Wathan Edhey Gothah – MDP » އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގދ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

September 6, 2008

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގދ އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފުޅެއް ފައްޓަވައިފި

ގދ އަތޮޅުގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރެއްވުމަށްޓަކައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ދަތުރުފުޅެއް ފައްޓަވައިފިއެވެ.

ހޮނިހިރު ދުވަހުގެ މެންދުރު ފަހު ފެއްޓެވި މިދަތުރުފުޅުގައި ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) ފުރަތަމަ ޒިޔާރަތްކުރައްވާނީ ގައްދޫއަށެވެ. ގައްދޫއަށްފަހު ކެނޑިޑޭޓް ޒިޔާރަތްކުރައްވާނީ ފަރެސް މާތޮޑާއަށާއި ތިނަދޫއަށެވެ. ކެންޑިޑޭޓް މިއިން ކޮންމެ ރަށެއްގައި ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބައްލަވާނެއެވެ. އަދި ހޮނިހިރުދުވަހުގެރޭ ތިނަދޫގައި ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. ގދ އަތޮޅު ތައުލީމީ މަރުކަޒުގައި މިރޭ 10 ޖަހާއިރު އޮންނަ މިޖަލްސާ ދިއެފްއެމް ރޭޑިޔޯއިން ވަގުތުން ފޮނުވާނެއެވެ.

އާދީއްތަ ދުވަހު ކެންޑިޑޭޓް ނަޝީދު ވަޑައިގަންނަވާނީ ފިޔޯރީއަށެވެ. އެއަށްފަހު ރަތަފަންދޫ، ނަޑެއްލާ އަދި ހޯޑެއްދޫއަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. ކެންޑިޑޭޓްގެ މިދަތުރުފުޅުގައި ގޭގެއަށް ޒިޔާރަތްކުރައްވާއިރު އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އަނެއް ދިވެހި ރާއްޖެއަށް ދިޔުމަށްޓަކައި ވެފައިވާ ފަސް ވަޢުދު ރައްޔިތުންނަށް ހާމަކުރެއްވުމެވެ. މިފަސް ވަޢުދަކީ ހުރިހާ ރައްޔިތުންނަށް އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމާއި ދިރިއުޅުމަށް ހޭދަވާ ޚަރަދު ކުޑަކުރުމާއި ބޭސްފަރުވާއަށް ސަލާންޖެހުން ނައްތާލުމާއި އަދި މަސްތުވާތަކެއްޗަށް ހުޅުވި ދޮރުތައް ބަންދުކުރެއްވުމެވެ.

މިދަތުރުފުޅު ނިންމާލައްވާފައި ކެންޑިޑޭޓް މާލެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެރެއެވެ.