Wathan Edhey Gothah – MDP » އަޅުގަޑުމެން ބޭނުންވަނީ މައުމޫނު ކުރިމަތި ލައްވަން – އަންނި

April 16, 2008

އަޅުގަޑުމެން ބޭނުންވަނީ މައުމޫނު ކުރިމަތި ލައްވަން – އަންނި

nilandhe atoll
ދެ ދައުރަށްވުރެ ގިނަ ދުވަހު ވެރިކަން ކޮށްފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތި ނުލެވޭގޮތަށް އިސްލާހުކުރެވޭ ގާނޫނު އަސާސީގައި ފާސްކުރެވިފައި އޮއްވާވެސް މައުމޫނު އަބްދުލްގައްޔޫމު ރައީސްކަމަށް އަލުންވެސް ކުރިމަތިލައްވާނެކަމަށް ވިދާޅުވަމުން ގެންދަވާތީ ކުރެވުނު ސުވާލެއްގެ ޖަވާބުގައި “އަޅުގަޑުމެން ބޭނުންވަނީ މައުމޫނު ކުރިމަތިލައްވަން” ކަމުގައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވަމުން ގެންދަވާ މުހަންމަދު ނަޝީދު (އަންނި) ވިދާޅުވެއްޖެއެވެ.

“އެ މަނިކުފާނަށް ކުރިމަތިލެއްވޭނެ ގާނޫނީ ހަމައެއް ނެތްކަމުގައިވިޔަސް މައުމޫނު‮ އެވިދާޅުވަނީ ކުރިމަތި ލައްވާނަމޭ! ގާނޫނު އަސާސީއާއި އެކިއިރު އެކި ދަރަޖައަށް އެކިވަރަށް ޚިލާފުވެ ވަޑައިގަންނަވަމުން ގެންދަވާ ބޭފުޅަކަށްވާތީ އެއަކީ އާ ވާހަކައެއް ނޫން! ދަންނަވަންތޯ އަޅުގަޑުމެން ބޭނުންވަނީ އަދި އަޅުގަޑުމެންނަށް ރަގަޅީވެސް މައުމޫނު ކުރިމަތިލެއްވުން”، އަންގާރަދުވަހު ކުޑަހުވަދޫގައި ވާހަކަ ދައްކަވަމުން އަންނި ވިދާޅުވިއެވެ.

އެމްޑީޕީގެ ތަމްހީދީ އިންތިޚާބުގައި އޭނާގެ ރިޔާސީ ކެންޕެއިން ނިލަންދު އަތޮޅުގައި ކުރިއަށް ގެންދަވަމުން މުހަންމަދު ނަޝީދު ވަނީ ދ އަތޮޅުގެ ކުޑަހުވަދޫއަށް، ހުޅުދެލި އަދި ރިނބުދޫއަށް އަންގާރަދުވަހު ޒިޔާރަތް ކުރައްވާފައެވެ. ފ އަތޮޅު މަގޫދޫ، ބިލެތްދޫ އަދި ފީއައްޔަށް އޭނާ ޒިޔާރަތްކުރެއްވީ ބުދަ ދުވަހުއެވެ.

10 މެމްބަރުންގެ ޓީމަކާއެކު ނިލަންދެ އަތޮޅުގެ ރަށްރަށަށް ކުރައްވާ ދަތުރުގައިވެސް އޭނާގެ މައިގަޑު ޝިޔާރުކަމުގައިވާ ތާހިރު ދިރިއުޅުމެއްގެ މަފްހޫމް ކެންޑިޑޭޓް ނަޝީދު ކެންދަވަނީ ހާމަކުރައްވަމުންނެވެ. އަވަސް ދުވެލީގައި ފަސޭހަކަމާއެކު ލުއި އަގުގައި މުދަލާ ފަސިންޖަރުން އުފުލޭނެ ދަތުރު ފަތުރުގެ ނިޒާމަކުން އެތެރެވަރީގެ ރަށްތައް ގުޅުވާލުމާއި، ދޮށީ އުމުރުގެ ކޮންމެ ރައްޔިތަކަށް ޕެންޝަނެއް ލިބިދިނުމާ، ލޭންދޭން ދަރަނިތައް އަދާކޮށްދެއްވުމާ، މަސައްކަތުގެ މަދުމިނު އުޖޫރައެއް ކަޑައެޅުއްވުމާ ސިއްހީ ފަރުވާއަށާއި ގެދޮރަށް ގިނަދުވަހުން މަދު އަދަދެއް ދައްކަވާގޮތަށް ގަޑުކޮށް ފައިސާ ލިބިދިނުމުގެ އިންތިޒާމުތައް އެމްޑީޕީ ހިމެނޭ އިއްތިހާދަކުން ގާއިމު ކުރައްވާނެކަމުގައި ނަޝީދު ވިދާޅުވަނީ އެއީ ފާގަތި މުސްތަގްބަލެއް ހާސިލުކުރުމަށް ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމުގައި ސިފަ ކުރައްވައެވެ.

