 65 އަހަރުވެފައިވާ ކޮންމެ ދިވެއްސަކަށް މަހަކު 2500 ރުފިޔާގެ އިނާޔަތެއް ދެއްވާނެ ކަމަށާއި ހަލާލު މަސައްކަތެއް ކުރާ ކޮންމެ މީހަކަށް މަދުވެގެން މަހަކު 4000 ރުފިޔާގެ މަހު މުސާރަ ލިބިދެއްވާނެކަމުގައި އަންނި ވިދާޅުވިއެވެ.

“އިރާދަކުރެއްވިއްޔާ އަންނަ ނޮވެމްބަރ 11 ގެ ފަހުން މިރާއްޖޭގައި އޮންނާނީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިކަމެއް. އެއީ އަޅުގަޑުމެން މިއެދޭ ތާހިރު ދިރިއުޅުން.” އަންނި ވިދާޅުވިއެވެ.