އެމްޑީޕީގެ ލީޑާރޝިޕްގެ ފަރާތުން ބ އަތޮޅުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން އެބަދޭ
އެމްޑީޕީގެ ލީޑަރޝިޕްގެ ފަރާތުން ބ އަތޮޅުގެ ރަށްތަކުގައި އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކާމިޔާބު ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ.
އަނެއް ދިވެހިރާއްޖެ ކެމްޕޭންގެ ކަންތައް ބ އަތޮޅުގައި ހިންގުމަށް އިސްކޮށް އުޅުއްވާ މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) މައުލޫމާތު ދެއްވިގޮތުގައި ހުކުރުދުވަހުގެ ހެދުނު ލީޑަރޝިޕްގެ ޓީމެއް ބ އަތޮޅުގެ ރަށްތަކަށް ދަތުރުފުޅު ފައްޓަވާފައިވެއެވެ. ކުރީގެ ޚާއްސަ މަޖިލީހުގެ މ އަތޮޅު މެމްބަރު އަހުމަދު ޝަފީގު އިސްކޮށް ހުންނަވާ ލީޑަރޝިޕް ޓީމުގެ ފަރާތުން އެންމެ ފުރަތަމަ ޒިޔާރަތްކުރެއްވީ ފޮނަދޫ އަދި ފެހެންދޫއަށެވެ. ހުކުރު ދުވަހުގެ މެންދުރުފަހު މިޓީމުން ޒިޔާރަތްކުރެއްވީ ގޮއިދޫއަށާއި ހިތާދޫއަށެވެ. މިއިންކޮންމެ ރަށެއްގައިވެސް މިޓީމުން ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންނަށް އަނެއް ދިވެހިރާއްޖެއާއި ބެހޭގޮތުން މައުލޫމާތު ދެއްވާފައިވެއެވެ. އަދި މިޖަލްސާތަކަށް ހުރިހާ ރަށަކުންވެސް ވަރަށް ބޮޑަށް ތަރުހީބު ލިބިފައިވާކަމަށް އޯކޭ ޒާހިރު ވިދާޅުވިއެވެ.
ހުކުރު ދުވަހުގެރޭ މިޓީމުން ތުޅާދޫގައި ކާމިޔާބު ޖަލްސާއެއްވަނީ ބާއްވާފައެވެ. މިޖަލްސާގައި ވާހަކަދައްކަވަމުން އިސްލާހުގެ މަސައްކަތް ފަށަންޖެހުނު ސަބަބާއި މަޖިލީހުގެ ތެރޭގައި ކަންތައްވެފައިވާ ގޮތާއި އަމިއްލަ ތަޖުރިބާތައް އަހުމަދު ޝަފީގު ކިޔައިދެއްވާފައިވެއެވެ.
ހޮނިހިރު ދުވަހު ލީޑަރޝިޕްއިން ފުރަތަމަ ޒިޔާރަތްކުރެއްވީ ކެންދޫއަށެވެ. އެއަށްފަހު ދަރަވަންދޫ އާއި މާޅޮހު ރައްޔިތުންނާއި ބައްދަލުކުރެއްވިއެވެ. ހޮނިހިރުދުވަހުގެ ރޭ އޭދަފުށީގައި ޖަލްސާއެއް ބާއްވާނެއެވެ. ޚަބަރު ލިބިފައިވާގޮތުގައި މިޖަލްސާގައި އެމްޑީޕީގެ ވަގުތީ ރައީސް އިބްރާހިމް ހުސައިން ޒަކީ އަދި ޕާލިމަންޓްރީ ގްރޫޕްގެ ރައީސް ހަސަން އަފީފް ބައިވެރިވެވަޑައިގަންނަވާނެއެވެ.
އާދީއްތަ ދުވަހު މިޓީމު ޒިޔާރަތްކުރުމަށް ހަމަޖެހިފައިވަނީ ކުޑަރިކިލި، ކަމަދޫ، ކިހާދޫ އަދި ދޮންފަނަށެވެ.