އިތުރު ދައުރަކަށް މައުމޫނު ކުރިމަތިލެއްވުން އެއީ ބައިނަލްއަގްވާމީ ފަރާތްތަކުން ވަރަށް ހުތުރުކަމެއް ކަމަށް ދެކޭނެ ކަމެއް ކަމަށާއި، ދެ ދައުރަށްވުރެ ގިނަ ދުވަހު އެއްވެސް މީހަކު ވެރިކަމުގައި ދެމިހުރުމަކީ ރާއްޖޭގެ އަމަން އަމާންކަމަށާއި ސުލްހަ މަސަލަސް ކަމަށާއި، އަދްލު އިންސާފަށާއި، އިގްތިސާދަށް ހުރަސް އެޅޭނެ ކަމެއް ކަމުގައި ދެކިވަޑައިގަންނަވަމޭ ވިދާޅުވެފަ، ހަ ދައުރުވެރިކަން ކުރައްވާފައިމެ އަނެއްކާވެސް ކުރިމަތިލެއްވުން އެއީ ދުރޫސުލްއަޚްލާގްގެ މިންގަޑުތަކުން ބެއްޔަސް ވަރަށް މުޑުދާރު އިއްޒަތެއްނެތް އަމަލެއްކަމުގައި ނަޝީދު ވިދާޅުވިއެވެ.

“އަޅުގަޑުމެންނަށް މޮޅުވާން އެންމެ ފަސޭހަވާނީ ސީދާ މައުމޫނާ ވާދަކޮށްގެން! އަބަދުވެސް ބުނަމުން މިއަންނަނީ އެބޭފުޅާއާ ވާދަކުރާނަމޭ! އަޅުގަޑުމެން މިއޮއްހާދުވަހު ވާދަކުރަމުން މިއައީ އެބޭފުޅާއާ! މާތް އަމުރާ އިރާދަފުޅާއެކު 2008 ނޮވެމްބަރު 11 ވާ ދުވަހު މި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނީ އެމްޑީޕީ ހިމެނޭ އިއްތިހާދުގެ ވެރިއެއް!” ކަމުގައި ނަޝީދު ވިދާޅުވިއެވެ.

3 Comments

  1. މާތް ﷲ ގެ އަމުރާ އިރާދަފުޅުން…… ރަގަޅުވާނެ

    Comment by Anonymous — April 17, 2008 @ 1:33 pm

  2. އެއްވެސް މީހަކަށް ގާނޫނާ ހިލާފް ވުމަށް އަންނިއެއް ކަމަކު ނުގޮވޭނެ. ތިދިޔައީ މާ މައްޗަށް.

    Comment by hassan — April 17, 2008 @ 3:40 pm

  3. އަންނި އަށް ތިކަން ވެއްޖެއްޔާ ކިތައްމެހާވެސް ރަނގަޅު! މި ރާއްޖޭގެ ވެރިކަމަށް އިތުބާރު ނުކުރެވުނަސް އަންނި ތިޔަ ވިދާޅުވާ ކަންތައްތަށް އަންނި އަށް ކުރެވިދާނެ ކަމަށް ވ ހީވޭ!! ‘ ޒްލެކްސް ‘

    Comment by Anonymous — April 22, 2008 @ 9:32 am