އިންތިގާލީ ބާބާއި، އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީ ކުރަމުންދާ މަސައްކަތް ވަގުތުން ހުއްޓާލާ، ހޯމް މިނިސްޓަރ މަގާމުން އިސްތިއުފާ ދިނުމަށް ގޮވާލުން
މިހާރު އަމަލު ކުރަމުންދާ ގާނޫން އަސާސީއިން ވެސް ރައްޔިތުންނަށް ލިބިދީފައިވާ އެއްވެ އުޅުމާއި، ޚިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ޙައްގާއި، ޕެންޝަނުގެ ޙައްގާއި، ހިފާހައްޔަރު ކުރުމުގައާއި، ތަހުގީގާއި ޝަރީއަތުގެ ގާނޫނީ ވަކީލުން ބޭނުން ކުރުމުގެ ޙައްގު ފަދަ މުހިންމު އެތަކެއް ޙައްގުތަކެއް ދިވެހިރައްޔިތުންނަށް ލިބިނުދީ ހިފަހައްޓާފައިވަނީ، ގާނޫނީ ހަމަތަކުން ބޭރުގައި ޑީއާރުޕީން ވެރިވެގަނެގެން އުޅޭ މިހާރު މިއޮތް ސަރުކާރާ، އެސަރުކާރުގެ ވާގިވެރިންގެ ހީލަތްތެރި ރޭވުމުންނެވެ. ހަމަ މިދެންނެވި މީހުން އިސްވެތިބެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި މިހާރު ކުރިއަށްދާ އިންތިގާލީ ބާބާއި، އެމްޑީޕީގެ އިންތިޚާބު ގަޑުބަޑު ކުރެވޭތޯ ކުރާ މަސައްކަތަކީ މީގެ ކުރިންވެސް ރައްޔިތުންގެ ޙައްގުތައް ހިފެހެއްޓި ގޮތަށް އަންނަން އޮތް ތަނުގައިވެސް އެކަން އެގޮތަށް ކޮށް، ދިވެހިރައްޔިތުންނަށް ލިބިދޭ ގާނޫނީ ބޮޑެތި ޙައްގުތަކުން މަހުރޫމް ކޮށްގެން އަނިޔާވެރިކަން އިސްކޮށް ރާއްޖޭގެ ވެރިކަމަށް އަތްގަދަކޮށްގެން ތިބި ވެރިކަން ދެމެހެއްޓުން ނޫން ދެވަނަ އެއްވެސް ބޭނުމަކު ކުރާ ކަމެއް ނޫނެވެ.
ވެރިކަމުގެ ދަހިވެތި ކަމުގައި މާލޭގައި ހުޅުޖަހާ މީހުންމަރާ އަނިޔާވެރިކަން އިސްކުރުމަކީ ރައްޔިތުން ބިރުގެންނެވުމަށް ޓަކައި ދިވެހިވެރިން، ވެރިކަން ދެމެހެއްޓުމަށް ޓަކައި ކޮށްފައިވާ މުޑުދާރު ކަންތައްތަކެއް ކަން ތާރީޚުން ސާބިތުވާތީ، ރާއްޖޭގެ އަމަން ގެއްލި މާރާމާރީއާއި ލޭ އޮހޮރުވުމާއި، މީހުންމެރުން މިދުވަސްވަރު މާލޭގައިއާންމުވެ، ރައްޔިތުންގެ މެދުގައި ބިރުވެރިކަން ބޮޑުވެފައިވާ މިދަޑިވަޅުގައި ރައްޔިތުންގެ މަޖިލީހަށް ހުށައެޅިފައިވާ މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގެ ވޯޓަށް އެހުމުގެ ކުރިން މަގާމުން އިސްތިއުފާ ދެއްވުމަށް އިލްތިމާސް ކުރަމެވެ.
މިދެންނެވި ގޮތުގެ މަތިން ތަފާތު އެކި ނުފޫޒާއި، ޙީލަތްތެރި ރޭވުމުގެ ދަށުން އިންތިގާލީ ބާބާއި އެމްޑީޕީގެ ޕްރައިމަރީ އިންތިޚާބު ގަޑުބަޑު ކުރުމަށް ޑީއާރުޕީއާއި އެމީހުންގެ ވާގިވެރިން ކުރަމުންދާ މަސައްކަތަށް ސަމާލުވެ ތިއްބެވުމަށް އެންމެ ލޮބުވެތި މެންބަރުންނަށް އިލްތިމާސް ކުރަމެވެ. އަދި ދިވެހިރާއްޖެއަށް ގެންނަން މިއެދޭ ބަދަލު އޭގެ އެންމެ ހެޔޮ ގޮތުގައި ގެނައުމަށް ތައްޔާރަށް ތިއްބެމުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް ގޮވާލަމެވެ.